ފަލްސަފާ (24)

(15 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފޯނެއް އައިމަ ނޫރު ބޭރަށް ނުކުމެ ، ދެކޮޅަށް ހިނގަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ވަށްކަޅިން އެތަން ބަލަން ޙަފުޞާއާއި ޠާހިރާ ތިއްބެވެ. ޙަފުޞާގެ ދެބުމަ ހުރީ ގޮށްޖެހިފައެވެ. ޙަފުޞާގެ ހިތުތެރޭގައި ނޫރުގެ މައްޗަށް އޮތް ރުޅިއާއި ނަފުރަތު އޭނާގެ މޫނުމަތިން ސާފުވެއެވެ.

މުރުތަޟާގެ ކައިވެންޏަށް ، ނޫރުގެ ފަރާތުން އަތުވެދާނެ ހުރަސްތަކަކަށް ، ޙަފުޞާ ހުންނަނީ ކަންބޮޑުވެފައެވެ. ނޫރު ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަމެއް ނޭނގެއެވެ. މުރުތަޟާގެ ދިރިއުޅުމުގެ އެއްވެސް ޙިއްޞާއެއް މިހާރަކު ، ނޫރުއަކަށް ނެތެވެ. އެކަން ނޫރުއަށް ރަނގަޅަށް ސާފުކޮށްދޭން ، އެތައްފަހަރަކު ޙަފުޞާ ބުނެފިއެވެ. އެހެންނަމަވެސް ، ނޫރުއަށް ސަމާލުކަންދީގެން ، ނޫރުކުރާ ކަމަކާ ވިސްނާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ. ނޫރު އުޅޭގޮތަކަށް އުޅެފާނެތާއެވެ. އެއީ ، މުރުތަޟާއާ ބެހޭކަމެއްނޫނެވެ.

ޠާހިރާގެ ވިސްނުމުގައިވެސް އޮތީ ހަމަ އެންމެ ކަމެކެވެ. ޙަފުޞާގެ ވިސްނުމުގައިވެސް އޮތް އެއްޗެކެވެ. އެމީހުންނާއެކު ބާޒާރަށްދާން ނޫރު އެއައީ ތަހުނިޔާ ބުނެގެންނެވެ. ނޫރު އެހުރީ އޭނާގެ ރަޙުމަތްތެރިޔާ އެދިގެން ، އެކަން ކޮށްދޭން އެގެޔަށް އައިހެވެ. ނޫރުގެ ޚިޔާލާ ނުލައި ކައިވެނީގެ ހެދުމާއި ގަހަނާ ގަންނާކަށް ، ތަހުނިޔާ ބޭނުމެއްނޫނެވެ. އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް މުރުތަޟާއަކަށް ނުފެނެއެވެ. އެކަމާ މަންމަމެން ކަންބޮޑުވެގެން އުޅެންވީ ސަބަބެއް މުރުތަޟާއަކަށް ނުވިސްނުނެވެ.

އެމީހުންނާއެކު ނޫރު ހިނގައްޖެއްޔާ ، އެއްވެސްކަމެއްގައި ޙަފުޞާގެ ބަހެއް ނުވިކޭނެއެވެ. ހުރިހާކަމެއް ނިންމާނީ ނޫރުއެވެ. އެއީ ޙަފުޞާއަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. އެމީހުންނާއެކު ނޫރު ، ބާޒާރަށް ގެންދާކަށް ޙަފުޞާ ބޭނުމެއް ނޫނެވެ. ނޫރުގާތު ގެޔަށްދާށޭ ބުނަން ، މުރުތަޟާއަށް ނުކެރިގެން އެއުޅެނީ ކީއްވެގެންކަމެއް ނޭނގެއެވެ. ޙަފުޞާހުރީ އެކަމާވެސް ނުރުހުން ވެފައެވެ.

ނޫރުއާއި މުރުތަޟާގެ ކައިވެނި ރޫޅައިލީ ޙަފުޞާއެވެ. ތަހުނިޔާއާއެކު މުރުތަޟާގެ ކައިވެނިކުރުވަނީވެސް ޙަފުޞާއެވެ. މުރުތަޟާ އެހުރީ ، މަންމަ ބޭނުންވާ ގޮތަކަށް އޭނާގެ ކައިވެނީގެ ނިންމުންތައް ނިންމަން ، މަންމަޔަށް ދޫކޮށްލައިގެންނެވެ. މަންމަ ބުނާ ކޮންމެ ގޮތެއް މުރުތަޟާ ހަދާނެއެވެ. އެމީހުންނާއެކު ބާޒާރަށް ދިޔަޔަސް ، ނޫރުއާ މުރުތަޟާ ކޮންމެހެން ވާހަކަ ދައްކާކަށް ނުޖެހެއެވެ. ނޫރުއާ ދުރުގައިވެސް މުރުތަޟާއަށް ހުރެވިދާނެއެވެ.

ތަހުނިޔާގެ ގޮތް ދޫނުކުރުމުގެ ސަބަބުން ، އެންމެފަހުން ބާޒާރަށްދާން ޖެހުނީ ނޫރު ގޮވައިގެންނެވެ. އެންމެ ފަހު ވަގުތު ، ސާޖިދާގެ އަމުރެއް ތަހުނިޔާގެ މައްޗަށް އައެވެ. ތަހުނިޔާ އިންނަންޖެހޭނީ ، މުރުތަޟާގެ ކާރުގައި ފުރަތަމަ ޝީޓުގައެވެ. ނޫރުގެ ކާރުގައި ނޫރު އަމިއްލަޔަށް ހިނގައިދާނެއެވެ. ތަހުނިޔާ ، ނޫރުގެ ކާރަށް އަރައިގެން ނުވާނެއެވެ. ސާޖިދާ ބޭނުންވީ އެވަގުތުކޮޅުވެސް ، ނޫރުއާއި ތަހުނިޔާ ދުރުކޮށްލާށެވެ. އަދި ، މުރުތަޟާއާއި ތަހުނިޔާ ގާތް ކުރާށެވެ.

ކާރަށް މީހުން އެރުމުގެ އިންތިޒާމް ދިޔައީ ، ސާޖިދާ ބޭނުންވި ގޮތަކަށްނޫނެވެ. މުރުތަޟާގެ ކާރުގެ ފުރަތަމަ ޝީޓުގައި ބޮޑުވެފައި އަރާއިނީ ޙަފުޞާއެވެ. ޠާހިރާއާއި ސާޖިދާ ، އަދި ތަހުނިޔާ އަރަންޖެހެނީ މުރުތަޟާގެ ކާރުގެ ފަހަތު ޝީޓަށެވެ. ނޫރުގޮސް އޭނާގެ ކާރަށް އެރިއެވެ. އެ ކާރުގައި ދާން ޖެހުނީ ނޫރު އެކަންޏެވެ. އޭނާގެ ބޭނުމަކަށް ، ނޫރު އެގެޔަށް ގެނެސް ، ނޫރު އެކަނި ކާރުގައި ދިއުން އެއީ ، ތަހުނިޔާއަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ނޫރު އޭނާގެ ކާރަށް އަރަމުން އެއްވެސް ޚިޔާލެއްނެތި ތަހުނިޔާއަށް ގޮވައިލިއެވެ. އަނެއްކޮޅުން ، މަންމަ އާއެކު މުރުތަޟާގެ ކާރަށް އަރަން އަންނަން ، މަންމަ ގޮވައިލިއެވެ. ކުޑައިރުކޮޅަކު ވިސްނައިލަން ހުރެފައި ، ތަހުނިޔާގޮސް އެރީ ނޫރުގެ ކާރަށެވެ. އެއީ ޙަފުޞާވެސް އަދި ސާޖިދާވެސް ބޭނުންވި ގޮތެއްނޫނެވެ. އެދެމީހުންވެސް ތިބީ ، އެކަމާ ހިތްހަމަ ނުޖެހި ދެބުމަ ގޮށްޖަހައިގެންނެވެ.

ޙަފުޞާމެންގެ ކަންކަންހުރިގޮތުން ، އެވަގުތު ނޫރު އެގެޔަށް އައިމަ ހިތްހަމަ ނުޖެހިފައިތިބިކަން ނޫރުއަށް އެނގުނެވެ. އެކަމާ ނޫރު އިނީ ކަންބޮޑުވެފައެވެ. އަދި ، އެކަމާބެހޭގޮތުން ތަހުނިޔާއާ ސުއާލުކުރިއެވެ. ތަހުނިޔާ ވަކި ބުނާނީ ކީކޭ ހެއްޔެވެ ؟ ތަހުނިޔާއަށް އެކަމާބެހޭގޮތުން ބުނެވުނީ އެންމެ ބަހެކެވެ. އެމީހުންގެ ކަންކަން ހުންނަގޮތް ނޫރުއަށްވެސް އެނގޭނެ ނޫންހެއްޔޭ ބުނެ ނިންމައިލިއެވެ. އެވަރަކުން ތަހުނިޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެކަމުގައި ގޯސްހެދީ ، ކާކުކަން  ނޫރުއަށްވެސް އަދި ތަހުނިޔާއަށްވެސް އެނގެއެވެ. އެދެމީހުންނަކީވެސް ، ބަޔެއްގެ ނުފޫޒުގައި ކުރިމަތިވެފައި އޮތް މަޖުބޫރެއްގައި ތާށިވެފައި ތިބި ބަޔެކެވެ. އެމީހުންނަކީ ، އެހެންމީހުންގެ ކަންބޮޑުވުންތަކަށް ވިސްނާނެ ބައެއްނޫނެވެ.

ތަހުނިޔާގެ ވިސްނުންހުރިގޮތުން ، ނޫރުގެ ހިތަށް ހަމަޖެހުން ލިބި ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ. ތަހުނިޔާއާ ވާހަކަ ދައްކައި ނުލެވޭނަމަ ، ނޫރުގެ ސިކުނޑި މިހާރު އޮންނާނީ ގޮވާފައެވެ. ރަޙުމަތްތެރިންނަކީ ރަޙުމަތެއްކަމުގައި މީހުން ބުނެ އުޅޭނޫންހެއްޔެވެ. އެއީ ނޫރުއަށް ވިސްނޭގޮތުގައި ވަރަށްބޮޑު ތެދެކެވެ.

" ތަހުނިޔާއެވެ ! އަހަރެންނާ ދުރަށް ނުދައްޗެވެ. އަހަރެން ދޫކޮށްނުލައްޗެވެ. ތަހުނިޔާގެ ގާތްކަމާއި ރަޙުމަތްތެރިކަމަކީ އަބަދުވެސް އަހަރެންނަށް ބޭނުންވާނެ އެއްޗެކެވެ. " ނޫރު ފެންކަޅިވެފައި އިނދެ ބުންޏެވެ.

އެއީ ، ދުވަހަކުވެސް ވާނެކަމެއްނޫންކަމަށް ބުނެ ، ތަހުނިޔާ ހިނިތުން ވެލިއެވެ.

ނޫރު ހުރީ މުރުތަޟާމެންގެ ކާރު ފަހަތުން ބަލައިގެން ދާށެވެ. އެހެންނަމަވެސް ، ބާރު ސްޕީޑުގައި އެދިޔަގޮތަށްގޮސް ނޫރުމެންނަށް ، މުރުތަޟާމެންގެ ކާރު ގެއްލިއްޖެއެވެ. އެހެނަސް ، ފިލަން ދެވޭނީ ކިހާދުރަކަށްތޯ ބަލައިލާނަމޭ ބުނެ ، ނޫރު އޭނާގެ ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ.

މުރުތަޟާމެންގެ ކާރުތެރޭތިބި އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ދައްކަންހުރި ވާހަކައިގެ ބޮޑުކަމުން އެކަކަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އެންމެފަހުން އެކަންވެސް ކުރީ ޙަފުޞާއެވެ. ޙަފުޞާއަކަށް މަޑެއްކޮށެއް ނުއިނދެވުނެވެ.

ޙަފުޞާ ކުރީޝީޓުގައި އިނދެ ، ސާޖިދާއާ ދިމާއަށް އެނބުރުނެވެ.

" ސާޖިދާއެވެ! ހުރިހާކަމެއްގައި ނޫރުލްޢައިނު ޝާމިލްކުރުމުގެ ބޭނުމެއްނެތްކަން ތަހުނިޔާއަށް ވިސްނައިދޭން އެބަޖެހެއެވެ. މިކައިވެންޏާއި ، ކައިވެންޏަށް ވަމުންދާ ތައްޔާރީއަކީ ނޫރުއާ ބެހޭކަމެއްނޫނެވެ. އަހަރެންނަށް ވިސްނޭގޮތުގައި ، ތަހުނިޔާގެ ބޮލަށް ނޫރު ވަންނަމުން އެބަދެއެވެ. އެކަން އެގޮތަށް ދާކަމަށްވަންޏާ ، ނޫރު ބޭނުންވާ ގޮތަކަށްނޫނީ އެއްވެސްކަމެއް ނުކުރެވޭނެއެވެ. އަހަރެމެންގެ ބަހެއް ތަހުނިޔާގެ މައްޗަކަށްވެސް ނުވިކޭނެއެވެ. " ޙަފުޞާ ބުންޏެވެ.

އެކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ، މާބޮޑުކަންކަމަށް ހަދައިގެން މަންމަ ، ވާހަކަ ދައްކާތީ  މުރުތަޟާ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މަންމަގެ ކަންތައްވެސް މާބޮޑީއެވެ. ކުދިކުދި ކަންތައް މާބޮޑެތި ކަންކަމަށް ހަދައިގެން ވާހަކަ ނުދެއްކުމަށް މުރުތަޟާ ، އޭނާގެ މަންމަގެ ކިބައިން އެދުނެވެ.

ނޫރު އޭނާގެ ފޯނުނަގައި ، މުރުތަޟާއަށް ގުޅިއެވެ. އަދި ، މުރުތަޟާމެން އެދަނީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. ހަމައެއާއެކު ބުޚާރީއަށް ދާންވީނޫންހޭ ބުނެ ، އެތާނގައި ޑިޒައިނަރ ސާޅި ހުންނާނެކަމަށް ނޫރު ބުންޏެވެ. ޠާހިރާއާ މުޚާތަބުކޮށް ، ނޫރުގެ ސުއާލު ، މުރުތަޟާ ތަކުރާރުކުރިއެވެ. ޠާހިރާބުނިގޮތުގައި އެމީހުން އެދަނީ ، ތޯރިޤް ރޯޑަށެވެ. އެމީހުން އެދަނީ ތޯރިޤް ރޯޑަށްކަމަށް ނޫރުގާޓުގައި ބުނެ ، ބުނެ މުރުތަޟާ ފޯނު ކަނޑައިލިއެވެ.

ތޯރިޤް ރޯޑަކީ ވަރަށް އާދައިގެ ހެދުން ހުންނަ ސަރަޙައްދެކެވެ. އެތަނަކުން ކައިވެނީގެ ހެދުމަކަށް ކަމުދާނެ އެއްޗެއް ނުލިބޭނެއެވެ. އެކަމާ ނޫރު ވަރަށް ހިތްހަމަ ނުޖެހުނެވެ. ކައިވެންޏަކީ އިންސާނާގެ ޙަޔާތުގައި އެންމެ ފަހަރަކު އަންނަ އުފާވެރި މުނާސަބަތެކެވެ. އެ މުނާސަބަތަށް ރީތި ހެދުމެއް ހޯދުމަކީ ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާނެ ކަމެކެވެ.

ކައިވެނި އެކުރެވެނީ ވަރަށް ކުއްލި ގޮތަކަށެވެ. މުރުތަޟާ އަތުގައި އެހާގިނަ ފައިސާއެއްވެސް ނުހުންނާނެއެވެ. އަގުބޮޑު ހެދުން ގަނެ ، އެހެން ޚަރަދުތައްކުރަން ލައްކަ ގިނަފައިސާ ބޭނުންވާނެއެވެ. މުރުތަޟާގެވެސް އަނގަޔެއް ނޯވެއެވެ. އޭނާގެ އަންހެނުންނަށް ރީތި ނަލަ ހެދުމެއް ހޯދައިދޭން ބޭނުންވާ ވާހަކަ ބުނެލާނެފަދަ ހިތްވަރެއްވެސް އޭނާގެ ނެތެވެ. އެހެންމީހުން ޖަހާހާ ބެރަކަށް ނަށާމީހުންދެކެ ނޫރު ވަރަށްފޫހި ވެއެވެ. އިންސާނާގެ އަމިއްލަ ތަޞައްވުރު ހިފަހައްޓަން ނޭނގޭމީހުންނަކީ އެއްވެސް މީހެއްނޫނެވެ.

އެކަމުގެ ހާސްކަމުގައި ނޫރުއާއި ތަހުނިޔާ ކިތަންމެ ވަރަކަށް ނެގިނެގިފައި ޖެހުނަސް ، އެދެމީހުންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. އެކަން އެދެމީހުންނަށްވެސް ވަރަށް ސާފުކޮށް އެނގެއެވެ. އެމީހުން ގެންދާ ތަނަކަށް ދާން ދެމީހުންވެސް އެއްބަސްވިއެވެ. އެތަނުން ލިބެން ހުރި އެންމެ ރަނގަޅު ހެދުމެއް ހޯދުން ނޫންގޮތެއް ނެތެވެ.

ތަހުނިޔާއާ މެދު އެހާބޮޑަށް ވިސްނާ ޚިޔާލު ކުރާތީ ތަހުނިޔާ ، ނޫރުއަށް ޝުކުރު އަދާކުރިއެވެ. އެކަން އަބަދުވެސް އޮންނާނީ އެގޮތަށްކަމުގައި ނޫރު ވަޢުދުވިއެވެ.

ޙަފުޞާމެން އެދާތާކަށްގޮސް ސާޅިފިހާރަޔަކަށްވަދެ ސާޅިތައް ބަލަމުން ގެންދިޔައެވެ. މުރުތަޟާ އިނީ އެކަމާ ނުބެހެންވެގެން ދުރުގައި މަޑުކޮށްލައިގެންނެވެ. ނޫރުއާއި ތަހުނިޔާއާ ދެމީހުންތިބީ ،  އެކީގައި އެއް ގޮނޑިއެއްގައި އިށީނދެ އެތާހުރި ސާޅިތައް ބަލާށެވެ. އެތާނގައި ފަހުގެ ޑިޒައިންތަކެއް ނެތެވެ. އެތާހުރީ ތިންހަތަރު އަހަރު ވެފައިހުރި ވަރަށް މުސްކުޅި ޑިޒައިން ތަކެއްގެ ސާޅިއެކެވެ. އެއިން އެކައްޗެއްވެސް ނޫރުއަކަށް ކަމަކު ނުދިޔައެވެ. ތަހުނިޔާ ހިތްހަމަޖެހޭ ސާޅިއެއްވެސް އެތަނަކުން ނުފެނުނެވެ. އެކަމާ ބެހޭގޮތުން ނޫރުއާ ތަހުނިޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ. މުރުތަޟާއަށް އިނދެވުނީ އެދެމީހުން ދައްކާ ވާހަކަތައް އިވޭ ހިސާބުގައެވެ.

އެތަނުން ކަމުދާ އެއްވެސް ޑިޒައިނެއް ނުލިބުމުން ،  ޖެހިގެންހުރި ފިހާރަ ބަލައިލަން ދިއުމަށް ނޫރު ޚިޔާލު ދިނެވެ. އެކަމަށް ތަހުނިޔާވެސް އެއްބަސްވިއެވެ. އެދެމީހުން ތެދުވަން ތައްޔާރުވެލިތަނާ މުރުތަޟާ އެމީހުން ހުއްޓުވިއެވެ. އެންމެފަހުން އެމީހުން ބެލި ސާޅި މުރުތަޟާއަށް ކަމުދާކަމަށް ބުންޏެވެ. އަދި ، އެއީ ތަހުނިޔާއާ ވަރަށްގުޅޭނެ ސާޅިއެއްކަމަށްވެސް ބުންޏެވެ. މުރުތަޟާގެ އެ ޢަމަލަކީ ޙަފުޞާއަށް ވަރަށް ކަމުދިޔަ ކަމަކަށް ވިއެވެ. ހިނިތުންވެލައި ސާޖިދާއާ ތާހިރާއާ ދިމާއަށް ބަލައިލަމުން ބޯ ހޫރުވައިލިއެވެ. ނޫރުއާ ދެކޮޅަށް މީހަކު ބުނެލާ ކޮންމެ ވާހަކައެއްވެސް ، ޙަފުޞާއަށް ކަމުދާނެއެވެ. އެއީ ގޯސް ވާހަކައެއްކަމަށްވިޔަސް ، އެވާހަކަޔަކަށް ޙަފުޞާގެ ތާއީދު ލިބޭނެއެވެ.

ސާޖިދާވެސް މުރުތަޟާއާ އެއްބަސްވިއެވެ. ސާޖިދާއަށްވެސް އެސާޅި ކަމު ހިނގައްޖެއެވެ. ޠާހިރާވެސް ސާޖިދާއާ އެއްބަސްވެ ، އެއީ ތަހުނިޔާއަށްވެސް ކަމުދާ ސާޅިއެއްނޫންހޭ ބުނެ ތަހުނިޔާއަށް ދޯ އެއްލިއެވެ. އެ ފުރުޞަތުގެ ބޭނުން މުރުތަޟާވެސް ހިފިއެވެ. އެ ސާޅި ޕެކްކޮށް އެކަން ނިންމުމަށް ސޭޓުގާތުން މުރުތަޟާ އެދުނެވެ. ތަހުނިޔާއަށް އެއީ ރަނގަޅު ނިންމުމެއްކަމަކަށް ނުފެނުނެވެ. އެކަމާ ބެހޭގޮތުން އެއްޗެކޭ ބުނަން ތަހުނިޔާ އަނގަ ހުޅުވައިލިތަނުން ، ޙަފުޞާވެސް އެކަމަށް އަނގަބާނައި ، އެއީ އެންމެ ފަހުގެ ނިންމުން ކަމަށާ އަދި ތަހުނިޔާ ލާންވާނީ މުރުތަޟާއަށް އެންމެ ކަމުދާ ހެދުމެއްކަމުގައި ބުންޏެވެ.

ސާޅި ނެގުމަށްފަހު ، ތަހުނިޔާއާއި ނޫރު ދިޔައީ ގަހަނާ ފިހާރަޔަކާ ދިމާލަށެވެ.

އެމީހުންބޭނުންވާ އެއްޗެއްނަގަން ތަހުނިޔާއަށް ފެންނަންޏާ ، ނޫރު އެތަނަށް އައުމުގެ ބޭނުމެއް އެބައޮތްތޯ ނޫރު ސުއާލު ކުރިއެވެ. އެކަމުގައި ތަހުނިޔާ ކުރާނީ ކީއްހެއްޔެވެ ؟ ތަހުނިޔާއަށް އެއްޗެއް ބުނާނެ ފުރުޞަތު ، ޙަފުޞާއެއް ނުދިނެވެ. ނޫރުއާ ދެކޮޅު ނިންމުމެއްވީމަ ، ޙަފުޞާ އަވަސްވެގަތީ ނޫރުގެ އަގު ވެއްޓޭގޮތަށް އަވަހަށް އެކަން ނިންމައި ލުމަށެވެ. ޙަފުޞާ އެކަންޏެއްނޫނެވެ. ސާޖިދާއާއި ޠާހިރާވެސް އެތިބީ ނޫރުއާ ދެކޮޅަށް ތެދުވެއެވެ. އެތިން އަންހެނުންގެ ކުރިމަތީ ތަހުނިޔާ ކުރާނީ ކީއްހެއްޔެވެ ؟ އެއީ މުރުތަޟާވެސް ބޭނުންވާ ގޮތެވެ.

އެކަމުގައި ތަހުނިޔާ އެއްޗެކޭ ނުބުނީތީ ނޫރުހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެދުމާބެހޭގޮތުން ތަހުނިޔާއަށް ފެންނަ އެއްޗެއް ބުނުމުގެ ޙައްޤު ތަހުނިޔާއަށްވެސް އޮންނަން ޖެހޭނެއެވެ. އެހެދުންލާނީ  އެމީހުންނެއްނޫނެވެ. އަމިއްލަ ބޭނުންތައް އެހެންމީހުންގެ އުފަލަށްޓަކައި ޤުރުބާން ކުރަންޏާ ، އެމީހަކު އަބަދުވެސް ހުންނާނީ އެމީހެއްގެ ޙައްޤުތަކުން މަޙުރޫމު ވެފައެވެ. ވަގުތު ފާއިތު ނުވަނިސް މުރުތަޟާގާތު އެވާހަކަ ދެއްކުމަށް ނޫރު އެދުނެވެ. އެމީހުންގެ ޢިޝާރާތަށް ނަށަންޏާ ތަހުނިޔާ އަބަދުވެސް ހުންނަން ޖެހޭނީ އެމީހުން ޖަހާހާ ބެރަކަށް ނަށަނަށައެވެ. އަމިއްލަ އުފަލަށްޓަކައި އެއްވެސްކަމެއް ނުކުރެވޭނެއެވެ. ދިރިއުޅުމެއް އާބާދު ކުރެވޭނީ ، ތަހުނިޔާބޭނުންވާ ގޮތްތަކެއްވެސް އޭގެތެރެޔަށް ލައިގެންނެވެ. އެމީހުން ބޭނުންވާހާ ގޮތަކަށް ތަހުނިޔާ އުޅެގެންނެއް ، އަމިއްލަ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ހާސްކަމުގައެވެ. އެމީހުންގެ ފަރާތުން ނުރުހުމުގެ ބަހެއް ކުރިމަތިވެދާނެތީ ކަންބޮޑުވެފައެވެ. އެއީ އެއްވެސް އިންސާނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ތަހުނިޔާއަކީ ނޫރުގޮތަށް އަމިއްލަ ނަފުސަށް ޔަޤީންކަން އޮންނަމީހެއްނޫނެވެ. ނޫރުހާ ހިތްވަރު ގަދައެއްނޫނެވެ. އެހެންމީހުން ބުނާގޮތްއެއީ އޭނާއަށް ޙައްޤު މިންވަރުކަމަށް ޤަބޫލުކުރަން ، ތަހުނިޔާއަށް ވަނީ މަޖުބޫރު ވެފައެވެ. އެ ޙާލަތުގައި ތަހުނިޔާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެހެންނަމަ ، ތަހުނިޔާ އެދޭގޮތަށް ، އޭނާ ބޭނުންވާ ގޮތެއް އިޚުތިޔާރުކުރުމުގެ ހިތްވަރު އޭނާއަށް ލިބުނީހެވެ. ޙަފުޞާމެންނާއެކީ އެންމެ ދުވަހަކު ތާކަށް ދިއުމުން ، ޙަފުޞާމެންގެ ގޮތާއިފޮތް ތަހުނިޔާއަށް ވިސްނިއްޖެއެވެ. ކުރިޔަށް އޮތީ ، އެމީހުންނާއެކު މުޅި ޢުމުރު ހޭދަކުރަންޖެހޭނެ ދުވަސްތަކެވެ. ދިމާވާ ކަންކަމަށް ތަހުނިޔާ ކެތްކުރާނީ ކިހިނެއްކަމެއް ނޭނގެއެވެ.

ތަހުނިޔާއާއި ނޫރުއާ ދެމީހުން ރަންފިހާރަތައް ކައިރިން ހިނގަމުން ދަނިކޮށް ، ޙަފުޞާމެން ފަހަތުން އައިސް ހަމަކުރިއެވެ. އެމީހުން މިހާރު އެތިބީ ގެޔަށްދާން ލަސްވެފައެވެ.

ސާޖިދާއައިސް ، ތަހުނިޔާއާ ގާތަށް ޖެހިލައި މުރުތަޟާއާ ދެމީހުން މުރުތަޟާގެ ކާރުގައި ގެޔަށް ދާން ބުންޏެވެ. ދަނޑިވަޅު ބަލާފައި ، ޙަފުޞާވެސް އެކަމަށް ހިތްވަރުދީ ، އެދެމީހުން އެކަނި މުރުތަޟާގެ ކާރުގައި ދިއުމަށް އަމުރު ކުރިއެވެ. އަދި ނޫރުގެ ކާރުގައި ދެންތިބިމީހުން ގެޔަށްދާނީކަމަށް ބުންޏެވެ. ވަގުތުބަލާފައި މުރުތަޟާވެސް އައިސް ، ޔަހުނިޔާގާތަށް ޖެހިލައި ، ހިނގާށޭ ބުނެ ތަހުނިޔާ ގެންދިއުމަށް ބާރު އެޅިއެވެ.

ހަދާނެގޮތެއް ނޭނގިފައިހުރި ތަހުނިޔާއަށް ، ބޭއިޚުތިޔާރުގައި މުރުތަޟާ ފަހަތުން ހިނގައިގަނެވުނެވެ. ދެންތިބި ތިން އަންހެނުން ގޮވައިގެން އޭނާގެ ކާރުގައި ދާން ނޫރުއަށް މަޖުބޫރު ވިއެވެ. ހަފުޞާހުރީ އޭނާގެ ރޭވުން ކާމިޔާބުވިކަމަށްޓަކައި ފަޚުރުވެރި ވެފައެވެ. މަލާމާތުގެ ނަޒަރަކުން ނޫރުއާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. ސާޖިދާއާ ޠާހިރާގެ މޫނުމަތިންވެސް ފެންނަނީ މަލާމާތުގެ އަސަރެވެ. އެހެންނަމަވެސް ، ކުރާނެކަމެއް ނެތެވެ. އެމީހުންޖެހި މަޅީގައި ނޫރު އެހުރީ ޖެހިފައެވެ. ހިތާ ދެކޮޅަށް ، އެމީހުންގޮވައިގެން ގެޔަށް ދިއުމަށްޓަކައި ނޫރު ނުކުތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.