ފަލްސަފާ (25)

(18 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކާރަށް އަރައި ދުއްވައިލުމަށްފަހު ، ދާންވީ ކޮންތާކަށްތޯ ، ތަހުނިޔާކުރެން ، މުރުތަޟާ އެހިއެވެ.

" އަހަރެންނަކަށް ނޭނގެއެވެ. ތިބާވަތުގެ ސުއާލުގެ ޖަވާބު އަހަރެންނަކަށް ނޭނގޭނެއެވެ. މިއަދުވެސް އަދި މާދަމާވެސް އެކަން އޮންނާނީ އެގޮތުގައެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ މަޤްޞަދެއް އަދި އެބުނަންއުޅޭ ވާހަކައެއް މުރުތަޟާއަކަށް ނޭނގުނެވެ. ކައިވެނިކޮށްގެން ، ދިރިއުޅުމަކަށް ވިސްނައިގެން އުޅޭ ދެމީހަކު ، އެދެމީހުން ދާންވީ ދިމާލެއް ނޭނގުމަކީ ކުޑަކަމެއް ނޫނެވެ. ތަހުނިޔާ ބުނަން އެއުޅޭ ވާހަކައެއް  އިތުރަށް ސާފުކުރުމަށް މުރުތަޟާ ބޭނުންވިއެވެ. އޭނާގެ ހިތުގައި އޮތް މަޤްޞަދެއް ސާފުވުމުން ، މުރުތަޟާއަށް އޮތް ތަފާތަކީ ކޮބައިކަމެއް ތަހުނިޔާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ، މުރުތަޟާ ޤަބޫލުކުރާ ގޮތުގައި ، މުރުތަޟާއަށް އެއީ ތަފާތެއް އޮތް ކަމެކެވެ. މިހާރު ވެގެން މިއުޅޭގޮތަކާއި ވާންއުޅޭގޮތެއް އެއީ ، ތަހުނިޔާ ބޭނުންވާ ގޮތްގޮތް ކަމުގައި ނުވާނަމަ ، އެއީ މުރުތަޟާއަށް ތަފާތު ކަމެކެވެ. އެހެންމީހުންގެ އަތުން މޮޑޭބަތްތަށްޓެއް ކެއުމަކީ ،  މުރުތަޟާ ބޭނުންވާކަމެއްނޫނެވެ.

މުރުތަޟާގެ ވާހަކައިން ތަހުނިޔާގާތަށް ހިނިއައެވެ. މުރުތަޟާ ، އޭނާގެ އަމިއްލަ ނަފުސާމެދު ދެކެނީ ކޮން ގޮތަކަށްތޯ ، ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާއަކީ ނޫރުލްޢައިނުދެކެ އިންތިހާއަށް ލޯބިވި މީހެކެވެ. ކުޑައިރުއްސުރެ ، އެކަކު އަނެކަކަށް ހިތްކިޔަމުން ފުރާވަރަށް އެޅިމަ ، ދެމީހުން ރައްޓެހިވެގެން ، މާފޮޅުވަމުން އައި ދެމީހެކެވެ. އެކަން އެހެން އޮތްއިރު  އެހެންމީހުންގެ ނުފޫޒުގައި ޖެހި ، މުރުތަޟާއަށް ނޫރުލްޢައިނު ދޫކޮށްލެވުނީ ކީއްވެތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެހެންމީހުން ބުނާހާގޮތެއް ހަދައި ، ތިމާބޭނުންވާގޮތް އެއީ އެއްޗަކަށް ނުހެދޭހާ ، ބަލި މީހަކަށް މުރުތަޟާ ވެގެންދިޔަ ސަބަބަކީ ކޮބައި ހެއްޔެވެ ؟ ޢާއިލާގެ ނުފޫޒުން މުރުތަޟާމެންގެ ޅަދުވަހުގެ ގުޅުމަށް އަސަރު ފޯރައި ، އެހެންމީހުން މޮޑޭ ފުށްގަނޑަކަށް މުރުތަޟާ އަތްބާނަންޖެހިފައިވާ އިރު ، ތަހުނިޔާއާ ދިމާއަށް އެއްޗެކޭ ބުނެވޭކަށް މުރުތަޟާއަކަށް ނެތެވެ. މުރުތަޟާ މިހާރު ، ނަށަމުން އެގެންދަނީ އެހެންމީހުން ޖަހާހާ ބެރަކަށެވެ. މުރުތަޟާ ބޭނުންވާ ގޮތަކަށްނޫނެވެ.

މުރުތަޟާ ހީކުރީ ، ތަހުނިޔާއަކީ ވާހަކަ ދައްކަން ނޭނގޭ ބަސްމަދު ، މީހެއްކަމަށެވެ. އެކަމަކު އެވީ ކުށް ހީއަކަށެވެ. ދައްކާނެ ވާހަކައާއި ވާހަކަ ދައްކާނެގޮތްވެސް ތަހުނިޔާއަށް އެނގެއެވެ. އެކަމަކު ، ތަހުނިޔާގެ ވާހަކަތައް ބޭރުވެގެން އެދަނީ ނޫރުލްޢައިނުގެ ފަރާތުން ފިލާވަޅު ލިބިގެންނެވެ. އެއީ ނޫރުލްޢައިނުގެ ސިކުނޑިން ފަރުމާ ކުރެވި ، އެމުނި އެތުރިގެން ، ތަހުނިޔާގެ ދުލުން ބޭރުވާ ބަސްތަކެކެވެ. އެއީއަކީ ތަހުނިޔާއަށް މައްސަލައެއްނޫނެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކޮންމެ ގުޅުމެއްގައިވެސް އަސަރެއް ހުންނާނެއެވެ. ކޮންމެ އަތަރެއްގައި ވަހެއް ހުންނަ ފަދައިންނެވެ. އެވަހަކީ އެކިމީހުން އެކިގޮތަށް ބަލާ އެއްޗެކެވެ. އެއްބަޔަކަށް ، ވަހެއްގައި މީރުވަސް ދުވާއިރު ހަމަ އެވަހުގައި އަނެއްބަޔަކަށް ނުބައިވަސް ދުވާފާނެއެވެ. ވަހާމެދު ހިތްހަމަ ޖެހުމާއި ނުޖެހުން އޮންނަނީ އެމީހަކަށް އެވަހެއް ދުވާގޮތެއްގެ މައްޗަށެވެ. އެމީހަކު އެވަހަކަށް ހިތްކިޔާ ގޮތެއްގެ މައްޗަށެވެ. އެހެންމީހަކަށް މީރުވަހެއް ދުވީމަ ، އެއީ މީރުވަހެއްކަމަށް އަނެކާއަށް ބަލަންޖެހެނީ ، އަމިއްލަ ނަފުސުގެ އަޅުންނަށްވެފައި ތިބޭތީއެވެ.

" ކޮންމެ ގުޅުމެއްގައިވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ޤަދަރުކުރުން އޮންނާނެއެވެ. މީހަކު އައިސް ހަމަ ބުނެލާއިރަށް އެކަންކަން ނެތިދާންވެއްޖެނަމަ ، އެއީ ގުޅުމެއްނޫނެވެ. އެއަށްކިޔަނީ އަމިއްލަ އެދުމެވެ. ނޫރުލްޢައިނަކީ ، އަހަރެންގެ ވަރަށްގާތް އެކުވެރިޔެކެވެ. މުރުތަޟާގެ ހިތާގާތްކަން އޮތްފަދައިންނެވެ. " ތަހުނިޔާގެ ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލިއެވެ.

ތަހުނިޔާގެ ވާހަކަތަކަށް ދޭނީ ކޮން ޖަވާބެއްކަމެއް މުރުތަޟާއަކަށް ނޭނގުނެވެ. ތަހުނިޔާ އެދެއްކީ ވަރަށް ވާހަކައެވެ. އެވާހަކަތައް ކުރުނަމަވެސް ، ވަރަށް ގިނަ މާނަތަކެއް އެވާހަކަތަކުގައި ހިމެނެއެވެ. ކުރުކޮށް ބުނިނަމަވެސް ، އެއީ ދިގު ވާހަކައެކެވެ. އެވާހަކަތަކަށް ޖަވާބުދާރީވުމަކީ މުރުތަޟާ ކުރަންޖެހޭނެ ކަމެކެވެ. އެވާހަކަތަކުން އުފެދޭ ސުއާލުތަކަށް ، ވަގުތު ފާއިތު ނުވަނިސް ޖަވާބުދޭން ޖެހެއެވެ.

މުރުތަޟާއާއި ތަހުނިޔާއާ ދެމެދަށް ނޫރުލްޢައިނު ވަންނާކަށް ނުޖެހެއެވެ. އެއީ މުރުތަޟާއަށް ފެންނަ ގޮތެވެ. އަދި އެދެމީހުންގެ ދެމެދަށް ނޫރުލްޢައިނު ވަދެގެން ނުވާނެއެވެ. ނޫރުލްޢައިނާ ގުޅުވައި މުރުތަޟާއާ ދިމާއަށް އެއްޗެކޭ ބުނުމުގެ ޙައްޤު ތަހުނިޔާއަށް ލިބިގެންނެއް ނުވެއެވެ. އެއީ ނޫރުލްޢައިނާ މުރުތަޟާގެ ކަމެކެވެ. އެދެމީހުންގެ ދެމެދަށް ނޫރުލްޢައިނު ވައްދައިފިނަމަ ، ނަތީޖާ އެހާ ރަނގަޅެއްނުވާނެއެވެ. އަދި ، އެއްވެސްކަމެއް ގޯސްކޮށެއް ނުދެއެވެ. އެއްވެސްކަމެއް މުޅިޔަކުން ނުނިންމެއެވެ. ތަހުނިޔާގެ ވާހަކަތަކަށް މުރުތަޟާ އިނީ ހިތްހަމަ ނުޖެހިފައެވެ.

" ތަހުނިޔާގެ މައިންބަފައިންނާ ވާހަކަ ދައްކާށެވެ ! އޭރަށް ހުރިހާކަމެއް ނިމޭނެއެވެ. އަހަރެންނެއް އެއްވެސް މީހަކަށް އެއްވެސްކަމެއް މަޖުބޫރެއް ނުކުރާނަމެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާއަކީ ފިރިހެނެކެވެ. ފިރިހެނުންގެ ހިތްވަރު ގަދަވާނެއެވެ. ހިތުގައި ފޮރުވަންޖެހޭ ކަންކަން ، އޮބިއަޅައިގެންވިޔަސް ފޮރުވާނެއެވެ. އެކަމަކު ، އެއީ މުރުތަޟާ ކުރަންޖެހޭ ކަމެއްކަމަކަށް ތަހުނިޔާއަކަށް ނުފެނެއެވެ. ތަހުނިޔާއަށް އެއްވެސްކަމެއް ފޮރުވަން މަސައްކަތް ނުކުރުމަށް މުރުތަޟާގާތު ، ތަހުނިޔާ އެދުނެވެ. މުރުތަޟާގެ ޢާއިލާގެ މީހުންނާ ވާހަކަ ދައްކާފައި ހުރިހާކަމެއް ސާފުކޮށްދީފައި ، ކައިވެނީގެ ކަންތައް މިހާރުން މިހާރަށް މިހިސާބުން ނިންމައިލަން ނޫޅެންވީ ކޮންސަބަބަކާ ހުރެތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

" ނޫރުލްޢައިނު ކަހަލަ ކުއްޖަކު ދޫކޮށްލާފައި ، އަހަރެންކަހަލަ ކުއްޖަކާ ގުޅުމުން ، މުރުތަޟާއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ ؟  އަހަރެންނަކަށް ނޫރުލްޢައިނާ އެއްފެންވަރަކަށް ނުދެވޭނެއެވެ. އެކުގައި އުޅެ ބޮޑުވިޔަސް ، ނޫރުލްޢައިނުގެ ހުރި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. " ތަހުނިޔާ ބުންޏެވެ.

މުރުތަޟާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ، އޭނާ ދަންނަނީ ކިހާވަރަކަށްތޯ ތަހުނިޔާއާ ސުއާލު ކުރިއެވެ. އޭނާ ރަނގަޅަށް ނޭނގޭއިރު ، އޭނާއަށް ކަންކަމުގައި ލަފާދިނުމުގެ ބޭނުމެއްނެތްކަމުގައި މުރުތަޟާ ބުންޏެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަން ނިންމަންވީގޮތް މުރުތަޟާއަށް ވަރަށް ސާފުކޮށް އެނގެއެވެ. އެއީ ، އެހެންމީހުންނާ ބެހޭކަމެއްނޫނެވެ. ނޫރުލްޢައިނުއާއެކު އޮތްގުޅުން ކަނޑައިލުން އެއީ މުރުތަޟާގެ އަމިއްލަ ކަމެކެވެ. އެކަން އެއީ އެހެންމީހުންނާ ބެހޭކަމެއްނޫނެވެ. މުރުތަޟާއަކީ ، އޭނާގެ ޢާއިލާގެ އަގާއި ގުޅުން ، އެހެން އެއްވެސް އެއްޗަކަށް ބަދަލުކުރާނެ މީހެއްނޫނެވެ. މުރުތަޟާއާމެދު ތަހުނިޔާ ދެކޭގޮތާއި ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް އޮތް ނަފުރަތަކީ ، މުރުތަޟާއަށް ޙައިރާންކަން ލިބުނު ކަމެކެވެ. މުރުތަޟާއަކީ ކިހާވަރެއްގެ ކާކުކަން ، ތަހުނިޔާއަކަށް އެއްވެސް މިންވަރަކަށް ނޭނގެއެވެ. އެކަން ސާފުކުރުމަކީ ތަހުނިޔާގެ ކަމެކެވެ. މުރުތަޟާ ދަސްކުރުން ނުވަތަ އުފެދެން އުޅޭ ގުޅުން ކަނޑައިލުމާ ދެކަމުންކުރެ އެއްކަމެއް ތަހުނިޔާ އިޚުތިޔާރުކުރުމަށް މުރުތަޟާ އެދުނެވެ. އެހިސާބުން އެއްދުވަހަކަށް ފުދޭކަމަށް މުރުތަޟާއަށް ވިސްނުނެވެ. ދެން އިތުރަށް ، ތަނަކަށްގޮސް އިށީނދެތިބެ ދެމީހުން ދައްކާނެ ވާހަކައެއް ނެތެވެ. އެކަންވާނީ ބޭކާރު ކަމަކަށެވެ. ދެން އެންމެ ރަނގަޅުވާނީ ، ރޭގަނޑުގެ ކެއުމުގެ މަތިން ހަނދާން ނައްތައިލާފައި ، ގެޔަށް ދިއުމެވެ. ތަހުނިޔާވެސް އެކަމަށް އެއްބަސްވިއެވެ. އެކަމަކު ، އެއްކަމެއް ވަރަށް ސާފުކޮށް ނިންމިއްޖެއެވެ. މުރުތަޟާއަކީ ކާކުކަން ދެނެގަތުމަށް ތަހުނިޔާ މަސައްކަތް ކުރުމެވެ. ނުވަތަ އެދެމީހުންގެ ގުޅުން ކަނޑައިލުމެވެ.

 

ޙަފުޞާމެން ގެޔަށްލާފައި ލަސްނުކޮށް ނޫރުއައީ އޭނާގެ ގެޔަށެވެ. އެމީހުންނާއެކު ހޭދަކުރަން ޖެހުނު އެންމެ ސިކުންތަކީވެސް ނޫރުއަށް ތަކުލީފުން ފުރިގެންވީ ވަގުތު ކޮޅެކެވެ. ޙަފުޞާމެންގެ މަލާމާތުގެ ވާހަކަތަކާއި ، ބޮޑާ ބަސްތަކުން ނޫރުއާ ދިމާކުރަމުން ގެންދިޔައީ ވަކިގޮތެއް ބަލައިގެންނެއްނޫނެވެ. ވަށްބަހުން ޖެހުމާއި އެމީހުންގެ ކޮޅު މޮޅުވުމުގެ ފަޚުރާއެކު ، ޙަފުޞާއާއި ސާޖިދާތިބީ ، އެފަދަ ވަގުތަކަށް ، ދިގު އިންތިޒާރެއް ކޮށްގެންނެވެ. އެލިބުނު ފުރުޞަތުގެ ބޭނުން އެތިން އަންހެނުންވެސް ، ވަރަށް ރަނގަޅަށް ހިފިއެވެ. ޚާއްޞަކޮށް ޙަފުޞާއާއި ސާޖިދާ ، ނޫރުގެ މައްޗަށް އެމީހުންގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަމުގެ ބަސްތައް ފޫއްސާއި ރުޅިވެރިކަމުގެ ތެރެއިން ބޭރުކުރަމުން ގެންދިޔައެވެ. އަމިއްލަ ޙާލަށް ވިސްނާފައި ޠާހިރާއިނީ އަނގަމަޑުންލައިގެންނެވެ. ޙަފުޞާއާއި ސާޖިދާ އެއްލާ ދޯ ގައި ހިފައި އެމީހުންނާ ބައިވެރިވުމުގައެވެ. ނޫރުއަށް ލިބެމުންދިޔަ ތަކުލީފުތަކުން ބޯ ހާސްވެގެންގޮސް ، އޭނާއަށް ކާރު ދުއްވެނީވެސް ވަރަށް މަސައްކަތުންނެވެ. އެހުރިހާކަމެއް ، އެ ތިން އަންހެނުންނަށްވެސް އިޙުސާސްވަމުން ދިޔައެވެ. އެހެންނަމަވެސް ، އެންމެ ތަންފުކެއްވެސް ދޫނުކޮށް ، ނޫރުއާ ދިމާއަށް ކިޔުނު އެއްޗެއް ކިޔައި އެމީހުންގެ ހިތުގައި އަނދައަނދާއޮތް އަލިފާންގަނޑުން އުފެދެމުންދިޔަ އުދާސްތައް ބޭރުކުރަމުން ގެންދިޔައެވެ.

 

ބޭރަށްގޮސް ، ނޫރުއައުން ލަސްވެގެން ނޫރުގެ ބައްޕަ ، ވަޞީމުހުރީ ކަންބޮޑުވެފައި ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މާގިނައިރެއްނުވެ ނޫރުއައިސް ގެޔަށް ވަނެވެ. އޭނާގެ ހިނގުން ބާރުވެފައި އަޑުގަދައެވެ. ބައްޕަމެންނާ ސަލާމްކޮށްލައި ކޮޓަރިޔާ ދިމާއަށް މިސްރާބު ޖެހުމުން ، ނޫރުއަށް ގޮވާލައި ، ވަޞީމު އޭނާ ހުއްޓުވިއެވެ.

ނޫރު ދިޔަތަނެއް ނޭނގިގެން އެމީހުންތިބީ ކަންބޮޑުވެފައެވެ. ނޫރުއާ ވާހަކަދައްކައިލާނެ ވަގުތެއްވެސް މިހާރަކު ނުލިބެއެވެ. ނޫރުދިޔައީ އޮފީސް ނިންމާފައި ގެޔަށް ނައިސް ބާޒާރަށްކަމުގައި ބުންޏެވެ. އޭނާއާއެކީ ، ޙަފުޞާއާއި ސާޖިދާ އަދި ތަހުނިޔާވެސް ބާޒާރަށް ދިޔައެވެ. އަދި ތަހުނިޔާވެސް އެމީހުންނާއެކީހުއްޓެވެ. އެމީހުން ގެޔަށްލާފައި އަންނަން ހަދައިގެން ކުޑަކޮށް ލަސްވީއެވެ. އެމީހުންނާއެކީގައި ނޫރު ބާޒާރަށް ދިއުމަކީ ވަޞީމުމެންނަށް ލިބުނު ޙައިރާން ކަމެކެވެ. ބޭބެ ހާރިސްގެ ދެމަފިރިންވެސް ތިބީ އެކަމާ ޙައިރާން ވެފައެވެ. އެއީ އެމީހުންނަށް ޤަބޫލުކުރަން އުނދަގޫވި ކަމެކެވެ. ވެގެން އެއުޅެނީ ކީއްކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ.

" ތަހުނިޔާއަކީ އަހަރެންގެ ގާތް ރަޙުމަތްތެރިޔެކެވެ. ޙަފުޞާމެންނަކީ ، ތަހުނިޔާއަށް ޚާއްޞަ ބަޔަކަށް ވާނެއެވެ. އެމީހުންނާއެކީ ބާޒާރަށް ގޮސްލަދޭން އެދުނީމަ އެކަން ކޮށްލަދިނީއެވެ. އެހެން ނޫނަސް އަހަރެން އެއިން އެއްވެސް މީހަކާ ޒާތީގޮތުން އެއްވެސް ކަމެއް ނެތެވެ. އެއީ އަހަރެންގެ ދުޝްމަނުންނެއްނޫނެވެ. " ނޫރު ބުންޏެވެ.

ނޫރު އެކަންކުރިގޮތުން ވަޞީމު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނޫރުއަކީ ، ވިސްނުންތެރި އަދި މީހުންނާ އަޅައިލާ ދަރިއެއްގެ ގޮތުގައި ފެނުމަކީ ވަޞީމުގެ ހިތަށް ހަމަޖެހުން ލިބުނު ކަމެކެވެ. ނޫރުގެ ކެތްތެރިކަމާއި ވިސްނުންތެރިކަމަށް ވަޞީމު ސާބަސް ދިނެވެ. މުރުތަޟާގެ ފަރާތުން ލިބުނު ތަކުލީފުން ހިތްހަލާކުވެގެން އެނދުމައްޗަށް އަރާ ރޯން އޮތުމަކީ ނޫރުގެ ތަބީޢަތެއްނޫނެވެ. އެއަށްވުރެ އޭނާގެ ހިތްވަރު ގަދަވާނެއެވެ. ނޫރުލްޢައިނުގެ ހިތަކީ އެހެންމީހުންނަށް ކުޅެވޭނެ އެއްޗެއް ނޫނެވެ. ނޫރުގެ ފަރާތުން ކަމަކަށް އެދުނީމަ ، އެކަން އޭނާ ކޮށްދިނީއެވެ. ފަހުންވެސް ، އެމީހުން އެއްވެސްކަމަކަށް އެދިއްޖެނަމަ ، އެކަމެއް އޭނާ ކޮށްދޭނެއެވެ. އަދި އަމްދުން ، ތަހުނިޔާއަށް އޭނާގެ ފަރާތުން ބޭނުންވާ އެއްވެސްކަމަކަށް ނޫނެކޭ ނުބުނާނެއެވެ.

ނޫރުގެ އެޢަމަލަކީ ، ބޭބެ ހާރިސްވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނު ކަމެކެވެ. އެހެންނަމަވެސް ، ވަގުތާއި ޙާލާތުވަރަށް ނާޒުކު ކަމަށާއި ، އެކަމަށް ވިސްނާލަން ހާރިސް ، އޭނާގެ ކޮއްކޮއަށް ނަޞޭޙަތްތެރި ވިއެވެ. އަދި ޚާއްޞަކޮށް ، މުރުތަޟާއާއި ތަހުނިޔާއަށް އެއީ މައްސަލަޔަކަށް ނުވާނެގޮތަކަށް ނޫރުގެ ވިސްނުން ބެހެއްޓުމުގެ މުހިންމުކަން ވިސްނައިދިނެވެ. ނޫރުގެ ފަރާތުން އެފަދަ އެއްވެސްކަމެއް ނުހިނގާނެކަން ބޭބެމެންނަށް ކަށަވަރު ކޮށްދިނެވެ. ފަހަރި ، ރައިދާ އިނީ ވަކިއެއްޗެއް ނުބުނެ އަނގަހިމޭނުން ލައިގެންނެވެ. ނޫރުގެ އިޙްސާސްތައް އެންމެބޮޑަށް އެނގޭނީ ރައިދާއަށެވެ. އެކަމަކުވެސް ، އެހުރިހާ އަންހެނުންނާއެކީ ، ބާޒާރަށް ދިއުމަކީ ، ނޫރު ކޮންގޮތަކަށް ކިހިނެއް އަދި ކޮންވިސްނުމެއްގައި ކުރިކަމެއްކަން ވިސްނައިގަންނާކަށް ރައިދާއަކަށްވެސް ނޭނގުނެވެ.

 

ނޫރުއާއެކީ ބާޒާރަށްދާން ޖެހުމުން ބޯހާސްވެގެން ރޭގަނޑު ކާނެއެއްޗެއްވެސް ގެންނާކަށް ޙަފުޞާ ހަނދާނެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ވިސްނައިގެން އިންނަންޖެހެނީ ނޫރުގެ ޙަރަކާތްތަކަށެވެ. ނޫރު ، ކުރަން ބޭނުންވާ ކަންކަން ހުއްޓުވޭނެގޮތަކަށް ބަލަބަލައެވެ. ކާއެއްޗެއްގެ މަތިން ހަނދާންވީވެސް ، އަރުސަލާން އައިސް ބަނޑުހައިވި ވާހަކަ ބުނުމުންނެވެ. މުރުތަޟާ އެދިޔައީ ، ތަހުނިޔާއާއެކު ރޭގަނޑުގެ ކެއުމަށެވެ. އެމީހުން ނިމިގެން އަންނަމުން ، އަރުސަލާންއަށް ކޮންމެވެސް އެއްޗެއް ގެނެސްދޭށޭ ބުނުމަށް ޠާހިރާގާތު ، ޙަފުޞާ އެދުނެވެ. އެހެންނަމަވެސް ، އެއީ ޠާޙިރާއަށް ކަމުދާކަމަކަށް ނުވިއެވެ. އެއްވެސްކަމެއްގައި އެހެންމީހަކަށް އުނދަގުލެއް ޖައްސާކަށް ޠާޙިރާ ބޭނުމެއް ނުވާނެއެވެ. އެއީ ، އަބަދުވެސް ޙަފުޞާ ކުރާ ޝަކުވާއެކެވެ. މުރުތަޟާއަށް އުނދަގޫވާނެ އެއްވެސްކަމެއް ކުރާކަށް ޠާހިރާ ބޭނުމެއް ނުވާނެއެވެ. ޙަފުޞާގެ ވިސްނުން އެއާ މުޅިން ތަފާތެވެ. އެދެމައިންގެ ޒިންމާއަކީ ، މުޅި އުމުރަށްވެސް މުރުތަޟާގެ ކޮނޑުގައި އެޅިފައި އޮންނާނެ އެއްޗެކެވެ. އެކަން މުރުތަޟާއަށްވެސް އެނގެން ޖެހޭނެއެވެ. އަދި އެކަން ، މުރުތަޟާއަށް ހަނދާންކޮށްދޭންވެސް ޖެހޭނެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.