ފަލަސްތީނު : 100 އަހަރު ކުރިން (1)

ގްރޭޓަރ ސޫރިޔާއަށް ނިސްބަތްވާ ބިމުގެ ބޮޑު ސަރަޙައްދަކީ ، 20 ވަނަޤަރުނުގައި ތަރައްޤީއާއި ތަމައްދުންގައި މެދުއިރުމަތީގެ ނަންހިނގާ ، ތަހުޒީބީ ދުނިޔެއެއްގެ ފުރިހަމަ  މިސާލެކެވެ. އަމާންކަމާއި ހަމަޖެހުމާއެކު ، ފާގަތި ދިރިއުޅުމަކަށް ބޭނުންވާ ތަރައްޤީއާއި ތަހުޒީބުގެ ހުރިހާކަމެއް ، އެސަރަޙައްދުގައި ޤައިމްވެފައި އޮތެވެ. ވިޔަފާއިއާއި އިޤްތިޞާދު އަދި އެކަމަށް މަގުފަހިކުރާ ދަތުރުފަތުރުގެ ނިޒާމުން އެސަރަޙައްދު އޮތީ ދުނިޔެއާ ގުޅައިލެވިފައެވެ. އެއްގަމު މަގުން ރޭލުދަތުރާއި ، ކަނޑުމަގުން ، މެޑިޓެރޭނިއަން ކަނޑުގެ އާގުބޯޓުފަހަރުގެ ދަތުރުތަކުން ، ވިޔަފާރިއާއި އިޤްތިޞާދަށް މަގުފަހިވާ ހުރިހާ ވިއުގައެއް އޮތީ ގަތައި ލެވިފައެވެ.

އެ ސަރަޙައްދަކީ ، ޢުސްމާނީ ޚިލާފަތުގެ ބައެއްގެ ގޮތުގައި ، ވެގެންދިޔައީ މީލާދީން 1516 ވަނައަހަރުއެވެ. ގްރޭޓަރ ސޫރިޔާގެ ދެކުނު ސަރަޙައްދުކަމުގައިވާ ، ފަލަސްތީނަކީ ، މުޅި ސަރަޙައްދުގައިވެސް ، އާރާއިބާރު އަދި ވިޔަފާރިއާއި އިޤްތިޞާދު ، އަދި އިޖްތިމާޢީ ހަމަޖެހުމުގެ ނާރެހެވެ. އަލްޤުދުސާއި ޔާފާ އަދި ޣައްޒާއަކީ ، ނަންހިނގާ ތިން ސަހަރެވެ. އެދުވަސްވަރުގެ ފަލަސްތީނުގައި މުރާލިކަމާއެކު ބުރަ މަސައްކަތްކުރާ އުފެއްދުންތެރި ، ހިންގުންތެރި އަދި ތޫނުފިލި ، ޙަރަކާތްތެރި ރައްޔިތެއް އޮތެވެ. އެހެންނަމަވެސް ، ފަލަސްތީނުގެ ރައްޔިތުންގެ ކިބައިގައިވާ އެ ތަޞައްވުރު ، 1918 ވަނައަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ބަދަލުވެގެންދިޔައީ ކުއްލިއަކަށެވެ. ފުރަތަމަ ބޮޑުހަނގުރާމައިގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްކިޔާ ،  ގުޅިފައިވާ ލަޝްކަރެއް އޮތެވެ. އެ ލަޝްކަރުގައި ހިމެނެނީ ، ލީގް އޮފް ނޭޝަންސްގެ ނަމުން ނަންދެވިފައިވާ އިއްތިޙާދެއްކަމުގައިވާ ،އިނގިރޭސިވިލާތާއި އިޓަލީވިލާތް އަދި ފަރަންސޭސިވިލާތާއި ޖަޕާނެވެ. އަނެއްކޮޅުން އިދިކޮޅަށް ގުޅިފައިއޮތީ ، ޖަރުމާނުވިލާތާއި ، ހަންގޭރީ ، އޮސްޓްރިއާ ، ބުލްގޭރިއާ އަދި  ޚާއްޞަގޮތެއްގައި ޢުސްމާނީ ޚިލާފަތުގެ ވަރުގަދަ ލަސްކަރެވެ. މި ދެ އިއްތިހާދުގެ ތެރެއިން ، ހަނގުރާމައިގައި ކުރިހޯދީ ، އިނގިރޭސި ވިލާތާއި ، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތާ އަދި ޖަޕާން ގުޅިފައި އޮތް ، ލީގް އޮފް ނޭޝަންސްގެ އިއްތިޙާދެވެ. ހަނގުރާމަނިމި ، އިނގިރޭސީންނާއި ފަރަންސޭސީންނަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތަކަށް ، ގްރޭޓަރ ސޫރިޔާ ބައިކުރެވިގެންދިޔައެވެ. އެހެންނަމަވެސް ، ފަލަސްތީނުގެ މުސްތަޤްބަލާމެދު ، އެ ދެޤައުމަށް އެއްބަސްވުމަކަށް ނާދެވުނެވެ.    އިނގިރޭސީންނާއި ފަރަންސޭސިވިލާތުން ، ގްރޭޓަރ ސޫރިޔާގެ ސަރަޙައްދު ނުވަތަ ފަލަސްތީނާމެދު ، އިނގިރޭސީންނާއި ފަރަންސޭސީން ނިންމާގޮތަކަށް ރުހިގެން އެކަން ނިންމުން ، އެ ދެ ޤައުމަށް ދޫކޮށްލައިގެން ތިއްބެވެ. އެހެންނަމަވެސް ، ފަލަސްތީނުގެ މުސްތަޤްބަލާމެދު ، އެ ދެޤައުމަށް އެއްބަސްވުމަކަށް ނާދެވުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ، ގްރޭޓަރ ސޫރިޔާގެ ސަރަޙައްދަކީ ، އިނގިރޭސިވިލާތުން ޒިންމާ ނަގައި ވަގުތީގޮތުން ބަލަހައްޓާ މޭންޑޭޓަރީ ސަރަޙައްދަކަށް ވެގެން ދިއުމެވެ. އެކަން އެގޮތަށް ނިމިގެންދިޔައީ 1920 ވަނަ އަހަރުއެވެ. އެހެންކަމުން ، 1918 ގައި ، ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ ނިމުމާހަމަޔަށް ، ގްރޭޓަރ ސޫރިޔާއަށް ނިސްބަތްވާ ފަލަސްތީނުގެ ބިމުގެ ސަރަޙައްދު އޮތީ ޢުސްމާނީ ޚިލާފަތުގެ ދަށުގައެވެ.

ޒަޔަނިސްޓް ޔަހޫދީންނާއި ނަޞާރާއިންކުރެ ބައެއްމީހުން ސިފަކުރާގޮތުގައި ، ފަލަސްތީނަކީ އެތަނަކަށް ނިސްބަތްވެގެންވާ އެއްވެސް ބަޔަކު ނުވާ ބިމެކެވެ. އޭރު އަދި ޔަހޫދީންނާއި ނަޞާރާއިންގެ ގުޅިފައިވާ އެއްވެސް ޙަރަކާތެއް ، ފަލަސްތީނުގެ ބިމަކު ނުފެށްޓެއެވެ. ޔަހޫދީންނާއި ނަޞާރާއިން ނޫންމީހުން އިއްތިހާދުވެ ، ޖަމާޢަތެއްގެ ގޮތުގައި ޙަރަކާތްތެރިވާން ފެށީ މީގެ ދެޤަރުނު ކުރިންނެވެ. މިޙަރަކާތުގެ އެންމެބޮޑު މަޤްޞަދަކީ ، ފަލަސްތީނަކީ ވަކިބަޔަކަށް ނިސްބަތްވާ މީހުން ނެތް ބިމެއްގެ ގޮތުގައި ދުނިޔެއަށް ސިފަކޮށްދީ އެދޮގު ، ހުރިހާ ޒަމާނަކަށް އޮޅުވައިލުމެވެ. ދަނޑުވެރިކަންކުރާ ބަދަވީންގެ ، ކޮންމެވެސް ބަޔަކު އެ ސަރަޙައްދުގައި އުޅޭކަމަށް ، އޭރުވެސް އެމީހުން އެއްބަސް ވެއެވެ. އެމީހުން ބުނަމުންގެންދިޔައީ ، ފަލަސްތީނަކީ އެއްވެސް އަގެއްހުރި ބިމެއްނޫން ކަމުގައެވެ.

އެހެންނަމަވެސް ، ޙަޤީޤަތަކީ އެއީއެއްނޫނެވެ. 20 ވަނަ ޤަރުނުގެ އެ ޙަޤީޤަތް ، ޔަހޫދީންނާއި ނަޞާރާއިންގެ މަސައްކަތުން އެވަގުތަށްވެސް ، ދުނިޔެއަށް އޮޅުވައެއް ނުލެވުނެވެ. އެ ޙަޤީޤަތް އޮޅުވައިލެވޭވަރަށްވުރެ ، އެދުވަސްވަރު އެ ސަރަޙައްދަށް އައިސްފައި އޮތް ކުރިއެރުމާއި ތަރައްޤީ މާބޮޑުވެފައި ފުރިހަމައެވެ. ފަލަސްތީނަށް ނިސްބަތްވާ ބިމުގެ އެ ސަރަޙައްދު ، ދުނިޔެއަށް ހުޅުވައިލެވިފައި އޮތީ ، އެފަދަ ޙީލަތްތެރި ދޮގުތަކެއް ، ތެދަށް ބަދަލުކޮށްލެވޭވަރަށްވުރެ ބޮޑަށެވެ. ޢުމްރާނީ ތަރައްޤީއާއި ވިޔަފާރިއާއި އިޤްތިޞާދީ ކުރިއެރުންތަކުގައި ، 1920 ގައި އޮތް ފަލަސްތީނަކީ ، ހުޅަނގަށް ދޫނުކުރާވަރުގެ ބޮޑު އިޤްތިޞާދެކެވެ.

މިއީ ފަލަސްތީނުގެ ތާރީޚުގައި އަޑުނީވޭ އަދި ނުލިޔެވޭ ޞަފުޙާ ތަކެކެވެ. ނުވަތަ ، ލިޔެވިފައި އޮތް ތާރީޚެއްނަމަވެސް ، ފަސްއެޅި ފޮރުވިފައިވާ ގަނޑުތަކެކެވެ. އެއަޑުތައް ، ދުނިޔެއަށް އަޑުއިއްވަން ބޭނުންނުވާ ބަޔެއްގެ މަސައްކަތުން ، ދުނިޔެއިން ފުހެލާފައިވާ އަޑުތަކެކެވެ. ފަލަސްތީނުގެ ، އެ ރީތި ޞަފުޙާތައް އެކިމީހުންގެ ދޫދޫމަތިން ކިޔައި އުޅުނު ބައެއްމީހުން ، ކިޔައިދިން ގޮތް ހަނދާން ނުނެތޭ ބައެއްމީހުން ، އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެއީ މީލާދީން  1920 އެވެ. މީގެ 103 އަހަރު ކުރިއެވެ.

ފަލަސްތީނުގެ މަގުތަކުގައި އިވެނީ ހިތްގައިމުކަމުން ފުރިގެންވާ މިއުޒިކީ އަޑުތަކެވެ. ކޮޅުކޮޅުމައްޗަށް ހިނގައިފާދާ މީހުން ، އެމީހުންގެ މަސައްކަތައިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާއިރު ، އެއިން މީހެއްގެ މޫނުމަތިން ނުތަނަވަސްކަމެއް ނުފެނެއެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހަމަޖެހުމެވެ. ތުންފަތްމައްޗަށް އައިސްފައި ހުންނަނީ ، އެ އުފާވެރިކަމާގުޅިފައި އޮންނަ ހިނިތުން ވުމެވެ. ބުރަ މަސައްކަތުން ، ހަށިގަނޑަށް ލިބޭ ވަރުބަލިކަމުން ، އެބައިމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނާދެއެވެ. އެކަކު އަނެކަކަށް ސަލާމް ކޮށްލައި ، ހެޔޮދުޢާކޮށް ހެޔޮއެދުމުގެ ބަހެއްނޫނީ އެބައިމީހުންގެ ދުލުން ބޭރެއް ނުވެއެވެ. މިހުރިހާ ކަމަކުންވެސް ، ކަށަވަރުވެގެންދާ އެއްކަމެއް އޮވެއެވެ. މަގުމަތީގެ އަމާންކަމެވެ. ދިރިހުރުމުގެ އުއްމީދެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމަށް ކުރެވޭ ފޮނި އުއްމީދެވެ.

ދުނިޔެއަށް ހުޅުވައިލެވިފައިވާ ވިޔަފާރީގެ ބާޒާރުތަކަށް ފޮނުވޭ ގޮވާމާއި މޭވާއިން ، ތަނުގެ އަހުލުވެރިން ބޭނުންކުރުމަށް ބެހެއްޓޭ ތާޒާ ތަކެތިން މާރުކޭޓް އޮންނަނީ ފުރިފައެވެ. ފަލަސްތީނުގެ މުއްސަނދި ބިމުން އުފެއްދޭ ތަރުކާރީއާއި މޭވާއަކީ ، ފޮނި އަދި އޭގެ ރަހައިގާ ތަފާތުކަމެއް ހުންނަ ، ޚާއްޞަ އެއްޗެކެވެ. ޒައިތޫންޏާއި އޮރެންޖާ އަދި އާފަލާއި ވައްތީންޏެވެ. އެއީ ، އެއާ އެއްފަދަ އެބާވަތްތަކުގެ އެހެން އުފެއްދުމެއް ނެތޭބުނާވަރުގެ މީރު އަދި ފުރިހަމަ އުފެއްދުން ތަކެކެވެ.

ފަލަސްތީނުގެ ވިޔަފާރީގެ މައިމަރުކަޒެއްގެ ގޮތުގައި އުފެދި ޖެރޫސަލަމް ނުވަތަ އަލްޤުދްސު ތަރައްޤީވަމުން އައިއިރު ، ޣައްޒާއަކީ ، ބަނދަރުމަތީ ސަހަރެއްގެ ގޮތުގައި ، ތަރައްޤީވަމުން އައެވެ. ޔާފާއަކީވެސް ، ތަރައްޤީގެ ޙަރަކާތްތައް ކުރިއަރައިދިޔަ ތިން ސަހަރުން އެއް ސަހަރެވެ. މި ތިން ސަހަރުގެ ވިޔަފާރީގެ ޙަރަކާތްތައް ފުޅާވެ ، ޔޫރަޕާއި ، މެދުއިރުމައްޗާ އަދި އުތުރު އެފްރިކާގެ ޤައުމުތަކާ ހަމަޔަށް ދަތުރު ކުރިއެވެ. އެތިންބައްރުގެ ވިޔަފާރީގެ މައި މަރުކަޒަކަށްވެ ، ފަލަސްތީނުގެ ނަން މަޝްހޫރުވެގެންދިޔައެވެ. އަދި ފަލަސްތީނުގެ އުފެއްދުންތަކަށް ދުނިޔެ ހިތްކިޔައި ، މުޅި ދުނިޔެއަށް ފަލަސްތީނުގެ އުފެއްދުންތައް ދަތުރުކުރިއެވެ. ވިޔަފާރީގެ އެ ރިކޯޑްތަކާއި ޙަޤީޤަތްތައް އަދި ވިޔަފާރީގެ މުޢާމަލާތު ތަކުގެ ޞައްޙަ މަޢުލޫމާތު ، އަލްޤުދްސްގެ ޢަރުޝީފުގައި ރައްކާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.

ޖެރޫސަލަމް ނުވަތަ އަލްޤުދްސަކީ ، ދުނިޔޭގައި އެންމެ ޒަމާންވީ މުޤައްދަސް އެއް ސަހަރެވެ. އެއީ ދިގުތާރީޚެއް އޮތް ސަހަރެކެވެ. އެންމެ މަދުވެގެންވެސް ދެފަހަރަކަށް ، އަލްޤުދްސް ވީރާނާކޮށްލެވިފައި ވެއެވެ. 52 ފަހަރަކު ، އަލްޤުދްސަށް ޙަމަލާ ދެވިފައި ވެއެވެ. 44 ފަހަރަކު ޙިޞޯރުކުރެވިގެންގޮސްފައި ވެއެވެ. އެއީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ދިރިއުޅުއްވި ، ޤަދީމީ އިސްލާމީ ދިގުތާރީޚެއް އޮތް މުސްލިމުންގެ މުޤައްދަސް ބިމެކެވެ. މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ މަސްޖިދުލްއަޤްޞާ އެބިމެއްގައިހުރި މުޤައްދަސް ބިމެވެ.

1920 ގައި ފަލަސްތީނުގައި ދިރެމުން ކުރިއަރައި ތަރައްޤީވަމުންދިޔަ ތަހުޒީބާއި ތަމައްދުންގެ ވާހަކަތަކަށް އެނބުރިލާނަމެވެ.

އަލްޤުދްސްގައި އުފައްދާ ލޮނު ، މިޞްރަށާއި އިޓަލީ އަދި ގްރީކަށް ފޮނުވެނީ ޣައްޒާގެ މަގުންނެވެ. ޣައްޒާގެ ބަނދަރުން ކަނޑުމަގުންނެވެ. ޕޯޗުގަލް އާއި ސްޕޭނަށްވެސް ފަލަސްތީނުގެ އުފެއްދުންތައް އިމްޕޯޓް ކުރެވުނެވެ. ހަނޑުލުގެ ބާވަތްތަކާއި ފޮތްޗާއި ސިލްކުގެ އުފެއްދުންތައް މިޞްރުން ، ފަލަސްތީނަށް އިމްޕޯޓް ކުރެވުނެވެ. ތުރުކީވިލާތުން ހެދުން އިމްޕޯޓް ކުރެވުނެވެ. އަދި ޗައިނާއިން ބިއްލޫރީގެ އުފެއްދުންތައް އިމްޕޯޓް ކުރެވުނެވެ. ބޯނިވައިކުރުމަށް ބޭނުންކުރެވޭ ފޮށާ އަދި ބުރުގާއާއި ޝޯލްފަދަ ފޭރާމުގެ ބާޥަތްތައް އިންޑިއާއިން އެތެރެ ކުރެވުނެވެ. ޔޫރަޕްގެ ފަރަންސޭސިވިލާތާއި ނެދަރލޭންޑުންވެސް ، އެކިބާވަތްތައް ފަލަސްތީނަށް އިމްޕޯޓް ކުރެވެމުން ދިޔައެވެ.

ދަތުރުފަތުރުގެ ނިޒާމަކީ ، ކުރިއަރަމުންދާ އިޤްތިޞާދެއްގައި މުހިންމު ނިޒާމެކެވެ. އެކަންވެސް ފަލަސްތީނުގެ ބިމުގައި ކުރިއަރައި ދިޔައީ އެސަރަޙައްދުގެ އެހެން ޤައުމުތަކަށް ގޮންޖަހަމުންނެވެ. ފަލަސްތީނުގެ އަލްޤުދްސާއި އެހެން ސަހަރުތަކާ އަދި ޣައްޒާގެ ބަނދަރާ ގުޅުވައިދޭ ރޭލް ދަތުރުތައް ފެށްޓިއެވެ. އެއްސަހަރުން އަނެއްސަހަރަށް ، ދަތރުރުކޮށް އުޅެވޭނެ ، ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރެވުނެވެ. އަލްޤުދްސްގެ ޓްރޭން ސްޓޭޝަން ބިނާކުރެވިގެންދިއުންވީ ، ޢުސްމާނީ ޚިލާފަތުގެ ، ތަރައްޤީގެ ތާރީޚީ މަސައްކަތަކަށެވެ. އެއީ 1892 ގައެވެ.

އަލްޤުދްސްގެ ރެއިލްވޭ ސްޓޭޝަން ހުޅުވުމާއެކު ، ފަލަސްތީނުގެ ތަހުޒީބާއި ތަމައްދުން އިތުރު ހަރުފަތްތަކަކަށް އުސްވެގެންދިޔައެވެ. އަލްޤުދްސްގެ ރެއިލްވޭ ސްޓޭޝަން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް ،  ޢުސްމާނީ ޚިލާފަތް ތަމްސީލުކުރާ އިސްތަންބޯލުން ، އިސްވަފުދެއް ، ފަލަސްތީނަށް އައެވެ. މި ވަފުދު އަލްޤުދްސަށް ޒިޔާރަތްކޮށް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ފަލަސްތީނުގެ ، ކަމުވޮށިވެގެންވާ އަދި އިސްކޮށް ނަގާކިޔާ ޤަބީލާތަކާއި ޖަމާޢަތްތައް އެ ޙަފުލާގައި ބައިވެރިވިއެވެ. ކެއިންބުއިމާއި ޖާފަތްތައް އިންތިޒާމްކުރެވި ، އެތައް ގަޑިއިރެއްވަންދެން އެ އިޙްތިފާލު ކުރިޔަށް ދިޔައެވެ.

ހަމައެއާއެކު ، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޢުސްމާނީ ޚިލާފަތުން ނިންމިއެވެ. އަދި ޔާފާގެ ބަނދަރު ތަރައްޤީކޮށް ، އަވަށްޓެރި ޤައުމުތަކަށް ، ޚާއްޞަކޮށް މިޞްރާއި ލުބުނާނަށް ، ކަނޑުމަގުން މުދާ އުފުލުމުގެ ޙަރަކާތްތައް އިތުރަށް ތަރައްޤީ ކުރިއެވެ.

ރޭލުދަތުރުގެ ނިޒާމުވެސް އިތުރަށް ހަރުދަނާކޮށް ، އަލްޤުދްސުން ، ފަލަސްތީނުގެ ޙައިފާއާއި ޔާފާއަށް ، އަދި ދިމިޝްޤާއި ބޭރޫތާ އަދި ޤާހިރާއަށް ދަތުރުކުރެވޭނެ ރޭލުދަތުރުގެ ވިއުގައެއް ޤާއިމް ކުރިއެވެ. ޔާފާގައި އުސް ،  ކްލޮކް ޓަވަރެއް ބިނާކޮށް ، ހިތްފަސޭހަ މައިދާނެއް ޤާއިމްކުރިއެވެ.

ޔާފާގެ ކުރީގެ ވަޒަންވެރިއެއްކަމުގައިވާ އިސްމާޢީލް އަބޫ ޝަހާދާ ބުނިގޮތުގައި ، އޭރު އޭނާއަކީ ޒުވާނެކެވެ. ޔާފާއަކީ ވަރަށް ކާރޫބާރޫބޮޑު ، ޙަރަކާތްތެރި ސަހަރެކެވެ. އިޤްތިޞާދީ މަރުކަޒެކެވެ. ހުރިހާ ބާވަތެއްގެ ވިޔަފާރިއެއްވެސް ޔާފާގައި އެދުވަސްވަރު އޮތެވެ. ރަންރިހީގެ ގަހަނާ ވިއްކާފިހާރަތައް ބައިވަރެވެ. ފުޅާ ދާއިރާއެއްގައި ތަށިމުށި އުފައްދާ ، 11 ކާރުޚާނާއެއް ، ޔާފާގައި އެކަނިވެސް ހުށްޓެވެ. އެ ފެކްޓަރީތަކުގައި މަސައްކަތްކުރަން ، ފަލަސްތީނުގެ އެކިހިސާބުތަކުން ، މަސައްކަތުމީހުން އާދެއެވެ. އެބައިމީހުންނަކީ ވަރަށް މުރާލި އަދި މަސައްކަތަށް ފަރުވާބަހައްޓާ ބައެކެވެ.

ޢޫސްމާނީ ޚިލާފަތުގެ ވެރިކަމުގައި ފަލަސްތީނުގެ ޔާފާއަކީ ، މުހިންމު ، ބަނދދަރުމަތީ ރަށެކެވެ. އެހެނަސް ، 1905 ގައި ، ޔާފާގެ ބަނދަރުގައި ހިނގަމުންދިޔަ މަސައްކަތްތައް ، ޙައިފާގެ ބަނދަރަށް ބަދަލު ކުރެވުނެވެ. އެއީ ، ދިމިޝްޤާ ގުޅައިލެވުނު ރެއިލްވޭގެ ވިއުގައާ ގުޅިގެން ، ވިޔަފާރީގެ ޙަރަކާތްތައް އިތުރަށް ތަރައްޤީކޮށް ، ލުއިފަސޭހަކުރުމަށްޓަކައި ގެނެވުނު އިންޤިލާބީ ބަދަލެކެވެ. ސުޢޫދީ ޢަރަބިއްޔާގެ މަދީނާއާ ހަމަޔަށް މިވިއުގަ ދަމައިލެވުނެވެ. އަދި އޭގެވެސް ދުރަށްގޮސް ޢިރާޤާވެސް ގުޅައިލެވުނެވެ. ރޭލުގެ ދަތުރުފަތުރުގެ ވިއުގައިން އުފެދި ފުޅާވެގެންދިޔަ ވިޔަފާރިއާއި އިޤްތިޞާދީ ކާމިޔާބީތަކުން ޙައިފާގެ ތަޞައްވުރު ދުނިޔެއަށް މިސާލަކަށް ވެގެންދިޔައެވެ. ދުނިޔޭގެ ވިޔަފާރީގެ މަޝްހޫރު ނާރެހުގެ ތެރެޔަށް ޙައިފާ ވަދެގެން ދިޔައެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.