ޣައްޒާ އިއްޔެ .........

ޚާންޔޫނުސް އަށް އިޒްރޭލުން މިއަދު ދިން ބޮމުގެ ޙަމަލާއެއްގައި ހެދިފައިވާ މާސިންގާ ވަޅުގަނޑެއް ބެލުމަށް އެތައް ސަތޭކަބަޔަކު އެއްވިއެވެ. ބޮމުގެ އެ ޙަމަލާގައި އުފެދުނު ވަޅުގަނޑުގެ ފުޅާމިނުގައި ސަތޭކަ އެތައްފޫޓެއް ހުއްޓެވެ. ފުންމިނުގައި ފަންސާސް އެތައްފޫޓެއް ހުއްޓެވެ. ލުބުނާނުގެ އުތުރަށާއި ދެކުނު ޣައްޒާއަށް ފޮސްފަރަސް ހިމެނޭ ބޮން އަޅަމުންގެންދާކަން އދ ގެ ޖަމާޢަތްތަކުންވަނީ ކަށަވަރުކޮށްދީފައެވެ. ފޮސްފަރަސްއަކީ ވިހަގަދަ ކެމިކަލެކެވެ. އޭގެ އަސަރު އިންސާނާގެ ހަށިގަނޑަށް ފޯރުމުން މަސްތަކުގެ ތެރެޔަށް ވަދެ ހުޅުތަކަށް ގެއްލުންދީ ، ހަށިގަނޑުގެ ނާރުތަކުގެ ބާރު ކަނޑުވާލައި ، ދާއިމީ ވޭނަކަށް ބަދަލުވެ ، ރަނގަޅު ނުވާވަރަށް އެމީހަކު ބަލިވެއެވެ.

ގެއްލުން

ޣައްޒާއަކީ 2.3 މިލިއަން ފަލަސްތީނުން ދިރިއުޅޭ ސަހަރެކެވެ. އޭގެތެރެއިން . 1.7 މީހުން ދިރިއުޅެނީ ރެފިއުޖީ ފޭލިގެތަކުގައެވެ. ގެދޮރުގެ ނަސީބު ލިބިގެންވަނީ ކޮންމެ ހަތަރު މީހަކުން އެކަކަށެވެ. އާބާދީގެ 47 އިންސައްތައަކީ ކުޑަކުދިންނެވެ. ގިނައީ މައިންބަފައިން މަރުވެފައިވާ ޔަތީމު ކުދިންނެވެ. ދެން އެންމެ ގިނައީ ހުވަފަތްވެފައިތިބި އަންހެނުންނާއި މުސްކުޅިންނެވެ.

އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ޢުދުވާނީ ޙަމަލާއަކީ ، ހަނގުރާމައިގެ ޤާނޫނީ ހަމަތަކުންވެސް އަދި އިންސާނިއްޔަތުގެ ޢާންމު އުޞޫލުތަކުންވެސް ، ދުނިޔެ އެމައްޗަށް ޢަމަލުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ދުނިޔޭގެ ޤައުމުތަކުން ޢަމަލުކުރުމަށް އެއްބަސްވެފައިވާ މުޢާހަދާތަކާއި ، އިޒްރޭލާއި ދުނިޔޭގެ ޤައުމުތަކާ އަދި އިޒްރޭލާ ފަލަސްތީނާ ދެމެދު އެއްބަސްވެ ސޮއިކުރެވިފައިވާ މުޢާހަދާތަކާ މުޅިން ޚިލާފު ، އިންސާނީ ޙައްޤުތަކުންބޭރު ، އިންސާނިއްޔަތާ ޚިލާފު ޢުދުވާނެކެވެ.

އިޒްރޭލުގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގައި މުސްލިމުން އަޅުކަންކުރަން ޤާއިމްކޮށްފައިވާ 18 ބިނާއެއް ހަލާކުކޮށްލާފައި ވެއެވެ. އޭގެތެރޭގައި 11 މިސްކިތެއް ހިމެނެއެވެ. ކިޔަވައިދިނުމަށް ހަދާފައިވާ 90 ޢިމާރާތެއް ހަލާކު ކޮށްލާފައި ވެއެވެ. ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ 64 ހާހަށްވުރެ ގިނަތަންތަން ސުންނާފަތި ކޮށްލާފައި ވެއެވެ. އޭގެތެރޭގައި ހަހާހެއްހާ ގެދޮރު ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންނަށް ފެންލިބޭގޮތަށް އިންތިޒާމްކޮށްފައިހުރި ، 11 ތަނެއް ހަލާކުކޮށްލާފައި ވެއެވެ. އިޒްރޭލުގެ ޙަމަލާތަކުގައި ، ބަލިމީހުން އުފުލުމަށް ބޭނުންކުރާ 20 އެމްބިއުލެންސް ހަލާޚުވެފައި ވެއެވެ. ޞިއްޙީ ފަރުވާދޭ 19 މަރުކަޒެއް ހަލާކުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ބައެއް ހޮސްޕިޓަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.

ފަލަސްތީނުގެ އަންހެނުންކުރެ ، ބަނޑުބޮޑުވެ ، ޞިއްޙީ ފަރުވާއިން މަޙުރޫމުވެފައިވާ 50 ހާސް އަންހެނުން އެބަތިބިކަމަށް ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދެއެވެ. އޭގެތެރެއިން 5 ހާހަށްވުރެ ގިނަމީހުންނަކީ އަންނަ މަހުގެ ތެރޭގައި ވިހަން ތައްޔާރުވެފައިތިބި ބަޔެކެވެ. ޝަހީދުވާ އަންހެނުންގެ ތެރޭގައި މާބަނޑު އަންހެނުންވެސް ހިމެނެއެވެ.

 

އދ އިން ކަށަވަރުކޮށްދޭގޮތުގައި އދ އަށް ނިސްބަތްވާ  މުއައްޒަފުންކުރެ ، އިޒްރޭލުގެ ޢުދުވާނުގައި ޙަމަލާތަކުގައި އދ ގެ 14 މުއައްޒަފަކު، މިހާތަނަށް ވަނީ މަރުވެފައެވެ.ފަލަސްތީނުގެ 2،800 އަށްވުރެ ގިނަމީހުންވަނީ ޝާހީދުވެފައެވެ. އަދި ، ދިހަހާހެއްހާމީހުން ޒަޚަމްވެފައި ވެއެވެ. އދ އިން ހިންގާ ސްކޫލްތަކުގައި 4 ލައްކަޔަށްވުރެ ގިނަމީހުން ޙިމާޔަތް ހޯދަމުން އެބަގެންދެއެވެ.

ޣައްޒާގެ އަލްޖަލާ ސްޓްރީޓްގައި ހުރި އެއްވެސް މީހަކު ދިރިނުއުޅޭ ގެޔަކަށް ، އިޒްރޭލުންވަނީ ރޭގެ ވަގުތެއްގައި ބޮން އަޅާފައެވެ. އެގެވަށައިގެންތިބި މީހުންގެ ތެރެއިން 2 މީހަކު ޝަހީދުވެ 10 މީހަކު ޒަޚަމް ވިއެވެ.

އިޒްރޭލުން ބުނާގޮތުގައި ، ޙަމާސްއިން ހައްޔަރުކޮށްފައިވާ ހޮސްޓެޖުންގެ ޢަދަދު މިހާރުވަނީ 199 އަށް އަރާފައެވެ. ކުރިން ބުނެފައިވަނީ ، 155 ކަމުގައެވެ. ޙަމާސްއިން ހައްޔަރުކޮށްފައިވާމީހުން ގެންގޮސް ރައްކާކޮށްގެން ގެންގުޅެނީ ޣައްޒާގެ ސިއްރު ހޮހަޅަތަކުގައެވެ. އިޒްރޭލުގެ ރަށްވެހިންނާއި ބިދޭސީންވެސް ހޮސްޓެޖުންގެ ތެރޭގައި ހިމެނެއެވެ. އިޒްރޭލުން ޣައްޒާއަށް ޙަމަލާދީ ، ޣައްޒާ ސުންނާފަތި ކުރަމުން އެގެންދަނީ ، ހޮސްޓެޖުންގެ ފުރާނަޔަށް ބެލުމެއް ނެތިއެވެ. ޣައްޒާއިން އިޒްރޭލް ސިފައިން ސިފައިން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު މިހާރުވަނީ 600 އަށް އަރާފައެވެ. މީގެ އިތުރަށްވެސް އެތައްބަޔަކު އިޒްރޭލު ސިފައިންގެ އަތްދަށަށް ގެންގޮސްފައި ވެއެވެ. އެމީހުން ގެންދެވުނީ އިދާރީ ބޭނުމެއްގައިކަމަށް އިޒްރޭލުން ބުނެއެވެ. މިމީހުން ހައްޔަރުކުރި ސަބަބު އެނގޭނީ ހަމައެކަނި އިޒްރޭލަށެވެ.

ޚާން ޔޫނުސަށް ، ހުއްޓުމެއްނެތި ، އިޒްރޭލުން ބޮންއަޅަމުން އެބަގެންދެއެވެ. ޣައްޒާގެ އުތުރު ސަރަޙައްދުގެ  4 ހޮސްޕިޓަލެއްގެ ޚިދުމަތް އެއްކޮށް ކެނޑިފައިވާކަމަށް އދ ގެ އޮފިޝަލުން ޚަބަރު ދެއެވެ. އިތުރު 21 ހޮސްޕިޓަލެއް ހުސްކޮށް މީހުން ނުކުތުމަށް އިޒްރޭލުން މިހާރުވަނީ އަމުރު ނެރެފައެވެ. އދ ގެ އިންސާނީ ޞިއްޙީކަންކަން ބަލަހައްޓާ އިދާރާތަކުންނާއި ޑަބްލިޔޫ އެޗް އޯއިން ބުނާގޮތުގައި ، އެގޮތަށް ބަލިމީހުންނާއެކު ހޮސްޕިޓަލްތައް ހުސްކުރަން އެންގުމަކީ ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާ ޚިލާފު ކަމެކެވެ. އދ އިން މަޢުލޫމާތު ދޭގޮތުގައި އެ ޖަމާޢަތުން ޣާއްޒާގައި ބިނާކޮށްފައިވާ ، ކާބޯތަކެތި ރައްކާކުރާ ގުދަނަކަށް ، ރޭގެ ވަގުތެއްގައި އިޒްރޭލުންވަނީ ބޮން އަޅައިފައެވެ.

ޙަމާސްގެ ޙަމަލާތަކުގައި ، އިޒްރޭލުގެ 1،400 މީހުން މިހާރުވަނީ މަރުވެފައެވެ. އިޒްރޭލު ސިފައިންގެ 299 މީހުން ، އޭގެތެރޭގައި ހިމެނެއެވެ. އަދި އިޒްރޭލުގެ 3،900 މީހުންވަނީ ޒަޚަމް ވެފައެވެ. ފަލަސްތީނުން ޝަހީދުވި މީހުންގެ ޢަދަދު ، އިޒްރޭލުން މަރުވިމީހުންގެ ދެގުނަޔާ ކައިރި ކުރެއެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ، އިޒްރޫލުގެ ޢުދުވާނުގައި ޣައްޒާގައި ޝަހީދުވި ފަލސްތީނު ރައްޔިތުންގެ ޢަދަދު 2،800 އަށްވުރެ މައްޗަށް އަރައެވެ. ޒަޚަމްވީ ފަލަސްތީނު މީހުންގެ ޢަދަދކީ 10،859 އެވެ.

ޣައްޒާއަށް ފެން ދޫކޮށްފި. އެކަމަކު އެފެން ބޮވޭނެގޮތެއްނެތް

ޣައްޒާއަށް ފެން ދޫކޮށްފިކަމަށް އިޒްރޭލުން ބުނެއެވެ. އެހެންނަމަވެސް ދޫކުރި ފެނަކީ ޣައްޒާގެ 20 އިންސައްތަޔަށްވެސް ނުފުދޭވަރުގެ ކުޑަ މިންވަރެކެވެ. ފެންއަޅާފައިހުރި ޓޭންކްތައް ބެހެއްޓިފައިހުރީ ޣައްޒާގެ ބޯޑަރ ކައިރީގައެވެ. އެއީ މީހުން ހުސްކޮށްދިއުމަށް އިޒްރޭލުން އަންގައި ފޯރިމަރަމުން ގެންދާ ސަރަޙައްދެކެވެ. އެ ޓޭންތަކުން ފެންނަގައިގެން ، ގެންދިއުމަށްޓަކައި ފެން އުފުލާ ޓްރަކް ބޭނުންކުރަން ޖެހެއެވެ. ޓްރަކް ދުއްވުމަށްޓަކައި ތެޔޮ ބޭނުން ވެއެވެ. ޣައްޒާއަށް ތެޔޮ އެތެރެކުރުން އިޒްރޭލުންވަނީ ހުއްޓުވާފައެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ވަރަށްވެސް ޣައްޒާގައި ތެލެއް ނެތެވެ. ޓްރަކްތަކަށް ފެންއަރުވައިގެން ޣައްޒާގެ ތެރެޔަށް ގެންދެވުނަސް ، ކަރަންޓް ނެތުމުގެ ސަބަބުން ، އެފެން ބޭނުންކުރެވޭނެ ގޮތް އެއީ ނެތް ގޮތެކެވެ.

ޣައްޒާއަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން އެއީ އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން ރުހުން އޮތްކަމެއްނޫނެވެ. އެކަން ކޮށްގެންނުވާނެކަމަށް ، އެތައްވަޒީރަކު ބުނަމުން ގެންދިޔައެވެ. އެހެނަސް ، ޣައްޒާގެ ރައްޔިތުންގެ ލޮލަށް ފެންނަގޮތަށް އިޒްރޭލުން ފެން ގެންގޮއްސިއެވެ. އެ ފެން ބޯނެގޮތެއް ނުދައްކައެވެ. ޣައްޒާއަށް އިންސާނީ އެހީ އެތެރެވުމަކީވެސް އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން ހުއްދަކުރާކަމެއް ނޫނެވެ.

ޙިޒުބުﷲ އާއި އީރާނަށް އިޒްރޭލުގެ އިންޒާރެއް

އަމިއްލަޔަށް  މަރުވާންނޫނީ ޙިޒްބުﷲ އިން މިހަނގުރާމައިގެ ތެރެޔަށް ނުވަނުމަށް އިޒްރޭލުންވަނީ ، ޙިޒްބުﷲ އަށް އިންޒާރު ދީފައެވެ. އިޒްރޭލުން ހިފާފައިވާ ބިމާ ލުބުނާނާ އިންވެގެން އޮންނަ ބޯޑަރާ 2 ކިލޯމީޓަރު ދުރަށް  ، އެސަރަޙައްދު ކައިރީ އޮންނަ 28 އަވަށެއްގައި ދިރިއުޅޭ މީހުން އެތަނުން ދުރަށް ދިއުމަށް އިޒްރޭލުން ވަނީ އަންގާފައެވެ. އެ އެންގުން އިޒްރޭލުން އަންގާފައިވަނީ އިޒްރޭލާއި ޙިޒަގުﷲ އިން އެސަރަޙައްދުގައި ބަދަލުކުރި ޙަމަލާތަކަކަށް ފަހުގައެވެ.  އިޒްރޭލުން ބުނާގޮތުގައި ، އެ ސަރަޙައްދުން މީހުން ދުރަށް ޖައްސަންޖެހުނީ ، އެ ސަރަޙައްދުގައި އިޒްރޭލުން މިނިވަންކަމާއެކު ، ޙަރަކާތްތެރިވުމަށްޓަކައެވެ. އަދި އެކަމާގުޅިގެން އެ ޖަމާޢަތްތަކަށް ލިބިދާނެ ގެއްލުންތަކަކުން އެމީހުން ރައްކާތެރި ކުރުމަށްޓަކައެވެ. އިޒްރޭލުން ހިފާފައިވާ ބިމާ އިންވެގެންވާ ލުބްނާނުގެ ބޯޑަރުގެ ސަރަޙައްދަށް ޙިޒްބުﷲ އިން ޙަމަލާދިނީ ، އީރާނުން ބުނެގެންކަމަށް އިޒްރޭލުން އަންގައެވެ. އަދި ، އެކަމުގެ ނަތީޖާ ހިތިވާނެކަމަށް ބުނެ ، އީރާނާއި ޙިޒްބުﷲ އަށް އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ. އިޒްރޭލުން ޣައްޒާ ހިފައިފިނަމަ ، ނަތީޖާ ރަނގަޅުނުވާނެ ކަމަށާއި ހަނގުރާމަ އިތުރަށް ފުޅާވެ އެހެން ދިމަދިމާއިން ހުޅުފަޅައިގެން ހިނގައިދާނެކަމުގެ އިންޒާރު ، އީރާނުންވަނީ މިދިޔަ ހަފުތާގައި އިޒްރޭލަށް ދީފައެވެ.

ސަލާމަތްވާން ދިޔަ ޤާފިލާތަކަށް އިޒްރޭލުން ޙަމަލާ ދިނުން

އުތުރު ޣައްޒާއިން މީހުން ފޭބުމަށް އިޒްރޭލުން އަމުރުކުރީ މީގެ ތިންދުވަސް ކުރިންނެވެ. އިޒްރޭލުގެ އެ އިންޒާރާ ގުޅިގެން އުތުރު ޣައްޒާއަށް ދަތުރުކުރަމުން ގެންދިޔަ ބަޔަކަށް އިޒްރޭލުންވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ފަލަސްތީނުގެ  70 މީހަކުވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެދުވަހުގެ ރޭގަނޑު 8 އާ ހަމަޔަށް އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު އިޒްރޭލުން ދިނެވެ. އިޒްރޭލުން އެމީހުންނަށް ޙަމަލާދިނީ ހަވީރު 4:30 އާ 5:15 އާ ދެމެދުގެ ވަގުތެއްގައެވެ. އެހެންނަމަވެސް ، އެޙަމަލާދިނީ ދިންވަގުތު ދިނުމުގެ މާކުރިންނެވެ.

ޢިމާރާތްތަކުގެ ދަށުގައި އެއްހާސް މީހުން

އިޒްރޭލުން ޣައްޒާއަށް އަޅަމުންގެންދާ ބޮމުން ހަލާކުވެ ބިމާހަމަވެގެންދާ ޢިމާރާތްތަކުގެ ދަށުގައި ހާހަކަށްވުރެ ގިނަމީހުން ތާށިވެ ގެއްލި ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުންކުރެ ، އެތައްބަޔަކު ވަނީ ނެގިފައެވެ. ނެގިފައިވާ މީހުންގެ ތެރޭގައި ދިރިތިބި މީހުންނާއި ފުރާނަނެތް މީހުން ހިމެނެއެވެ. ކުޑަކުދިންނާއި އަންހެނުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ރަފަޙް ހުރަސްކުރާ ދޮރާށި

ރަފަޙް އަކީ ޣައްޒާގެ އުތުރުގައި ޣައްޒާއިން ބޭރުވުމަށް އޮންނަ ހަމައެކަނި ދޮރޯށްޓެވެ. އެދޮރޯށިވެސް ، މިހާރުވަނީ ބަންދު ކުރެވިފައެވެ. އެދޮރޯށި ހުޅުވިއްޖެނަމަ ، އެދޮރޯށިން ބޭރުވެވޭނީ ހަމައެކަނި ބިދޭސީންނަށެވެ. އެއީ މިޞްރާއެކު ކުރެވިފައި އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ. އިޒްރޭލާއެކު މިޞްރުން ،  2007 ވަނައަހަރު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެދަށުން ، އެ ދޮރޯށި ކޮންޓްރޯލް ކުރަނީ މިޞްރުންނެވެ. އީޔޫއިންވެސް އެ ދޮރޯށީގެ ޙަރަކާތްތައް މޮނިޓަރ ކުރެއެވެ. ރަފާޙް ދޮރޯށިމަގުން ޣައްޒާއަށް އެތެރެކުރެވޭ އިންސާނީ އެހީ ވެއްދެނީ އިޒްރޭލުގެ ހުއްދަ ލިބިގެންނެވެ. އެ ދޮރޯށި ބަންދުކުރެވުނީ 2008 އާއި 2014 އަދި 2021 ގައި އިޒްރޭލުން ދިން ބޮމުގެ ޙަމަލާތަކަށް ފަހުގައެވެ.

ހަނގުރާމަޔާ ގުޅިގެން ހިނގަމުންދާ ކަންކަން

މެދުއިރުމަތީގެ ޤައުމުތަކާއެކު ، ވާހަކަ ދެއްކުމަށްފަހު ، އެމެރިކާގެ ޚާރިޖީވަޒީރު މިހާރުވަނީ އަނެއްކާވެސް އެނބުރި އިޒްރޭލަށް ގޮއްސައެވެ. ފަރަންސޭސިވިލާތުގެ ޚާރިޖީވަޒީރު އީރާނަށްގޮސް އެ ޤައުމުގެ ރަސްމީ ފަރާތްތަކާއެކުގައިވަނީ މަޝްވަރާކޮށްފައެވެ. ފަރަންސޭސިވިލާތުން މަސައްކަތްކުރަމުން ގެންދަނީ ، އެ ހަނގުރާމައިގެ ތެރެޔަށް އީރާނުން ވަދެފާނެތީ އެކަން ހުއްޓުވުމަށެވެ.

އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ، ޖަރުމަނުވިލާތަށް ވަޑައިގެން ، ޖަރުމަނުގެ ރައީސާ ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.

ރޫސީވިލާތުން އެކުލަވައިލި ޤަރާރަށް ބަހުސްކުރުމަށްޓަކައި އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ރޫސީވިލާތުންވަނީ ގޮވައިލާފައެވެ. ރޫސީވިލާތުގެ ހުށަހެޅުމުގައިވަނީ ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ފާސްކުރުމަށެވެ. އެ ޤަރާރު ފާސްވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެމެރިކާއިން އެ ޤަރާރު ވޯޓީކުރާނެކަމަށް ބެލެވެއެވެ. އެމެރިކާއަކީ ، އިޒްރޭލު ހިންގަމުންގެންދާ އެންމެހާ ލާއިންސާނީ ޢަމަލުތަކަށް ހިތްވަރުދީ އެހީތެރިވެ ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ، އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކަށް ، އަބަދުވެސް ވާގިވެރިވާ ބަޔެކެވެ. އިޒްރޭލާ ދެކޮޅަށް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ޤަރާރެއް އެމެރިކާއިން މިހާތަނަށް އައީ ވީޓޯ ކުރަމުންނެވެ.

މުޒާހަރާތައް

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢުދުވާނު ހުއްޓުވުމަށް ގޮވާލައި ، ވައިޓްހައުސް ކައިރިޔަށް އެއްވެ މުޒާހަރާކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.

އިކޮނޮމިކް ފްރީޑަމް ފައިޓަރސް ގްރޫޕުން އަންނަނީ ، ދެކުނު އެފްރިކާގައި ހުންނަ އިޒްރޭލް އެމްބަސީދޮށަށް އެއްވެ މުޒާހަރާ ކުރުމަށް ރާވަމުންނެވެ.

ތޫނިސްގައި ، ފަލަސްތީނުގެ ރައްޔިތުންނާއެއްކޮޅަށް އަޑުއުފުލައި މުޒާހަރާކުރުމަށް ތައްޔާރުވަމުން އެބަ ދެއެވެ.

އެމެރިކާގެ ރައީސް ބައިޑެން ހާމަކުރާގޮތުގައި ، އިޒްރޭލުން ޣައްޒާ ހިފުމަކީ ، އިޒްރޭލުން ކުރާނެ ވަރަށް މޮޔަކަމެކެވެ. އެކިފަރާތްތަކުގެ ނުފޫޒާހުރެ ، ބައިޑެންގެ ވާހަކައިގެ ރާގު މިހާރުވަނީ ބަދަލުވެފައެވެ. އެއްއަތުން ތަޅަމުން އަނެއް އަތުން ފިރުމަމުން ، އިންސާނިއްޔަތާ ޚިލާފު ، އަނިޔާވެރި ޢަމަލުތަކަށް ހިތްވަރުދީގެން ، ހަނގުރާމަ އިޢުލާންކުރުމަށް އިޒްރޭލަށް ހިތްވަރު ދިނުމަށްފަހު ، ވިސްނުން ބަދަލުކުރިކަމަށް ދައްކަން ދެދުލުން ވާހަކަ ދެއްކުމަކީ ބައިޑެންއަށް އާކަމެއްނޫނެވެ. އެމެރިކާގެ ރައީސުންނަކީ މިވޭތުވެދިޔަ 70 ވަރަކަށް އަހަރުތެރޭ އެކަން ކޮށްކޮށް އެބައިމީހުންގެ ކަށީގައި ހިފާފައިވާ އާދަޔަކަށް އެކަން ހަދާފައިވާ އަނިޔާވެރި ބަޔެކެވެ.

އިންޑިއާއިން ފަތުރާ ދޮގު މަޢުލޫމާތު

އިޒްރޭލް – ޙަމާސް ހަނގުރާމައިގެ ދޮގު މަޢުލޫމާތާއި ފޮޓޯއާއި ޚަބަރުތައް އެންމެ ގިނައިން އަންނަނީ އިންޑިއާއިންނެވެ. އިންޑިއާގެ ކަނާތުފިޔައިގެ ޕާޓީގެ އުޞޫލުތަކުގެ ދަށުން ، ދުނިޔޭގެ އެންމެ އާބާދީބޮޑު ޤައުމުގައި އިޒްރޭލާ އެއްކޮޅަށް އަދި ފަލަސްތީނާ ދެކޮޅަށް ފަތުރަމުންގެންދާ ދޮގު މަޢުލޫމާތަކީ އިންޑިއާގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު ދޮގުގެ މައްޗަށް އެނބުރުމަށް ހިންގެމުންދާ ޙަރަކާތެވެ. އެންމެ ވައިރަލްކޮށް ފަތުރަމުންދާ ފޮޓޯތަކަކީ ، އިޒްރޭލުގެ ޔަހޫދީ ތުއްތު ކުއްޖަކު ހަމާސްއިން ކިޑްނޭޕްކޮށް ، ޓްރަކެއްގެ ފަހަތުގައި ، ޒުވާން ފިރިހެންކުއްޖެއްގެ ބޯ ބުރިކޮށްލާކަމަށް ދައްކާ ފޮޓޯ ތަކެކެވެ.

މިވީޑީއޯތަކާއެކު އިތުރަށް ފަތުރާ ޚަބަރާއި މަޢުލޫމާތަކީ ، މުސްލިމުންނާ ދެކޮޅަށް ، އަދި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ޢުދުވާނުގައި އިޒްރޭލާ އެއްކޮޅަށް ބުރަވެ ތައްޔާރު ކުރެވިފައި ހުންނަ އެއްޗެކެވެ. ސޯޝަލްމީޑިއާއިން އެންމެ ގިނައިން ބޭނުންކުރެވެނީ ، އެލަން މަސްކްގެ ޒަޢާމަތުގެ ދަށުން ހިނގާ އެކްސް ( ކުރީގެ ޓްވިޓަރ ) ޕްލެޓްފޯމެވެ.

ނަރެންދުރަ މޯދީގެ ޒަޢާމަތުގެ ދަށުން ، އިންޑިއާގައި ބީޖޭޕީގެ ވެރިކަން ފެށުނުފަހުން ، މުސްލިމުންނާ ދެކޮޅު ޙަރަކާތްތައްވަނީ އެތައް ގުނަޔަކަށް އިތުރު ވެފައެވެ. މޯދީއަކީ ، އިޒްރޭލާއެކު ޚާއްޞަ ގުޅުންތަކެއް އުފައްދަމުން މުސްލިމުންނާ ދެކޮޅަށް ތެދުވެހުރި މުސްލިމުންގެ ޢަދުއްވެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.