ޣައްޒާ : އެމެރިކާއާއި އިނގިރޭސީން އިޒްރޭލަށްދިން މެސެޖް/ މީހުން މަރަމުން ގެންދޭ

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކުއަކީ ، ޣައްޒާއަށް އިޒްރޭލުން ބޮންއަޅަންފެށިފަހުން ، އެކަމަށް ހިތްވަރުދީ ، ޣައްޒާގެ ރައްޔިތުން ޝަހީދުކުރުމަށް ބާރުއެޅުމަށް ، އިޒްރޭލަށްދިޔަ ، މުސްލިމުންގެ ދެވަނަ ޢަދުއްވެވެ. އެންމެފުރަތަމަ އެކަމަށް ބާރުއަޅަން އިޒްރޭލަށް ދިޔަ ޢަދުއްވަކީ އެމެރިކާގެ ރައީސް ބައިޑެންއެވެ. މުސްލިމުންގެ މި ދެ ޢަދުއްވުންނަކީ ، އިޒްރޭލް އުފެއްދުމުގައި ދުނިޔެ އެއްބަސްވިގޮތަށް ، ފަލަސްތީނުގެ ބިމުގައި ދެ ދައުލަތެއް އުފެއްދުމަށް 1948 ގައި އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފެއްދުމަށް ފުރުޞަތުނުދީ ، އިޒްރޭލަށް އެފުރުޞަތުދިން މޭސްތިރިން ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެ ވެރިންނެވެ.

ޣައްޒާގެ އަލްއަހުލީ ހޮސްޕިޓަލަށް އިޒްރޭލުން ބޮންއަޅައި ،  ފަލަސްތީނުގެ ފަސްސަތޭކައެއްހާ ރައްޔިތުން ޝަހީދު ކޮށްލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ބައިޑެން އިޒްރޭލަށް ދިޔައީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ސުނަކަށް ނުހުރެވިގެން އިޒްރޭލަށް ދިޔައީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ދެމިހުންވެސް އިޒްރޭލަށް ދިޔައީ ، އިޒްރޭލުގެ ޢުދުވާނީ ޙަމަލާގެ ހޫނުކަން ނުފިލާ އޮއްވައި އެކަކު އެއްދުވަސްފަހުން ، އަނެކަކު ދެދުވަސްފަހުންނެވެ. ދެމީހުންވެސް އިޒްރޭލަށްގޮސް ކުރީ އެއްކަމެކެވެ. ޣައްޒާއަށް ބޮންއަޅައި ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޝަހީދު ކުރުމަށް ހިތްވަރުދިނީއެވެ. މިމަހު 7 ގައި ޙަމާސްއިން ދިންޙަމަލާގައި އިޒްރޭލުން މަރުވި ޔަހޫދީންނަށް ހަމްދަރުދީ ފާޅުކޮށް ، އިޒްރޭލުގެ ބޮލުގައި ފިރުމައި ، ޣައްޒާގައި ޝަހީދުވި ފަލަސްތީނު މުސްލިމުންގެ ނަންވެސް ގަނެ ނުލައެވެ. ދެމީހުންކުރެ އެކެއްގެވެސް ، އިންސާނިއްޔަތުކަމުގެ ކުޑަވެސް ކަންފުޅެއް  ނެތެވެ. ވާނީވެސް އެހެންނެވެ. އެހެނީ ، އިޒްރޭލަކީ ، އެމެރިކާއަށް އިނގިރޭސީންގެ ފަރާތުން ލިބިފައިއޮތް ހަރާންދަރިއެކެވެ. ހަނގުރާމައިގެ ހޫނުކަންމަތީ ، ދެމީހުންވެސް އަވަސްވެގަތީ ، އިޒްރޭލަށްގޮސް ، ދެމީހުންނަށް ލިބިފައިވާ ހަރާންދަރީގެ ބޮލުގައި ފިރުމައި މެޓާދީ ، ދުނިޔޭގެ ޤާނޫނުތަކާދެކޮޅަށް ޢުދުވާން ހިންގުމަށް ހިތްވަރު ދިނުމަށެވެ.

ބައިޑެންއަކީ ، އަނިޔާވެރިކަން އިންތިހާއަށް ގޮސްހުރި މީހެކެވެ. ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ، އިންސާނީ އެހީ ފޮނުވަން ، އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރުވެސް ބައިޑެންވަނީ ވީޓޯ ކޮށްފައެވެ. ބޯފެނާއި ކާބޯތަކެއްޗާ އަދި ކަރަންޓާއި ބޭސް ހުސްވެ ، ބަނޑަށް ޖެހިފައިވާ 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ޣައްޒާއިން ބޭރުވިޔަނުދީ ، އިޒްރޭލުން ތާށިކޮށްފައި އެބަތިއްބެވެ. ފަލަސްތީނުގެ ނިކަމެތިން ، މިޙާލުގައި ދިރިއުޅެމުންގެންދާތާ މިހާރު 75 އަހަރު ވެއްޖެއެވެ. 1948 ގައި ދައުލަތެއްގެ ގޮތުގައި އިޒްރޭލު އުފެދުނުއިރުވެސް ، ފަލަސްތީނުން ފޭރިގެންފައިވާ ބިންތަކާއި ޣައްޒާގައި ، ފަލަސްތީނުގެ ޒިންމާދާރު ވެރިކަމެއް ޤާއިމްކުރެވިފައި އޮތެވެ. އެހެންނަމަވެސް ، އެވެރިކަން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުން އެތަނުން ގަދަކަމުން ބޭރުކޮށް ، ބިންތައް ހިފައި ، ދުނިޔޭގެ އެތަން މިތަނުން ޔަހޫދީން ގެނެސް ވަޒަންވެރި ކުރުވައި އިޒްރޭލަކީ މެދުއިރުމަތީގައި ، ބާރުގަދަ ދައުލަތެއްގެ ގޮތުގައި ހިންދެމިލާން ދުނިޔޭގެ ޤާނޫނުތަކާޚިލާފަށް ، ބޮނޑިބަތް ކައްކައިދިނީ އެމެރިކާއާއި ޔަހޫދީންނެވެ. ހަރާން ދަރިއަށްޓަކައި ، އެމެރިކާއާއި އިނގިރޭސީން ނުކުރާނެ ކަމެއް ނޯންނާނެއެވެ.

ހަރާންނަމަވެސް ދަރިއެއްގެ ގާތަށް ބަފާދިޔައިމަ އަމަޔަށް ނޯވެވިގެން ދެބަފައިންގާތަށް ދާހެން ، އެމެރިކާ އިޒްރޭލަށް ދިޔައިމަ ، ފަހަތުން އިނގިރޭސިވިލާތުންވެސް އިޒްރޭލަށް ދިޔައެވެ. އިނގިރޭސި ބޮޑުވަޒީރު ރިޝީ  ސުނަކް އަކީ ، އިންޑިއާގެ ޕަންޖާބުން އީސްޓް އެފްރިކާއަށް އަދި އޭގެފަހުން އިނގިރޭސިވިލާތަށް ހިޖުރަކުރި އިންޑިއާ ނަސްލުގެ ދެމަފިރިޔަކަށް ލިބިފައިހުރި ދަރިއެކެވެ. ސުނަކްއަކީ ، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ދޯކާދީފައި ، ސިޔާސީ މައިދާނުން ޖާގަހޯދި މަހުޖަނެކެވެ. ޖޯންސަން އާ ދެކޮޅަށް ތެދުވެ ، ދޯކާދީފައި ޙީލަތާއި މަކަރުވެރިކަމުގެ ރޭވުންތަކުން ، ކުރިޔަށް އަރައި ޖޯންސަންގެ މަޤާމު ހޯދީއެވެ. ޓެކްހާބެހޭ ކަރަޕްޝަނުގެ އެތައް ކަންތައްތަކެއް ، ސުނަކްގެ އަންހެނުންގެ ފަރާތުންވަނީ ފަޅާ އަރާފައެވެ. ސުނަކްގެ އަންހެނުންނަކީވެސް ސުނަކްފަދައިން މަހުޖަނެކެވެ.

ކޮންމެއަކަސް ، ޤައުމެއްގެ އަޅުވެތިކަމުގެ ހިތިރަހަ ، ސުނަކްގެ މައިންބަފައިންނަށް އޮންނާނީ ކޮށްފައެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އިންޑިއާ އޮތްއިރު ، ސުނަކްގެ ބައްޕަ އުޅުނީ އިންޑިއާގެ ޕަންޖާބުގައެވެ. އެހެނަސް ، ސުނަކް އަކަށް އެހިތި ތަޖުރިބާތަކުގެ އަސަރެއް ނުކުރިއެވެ. 75 އަހަރުވަންދެން އިޒްރޭލުގެ އަޅުވެތުކަމުގައި ލާއިންސާނީ ޢަމަލުތަކާއި އަނިޔާ ތަޙައްމަލުކުރި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި ، އިޒްރޭލަށްގޮސް ޗުއްޕުވެސް ބުނެނުލައެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުން އަނިޔާވެރިވަމުންދިޔަ އިޒްރޭލުން އެކަން ކުރިޔަށް ގެންދަން ދިނީ ހިތްވަރެވެ. ޖަނަވާރުންނަށް ހިތާހިތުންވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންގެ މައްޗަށް ، ސުނަކްގެ ހިތަކު ނެތެވެ.

ބޮރިސް ޖޯންސަންގެ ވެރިކަމުގައި 2020 ވަނައަހަރު ، ޗާންސެލަރކަމުގެ މަޤާމު ސުނަކްއަށް ދިނެވެ. 2022 ގެ އެޕްރީލްމަހުގެ ތެރޭގައި ، ކޯވިޑްގެ ފުރަބަންދުގައި ބޮރިސް ޖޯންސަންއާއި ސުނަކްގެ ދެމަފިރިން ޕާޓީއެއް ބޭއްވުމާގުޅިގެން ، ޖޫރިމަނާ ކުރެވިފައި ވެއެވެ. ސުނަކް ، ކުރިން އުޅުނީ އެމެރިކާގައެވެ. " ގްރީންކާރޑް " ހިފައިގެންނެވެ. އިނގިރޭސިވިލާތަށް ހިޖުރަކުރީ ، އޮކްޓޯބަރ 2021 ގައި އިނގިރޭސިވިލާތުގެ ވަޒީރެއްގެ މަޤާމު ލިބުމާގުޅިގެންނެވެ. އިނގިރޭސި ބޮޑުވަޒީރުކަމަށް ސުނަކް އައީ އޮކްޓޯބަރ 2022 ގައެވެ. ސުނަކް އަކީ ރޭވުންތެރި ، ޙިކުމަތްތެރި ، މަކަރުވެރި ، ޙީލަތްތެރި ، ހިތްހަރު ، ބޮޑާ މީހެކެވެ. އިސްލާމުންގެ ޢަދުއްވެކެވެ.

މިމަހުގެ 19 ވަނަދުވަހު ، އިޒްރޭލަށްގޮސް ، އެތާނގެ ލާއިންސާނީ އަނިޔާވެރި ބޮޑުވަޒީރާއި ރައީސާ ، ސުނަކްވަނީ ބައްދަލުކޮށްފައެވެ. އިނގިރޭސި އެހެން ބޮޑުވަޒީރުން ފަދައިން ، އިޒްރޭލަށް ޖާނުންފިދާވާ އިނގިރޭސީންގެ ހެޔޮއެދުން ހިފައިގެން ގޮހެވެ. އެހެން މީހުންނަށްވުރެ ، ސުނަކް ހުރީ އެތައް ދަރަޖައެއް ކުރީގައެވެ. އެހެން މީހުންނަށް ދައްކަން ނުކެރޭކަހަލަ ވާހަކަ ސުނަކް ދެއްކިއެވެ. ދަރިންނަށްވެސް ދޭން އެހެންމީހުންނަށް ނުކެރޭ ކަހަލަ ނަސޭޙަތް ދިނެވެ.

ސުނަކް އިޒްރޭލަށްކުރި ދަތުރަކީ ، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވި ދަތުރެކެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި ކުރިން އޮތް ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ، އިނގިރޭސީންގެ އަނިޔާވެރިކަން ހަނދާންކޮށް ، ލަޢުނަތް ދިނުމަށް މެދުވެރިވި ސަބަބެކެވެ. އެމެރިކާއާއި އިނގިރޭސިވިލާތާ އަދި އިޒްރޭލާ ދެކޮޅަށް ، މުޅިދުނިޔޭގައި ކުރެވެމުންދާ މުޒާހަރާތަކުގައި އިނގިރޭސި ރައްޔިތުން ހިމެނިގެންދިޔަ ސަބަބެވެ. ޚުދު އިނގިރޭސިވިލާތުގެ ރައްޔިތުންވެސް ސުނަކްގެ ސަރުކާރަށް ނުރުހުން އަމާޒު ކޮށް މުޒާހަރާކުރަމުން އެބަ ގެންދެއެވެ. އިޒްރޭލަށްގޮސް އަނިޔާވެރިކަމުން ފުރިގެންވާ ލާއިންސާނީ ބޮޑުވަޒީރާ ބައްދަލުކޮށް ސުނަކް އެބުނި ވާހަކަޔަކީ ، ހަމަހަމަ ކަމާއި ޑިމޮކްރަސީއާ ޚިލާފަށް ، ވަކިފަރާތަކަށްޖެހި ، އިނގިރޭސިވިލާތުގެ ޢާންމު ރައްޔިތުންގެ ވިސްނުމާއި ފިކުރާ އިދިކޮޅަށް ބޭނުންކުރި ޙީލަތްތެރި ވާހަކައެކެވެ. ދުނިޔެ ޤަބޫލުކުރާ ހަމަތަކާއި ޤާނޫނުތައް މުގުރާލައި ، އަމިއްލަ އެދުމަށް ، ނަފުސުގެ އަޅަކަށްވެހުރެ ދިން ބަޔާންތަކެކެވެ.

އިނގިރޭސީންގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ މާގްރެޓް ތެޗަރއަކީ ، އިޒްރޭލާ ގާތް އަދި ހަނގުރާމައިގާ އިޒްރޭލަށް ވާގިވެރިވި ދަނގަޑު އަންހެނާގެ ނަމުން މަޝްހޫރުވި ، ހިލަހިތެއްގެ ވެރިޔެކެވެ. އިޒްރޭލުން ، ހަނގުރާމައިގެ ޙާލަތުގައި ހިންގާ ޢުދުވާނާ ދެކޮޅު ހެދުމަށް ތެޗަރ ފަހެއް ނުޖެހެއެވެ. އިޒްރޭލުން ހަނގުރާމައިގެ ކުށެއް ކޮށްފިއްޔާ އެވާހަކަ ބުނެއެވެ. އެތައްފަހަރަކު ، އެކަން ކޮށްފައި ވެއެވެ. ދަރިންނަކަސް ، ކުށެއްކުރީމާ ފިރުމާނީނޫންކަމާއި ، އެކުށުގެ ވާހަކަ ދަރިންގާތު ދައްކަންޖެހޭކަން ތެޗަރ އަށް އެނގެއެވެ. ސުނަކްއަކަށް އެވަރުވެސް ނޭނގުނެވެ. 1982 ގައި ، ބޭރޫތުގެ ޝާތީލާއާއި ޞަބްރާގެ ފޭލިގެތަކުގައި ބުލްޑޯޒަރ ބޭނުންކޮށްގެން ، ފަލަސްތީނުގެ ރެފިއުޖީން ޝަހީދުކުރި ޙާދިސާގައި ، އެއީ އިޒްރޭލުން ހިންގި ނާތަހުޒީބު ޤަތުލު ޢާންމެއްކަމަށް ، ތެޗަރ ބުނެފައި ވެއެވެ. އިޒްރޭލާއި ފަލަސްތީނާ ދެމެދު ، ދެފަރާތަށް ހަމަހަމަ ސިޔާސަތެއް ގެންގުޅެން ޖެހޭކަން ބަޔާންކޮށް ، އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންއަށް ސިޓީއަކުން ، ތެޗަރވަނީ އަންގާފައެވެ. ޙައްދެއްނެތި އިޒްރޭލަށް ތާއީދުކޮށް އެހީވުމަކީ ، މެދުއިރުމަތީގެ ޤައުމުތަކުގެ މަޞްލަޙަތު ގެއްލި ، ފަލަސްތީނު – އިޒްރޭލުގެ މައްސަލަ ގޯހުންގޯހަށް ބަދަލުވެގެންދާނެ ޙާލަތެއްކަން ، ރޭގަންއަށް އަންގާފައި ވެއެވެ.

ސުނަކް ، އިޒްރޭލަށް އިއްޔެ އެކުރި ދަތުރަކީ ، ތާރީޚީގޮތުންބަލާއިރު ، މާގްރެޓް ތެޗަރ ގެ ތަޞައްވުރު ހިފައިގެންކުރި ދަތުރެކެވެ. އެކަމަކު ކުރީކީ ، މާގްރެޓް ތެޗަރގެ ތަޞައްވުރުގައި އޮތްފަދަ ކަމެއްނޫނެވެ. ސުނަކް ހިތުން އޭނާއެކުރީ ވަރަށްމޮޅު ކަމެކެވެ. އެހެނަސް ، ސުނަކްގެ އެ ދަތުރަށް ދުނިޔެ އެދަނީ ލަޢުނަތް ދެމުންނެވެ.

ތާރީޚަށް ބަލާއިރު ، ތެޗަރ އިޒްރޭލަށްގޮސް ފައިބާނީ އޭނާގެ ދަބަސް އަނބުރަމުން ، ހިނތުންވަމުންނެވެ. 7 އޮކްޓޯބަރގައި ޙަމާސްއިންދިން ޙަމަލާއަށް ހިތާމަކޮށް ، އިޒްރޭލަށް ، ތެޗަރ ހަމްދަރުދީވާނެކަން ޔަޤީނެވެ. ހަމައެއާއެކު ، ލާއިންސާނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ފިލާވަޅުވެސް ނަގައިދޭނެއެވެ. މަޔަކު ދަރިޔަކަށް ނުދޭ ނަޞޭޙަތް ދޭނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެމަތިން ހަނދާންކޮށްދީ ، އިންސާނިއްޔަތާއި އިންސާނީ ޙައްޤުތަކުގެމައްޗަށް ފިލާވަޅު ނަގައިދޭނެއެވެ. ދުނިޔޭގައި ނަންހިނގާ ޒަޢީމުންގެ ތަޞައްވުރަކީ ކޮބައިކަމާއި ، ވެރިކަން ލިބުނީމަ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަމުގެ މަތިން ހަނދާން ކޮށްދޭނެއެވެ. ކަންފަތުގައި ހިފައި ނަޞޭޙަތް ނުދީއެއް ނުހުންނާނެއެވެ. ސުނަކްހެން ، ބޮލުގައި ފިރުމާފައި ، ރުއްސާފައެއް ނާންނާނެއެވެ. ނަތަންޔާހޫގެ ފައިމައްޗަށް ތިރިވެ ، ބަލި ހިކަނދިގަނޑަކަށްވެގެން ސުނަކް ، އެއައީ މަލާމާތާއި ފުރައްސާރަ ހިފައިގެންނެވެ.

" އިނގިރޭސި ވިލާތުގެ ޙައްދެއްނެތް ، ޝަރުތެއްނެތް ތާއީދު " އިޒްރޭލަށް ދީފައި ސުނަކް އެނބުރި ޤައުމަށް އައިއިރު ، އިނގިރޭސި ރައްޔިތުން އެބުނަނީ ، ސުނަކް އެހެދީ ގޯހެއްކަމަށެވެ. ޣައްޒާގެ އަލްއަހުލީ ހޮސްޕިޓަލަށް އިޒްރޭލުން ބޮންއަޅައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލި ޙާދިސާ ، އިނގިރޭސިވިލާތުން ކުށްވެރި ކުރުމަށެވެ. އެކަމެއް ސުނަކް ހަނދާނެއް ނެތެވެ.

ސުނަކްގެ ޢަމަލާއިބަހުން ، އެދެއްކީ ، މިވޭތުވެދިޔަ 13 ދުވަހު ، އިޒްރޭލުން މެދުނުކެނޑި ޣައްޒާއަށް ބޮންއަޅައި ، ހޮސްޕިޓަލްތައް ސުންނާފަތިކޮށް ، ސުކޫލްތަކާއި 2 މިލިއަނަށްވުރެ ގިނަމީހުން ދިރިއުޅޭ ގެދޮރު ބިމާ ހަމަކޮށް ، ޢާއިލާތައް ރޫޅާލައި ހަތަރުހާހަށްވުރެ ގިނަމީހުން ، އިޒްރޭލުން ޝަހީދުކޮށްލުން އެއީ އިނގިރޭސި ރައްޔިތުންބޭނުންވާ ގޮތް ކަމުގައެވެ. އެކަން އޮތީ އެހެން ނޫންކަން ޤައުމަށް އެނބުރި އައިތަނުން ސުނަކަށް ފެނިއްޖެއެވެ. އެމެރިކާގެ ރައީސް ބައިޑެންވެސް އިޒްރޭލަށްގޮސް ، އެނބުރި ޤައުމަށް އައިތަނުން ، ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާންޖެހުނު ގޮތަށް ، ސުނަކްއަށްވެސް ޖެހުނީ ހަމަ އެހާލެވެ.

އެކަމުގައި ސުނަކް ކުރާނެ މާބޮޑުކަމެއްވެސް ނެތެވެ. ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެ ، ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރަން އިޒްރޭލަށް ހިތްވަރުދިނުމަކީ ، ސުނަކް އާ ހިސާބުން ފެށުނުކަމެއްނޫނެވެ. އޭނާގެކުރިންހުރި މީހާ ބޮރިސް ޖޯންސަންވެސް އޮތީ އެކަން ކޮށްފައެވެ.

2021 ވަނައަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ، އިނގިރޭސި ބޮޑުވަޒީރަކަށްހުރިއިރު ، އިޒްރޭލުގެ ކޮންޒަރވެޓިވް ރައްޓެހިންނަށް ސިޓީއެއް ފޮނުވިއެވެ. އިޒްރޭލުން ކޮށްފައިވާ ހަނގުރާމައިގެ ކުށްތަކަށް ދަޢުވާކުރުމަށް ، އިންޓްރނެޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ހުއްޓުވައިދީ ، އެކަންކަން ބެލިޔަނުދޭނެކަމަށް ، އެސިޓީގައި ބޮރިސްޖޯންސަން ލިޔެފައި ވެއެވެ. 18 އޮކްޓޯބަރގައި ، ޣައްޒާގައި ބަނޑަށް ޖެހިފައިވާ ދެމިލިއަން މީހުންނަށް ،  އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި ފާސްކުރި ޤަރާރަށް ވޯޓުނުދީ ، މަޖިލީހުގެ އެޖަލްސާގައި ބައިވެރިނުވުމަށް ، ސުނަކްވަނީ ، އިނގިރޭސި ސަފީރަށް އަންގާފައެވެ. އެޖަލްސާގައި ބައިވެރިނުވަނީ ރޫސީވިލާތުގެ އިތުރަށް އިނގިރޭސިވިލާތް އެކަންޏެވެ. އެޤަރާރުވެސްވަނީ އެމެރިކާއިން ވީޓޯ ކޮށްފައެވެ.

މީސްމީޑީއާއާއި އިނގިރޭސީންގެ ރައްޔިތުންގެ މަޖިލީހަށް ސުނަކް ދީފައިވާ ބަޔާންތަކާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ، އިޒްރޭލަށް ޙަމާސްއިންދިން ޙަމަލާ ކުށްވެރިކުރިއިރު ، އިޒްރޭލުން ފަލަސްތީނަށް ދޭ ބޮމުގެ ޙަމަލާތައް ކުށްވެރިކޮށް އެވާހަކައިގެ ނަންވެސް ގަނެލާފައެއް ނުވެއެވެ. އޭގެ މާނަޔަކީ އިޒްރޭލުގެ ދިފާޢީ ވަޒީރު ބުނިގޮތަށް ، ޣައްޒާގައި އެއުޅެނީ އިންސާނީ ޙައިވާނުންކަމުގައި ، ސުނަކު ޤަބޫލުކުރުމެވެ. އަދި އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާޙޫއަށް ސުނަކު އެދިން މެސެޖަކީ ، " ބޮންއެޅުން ކުރިޔަށް ގެންދާށޭ " އެވެ.

އިޒްރޭލުގެ ދިފާޢީ ވަޒީރުންނަކީ ޢަންމުގޮތެއްގައި ލަދުޙަޔާތުގެ ކަންފުޅެއްވެސް ނުހުންނަ ، އަނިޔާވެރިކަން ޙައްދުފަހަނަޅާފައި ތިބޭ ވަލުޖަނަވާރުންފަދަ ، ލާއިންސާނީ ބަޔެކެވެ. އިޒްރޭލުގެ މިހާރުގެ ދިފާޢީ ވަޒީރު ގަލަންޓް އިޢުލާންކޮށްފައިވަނީ ، ޣައްޒާ އެއްކޮށް ޙިޞޯރުކުރުމުގެ ސިޔާސަތެކެވެ. " ކަރަންޓެއް ނުދެވޭނެއެވެ. ކާބޯތަކެއްޗާއި ފެނެއް ނުލިބޭނެއެވެ. ތެލެއްވެސް ނުލިބޭނެއެވެ. އިންސާނަކު ދިރިހުރުމަށްޓަކައި ، އަސާސީ އަދި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްވެސް އެއްޗެއް ނުލިބޭނެއެވެ. " ގަލަންޓް ހާމަކުރި ބަޔާނުގައި ބުނެފައި ވެއެވެ. އެއީ ، ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާ ކަންކަންކަމަށްވިޔަސް ،  ޔަހޫދީ އިޒްރޭލުގެ ވެރިންނަށް ވަރިހަމައެވެ. އިޒްރޭލުން އެބުނާ  " އިންސާނީ ޙައިވާނުން " ނާ ހަނގުރާމަކުރުމަކީ ، ސުނަކުގެ ސަރުކާރަށް މައްސަލައެއް ނޫނެވެ. ބައިޑެންވެސް ނަތަންޔާހޫގާޓު ބުނިގޮތަށް ، އިޒްރޭލަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ، ހަނގުރާމަ ކުރިޔަށް ގެންދަންވީއެވެ. އެޔެއް މިއެއް ނުބަލާ އިންސާނިއްޔަތާ އަދި ބައިނަލްއަޤްވާމީ ޤާޏޫނުތަކާ ޚިލާފަށްވެސް ، އިޒްރޭލުން ޣައްޒާއަށް ބޮންއަޅައި ، ޣައްޒާ ބިމާހަމަޔަށް ތިރިކޮށްލަންވީއެވެ. ޣައްޒާގައި ދިރިއުޅޭ ދެމިލިއަނަށްވުރެ ގިނަ " އިންސާނީ ޙައިވާނުން " ޣައްޒާއިން ނެރެ ފައްސާލައި ޣައްޒާ ޙިޞޯރުކޮށް ، ދުނިޔޭޣެ އެތަންމިތަނުން ޔަހޫދީންގެނެސް އެތަނުގައި ވަޒަންވެރި ކުރުވަންވީއެވެ. ކޮންފަދަ ޖަންގަލީގެ ޤާނޫނެއް ހެއްޔެވެ ؟ ޖަންގަލީގެ ޤާނޫނުވެސް އެހާ އަނިޔާވެރިއެއް ނުވާނެއެވެ. ޙާއިވާނުންގެ މެދުގައިވެސް އެއަށްވުރެ ބޮޑު އިންސާފެއް އޮންނާނެއެވެ. Bottom of Form

މިއަދު ފެންނަމުން އެދަނީ ، ދެވަނަ ބޮޑުހަނގުރާމަޔަށްފަހު ، އިނގިރޭސިވިލާތުން ، ދުނިޔޭގައި ފަތުރަންފެށި އަނިޔާވެރިކަމުގެ ލާއިންސާނީ ސިޔާސަތުގެ ފެށުމެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯ ނުލަނބައި ، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތި ، އިނގިރޭސީންގެ ނުލަފާކަން ދެއްކުމުގެ ކޮޅުމައްޗެވެ. ހަނދާން ކުރަންޖެހޭ ކަމަކީ ، އެއީ މިހާރު ދުނިޔޭގައި ހިނގާނެ އެއްޗެއްނޫންކަމެވެ. ކުޑަދުވަސްކޮޅަކު އެކަން އެގޮތަށް ދެމިއޮވެދާނެއެވެ. އޭގެ ހިތި ރަހަ ކަރުބުޑުގައި ލަމުންދާވަރަކަށް އިނގިރޭސީންވެސް ހޭ އަރަމުން ދާނެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ދުނިޔެއާ ކުޅެމުން އެގެންދަނީ ، އަމިއްލަ  ޙާލަށް ނުވިސްނައެވެ. އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވާ ދުވަހު ، އިނގިރޭސީންނާއި އެމެރިކާ އޮންނާނީ ކުޑަކަކޫޖަހައިގެން ބިންމައްޗަށް ތިރިވެއެވެ. އެދުވަހަކުން " އިންސާނީ ޙައިވާނުން " ނަށްވާނީ ޔަހޫދީންނެވެ. ތާރީޚަކީ އިޢާދަވާ އެއްޗެކެވެ. ﷲ ގެ މިންވަރުފުޅާއި އިރާދަފުޅުން ، މުސްލިމުންނަށް ނަޞްރު ލިބިގެންދާނެ ދުވަސް މާދުރެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.