ޝައިތާނީ ބަލާ - 3

(10 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރީނދޫ ޝައިތާނު ބަލަން ބޭނުންތަ؟ އިންތިޒާރު ކުރޭ. އެސޮރު ކަލޭ މާޔޫސް ވިޔަކަ ނުދޭނެ. އެކަމަކު އެސޮރުގެ ވާހަކަ ކިޔައިދޭން ކަލެއަކަށް ފުރާނައާއިގެން ސަލާމަތެއް ނުވެވޭ." ބަބުރު ކަލޭގެ އަނެއްކާވެސް ހީނގެންފިއެވެ.

"ޝަޓްއަޕް!" ކާނަލް އަންވަރު ހަޅޭއްލަވައިގަތެވެ.

ހިނދުކޮޅެއް ވާންދެން ބަބުރުކަލޭގެ ހިމޭނުން އަންވަރާއި ދިމާއަށް ކަޅިއަޅައިގެން ހުއްޓެވެ. އެއަށްފަހު ބާރަށް ހީނގަތެވެ. "އަހަރެން އިންތިޒާރެއް ނުކުރާނަން. އަހަރެން މިދަނީ އެސޮރާ ބައްދަލު ކުރަން." މިހެން ބުނެފައި އަންވަރަށް އަނގައިން ބުނެލުމުމުގެ ފުރުސަތެއް ނުލިބެނީސް އެކަލޭގެ ދުއްވައިގެންފިއެވެ.

ކާނަލް އަންވަރު އެރޭ ނިދީ ގަހެއްގައެވެ. ސަލާމަތްތެރިކަމާއެކީ އޮވެވޭނެ ތަނަކަށް އަންވަަރަށް ފެނުނީ ގަހެއްގެ ކުރިއެވެ. އަނެއް ދުވަހު އިރުއެރުމުން ގަހުން ފޭބިއިރު އޭނާގެ ގައިގެ އެތަން މިތާގައި ރިއްސައެވެ. ގަހުގައި އޮވެވުނުލެއް ދަތިކަމުންނެވެ.

ސަލާމަތް ނުވާނެކަން މިހާރު އަންވަރަށް ޔަގީންވެއްޖެއެވެ. އެކަނިމާއެކަނި އެއްވެސް ކަހަލަ ސަވާރީއެއް ނެތި ދެތިން މޭލަށްވުރެ ދުރަށް ދަތުރު ނުުކުރެވޭނެކަން އޭނާއަށް ކަށަވަރުވިއެވެ. މީހުން އުޅޭ އެއްވެސް ސަރަހައްދެއް ކައިރީގައި އޮތް ކަމެއްވެސް ނުވަތަ އޮތްނަމަ އޮތީ ކިހައި ދުރު މިނެއްގައި ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ އަކީ އަތް އުރައިލައިގެންހުރެ މަރަށް އިންތިޒާރުކުރާހައި ފިނޑި މީހެއްނޫނެވެ. އެހެންކަމުން ﷲއާ ވަކީލު ކޮށްފައި ކުރިއަށް ފެންނާން އޮތް އުނދަގޫ މަގުން ހިނގައިގެންފިއެވެ. އޭނާ ބަލަމުން ދިޔައީ ކޯރު ފެންނަ ހިސާބުން ދަތުރު ކުރެވޭތޯއެވެ.

މާ ދުރަށް ނުދެވެނީސް ބިންމަތީގައި އޮތް އެއްޗެއްގައި އަޅައިގެންފިއެވެ. ގުދުވެފައި ބަލައިލީއިރު އެއީ ބަންޑުން އޮތް މީހެކެވެ. މަރުވެފައެވެ. އަންވަރު އެމީހާ ފުރޮޅައިލިއެވެ. އެއީ ދާދި ދެންމެއަކު އަންވަރުގެ ކައިރީގައި ހީނހީނ ހުރެފައި ދުވެފައި އައި ބަބުރުމީހާއެވެ. އޭނާވެސް މަރުވެފައިވަނީ ލޭ ހުސްވެގެންނެވެ. މީހާ ވަނީ ރީނދޫ ކުލައަށް ބަދަލު ވެފައެވެ. އޭނާގެ ކަނދުރާގައި ދެޒަޚަމް ހުއްޓެެވެ. އެޒަޚަމްގެ ކައިރި ވަނީ ހަރުވެ ތޮށިލާން ފަށައިފައެވެ. ރީނދޫ ކުލަ ޖަހައިފައެވެ.

ކާނަލް އަންވަރު ކައިރީގެ ފަރުބަދަތަކުގެ ފުރަގަހާއި ގަސްތަކުގެ ތެރެ ރަނގަޅަށް ހޯދައި ބަލައިފިއެވެ. ރީނދޫ ކިނބޫ އެ ހިސާބުގައި އެބަ އުޅޭ ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ.

"ޝައިތާނާ... ޝައިތާނާ..!" ކާނަލް އަންވަރު ބާރަށް ހަޅޭއްލަވަން ފަށައިފިއެވެ. "އަހަރެންގެ ކުރިމައްޗަށް ނައިސްގެން ތިޔަ އުޅެނީ ކީއްވެގެން؟ ނުކުމޭ. އާދޭ. އަަހަރެންގެ ހޫނު ލޭ ބޯން އާދޭ."

ކާނަލް އަންވަރުގެ ހާލަތު ގޯސްވާން ފަށައިފިއެވެ. ހުންވެސް ގަދަވެއްޖެއެވެ. ހިނދުކޮޅެއް ވީއިރު އޭނާ ރީނދޫ ކިނބުލުގެ މަތިންވެސް އަދި ދިރިހުރުމުގެ މަތީންވެސް ހަނދާން ނެތިއްޖެެއެވެ. އަދި ދިރިހުރުމުގެ އެދުމެއްވެސް ނުމެނެތްމެއެވެ. މިނިކާ ޖަނަވާރެއްގެ އަތްދަށުވެ، އެސޮރުގެ ނާސްތާއަށް ނުވެ ހުރީވެސް އޭނާގެ ނަސީބު ރަނގަޅު ކަމުންކަން ނޭނގެއެވެ.

އޭނާ މޮޔައެއްހެން މުޅި ޖަންގަލީގައި ލާހޫރެން ފަށައިފިއެވެ. ހިނގަމުން ގޮސް ވަރުބަލިވުމުން ވެއްޓިއްޖެއެވެ. ވެއްޓިފައި އޮވެގެން މޮޔަގޮވައެވެ. އެހެން އިރުކޮޅަކު އޮވެފައި އަނެއްކާވެސް ތެދުވެގެން ހިނގައިގަނެއެވެ. އޭނާ ދަތުރު ކުރަމުން ދަނީ ކަނޑައެޅިގެން މަރާ ދިމާއަށްކަން އޭނާއަށް ޔަގީންވެއެވެ. ވަރުބަލިވެގެން ވެއްޓިފައި އޮއްވާ ރީނދޫ ކިނބޫ އައިސް އޭނާގެ ލޭފޮދު ބޮއިލައިގެން ހިނގައިދާނެ ކަމުގައިވެސް އޭނާއަށް ހީކުރެވެން ފަށައިފިއެވެ. އޭރު އޭނާ އޮންނާނީ ލޯހުޅުވައިލާފައި އެސޮރާ ދިމާއަށް ބަލައިލާނެ ހިތްވަރެއްވެސް ނެތިފައެވެ.

ހިނގެނީވެސް އޭނާއަށް ނޭނގި ގެންފައިހުރި ބިރެއްގެ ސަބަބުންނެވެ. އެެހެން ނޫންނަމަ ހިނގާނެ ވަރެއްވެސް އޭނާގެ ގަޔަކު ނެތެވެ.

ހަވީރުވާން ފަށައިފިއެވެ. އަނބުރައިގަނެގެން ވެއްޓިފައި އިރުކޮޅަކު އޮތުމަށްފަހު އޭނާއަށް ހޭވަރިކަންވީއިރު ބަޔަކު ވަރަށްބާރަށް ވާހަކަ ދައްކާއަޑު އިވެއެެވެ. އޭނާގެ ކުރިމަތީގައި ވަނީ ފަރުބަދަތަކުގެ ދިގު ސިލްސިލާއެކެެވެ. އެ އަޑެއް އިވެނީ ފަރުބަދަތަކުގެ އަނެއް ފަރާތުންނެވެ.

އޭނާ ތުރުތުރުއަޅާ ހާލުގައި ވަރަށް މަސައްކަތްކޮށްގެން ފަރުބަދައިގެ މައްޗަށްއަރައި އަނެއް ފަރާތް ބަލައިލިއެވެ. އަނެއް ފަރާތުގައި އޮތް ވާދީއެއްގެ ތެރޭގައި ތިން ބަބުރުން ފުމެފުމެ ތިއްބެވެ. އެ ތިން މީހުންގެ ކުރިމަތީގައި ބިންމަތީގައި ދެއަންހެން ކުދިން ތިއްބެވެ. ބިރުން ތުރުތުރު އަޅައަޅައެެވެ.

ތިން ބަބުރުން ހަޅޭއްލަވަނީއެވެ. އަންހެންކުދިންގެ ވަށައިގެން އެނބުރި އެނބުރިފައި އަތުގައި އޮތް ލޮންސި އެކުދިންނާއި ދިމާއަށް ދިއްކުރަނީއެވެ. މަރައިލާނެކަމުގެ ބިރު ދައްކަނީކަން ނޭނގެއެވެ. ލޮންސި ދިއްކޮށްލާ ކޮންމެ ފަހަރަކު އެކުދިން ހަޅޭއްލަވައިގަނެއެވެ.

ކުއްލިއަކަށް އެތަނުން އެކަކު ލޮންސި އެއްލައިލާފައި ދެ އަންހެންކުދިންކުރެ އެއްކުއްޖަކާ ދިމާކޮށްލައިފިއެވެ. އަންހެންކުއްޖާ ލައިގެން ހުރި ކެހެރި ހެދުން ވީދަން ފަށައިފިއެވެ. އެކުއްޖާގެ ހަޅޭކުގެ އަޑުން މުޅި ވާދީ ވަނީ ގުގުމައިފައެވެ. އަނެއް އަންހެންކުއްޖާ ބިރުން ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އޮތީއެވެ.

ކާނަލް އަންވަރުގެ ލޭ ކެކިގެންފިއެވެ. އޭނާ ކޮނޑުގައި އަޅުވައިފައި އޮތް ރައިފަލް ނަގައިފިއެވެ. މެގަޒިނަށް ބަލައިލީއިރު އެންމެ އުންޑައެއްވެސް ނެތެވެ. އޭނާ ހައިރާންވިއެވެ. އެހެނީ ބަޑީގެ ބޭނުން ހިފި ހަނދާނެއް އޭނާ އެއްގޮތަކަށްވެސް ނެތެވެ. ބުރަކަށީގައި އަޅުވައިފައި އޮތް ދަތުރު މަތީ ދަބަހުގައި މެގަޒިނެއް އޮތެވެ. އޭނާ އެމެގަޒިން ބަޑިއަށް ލައްވަން ފަށައިފިއެވެ. ތުރުތުރު އަޅާވަރުން މެގަޒިން އަތުން ދޫވެގެން ނުވެއްޓުނީވެސް ކިިރިޔާއެވެ.

ވަހުޝީންގެ އަޑު އިހަށްވުރެ ގަދަވާން ފަށައިފިއެވެ. ކާނަލް އަންވަރު ބިރުން ހުރެމެ އަނެއްކާވެސް ފަރުބަދަގަނޑު މަތިން ބޯދީ އަނެއް ފަރާތަށް ބަލައިލިއެވެ. އެވަގުތު ހައިރާންވީވަރުން އޭނާގެ އަނގަ ހުޅުވުނެވެ. އަންހެންކުއްޖާއާ ދިމާކޮށް އުޅުނު ވަޙްޝީ ކަލޭގެ އޮތީ ލެއިން ތަތްތެޅިފައި ބިންމަތީގައެވެ. މަރަށް ތެޅިތެޅިއެވެ.

އަނެއް އަންހެން ކުއްޖާގެ އަތުގައި ލޮންސިއެއް އޮތެވެ. ދެ ބަބުރުން ތިބީ އެކުއްޖާއާ ހަމަލަދޭން ފަރިކޮށްކޮށެވެ. އެކުއްޖާގެ އަތުގައި އޮތް ލޮންސިވެސް ވަނީ ލެއިން ފޯވެފައެވެ. އެއީ މިހާރު ބިންމަތީގައި އެއޮތް ކަލޭގެ އެއްލައިލި ލޮންސިއެވެ. ދުރުގައި އިން ކުއްޖާގެ މަތިން ހަނދާން ނައްތައިލާފައި، ބިންމަތީގައި އޮތް ކުއްޖާއާ ދިމާކޮށްލި ވަގުތު އޭނާ ދަނޑިވަޅުގެ ބޭނުން ހިފީއެވެ. މިހާރު ތިމާގެ އަމިއްލަ ޖާނު ސަލާމަތްކުރުމަށްޓަކައި ހަނގުރާމަ ކުރަނީއެވެ. އަންހެންކުއްޖާގެ ހިތްވަރުގަދަކަން ފެނިފައި ކާނަލް އަންވަރު ހައިރާންވިއެވެ. އަދި އެކުއްޖާއަށް ދިފާއުގައި މާގިނައިރު ހަނގުރާމަ ނުކުރެވޭނެކަންވެސް އެނގުނެވެ. ކާނަލް އަންވަރު ބަޑިއަށް މެގަޒިން ލެއްވިއެވެ. މި ފަހަރަކު އޭނާގެ އަތުން މެގަޒިން ކައްސައެއް ނުލިއެވެ. އޭނާ އަޖާއިބުވިއެވެ. ހަށިގަނޑުގައި ހުރި ތުރުތުރު އެޅުންވެސް ފިލައިފިއެވެ. ބަޑިއަށް ސަމާލުވެ ނިމުމަށްފަހު އޭނާ އެނބުރި ވާދީއަށް ބަލައިލީއިރު މަންޒަރު އޮތީ ބަދަލުވެފައެވެ. ދެ ވަހުޝީން އެކުއްޖާގެ މައްޗަށް ގަދަވެގަތުމާ ކައިރިވެއްޖެއެވެ. އެ ދެ މީހުންވެގެން އެކުއްޖާ ދަމައިފައި އެއްފަރާތަކަށް ގެންދަނީއެވެ. ގޮސްގޮސް ތިބެފައި ދެމީހުން ކުއްލިއަކަށް އަންހެންކުއްޖާ ދޫކޮށްލައިފައި ފަހަތަށް ޖެހިގެންފިއެވެ.

ވެގެން އުޅޭ ގޮތެއް ފުރަތަމަ ކާނަލް އަންވަރަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ދެވަނަ ހިނދުކޮޅުގައި ޖަންގަލީ ގޮރިއްލާއެއް އަންހެން ކުއްޖާއާ ދިމާކޮށްލިތަން ފެނިފައި އަންވަރަށް ހުރިހައިކަމެއް ސާފު ވެއްޖެއެވެ. ދެ ވަހުޝީންގެ ތެރެއިން އެކަކު ބިންމަތީގައި އޮތް ލޮންސި ނަގައި ސަމާލުވެލީ ވަގުތު އަންވަރު ބަޑިޖަހައިފިއެވެ. ދޫކޮށްލި ދެއުންޑަވެސް އަމާޒުވިއެވެ. ދެ ވަހުޝީން ބިންމައްޗަށް ވެއްޓި މަރަށް ތެޅެން ފަށައިފިއެވެ.

ކާނަލް އަންވަރު ތެޅެމުން ފޮޅެމުން ފަރުބަދައިން ތިރިއަށް ފައިބައިފިއެވެ. ތަންތާނގައި އަޅައިގަތުމުގެ ސަބަބުން ހެދުންގަނޑު ވީދި ހަށިގަނޑުގެ އެތައް ތަނެއް ޒަޚަމްވެސް ވެއްޖެއެވެ. އެހެންނަމަވެސް އޭނާ އެކަމަކާ ފަރުވާލެއް ނުބަހައްޓައެވެ. އޭނާއަށް ތިރިއަށް ފޭބުނުއިރު ގޮރިއްލާ އެކުއްޖާއާ ހަމަލަދެނީއެވެ. އަންހެންކުއްޖާ ސަލާމަތް ވާންވެގެން ގަދަ ހަދަނީއެވެ.

މީގެ ކުރިންވެސް ކާނަލް އަންވަރަށް އޮތީ މިފަދަ ހާދިސާއަކާއި ކުރިމަތިލާން ޖެހިފައެވެ. ވުމާއެކު ބަޑިޖަހަންވީ ތަން ފިސާރި ރަނގަޅަށް އޭނާ އަށް އެނގެއެވެ. ބަޑި ރަނގަޅަށް އަމާޒު ކޮށްފައި ޖެހި ދެއުންޑަވެސް ކާމިޔާބު ވިއެވެ.

ގޮރިއްލާ ހޭރިގަތް އަޑު ގަދަކަމުން ހީވީ ދަށްއުޑުން ގުގުރައިލި ހެންނެވެ. ބިންމައްްޗަށް ވެއްޓި އިރުކޮޅަކު ތެޅިލުމަށްފަހު އަބަދަށްޓަކައި ހިމޭންވެއްޖެއެވެ.

ކާނަލް އަންވަރުގެ ހަކަތަވެސް މުޅިން ހުސްވެއްޖެއެވެ. ބަޑި އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ލޯމައްޗަށް އަނދިރިވެފައި މީހާ އަރިއަޅައިލައިފިއެވެ.

އެވަގުތު އަންހެންކުއްޖާ ދުވެފައި އައިސް އޭނާގެ ފުރާނަ ސަލާމަތްކޮށްދިން މީހާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އޯގާތެރިކަމާއެކު ބޮލުގައި ފިރުމަން ފެށިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.