ފަލްސަފާ (27)

(25 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގެޔަށް އައިސް ވަތްތަނުން ނޫރުއަށް ކުރިމަތިލާން ޖެހުނީ ފަހަރި ، ރައިދާގެ ސުއާލުތަކާއެވެ. ނޫރު ދިޔަތަނެއް ނެނގިގެން ރައިދާ ކުރަންފެށި ސުއާލުތަކުން ނޫރު ހުއްޓުނެވެ. ނޫރު ދިޔައީ ގެޔަށް ގަންނަންވެފަހުރި ތަކެތި ހޯދުމަށް ބާޒާރަށެވެ. އެތަކެތި ގެޔަށް ގެނައިތާވެސް އެތައް އިރެއް ވެއްޖެއެވެ. ފިހާރައިން އެތަކެތި ގެނެސްދިނީމަ ، އެއެއްޗެއް ހުންނަންވާ ތަނެއްގައި ރައިދާވަނީ އެތަކެތި ބަހައްޓައި ނިންމާފައެވެ. ޢާންމުގޮތެއްގައި ގޭގެ ބާޒާރުކުރަނީ ހާރިސް އެވެ. މިއަދު ، ކުއްލިޔަކަށް އެކަންކުރަން ނޫރު ބާޒާރަށް ދިއުން ، ރައިދާއަށްވީ އަޅައިގަންނަ ކަމަކަށެވެ. އެގޭކުރިމަތީގައި އޮންނަ ޕާކަށް ނޫރު ދިޔަތަން ރައިދާއަށް އޮތީ ފެނިފައެވެ. އެންމެ ބޮޑަށް އަޅައިގަތީ ، ނޫރުގެ ފަހަތުންކަހަލަ ގޮތަކަށް ، މުރުތަޟާވެސް އަރުސަލާން ގޮވައިގެން ހަމަ އެ ޕާކަށް ، އެގަޑިޔަށް ދިއުމެވެ.

ރައިދާއަށް އެފެނުނު ކަންކަމުގެ ވާހަކަ ނޫރުއަށް ކިޔައިދިނެވެ. އެކަމާ ނޫރު އެހާ ހިތްހަމައެއް ނުޖެހުނެވެ. ރައިދާ އޭނާއަށް ފާރަލަމުންދަނީކަމުގައި ނޫރު ނިންމިއެވެ. ނޫރު އުޅޭ ނޫޅޭގޮތަކާއި ދާނުދާތަނެއް ބެލުން އެއީ ރައިދާ ކުރަންޖެހޭ ކަމެއްނޫނެވެ. އެހެންނަމަވެސް ، މިހާރު ނޫރު އެއުޅޭގޮތުން ކޮންމެވެސް ވަރަކަށް ނޫރުގެ ކަންކަން ބެލުމަކީ ، ރައިދާގެ މައްޗަށް އޮންނަ ގޭގެ ކަންކަމުގެ ޒިންމާގެ ބައެއްކަމަށް ރައިދާ ޤަބޫލުކުރެއެވެ.

ނޫރުގެ ޢަމަލުތައް ހުރިގޮތުން ، ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގާކަން ރައިދާއަށް އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް ، ނޫރުބުނިގޮތުގައި ، އާދަޔާޚިލާފު އެއްވެސްކަމެއް ނުހިނގައެވެ. ރައިދާއަކީ ، ހާރިސްއާ އިނދެގެން އެގެޔަށް އައީއްސުރެ ، ނޫރުއާ ވަރަށް ގާތްކޮށް އުޅެމުން އައި މީހެކެވެ. ނޫރުވެސް ، ތަހުނިޔާއާ އޭނާގެ ސިއްރުތައް ޙިއްޞާކުރާގޮތަށް ، ރައިދާގާތުވެސް ، އޭނާގެ ދިރިއުޅުމުގެ ވާހަކަ  ކޮންމެވެސް މިންވަރަކަށް ޙިއްޞާ ކުރެއެވެ. ނޫރުގެ މިޒާޖަށް އަންނަ ބަދަލާއި ކަމެއްކުރާއިރު ނޫރު އުޅޭގޮތާއި ، ވަކިކަމަކަށް ޚާއްޞަވެގެން ނޫރު އެކަމެއްކުރާގޮތް ރައިދާއަށްވެސް އެނގެއެވެ. ނޫރުއަށް އަންނަ ބަދަލުތައް ރައިދާއަށްވެސް އިޙްސާސް ކުރެވެއެވެ. އެހެންނަމަވެސް ، ނޫރުގެ ދިރިއުޅުމަށް ، މިދުވަސްކޮޅު އައިސްފައިވާ ބަދަލާއި ، ނޫރުގެ ވިސްނުން ހުންނަގޮތް ، މިހާރަކު ރައިދާއަކާ ޙިއްޞާއެއް ނުކުރެވެއެވެ.

ނޫރުގެ އުޅުމަށް އައިސްފައިވާ ބަދަލުތައް އެގޭގެ ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވެއެވެ. އެކަމާގުޅިގެން ހިނގަމުންދާ ވަކިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. އެކަން އެނގޭނީ ހަމައެކަނި ނޫރުއަށެވެ. އެހެނަސް ، ނޫރުގެ ހިތުގައި ވަކިކަމެއް ނެތްކަން ރައިދާއަށް ، އޭނާ ސާފުކޮށްދިނެވެ. އެކަން ޤަބޫލުކުރުމާއި ނުކުރުން އެއީ ، ނޫރުގެ ކަމެކެވެ.

އެވާހަކަ ނޫރުބުނިނަމަވެސް ރައިދާއަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ނޫރުގެ ހިތުގައި އިދިކޮޅު އެއްވެސް ވިސްނުމެއް އޮތްނަމަ އެވިސްނުން ދޫކޮށްލުމަށް ރައިދާ އެދުނެވެ. އަދި އަބަދުވެސް ރަނގަޅަށް ވިސްނައި ރަނގަޅު ކަންކަން ކުރުމަށް ނަސޭޙަތް ދިނެވެ.

ރައިދާއަށް ޤަބޫލުކުރެވޭގޮތުގައި ، ނޫރުގެ ޢަމަލުތައް ހުރިގޮތުން ، މުރުތަޟާއާއި ތަހުނިޔާގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެއެވެ. އެއީ ޚުދު ، ނޫރުވެސް ބޭނުންވާގޮތެއްނޫނެވެ. ނޫރުއަށް އެކަން ޤަބޫލު ނުކުރެވުނަސް ، އެކަހަލަ ކަންކަން ނޫރުއަށް އެބަ ކުރެވޭކަމަށް ރައިދާއަށް އިޙްސާސް ކުރެވެއެވެ. ނޫރުގެ ހިތުން މުރުތަޟާ ފިލުވައިލުމަށް ނޫރުއަށް އުނދަގޫވެދާނެކަން ރައިދާވެސް ޤަބޫލު ކުރެއެވެ. މުރުތަޟާގާތު އެވާހަކަ ދައްކައި މުރުތަޟާއަށް ވިސްނައިދީ ނަޞޭޙަތްދިނުމަށް ރައިދާހުރީ ތައްޔާރަށެވެ. އެކަން ރައިދާއަށް ކުރެވޭނީ ، ނޫރު އެކުރާ ކަންކަން ހުއްޓައިގެންނެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުންކުރެ އެކެއްގެ ފަހަތުންވެސް ނޫރުއަށް ނައްޓައިނުލެވެންޏާ ، އެއީ އެދެމީހުންގެ ދިރިއުޅުމަށް ހިޔަނި އެޅިގެންދާނެ ކަމެކެވެ.

ރައިދާ ދައްކަމުންގެންދިޔަ ވާހަކަތަކުން ނޫރުގެ ހިތަށް އުނދަގޫވިއެވެ. ހިތްހަމަ ނުޖެހޭގޮތް ވިއެވެ. ރައިދާއަށް އެހުރީ ވަރަށްބޮޑަށް އޮޅިފައެވެ. އެކަހަލަ ހަރުކަށި ފިކުރުގެ ބަޔެއްގެ ފަހަތުން ނޫރު ނުދުވާނެކަން ރައިދާއަށް ނޭނގުނީތީ ނޫރުގާތަށް ރުޅިއައެވެ.

" އަހަރެންގެ ނަމަކީ ނޫރުލް ޢައިނެވެ. އަހަރެންނަކީ ، އަހަރެންނަށް ފުރަގަސްދޭ މީހުންނަށް އާދޭސްކުރަމުން ދުވާނެ އަންހެންކުއްޖެއްނޫނެވެ. އެއްވެސް ގޮތެއްނެތި ، މީހުންނަށް ސަލާންޖަހަމުން ދުވާވަރަށްވުރެ  އަހަރެންގެ އަމިއްލަ ނަފްސުގެ އަގު ބޮޑެވެ. އަހަރެންގެ އަމިއްލަ ނަފްސުގެމަތިން ހަނދާން ނައްތައިލެވޭވަރަށް ، އަހަރެންނަށް މުރުތަޟާދެކެ ލޯބިވެވުނެވެ. އެކަމަކު ، މުރުތަޟާގެ ކިބައިގާ ހުރީ އަހަރެންގެ ކިބައިގާ ނެތް ވަކި ކޮންކަމެއް ހެއްޔެވެ ؟ މުރުތަޟާއަކަށް އަހަރެންނާ އަރާ ހަމައެއް ނުކުރެވޭނެއެވެ. " ނޫރު ، ހިތްހަމަނުޖެހިފައިހުރެ ރައިދާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ރައިދާއަށް ފެންނަގޮތް އެއީ ނޫރުއަށް ޤަބޫލުކުރެވިދާނެ އެއްޗެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް ނޫރުގެ ހިތުން ، މުރުތަޟާގެ ނަން ފުހެލުމަކީ ނޫރުއަށް ކުރެވިދާނެ ކަމެއްނޫންކަމަށް ، ރައިދާ ބުނަމުންދާ ދިއުން ތަކުރާރު ކުރިއެވެ. އަދި ނޫރުއަށް ވިސްނައިނުލާ ކުރެވޭކަންކަމަށް ފަހުން ހިތާމަކުރަން ޖެހޭނެކަމުގައި ރައިދާ ބުންޏެވެ.

ރައިދާ އެދެއްކި ވާހަކަތަކުން ނޫރުގާތަށް ރުޅިއައިސް ، ރައިދާގެ ލޮލަށް ބަލަހައްޓައިގެން އެތައް އިރަކު ހުށްޓެވެ. އަދި ، ދަތްކުނޑި ވިކައިގެންފައި ، އޭނާގެ ކޮޓަރިއާ ދިމާއަށް ނޫރު ހިނގައިގަތެވެ.

 

ގެޔަށް އައިސް ، ބޮޑުބޭބެ ގަތްދިން ކާރު ހިފައިގެން ގޭތެރޭގައި ، އަރުސަލާން ކުޅެމުން ގެންދިޔައެވެ. އޭނާގެ މަންމައާ ދިމާވުމުން ވާހަކައެއް ބުނަންހޭ ބުންޏެވެ. ޠާހިރާ އެއްވެސް ފިކުރެއްނެތި ، އެވާހަކައެއް ބުނާށޭ ބުންޏެވެ.

އޭނާ އެއްވެސްމީހެއްގެ ގާތުގައި އެވާހަކަ ބުނިކަން ބޮޑުބޭބެއަށް އެނގިއްޖިއްޔާ ރުޅިއަންނާނެއެވެ. އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނުމަށް މުރުތަޟާ އޮތީ އަރުސަލާންގާތު ބުނެފައެވެ.

އެއްވެސްމީހެއްގާތު އެވާހަކަ ނުބުނަން ބޮޑުބޭބެ ބުނިކަމަށް ވަންޏާ ، އެވާހަކަ ނުދެއްކުމަށް ޠާހިރާ ބުންޏެވެ. އެއީ ވަރަށް ގޯސް ކަމެކެވެ. މީހަކު ނުބުނާށޭ ކިޔާފަ ބުނާ ވާހަކައެއް ، އެހެންމީހެއްގާތު ބުނާކަށް ނުވާނެއެވެ.

ބޮޑުބޭބެއާއެކު ކާރުދުއްވައިލާން ޕާކަށްދިޔަތަނުން ، ނޫރު ދައްތައާ އެމީހުންނާ ދިމާވި ވާހަކަ ، އަރުސަލާން އޭނާގެ މަންމަގާތު ބުންޏެވެ. އެވާހަކަ އިވުމުން ޠާހިރާ ދިޔައީ ސިއްސައިގެންނެވެ. އަދި އެވާހަކަ ރަނގަޅަށް ކިޔައިދިނުމަށް އަރުސަލާންގެ ކިބައިން އެދުނެވެ. ނޫރު އެމީހުންނާ ދިމާވީއްސުރެ ، ކަންހިނގައިދިޔަގޮތް އަރުސަލާން އޭނާގެ މަންމަޔަށް ކިޔައިދިނެވެ.

 

މުރުތަޟާ ގެޔަށްގޮސް ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން ގެންދިޔައެވެ. އޭނާގެ ކަންފަތުގައި ނޫރުލްޢައިނުގެ ބަސްތައް ތަކުރާރުވަމުން ދިޔައެވެ.

" ދޮގުހަދާނީ ތިކަހަލަ މަކަރުވެރި ބޭވަފާތެރިންނެވެ. މުރުތަޟާގެ ޙަޔާތަށް ތަހުނިޔާ ވައްދައިގެން މުރުތަޟާ ތިއޮޅުވައިލަނީ އަމިއްލަ ނަފުސަށް އެކަންޏެއްނޫނެވެ. ތަހުނިޔާއަށްވެސް އޮޅުވައިލެވެނީއެވެ. ތަހުނިޔާއަށްވެސް ތިހަދަނީ މަކަރެވެ. ނޫރުލްޢައިނު ބޭނުންކަމަށް ވަންޏާ ، ތިކަހަލަ ކިތަންމެ މުރުތަޟާއެއް ، ނޫރުލްޢައިނުގެ ފަހަތުން އަންނަން އެބަތިއްބެވެ. ނޫރުލްޢައިނު ދޫކޮށްލައިފިމީހަކަށް ނޫރުލްޢައިނާ އެއްފެންވަރެއްގެ ކުއްޖަކު ނުލިބޭނެއެވެ. އަހަރެން އަދިވެސް އަހަރެންނާ ދިމާވާ މީހަކާ އެއްފެންވަރެއްގައި ހިނގާނަމެވެ. އަހަރެންނަށް އަހަރެންގެ މިދުނިޔެ ދައްކާގޮތް ބަލަން ނިކަން ހުންނާށެވެ. ދުނިޔެ ، އަހަރެންގެ އަގުވަޒަން ކުރާނެއެވެ. މުރުތަޟާ ތިކުރަންއުޅޭ ކަމެއްގެ ހިތިރަހަ އެދުވަހަކުން ، މުރުތަޟާގެ ކަރުބުޑުގައި ލާނެއެވެ. މުރުތަޟާގެ މޫނުމަތިން ތިފެންނަމުންދާ ތެދު ޙަޤީޤަތް ފޮރުވަމުން ހިނގާނެގޮތް ބަލަން ، އެދުވަހަކުން އަހަރެން ހުންނާނަމެވެ." ނޫރުގެ ވާހަކަތައް ނިމުމާއެކު ، މުރުތަޟާގެ ކަންފަތްދޮށުގައި ދެން ގުގުމަންފެށީ ތަހުނިޔާގެ އަޑެވެ.

" ތިޔައީ ފިރިހެނެކެވެ. އަހަރެންގެ ނިވަލަށްވަދެ ފިލަން މަސައްކަތް ނުކުރާށެވެ. މުރުތަޟާގެ ޢާއިލާގެ މީހުންގާތު މިވާހަކަތައް ދައްކައި ، މިކައިވެނި މިހިސާބުން ، މިހާރުން މިހާރަށް ނުނިންމަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ އެހެންނޫނަސް ، ނޫރުލްޢައިނުފަދަ ރަނގަޅު ކުއްޖަކު ދޫކޮށްލާފައި އަހަރެންފަދަ ކުއްޖަކާ ކައިވެނިކޮށްގެން ، މުރުތަޟާއަކަށް އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. " ތަހުނިޔާގެ އަޑު ކެނޑުމާއެކު ، މުރުތަޟާގެ ކޮޓަރީގައި ޓަކިޖަހައިލި އަޑު އިވުނެވެ. ސިއްސައިގެން ގޮސް ބަލައިލިއިރު ދޮރުމަތީގައި އެހުރީ ޠާހިރާއެވެ. ދައްތަ އެއައީ އެންމެ ރަނގަޅު ވަގުތުގައެވެ. މީހަކާ ވާހަކަ ދައްކައިލަން މުރުތަޟާއަށް ބޭނުންވެފައި އޮތް މުހިންމު ވަގުތެއްގައެވެ.

ޓަކި ޖަހައިލުމަށްފަހު ، ޠާހިރާ އައިސް މުރުތަޟާ ގާތު ހުއްޓުނެވެ. އަދި ، ވާހަކައެއް ދައްކައިލެވިދާނެތޯ ސުއާލުކުރިއެވެ. އެވަގުތަކީ ، މުރުތަޟާވެސް ދައްތަޔާ ވާހަކަ ދައްކައިލަން ބޭނުންވެފައިހުރި ވަގުތެކެވެ. ކުރިމަތިލާންޖެހޭ ކަންކަމުން އޭނާ ވަރުބަލި ވެއްޖެއެވެ. ދެން އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ.

މުރުތަޟާ ކަންބޮޑުވެފައި އެހުރީ އޭނާގެ ކައިވެންޏާ ދޭތެރޭގައެވެ. އެކައިވެނިން އެއްވެސްމީހަކަށް އުފާވެރިކަމެއް ނެތެވެ. އެފަދަ ކައިވެންޏެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ ޚާއްޞަކޮށް ތަހުނިޔާ ، އެކައިވެންޏަކަށް ހިތްސާފެއްނޫނެވެ. ނޫރުގެ ބަދަލުގައި ، އޭނާގެ ޢާއިލާއިން އެ ހޯދައިދިން ކުއްޖަކީ ، ނޫރުލްޢައިނާހެދި މޮޔަވެފައި ހުންނަ ކުއްޖެކެވެ. ނޫރުލްޢައިނުގެ ބެސްޓް ފްރެންޑެވެ. ކައިވެންޏަށް ހިތްހަމަ ނުޖެހުމުގައި ތަހުނިޔާގެ ކުށެއް ނެތެވެ. އެއީ ، ކޮންމެ މީހެއްކަމަށްވިޔަސް އެކަންވާނެ ގޮތެވެ.

ނޫރުލްޢައިނުގެ ގުޅުންވެސް މުރުތަޟާ ދަމަހައްޓަމުން އައީ ވަރަށް ގިނަ ތަކުލީފުތަކަކާ އެކުގައެވެ. ތަހުނިޔާއަކީ ، ނޫރުގެ އެންމެ ގާތް ރަޙުމަތްތެރިޔާކަމަށްވާތީ ، ތަހުނިޔާގެ ފަރާތުން ކުރިމަތިވާ ކަންކަން އަދި ވަކިން އުނދަގުލެވެ. އެ ކައިވެންޏާ ދެކޮޅުކަން ތަހުނިޔާގެ ބަހާއި ޢަމަލުން އެބަ ދައްކައެވެ. އެވަރުގެ މީހަކާ ކައިވެނިކޮށްގެން ، އުފެދޭ ގުޅުމަކަށް ދޭނީ ކޮންނަމެއް ހެއްޔެވެ ؟

" ދިރިއުޅުމެވެ " ޙަފުޞާގެ އަޑު އިވުނެވެ.

އެފަދަ ގުޅުންތަކަށް ކިޔައި އުޅެނީ ދިރިއުޅުމެވެ. މުރުތަޟާ ދައްކަމުން ގެންދިޔަ ވާހަކަތަކުގެ އަޑުއަހަން ކޮޓަރިން ބޭރުގައި ހުރެފައި ވަންނަމުން ޙަފުޞާ ބުންޏެވެ. ޙަފުޞާހުރީ ހިނިތުން ވެފައެވެ. ދިރިއުޅުމަކީ އެފަދަ އެއްޗެކެވެ. ގޮންޖެހުންތައް އަންނާނީ އެންމެ ދިމާއަކުންނޫނެވެ. ތިމާގެ ފުރަގަހުންވެސް ގޮންޖެހުންތައް އަންނާނެއެވެ. އެކި ދިމަދިމާއިން ތަކުލީފުތައް ކުރިމަތިވާނެއެވެ. އެއްވެސް ކަހަލަ ތަކުލީފެއް ނެތް ދިރިއުޅުމަކީ މިދުނިޔޭގައި އޮންނަ އެއްޗެއްނޫނެވެ. އެކަން އޮންނާނީ އިންސާނާ ނިޔާވެ ދިއުމަށްފަހު ސުވަރުގޭގައެވެ. ސުވަރުގެ ޙައްޤުވާ އިންސާނުންނަށް އެމަތިވެރި ނަސީބު ލިބިގެންދާނެއެވެ.

ތަހުނިޔާއާ މުރުތަޟާ ދެވަން ނިންމައި ، ހުރިހާކަމެއް ރާވަމުން އެގެންދަނީ ޙަފުޞާއެވެ. ދަރިންގެ ކައިވެންޏަކީ އޮތް އެންމެ ރަނގަޅަކަށް ކުރެވޭކަމަކަށް ހެދުމަކީ މައިންބަފައިންގެ ވާޖިބެކެވެ. ކައިވެންޏަށް އެންމެ ރަނގަޅު ކުއްޖަކު ފެންނާނީވެސް މައިންބަފައިންނަށެވެ. ޙަފުޞާ ކުރަމުން އެގެންދަނީ  އެމަސައްކަތެވެ.

ތަހުނިޔާއަކީ ޚުލްޤު ހެޔޮ ރަނގަޅު ކުއްޖެކެވެ. މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި އަންހެންކުދިންނަކީ ، މީހަކާ އިނދެގެން ގެވެހި އަނތްބަކަށް ވާން އެންމެ ރަނގަޅު ކުދިންނެވެ. އެ ކައިވެންޏަށް ތަހުނިޔާ އެއްބަސްވީ ، ނޫރުލްޢައިނުގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރެއެވެ. މައިންބަފައިންގެ ބަހަށް ކިޔަމަންތެރިކަމާއެކު ބޯ ލަނބައިގެންނެވެ. އެކަހަލަ ނިންމުމެއް އެހައި ފަސޭހަކަމާއެކު ނިންމާނެ ކުދިން ، މިޒަމާނުގައި ވަރަށް މަދުވާނެއެވެ. ރައްޓެހި ރަޙުމަތްތެރިކަމަކީ ، މައިންބަފައިންގެ ޙައްޤަށްވުރެ މަތިވެރި ގުޅުމެއްނޫނެވެ. އެ ގުޅުމުގެ ތަފާތު ދެނެގަނެ ، ރަނގަޅަށް ނިންމަން އެނގުން އެއީ ތަހުނިޔާގެ ހުރި މާތް ސިފައެކެވެ. އެންމެންވެސް އެކަމަށް ޝުކުރުކުރަން ވާނެއެވެ. ޙަފުޞާ އެހުރީ މުރުތަޟާއަށް ހޯދައިދެވުނު އެ ފުރުޞަތަށް ކޮޅުނެތްކޮޅަށް އުފާ ވެފައެވެ.

މަންމަގެ އެނިންމުމުގައިވެސް އަދި ތަހުނިޔާގެ ވިސްނުމާއި ފިކުރުގައިވެސް އެއްވެސް ކުށެއްނެތެވެ. ތަހުނިޔާއަށް ނުފޫޒެއް ފޯރުވަން ، މުރުތަޟާ އެއްވެސްކަމެއް ނުކުރެއެވެ. މައިންބަފައިންގެ ނުފޫޒުންކަމުގައިވިޔަސް ، ތަހުނިޔާ އެ ކައިވެންޏަށް އާނބަސް އެބުނީ ، އޭނާ ވިސްނަންޖެހޭ ގޮތަކަށް ވިސްނާފައެވެ. އެކަންކަން ތަހުނިޔާއަށް ދޫކޮށްލުމަކީ އެކަމުގައި އޮންނާނެ އެންމެ ބުއްދިވެރި ގޮތެވެ.

މުރުތަޟާގެ މައްޗަށް މިހާރުއޮތް ވާޖިބަކީ ، ތަހުނިޔާ އެކަމަށް އެއްބަސްވުމަށްފަހު ، އޭނާގެ ހިތަށް ތަކުލީފެއް ލިބޭނެފަދަ އެއްވެސްކަމެއް ނުކުރުމެވެ. ހިތްހަމަ ނުޖެހޭނެގޮތަކަށް ނޫޅުމެވެ. މުރުތަޟާއާއި ތަހުނިޔާގެ ގުޅުން ހަރުދަނާވެގެންދާނީ އޭރުންނެވެ. ތަހުނިޔާ ޝަކުވާކުރުމަށް އެއްވެސް ފުރުޞަތެއް ، މުރުޟާގެ ފަރާތުން ނުދިނުމެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެ ހަނގުރާމައިގާ ދެމަފިރިންވެސް ހަމަހަމައެވެ. ދެންމިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ، ތަހުނިޔާ ރަނގަޅަށް ދަސްކޮށް ، ކައިވެންޏަށް ތައްޔާރުވުމަށް ، ޙަފުޞާ އޭނާގެ ދަރިފުޅަށް ނަސޭޙަތް ދިނެވެ. އަވަސް އަރުވައިލާފައި ނަމަވެސް ޙަފުޞާއަށް އެކުރެވުނު ކަމަކީ ، މުރުތަޟާއަށްވެސް އަދި އެ ޢާއިލާއަށްވެސް އެންމެ ރަނގަޅުގޮތްކަމަށް ޙަފުޞާވެސް އަދި ޠާހިރާވެސް ޤަބޫލުކުރެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.