ޣައްޒާ : ފަލަސްތީނަށް ތާއީދުކޮށް މުޅިދުނިޔެ މުޒާހަރާގައި

ޣައްޒާގެ އަލްއަހުލީ ހޮސްޕިޓަލަށް އިޒްރޭލުން ބޮން އަޅައި ، ހޮސްޕިޓަލްގައިތިބި ބަލި ، އެތައްބަޔަކު ޝަހީދުވުމާގުޅިގެން ، ފަލަސްތީނަށް ތާއީދުކޮށް ، ދުނިޔޭގެ އެތަން މިތަނުގައި މުޒާހަރާ ކުރަމުން އެނަގެންދެއެވެ. ވައިޓްހައުސް ކުރިމައްޗަށް އެއްވެ ، އެމރިކާގައިވެސް މުޒާހަރާ ކުރަމުން އެބަގެންދެއެވެ. ފަލަސްތީނަށް ކަމެއްކޮށްދޭންވީ ދުވަސް އަތުވެއްޖެކަމަށް ، މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދިޔައެވެ. އެމެރިކާގެ ރައްޔިތުން ވައިޓްހައުސް ދޮށަށް އެއްވެ މުޒާހަރާ ކުރަމުން ގެންދިޔައިރު ، އެމެރިކާގެ ރައީސް ބައިޑެން އުޅެނީ ، އިޒްރޭލުގައެވެ. އެމެރިކާއޮތީ އިޒްރޭލާއެކުގައިކަން ދެއްކުމަށްޓަކައި އިޒްރޭލަށްގޮސް ، އިޒްރޭލުގެ މަސްއޫލުވެރިންނާ ބައްދަލުކުރުމުގައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ގައިގާ އެއްއަތުން ބާރަށް ތަޅަމުން އަނިޔާކުރަމުން ، އަނެއްއަތުން އިޒްރޭލުގެ ޔަހޫދީންނަށް ހިތްވަރު ދެމުން އެގެންދަނީ ، ފަލަސްތީނު މީހުންނަށް އަނިޔާކޮށް ޝަހީދު ކުރުމަށެވެ. އެމެރިކާއިން މިކަން ކުރަމުން އެއަންނަނީ 1948 އިން ފެށިގެންނެވެ. އެމެރިކާއިއިން އިޒްރޭލުގެ ބޮލުގައި ފިރުމަމުން ، ރުއްސަމުންގެންދާއިރު ، އިޒްރޭލުކުރާ އެއްވެސް ކަމަކަށް ޗުއްޕުވެސް ނުބުނެއެވެ. އޭގެ ބަދަލުގައި ، ފަލަސްތީނުގެ ބިންތައް ގަދަކަމުން ހިފައި އެބިމުން ފަލަސްތީނުގެ ރައްޔިތުން ނެރެ ތަން ހުސްކޮށް ، އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންގެންދަނީ އެމެރިކާގެ އެހީލިބިގެންނެވެ. ފައިސާ އާއި ހަތިޔާރާ އަދި ސިޔާސީ ގޮތުން އެމެރިކާގެ ތާއީދު ލިބިގެންނެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ވަޒަންވެރި ކުރުވާ ޔަހޫދީންނަކީ ބައިނަލްއަޤްވާމީ އެއްވެސް ހަމައެއް އަދި ޤާނޫނެއް ދަންނަ ބައެއްނޫނެވެ. ޚުދު ، އިޒްރޭލުގެ ޤާނޫނުތަކަކަށްވެސް އެބައިމީހުން  ބޮލެއް ނުލަނބައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ، އެމީހުން އުޅެންވީގޮތް އޮތީ އެމީހުންގެ ފޮތުގައި ބަޔާންކޮށްފައެވެ. އެހެން ޤާނޫނަކަށް އެމީހުންބަތާވާކަށް ނުޖެހެއެވެ.

ފަލަސްތީނުގެ ބިމަކީ ، ޔަހޫދީންގެ މިލްކެއްކަމަށް އެމީހުން ދެކެއެވެ. އެބިމުން ފަލަސްތީނުގެ ޢަރަބީން ފައްސައި މަރައި ހެދުން އެއީ އެމީހުންނަށް ކުށެއްނޫނެވެ. ވަޒަންވެރިކުރުވާ ޔަހޫދީން ދިރިއުޅޭ ހިސާބަކަށް ޢަރަބި ފަލަސްތީނުމީހަކު ވައި އެޅިލިޔަސް ، އެމީހެއްގެ ދުަސް ދުއްވާލައެވެ. ކިތަންމެ ވަރަކަށް ޢަރަބީންނަށް އަނިޔާކުރިޔަސް އެމީހުންނަކަށް އަދަބެއް ނުދެވޭނެއެވެ. އެބިމުން ފައިބައިގެންދާންޖެހޭނީ ޢަރަބީންކަމަށް ޔަހޫދީން ދެކެއެވެ. އިޒްރޭލަށް އައިސް ، ފަލަސްތީނުގެ ބިމުގައި ވަޒަންވެރި ކުރެވޭ ޔަހޫދީންގެ ކަންކަމުގައި އިޒްރޭލަށް އޮންނަނީ ދެގޮތެކެވެ. އެއީ ، އެމީހުން ބޭނުންވާގޮތެއް ހަދައިދިނުމާއި ، އެމީހުންނަށް ބޭނުންވާގޮތަށް އިޒްރޭލުގެ ޤާނޫނު ކޮށާ މަށައި ހިމުން ކޮށްދިނުމެވެ.

ވޮޝިންގޓަންގެ އިތުރަށް ، ޢަރަބީން ދިރިއުޅޭ އެހެން ސަރަޙައްދުތަކުގައިވެސް އެމެރިކާ ސަރުކާން ފަލަސްތީނާޟެދު ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި ، މުޒާހަރާ ކުރެވެމުން އެބަދެއެވެ. ލޮންއެންޖަލީސްއާއި ، ނިއުޔޯރކް އަދި ޑިއަރބޯން އާއި މިޗިގަންގައިވެސް އެމެރިކާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

80 އަށްވުރެ ގިނަ ޤައުމާއި ސިޓީގައި އިޒްރޭލާ ދެކޮޅު މުޒާހަރާ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ، ހުރިހާ ބައްރެއް ހިމެނޭގޮތަށް ، 80 އަށްވުރެ ޤައުމާއި ސިޓީގައި ، ފަލަސްތީނާ އެއްކޮޅަށް އަދި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ހިނގަމުން އެބަދެއެވެ.

މިމުޒާހަރާތައް ހިނގަމުންދާ ތަންތަނުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާ އަދި ޔޫރަޕްގެ ޤައުމުތަކާއި އިންޑިއާގެ އެކިސިޓީތައް ހިމެނެއެވެ. އެ ތަންތަނަކީ ، އެތަންތަނުގެ ސަރުކާރުން ފަލަސްތީނަށް ވާގިވެރިވާ ތަންތަނެވެ. އެމެރިކާގެ ރައީސް ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު މިހާރު އުޅެނީ ، އިޒްރޭލު ރުއްސަން ޓެލްއަވީވަށް ގޮހެވެ. މިޞްރު މަގުން ، ކާބޯތަކެތީގެ 20 ޓްރަކް ، ޣައްޒާގެ ތެރެޔަށް ވައްދަން މިހާރު އޮތީ މިޞްރުން ހުއްދަ ދީފައެވެ. އެއީ ޣައްޒާގެ ބައިބޯ އާބާދީގެ އެންމެ އިރެއްގެ ކޮއްތަށްވެސް ނުފުދޭނެ މިންވަރެކެވެ. މިހުއްދަ ހޯދުނީ އެމެރިކާގެ ރައީސް ބައިޑެން މެދުވެރިވެގެންނެވެ.

އެމެރިކާއަކީ އަބަދުވެސް ޔަހޫދީންނާ އެއްފަރާތުގައި އޮންނަ ބަޔެކެވެ. އެމެރިކާ އެކަންޏެއްނޫނެވެ. ހުޅަނގުގެ ޤައުމުތަކުން ޔަހޫދީންނަށް ތާއީދުކުރަމުން ގެންދަނީ ޝަރުތަކާ ނުލައެވެ. އެކަންވާނީވެސް އެހެންނެވެ. އެމެރިކާގައި 4 މިލިއަނަށްވުރެ ގިނަ ޔަހޫދީން އެބަ ދިރިއުޅެއެވެ. އިޒްރޭލުގެ 6 މިލިއަން ޔަހޫދީ އާބާދީއަކީ ހުޅަނގުގެ ނުވަތަ ޔޫރަޕްގެ ގިނަ ޤައުމުތަކުން އިޒްރޭލަށް އައިސް އިޒްރޭލުމީހުންނަށްވި ޔަހޫދީންނެވެ. އެހެންކަމުން ޔަހޫދީންގެ އާބާދީއަކީ ހުޅަނގާ ވަކިކުރެވޭނެ ބައެއްނޫނެވެ. ރޫސީވިލާތުން ޔުކްރޭނަށް ޙަމަލާދިނުމާއެކު ، އެމެރިކާއާއި ހުޅަނގުން ، ވަގުތުން އެކަން ކުށްވެރިކޮށް ، ޔުކްރޭނަށް ހަތިޔާރު ފޮނުވައިދީ އެހީވާން ފެށްޓިއެވެ. އެއީ ، ޔުކްރޭނުގައި ގިނަޢަދަދެއްގެ ޔަހޫދީން ދިރިއުޅޭތީއެވެ. ޔުކްރޭނުގެ އާބާދީގެ ކޮންމެ އެއްހާސްމީހަކަށް ޔަހޫދީއަކު ދިރިއުޅެއެވެ. ޔުކްރޭނަކީ ޔޫރަޕްގައި ހަތަރުވަނަޔަށް އެންމެ ގިނައިން ޔަހޫދީން ދިރިއުޅޭ ޤައުމެވެ.

އިޒްރޭލް – ފަލަސްތީނު ހަނގުރާމަޔަކީ ތަފާތު ޙާލަތެއްގައި އުފަންވެފައި އޮއްވާ ، ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން މިމަހުގެ 7 ގައި ، އިޒްރޭލަށްދިން ޙަމަލާއަކާގުޅިގެން ، ބަދަލު ހިފުމަށްޓަކައި ، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފެށްޓި ޙަމަލާތަކެކެވެ. ފަލަސްތީނަށް އިޒްރޭލުން ޙަމަލާދޭން ފެށްޓީ ، އިޒްރޭލުން ހިފާފައިވާ ސަރަޙައްދެއްގެ ގޮތުގައި އޮވެ ، ކަރަންޓާއި ފެނާ އަދި ތެލާއި ކާބޯތަކެތި ، ބޭހާއި އިންސާނީ އެހީގެ ތަކެތި ނުވެއްދޭގޮތަށް ، ތަންބަންދުކޮށްގެން ، ޖީލެއް ނައްތާލުމަށް އަމާޒުކޮށްގެންނެވެ. މި ހަނގުރާމައިގާ ، އެމެރިކާއާއި ހުޅަނގުން އަވަސްވެގަތީ އިޒްރޭލުން ޢުދުވާން ހިންގަން އެހީވުމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. ރޫސީވިލާތުން ޔުކްރޭނަށް އަރައި ހަނގުރާމަފެށުމަކީ ، އެމެރިކާއާއި ހުޅަނގަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އެކަމަކު އިޒްރޭލުން ފަލަސްތީނަށް ޙަމަލާދިނުން އެއީ ކުރަންޖެހޭ ކަމަކަށް ވިއެވެ. 48 އަހަރުވަންދެން ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ޢުދުވާނަކީ ، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އެދޭގޮތެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އިސްތިޢުފާ ދީފި

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގައި ، ހަތިޔާރާ ގުޅުންހުރި މުޢާމަލާތުތައް ހިންގުމުގައި ، 11 އަހަރުވަންދެން އުޅުނު އިސް އޮފިޝަލަކު އިއްޔެ އިސްތިޢުފާ ދީފިއެވެ. އޭނާ އިސްތިޢުފާދިނީ ، އިޒްރޭލަށް ހަތިޔާރުދީ ބާރުވެރި ކުރުވުމުގައި ބައިޑެން ސަރުކާރުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތަށް ދެކޮޅުހަދާފައެވެ. އޭނާބުނިގޮތުގައި ، އިޒްރޭލުލައްވާ އެމެރިކާއިން ، ޣައްޒާގައި ހިންގާ ހަނގުރާމައިގައި ބައިޑެން ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ، އިޒްރޭލަށްވެސް އަދި ޙަމާސްއަށްވެސް ގެއްލުން ނޫންކަމެއް ނުހޯދޭނެއެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ޕޮލިޓިކަލް – މިލިޓަރީ އެފެއާޒް ބިއުރޯގެ ޑިރެކްޓަރެއްކަމުގައިވާ ޖޯޝް ޕޯލް އިސްތިޢުފާ ދިނީ ، ބައިޑެން ސަރުކާރުންވެސް ، މިހާރު އެގެންދަނީ ، އެތައް ދުވަހެއްވަންދެން އެމެރިކާއިން ހަދަމުން އައި ގޯސްތައް އިތުރަށް ތަކުރާރު ކުރަމުންނެވެ. ބައިޑެން ސަރުކާރުގެ އެއްކޮޅަކަށް ޖެހިފައިވާ ދެފުށްދެގޮތް ސިޔާސަތުގެ ސަބަބުން ، ސިޔާސީ ނިންމުންތަކުގެ ހަމަހަމަ ކަމާއި އިންސާފުވަނީ ގެއްލިފައިކަމަށް ޕޯލް ބުނެއެވެ. އެއީ އެއްދުވަހަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމެއްކަމުގައި އޭނާ ބަޔާންކޮށްފައި ވެއެވެ.

ޢަދާވާތްތެރިންގެ ޖީލެއް މަރައި ހުސްކުރުމަށް ، އިޒްރޭލަށް ހަތިޔާރުދީ ވާގިވެރިވުން އެއީ އެމެރިކާގެ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ. ފަލަސްތީނުގެ ޖީލުތައް ނައްތާލައިގެން އިޒްރޭލަކަށް އަމާންކަމެއް އަދި ޞުލްޙައެއްވެސް ނުލިބޭނެއެވެ. އަދި ޕޯލްބުނާގޮތުގައި ، އެއީ ޞުލްޙަޔާ ދިމާއަށް ދަތުރުކުރާނެ މަގެއްނޫނެވެ.

އެމެރިކާގެ ރައީސް ބައިޑެންވަނީ ، ބުދަދުވަހު ، އިޒްރޭލަށް ގޮސް ، އިޒްރޭލަށް އެންމެ ރަނގަޅުކަމަށް ފެންނަގޮތަކަށް ޢަމަލުކުރުމަށް ފެހި ސިގްނަލް ދީފައެވެ. ބައިނަލްއަޤްވާމީ ޤާނޫނަކަށް ބޯލެނބުމެއްނެތި ، އިންސާނިއްޔަތަށް ބަލައިލުމެއްނެތި ، އަނިޔާވެރިކަމުން ފުރިގެންވާ ޢުދުވާންތަކަށް ދަހިވެތި ، އިޒްރޭލުގެ ބޮޑުންނަށް އެމީހުން ބޭނުންގޮތަކަށް ، ޙަމާސްގެ ކަންތައް ނިންމައިލުމަށް ވާގިވެރިވަމުން ، ބައިޑެން އަނބުރާ އެމެރިކާއަށް އެއައީ ، އަނދައަނދާހުރި އަލިފާން ގަނޑަކަށް ތެޔޮއަޅާފައިކަމެއް ބައިޑެން އަކަށް ނޭނގެއެވެ. ނުވަތަ އެނގޭކަމަކަށް ނުހަދައެވެ. ވައިޓްހައުސްއަށް އައިސް ވަތްތަނުން ، ބައިޑެންއަށް ކުރިމަތިލާންޖެހުނީ ، ވައިޓްހައުސް ކުރިމަތީ ، އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ އެތައް ހާސް ބަޔަކާއެވެ.

ހަނގުރާމައިގެ ގެއްލުންތައް

12 ދުވަސްވަންދެން ހަނގުރާމަ ކުރިޔަށްދިޔައިރު ، މިދުވަސްތަކުގެ ކުރީކޮޅުގައި އެންމެ ބޮޑަށް ގެއްލުންލިބުނީ އިޒްރޭލަށެވެ. އަދި ފަހުގެ ދުވަސްތަކުގައި ޙަމާސް އަށެވެ. ލިބުނު ގެއްލުންތަކަށް ބަލާއިރު ، މިއަދުގެ ނިޔަލަށް ، އިޒްރޭލުގެ 1403 މީހަކު ވަނީ މަރުވެފައެވެ. 3،800 މީހުން ޒަޚަމްވެފައި ވެއެވެ. ފަލަސްތީނަށް ބަލާއިރު ، ޣައްޒާއިން އެކަނިވެސް 3،478 މީހުންވަނީ ޝަހީދުވެފައެވެ. 12 ހާހަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ. ވެސްޓްބޭންކުން އިޒްރޭލުން ހިފާފައިވާ ބިންތަކުން 69 މީހަކު މަރުވެފައި ވެއެވެ. އަދި އެސަރަޙައްދުން ، 1،300 މީހުން ޒަޚާމްވެފައި ވެއެވެ.

ރޫސީވިލާތާއި ޗައިނާ އަދި އިންޑިއާއިން އިޒްރޭލަށް ތާއީދުކޮށްފާނެތަ ؟

އިޒްރޭލުން ހިންގަމުން އެގެންދަނީ ޢުދުވާނެކެވެ. އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެކެވެ.

ރޫސީވިލާތާއި އިޒްރޭލަކީ ގާތް ރަޙުމަތްތެރި ދެ ޤައުމެވެ. ރޫސީވިލާތުން ޤަބޫކުކުރާގޮތުގައި ، އިޒްރޭލަށް އަމިއްލަ ނަފުސު ދިފާޢުކުރުމުގެ ޙައްޤު އޮންނާނެއެވެ. ހަމައެއާއެކު ، " ދެދައުލަތުގެ ޙައްލު " އެއީ އެ ސަރަޙައްދަށް ޞުލްޙަ ގެނެވޭނެ ހަމައެކަނި މަގުކަމަށް ޕުޓިންވަނީ ހާމް ކޮށްފައެވެ. އެހެންކަމާއެކު ، ރޫސީވިލާތުން ވަކިކޮޅެއް ނުނަގައެވެ. ރޫސީވިލާތުގެ އެތެރޭގެ ޙާލަތަށް ބަލާއިރު ، އިޒްރޭލަށް ތާއީދުކުރާ ބަޔަކާއި ފަލަސްތީނަށް ތާއީދުކުރާ މީހުން އެބަތިއްބެވެ. އެމެރިކާއިން ސީދާ މި ހަނގުރާމައިގެ ތެރެޔަށް ވަދެއްޖެނަމަ ، އެކަމާ ރޫސީވިލާތުން މަޑެއްކޮށެއް ނުއޮންނާނެއެވެ. އަދި ޙިޒުބުﷲ އަށް ނުވަތަ އީރާނަށް މި ހަނގުރާމައިގެ ތެރެޔަށް ވަންނަން ޖެހިއްޖެ ޙާލަތެއްގައި ރޫސީވިލާތުން އަރާނީ ޢަރަބީންގެ ކޮޅަށެވެ. މިހާރުވެސް ، ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގާ ، ރޫސީވިލާތުން ، ސޫރިޔާ ސަރުކާރަށް އެހީތެރިވަމުން ، ހަތިޔާރު ފޯރުކޮށްދެމުން އެބަގެންދެއެވެ.

27 ޓަނުގެ ކާބޯތަކެތި ޣައްޒާއަށް ފޮނުވަން ރޫސީވިލާތުން މިއަދުވަނީ ނިންމާފައެވެ.

ޗައިނާއަކީ އިޤްތިޞާދީ ލޮލަކުން ދުނިޔެބަލާ ޤައުމެކެވެ. ޗައިނާއިން އިސްކަންދެނީ މީހުންނަށެވެ. އިޤްތިޞާދު ދެމިއޮންނާނީ މީހުންނާއެކީގައެވެ. އެހެންކަމުން ، އިޒްރޭލް – ފަލަސްތީނު ހަނގުރާމަޔަށް ބަލާއިރު ، އިންސާނުންމަރައި އަނިޔާކުރުމަކީ ، ޗައިނާއިން ތަރުޙީބުދޭ ކަމެއްނޫނެވެ. ޗައިނާގެ ރައްޔިތުންގެ މެދުގައިވެސް އިޒްރޭލުގެ މައްޗަށް އޮތީ ނުރުހުމެވެ. " ދެ ދައުލަތުގެ ޙައްލު " އެއީ ، ޗައިނާއިންވެސް ބޭނުންވާ ޙައްލެވެ. އެހެންނަމަވެސް އެ ޙައްލަކީ މިހާރުގެ ޙާލަތަށް ބަލާއިރު ، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ޣައްޒާއަކީ 2.3 މިލިއަން އާބާދީއެއް ދިރިއުޅޭ ތަނެކެވެ. އެތަން އެ އޮންނަނީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ. އިޒްރޭލުން ބޭނުންވެއްޖެ ހިނދެއްގައި އެތަނުގެ ބިމުން ބައެއް ހިފައި އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވައި ހަދައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެއެވެ. އެފަދަ ޙާލަތެއްގައި ހަނގުރާމަ ހޫޏުވެދާނެ ކަމެއް ކުރާކަށް ޗައިނާއިން ބޭނުމެއް ނުވާނެއެވެ. އަދި އަމްދުން ، އެމެރިކާއާއެކު އޮންނަ އިޤްތިޞާދީ ވާދަވެރިކަމުގެ މާޙައުލުން ، ހަމަނުޖެހުމުގެ އިތުރު ރާޅެއް އައިސް ޗައިނާގެ ބޯމައްޗަށް ބިންދާލާކަށް ޗައިނާ ބޭނުމެއް ނުވާނެއެވެ.

އިންޑިއާގެ މޯދީއަކީ އިޒްރޭލާއެކު ގާތްގުޅުމެއް ބާއްވަމުން އަންނަ ސިޔާސީ މާހިރެކެވެ. އިންޑިއާއަކީ ، އެންމެ ފުރަތަމަ ފަލަސްތީނު ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އިންޑިއާއިން އިޒްރޭލު ބަލައިގަތީވެސް 1990 ގެ ތެރޭގައެވެ. އިޒްރޭލު އުފެދުނުތާ ސާޅީހަކަށް އަހަރު ފަހުންނެވެ. ހިންދީންގެ ހަރުކަށި ފިކުރުގައި އިސްލާމުންނާ ދެކޮޅު ވިސްނުންތަކެއް އިންޑިއާގެ އިންދީންގެ މެދުގައި އުފެދުމާގުޅިގެންނެވެ. މިހާރުގެ ސަރުކާރަކީ ، ހިންދީންގެ ސަރުކާރެކެވެ. މުސްލިމުންނާބީރައްޓެހި ، އިސްލާމުންނަށް އަނިޔާވެރިވާ ސަރުކާރެކެވެ. އެހެންނަމަވެސް ، އިންތިޚާބެއް ބޯމަތިވެފައި އޮއްވާ ، އިންޑިއާގެ މުސްލިމް އާބާދީއަކީވެސް ވޯޓަށް މުހިންމު އެއްޗެކެވެ. ހިންދީންގެ މެދުގައިވެސް ހަނގުރާމައިގެ ތަޞައްވުރުވަނީ ދެބައިވެފައެވެ. އެހެންކަމުން އިންޑިއާއިން މި ހަނގުރާމައިގާ ވަކިކޮޅަކަށް ޖެހުމަކީ ޚާރިޖީ ސިޔާސަތު ހުއްދަކުރާނެ ކަމެއްނޫނެވެ.

އދ ގެ ސަލާމަތީ މަޖިލީހުން ، ބުދަދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ، ޣައްޒާއަށް އިންސާނީ އެހީ ފޮނުވުމަށް ފާސްކުރި ޤަރާރު ، އެމެރިކާއިންވަނީ ވީޓޯ ކޮށްފައެވެ. އެމެރިކާގެ އިންސާނިއްޔަތާ ޚިލާފު މިޢަމަލަކީ ، އެމެރިކާގެ ބައިވެރިން ފިޔަވައި ، ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައިގަންނަ ކަމެއްނޫނެވެ.

މި ހަނގުރާމަޔަކީ ދިގުދެމިގެން ހިނގައިދާނެ ހަނގުރާމައެއްކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ، މިއަދުވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އެއްފަރާތުގައި ހުރެ ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ ، އިނގިރޭސިވިލާތުގެ އެހީތެރިކަން އިޒްރޭލަށް ބޭނުންވާ ކަމަށެވެ.

ހުޅަނގުން އަންނަނީ ، ހަނގުރާމައިގެ ޚަބަރުތައް އޮޅުވާލައި ، ދުނިޔެއަށް ޙަޤީޤަތް އޮޅުވައިލަމުންނެވެ. ޙަމާސްއަށްވުރެ ، ބޮޑަށް ގެއްލުން ލިބެނީ އިޒްރޭލަށް ކަމުގައި ދައްކަމުންނެވެ. ފަލަސްތީނާއި ޙަމާސް ބަދުނާމުކޮށް ، މީހުންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ރުޅިވެރިކަމާއި ނަފުރަތު އުފެދޭނެ މަޢުލޫމާތާއި ފޮޓޯ އާއި ޚަބަރު ގެނެސް ދެމުންނެވެ. އެއާއެކުވެސް ، އެ ޤައުމުތަކުގެ ރައްޔިތުން އެގެންދަނީ ، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.