ބްލޫރިބަން : ދަންނަކަން ނުދަންނަ ރޯނު އެދުރުން

ދަންނަކަމަކީ ، ކަމެއް ނުވަތަ އެއްޗެއް އެނގިފައި އޮތުމެވެ. ނުދަންނަކަމަކީ ކަމެއް ނުވަތަ އެއްޗެއް ނޭނގުމެވެ. ނުވަތަ ނުދަތުމެވެ. ރޯނުއެދުރުންނަކީ ، ރަނގަޅަށް ނުދަންނަ ކަންކަމާއި ނުދަންނަ އެއްޗެއް ދަންނަކަމަށް ހެދިގެން އުޅުމެވެ. މިހުރިހާކަމެއް އެކުވެގެން އުފެދޭ ޙާލަތެއްވެސް އޮވެއެވެ. އެއީ ، މިރިނުވެ ގޮބޮޅި ކާށިވުމެވެ. މިރިނުވެ ގޮބޮޅި ކާށިވުން އެއީ ، ދިވެހިބަހުގައި އޮންނަ މިސާލު ބަހެކެވެ. އެބަހުގެ މާނަޔަކީ ، ނުވާ ދުވަހުން ބޮޑުވެގެން އުޅުމެވެ. އެއީ ، ޢުމުރުން ހަތްއަހަރުގައި ، ތިރީސް އަހަރުގެ މީހެއްގޮތަށް ބޮޑުވެގެން އުޅުންފަދަ ކަމެކެވެ. އަދި އެ އުޅުމުގައި ޢުމުރާ އެއްވަރުގެ ހަރުކަމެއް ނެތުމެވެ. ބޮޑެތިމީހުން ދައްކާކަހަލަ ވާހަކަ ޅަ ކުއްޖަކު ، ދެއްކުމެވެ. ނުވަތަ އެފަދަ ކަމެއްކުރުމެވެ. މި މިސާލުބަސް ބޮޑަށް އަމާޒުވަނީ ، މިރިނުވެ ގޮބޮޅި ކާށިވާގޮތަށް ފުރާފުރިހަމަނުވެ އޮންނަ ޙާލަތަށެވެ.

ގޮބޮޅިޔަކީ ، އޭގެ އުފެދުމުގައި ދެން ޖެހިގެން އޮންނަ ހަރުފަތުގައި މިރިޔަށް ބަދަލުވާ އެއްޗެކެވެ. މިރިއަކީ ، އޭގެ އުފެދުމުގައި ދެން އޮންނަ ހަރުފަތުގައި ހެވާލައި ކުރުނބަޔަކަށް ބަދަލުވާ އެއްޗެކެވެ. ކުރުނބާ ، ދެންބަދަލުވާނީ ގަބުޅިޔަށެވެ. ގަބުޅި ބަދަލުވާނީ ކާށްޓަށެވެ. އެހެންކަމުން ، މިރިނުވާ ގޮބޮޅިއެއް ، ކާށްޓަށް ބަދަލުވާނަމަ ، ފުރިހަމަނުވާ ތިން ހަރުފަތެއް އުނިވެ ދެއެވެ. އެއީ މިރިއާއި ކުރުނބާގެ ހަރުފަތާ އަދި ގަބުޅީގެ ހަރުފަތެވެ. މިރިނުވެ ގޮބޮޅި ކާށިވާ ޙާލަތުގައި އެ ކާށީގެ އުފެދުމުގައި އުނިކަންތައްތަކެއް ހުންނާނެއެވެ. ނުވަތަ އެއީ މުސްތަޙީލު ކަމެކެވެ. ނުވާނެ ކަމެކެވެ. ގޮބޮޅިޔަށް ، މިރިނުވެ ކުރުނބާގެ ދަރަޖަޔަކަށް ނުދެވޭނެއެވެ. މިރިނުވެ ހެވައެއް ނުލާނެއެވެ. މިރިއަށްނުވެ ، ގޮބޮޅިޔަކު ހެވައެއް ނުލާނެއެވެ. ގޮބޮޅި މިރިއަށްވެގެން ހެވާނުލާނަމަ ، ކުރުނބާގެ ދަރަޖަޔަކަށް ނުދާނެއެވެ. އަދި ކުރުނބާގައި ހެވާލައިގެން ނޫނީ ގަބުޅީގެ ދަރަޖަޔަކަށް ނުދާނެއެވެ. ކުރުނބާގައި ހުންނަ ފެން އޭގެ ހެވާގެ ތެރެޔަށް ވަންނަމުން ، ހެވާ ހަރުވަމުން ފެން ހިނދެމުން ގޮސްގެން މެނުވީ ގަބުޅި ، ކާށްޓަކަށް ބަދަލެއް ނުވާނެއެވެ.

ގޮބޮޅި މިރިޔަށްވެގެން ، މިރި ގޮބޮޅިޔަށްވެގެން ، ގޮބޮޅި ގަބުޅިޔަށްވެގެން ، ގަބުޅި ކާށްޓަށް ބަދަލުވުމަކީ ޤުދުރަތީ ނިޒާމެކެވެ. ޤުދުރަތުގެ މި ފުރިހަމަ ނިޒާމަކީ ، ދުނިޔޭގެ އެހެންކަންކަމުގައިވެސް އޮންނަ އުޞޫލެކެވެ. ދުނިޔެ ހިނގާ މަގެވެ.

ވަޒީފާއަކަށް މީހަކު ހަމަޖައްސާއިރު  މިއުޞޫލުގައި ނިޒާމީ ނުކުތާތައް ހިމެނެއެވެ. އެންމެ ބޮޑު މައްސަލަޔަކަށް ވެގެންދާ އެއްކަމަކީ ، ސަރުކާރުގެ ވަޒީފާތައް ހަމަޖެހިގެންދާއިރު އުފެދޭ ތަފާތު މައްސަލަ ތަކެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު މައްސަލަޔަކީ ، ސަރުކާރުގެ ވަޒީފާ އަދާކުރާ ފަންނާއި ތަޖުރިބާއާއި ޢިލްމާއި ހުނަރުލިބިގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ މީހުންގެ މައްޗަށް ބަސްކިޔަން ، ސިޔާސީ މީހުން އިސްކުރުމެވެ. މިއީ ، ޕާޓީ ނިޒާމް ރާއްޖޭގައި ތަޢާރުފް ވުމާއެކު 2008 ވަނަ އަހަރުންފެށިގެން ، ވަޒީފާގެ މާޙައުލުގައި ކުރިމަތިވަމުންދާ ގޮންޖެހުމެކެވެ. ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތަޖުރިބާއާއި ހުނަރު ލިބިގެން ވަޒީފާއަށް އަހުލުވެރިވެފައިތިބޭ ބައެއްގެ މައްޗަށް އަމުރުކޮށް ބަސްކިޔަން ، ޕާޓީތަކުގެ އެކްޓިވިސްޓުން ޢައްޔަން ވުމެވެ. މިއީ މިސާލުބަހަކަށް ބޭނުންކުރެވޭ " މިރިނުވެ ގޮބޮޅި ކާށިވުން " މިސާލުކޮށްދޭފަދަ ބަދަލެކެވެ. މިއީ ، ސަރުކާރުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ވަރަށްބޮޑު ލޮޅުމެއް އަރައިގެންދިޔަ ކަމެކެވެ. އެހެނަސް ، އެކަން އެނޫންގޮތަކަށް ކުރެވޭކަށްވެސް ، މިހާރަކު ނޯވެއެވެ.  މިއީ ، ޕާޓީ ނިޒާމުގައި ވެރިކަމަށް އަންނަ ޕާޓީއަކުން ނުވަތަ ގުޅިފައިވާ ޕާޓީތަކުން ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ އެންމެންނަށް ކުޑައިމީސް ބަހެއްގެ ގޮތުގައި ރައްދުކޮށް ބޭނުންކޮށްފައިވާ މިސާލެއްނޫނެވެ. ރަނގަޅު ޙާލަތާއި ރަނގަޅު އެކްޓިވިސްޓުންވެސް ތިބޭނެއެވެ. މިސާލުބަސް އަމާޒުކުރެވިފައި އެވަނީ އެނޫން ޙާލަތާއި އެނޫން މީހުންނަށެވެ.

ޕާޓީ ނިޒާމުގައި ވެރިކަމަށް އަންނަ ޕާޓީ ނުވަތަ ގުޅިފައިވާ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި ، ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ އެންމެހައި އެކްޓިވިސްޓުންނަކީ ، ދަންނަކަން ނުދަންނަ ރޯނުއެދުރުންނެއްނޫނެވެ. ޢިލްމާއި ޙިލްމުންފުރިގެންވާ ޤާބިލް އެކްޓިވިސްޓުންވެސް ތިބޭނެއެވެ. އެހެނަސް ، ޢިލްމެއް ، ޙިލްމެއްނެތް ނާޤާބިލް އެކްޓިވިސްޓުން ، އައިސް ، އެތަނެއްގެ ފަންނީ އަދި ތަޖުރިބާއާއި ހުނަރުން ފުރިގެންވާ ދުވަސްވީ މުއައްޒަފުންގެ މައްޗަށް އިސްކުރެވޭހިނދު ، ނުދަންނަކަމެއް ނޯވެއެވެ. ދަންނަ އެއްޗެއްވެސް ނޯވެއެވެ. އެހިސާބުން އެމީހުންނަކީ ދަންނަކަން ނުދަންނަ މީހުންނަށް ވެދެއެވެ. މިރިނުވެ ގޮބޮޅި ކާށިވާ މިސާލާ ހިސާބަށް ދަނީ އެހިސާބުންނެވެ. އަދި މައްސަލަޖެހެނީވެސް އެހިސާބުންނެވެ.

ޕާޓީ ނިޒާމުގެ ތެރެއިން ސަރުކާރުގެ މަޤާމުތަކަށް ޢައްޔަންކުރެވޭ މަދުނަމަވެސް ، ބައެއްމީހުންނަކީ ، ހެނދުނު އޮފީހަށްއައިސް ސޮއިކޮށްލާފައިދާގޮތަށް ޚަބަރެއްނުވާ ބަޔެކެވެ. ގޭގައި ބައިތިއްބައިގެން މުސާރަދޭމީހުންވެސް މަދުންނަމަވެސް ތިބެއެވެ. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ޕެކެޖެއްހެން ، ކޮންމެ ސަރުކާރަކުންވެސް މަތީ މަޤާމް ހޯދައި ، އެހެނަސް އެ ސަރުކާރެއް ނިމެންދެން މަޤާމުގައި ދެމިނުތިބެވޭ ބަޔަކުވެސް އުޅެއެވެ. ޕާޓީނިޒާމުގެ ތެރެއިން ސަރުކާރުގެ މަޤާމްތަކަށް އަންނަ ސިޔާސީ މީހުންނަކީ ، ދަންނަކަން ނުދަންނަ ، ރޯނުއެދުރުންނަށް ނުވެ ، މިރިނުވެ ގޮބޮޅި ކާށިވެގެންދާގޮތަށް ، ބޭކާރު ބަޔަކަށްނުވެ ، ނަތީޖާ ނެރެދޭ ބަޔަކަށް ހެދެން ޖެހެއެވެ. އެފަދަ މީހުންނަށް ދެވޭ މުސާރައާއި އުޖޫރަޔަކީ ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަވާ އެއްޗަކަށްވާތީއެވެ. ސަރުކާރަށާއި ޕާޓީއަށް ޖަވާބުދާރީ ނުވިޔަސް ، އެފަދަ މީހުން ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

ސިޔާސީ އެކްޓިވިސްޓުންނަށް ސަރުކާރުން މަޤާމުދިނުމަކީ މައްސަލައެއްނޫނެވެ. ސިޔާސީ މަޤާމެއް ލިބިއްޖެނަމަ ، އެމަޤާމަކަށް ކުފޫހަމަވާކަން ދައްކައިދީ ، ނަތީޖާ ނެރެދިނުމަކީ ، އެމީހަކު ކުރަންޖެހޭނެ ކަމެކެވެ. އެމީހަކަށް އެކަން ނުކުރެވޭނަމަ ، އެ މަޤާމުން ވަކިކުރުމަކީ ، ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ. ޕާޓީގެ ޙައްޤުގައި ރައްޔިތުން ކަތިލެވިގެން ނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.