ޣައްޒާ މިއަދު : ބައިޑެން ހެދި ދޮގުތައް

އޮކްޓޯބަރ 7 ވީ ހޮނިހިރު ދުވަހު ، ޙަމާސްއިން އިޒްރޭލަށް ދިން ޙަމަލާއާ ގުޅިގެން ، އެމެރިކާގެ ސިޔާސަތު ހާމަކުރަމުން ، އެމެރިކާގެ ރައީސް ، ޢުމުރުން 80 އަހަރުވެފައިވާ ޖޯ ބައިޑެން ވަނީ އެކިފަހަރުމަތިން ، ތިންދޮގެއް ހަދައިފައެވެ.

ބައިޑެން ހެދި ފުރަތަމަ ދޮގަކީ ، ޙަމާސްއިން ، ހިފައި ހައްޔަރުކުރާ ކުޑަކުދިންގެ ބޯ ބުރިކުރާ މަންޒަރު ފެނިދާނެކަމަށް ޚިޔާލަށްވެސް ގެނެވިފައިނުވާ ކަމަށާއި އެކަން ޔަޤީންކޮށްފައިވާ ކަމަށްބުނެ ، ހެދި ބުހުތާން ދޮގެވެ. މިއީ ، އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނާމެދު ގެންގުޅޭ ދެފުށްދެގޮތް މުނާފިޤު ވިސްނުމުގައި ، ބައިޑެން ހެދި ދޮގެކެވެ. ބައިޑެން އެހެން ބުނުމާގުޅިގެން ، އެމެރިކާގެ ނޫސްތަކުގައި ހޫނު ޚަބަރުގެ ގޮތުގައި ފަލަ ޝުރުޚީގައި ފުރަތަމަ ޞަފުޙާގައި އެވާހަކަ ޖެހިއެވެ. އެއީ ، އިޒްރޭލުން ޙަމާސްއަށް ޙަމަލާދިނުމަށް ޙުއްޖަތެއްކަން ބަޔާންކޮށް ، މުޅިދުނިޔެއަށް ދޮގު މަޢުލޫމާތު ފެތުރިއެވެ. އެ ދޮގު ވެގެންދިޔައީ ހުޅަނގުގެ މީޑިއާގައި ބާރަށް ހިނގައި ހުޅަނގުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވެގެންދިޔަ ވާހަކަތަކެކެވެ.

އެމެރިކާގެ ދުވަހު ނޫހެއްކަމުގައިވާ " ވޮޝިންގޓަން ޕޯސްޓްގެ ރިޕޯރޓަރު ކުރި ސުއާލަކަށް ޖަވާބު ދެމުން ، ބައިޑެން ފަހުން ބުނެފައިވަނީ ، އެފަދަ ފޮޓޯއެއް އޭނާ ނުދެކޭ ކަމަށެވެ. އެވާހަކަ ބުނެވުނީ ، އިޒްރޭލުގެ ޙައިވާނީ ބޮޑުވަޒީރު ، ނަތަންޔާހޫ އާއި އިޒްރޭލުގެ މީސްމީޑިއާއިން ، ބައިޑެންއަށް ލިބުނު މަޢުލޫމާތުގެ މައްޗަށް ބުރަވެ ކަމުގައެވެ.

އެމެރިކާފަދަ ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމެއްގެ ރައީސަކު ، ހަނގުރާމައިގެ ޙާލަތުގައި ، އެމެރިކާއާއި ހުޅަނގުގެ ރައްޔިތުންގެ ހަމްދަރުދީ ، އިޒްރޭލަށް ހޯދައިދިނުމަށްޓަކައި ، މަކަރާއި ޙީލަތުން މިފަދަ ބޮޑު ދޮގެއް ހެދުމަކީ އާކަމެއްނޫނެވެ. އެމެރިކާއިން ޢިރާޤަށް އަރައި އެ ޤައުމުގެ ރައީސް ޞައްދާމް ޙުސައިން ދަންޖައްސައި އަވަހާރަކޮށްލައި ، އެއަށްފަހު މުޅި ޢިރާޤު ސުންނާފަތިކޮށްލީވެސް ، ޢިރާޤުގައި ކެމިކަލް ހަތިޔާރު ހުރިކަމަށް ބުނެ ، މިފަދަ ދޮގުތަކެއް ހަދައި ، ދުނިޔެއަށް އޮޅުވާލައިގެންނެވެ. އެފަހަރު ދޮގުހެދީ ، އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ޖޯޖު ޑަބްލިޔޫ ބުޝްއެވެ. ބައްޕަ ބުޝްގެ ދަރި ކުޑަ ބުޝް އެވެ.

ބައިޑެން ހެދި ދެވަނަ ދޮގަކީ ، އިޒްރޭލުގައި މިއުޒިކް ޙަފުލާއެއް ބާއްވަމުންދިޔަ ތަނަކަށް ، ޙަމާސްއިންވަދެ ، އަންހެންކުދިން ހިފައި ހައްޔަރުކޮށް ، ރޭޕްކޮށް ، ޖިންސީއަނިޔާކޮށްފައިވާ ކަމަށްބުނެ ، ނޫސްވެރިންނަށް ދިން މަޢުލޫމާތެވެ. ޙަމާސްއިން ދިން އެ ޙަމަލާއަށް ހަފުތާއެއްވީއިރުވެސް ، ޙަމާސްއިން އެފަދަ ކަމެއްކުރިކަމުގެ އެއްވެސް ހެއްކެއް ނުދެއްކުނެވެ.

އެމެރިކާގެ ދުވަހުނޫސްތަކުން ، ހަމައެކަނި ލޮސްއެންޖަލީސް ޓައިމްސްގައި މިކަމާބެހޭގޮތުން ރިކޯރޑަށްޓަކައޭ ކިޔާފަ ބުނެފައިވަނީ ، " އެއީ ކަށަވަރު ކުރެވޭ ތުހުމަތެއްނޫން " ކަމުގައެވެ. އިޒްރޭލުގެ ރަސްމީ ފަރާތަކުންވެސް އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މިނިވަން އެއްވެސް ޖަމާޢަތަކުންވެސް ، ޙަމާސްއިން އެފަދަ ޢަމަލެއް ހިންގައިފާވާ ކަމަކަށް ނުބުނެއެވެ.

ބައިޑްނެގެ ތިންވަނަ ދޮގަކީ ، ޙަމާސްއިން ޙަމަލާދޭގޮތަށް ބުނެފައިވާ ދޮގު ބަހެވެ. " ޓެރަރިސްޓުން ، ( ޙަމާސް އިން ) ކަނޑައެޅިގެން މަދަނީންނަށް އަމާޒުކޮށް އެބަ ޙަމަލާ ދެއެވެ. ހަނގުރާމައިގެ ޤާނޫނުތައް އަހަރެމެން އެބަ ދަމަހައްޓަމެވެ. އެއީ މައްސަލައެކެވެ. އެކަމުގައި ތަފާތުތަކެއް އެބަހުއްޓެވެ. " ނޫސްވެރިންނާ މުޚާތަބުކޮށް ، ބައިޑެން ބުނެފައި ވެއެވެ.

ޣައްޒާގައި އދ އިން ބަލަހައްޓާ ސްކޫލްތަކުން ޙިމާޔަތް ހޯދާފައިވާ މީހުންނަށް އަމާޒުކޮށް ،  އިޒްރޭލުން ބޮންއަޅައި ، ކުޑަކުދިންނާއި އަންހެނުން މަރަމުން ގެންދާކަމަށް ، އދ އިން ބުނުމުން ، އެއީ ބައިޑެން ހެދި ބުހުތާން ދޮގެއްކަން ދުނިޔެއަށްވަނީ ސާބިތުވެފައެވެ.

ޣައްޒާގެ އެންމެފަހުގެ ޙާލަތަށްބަލާއިރު ، އިޒްރޭލުން ބިމުގެ މަގުން ޣައްޒާއަށް އަރައިގަނެ ، ޙަމަލާދޭން ފެށުމުގެ ކުރިން ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދެކުނު ޣައްޒާއިން ނުކުތުމަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް ، އަދި ޣައްޒާއަކަށް އަރައެއް ނުގަނެއެވެ. އެހެންނަމަވެސް ، އިޒްރޭލް ސިފައިން ޣައްޒާއަށް އަރައިގަންނާނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ޓޭންކްތައް ގެނެސް ، ސިފައިންތިބީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

ޙަމާސްއިން ހިފަހައްޓާފައިވާ ހޮސްޓެޖުންގެ ޢަދަދަކީ 126 މީހުންކަން އިޒްރޭލުން ކަށަވަރު ކޮށްދެއެވެ. ކުރިން ބެލެވެމުންއައި ޢަދަދަކީ 150 އެވެ.

ފަލަސްތީނުގެ ދެހާސް ތިންސަތޭކައަށްވުރެ ގިނަމީހުން ، އިޒްރޭލުންވަނީ ޝަހީދު ކޮށްލާފައެވެ. ދިހަހާހަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ. ޣާއްޒާގެ އެއްމިލިއަން މީހުން ، އެތަން މިތަނަށް ވަނީ ވިއްސިވިހާލިވެފައެވެ.

ހުޅަނގުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން މަޢުލޫމާތު ގެނެސްދޭއިރު ، މުޅިންވެސް ގެނެސްދެނީ ، އިޒްރޭލުން މަރުވިމީހުންގެ ޢަދަދެވެ. ޣައްޒާގެ ރައްޔިތުންގެ ޙާލަތާއި ޝަހީދުވާ މީހުންގެ ޙާލަތެއް ގެނެހެއް ނުދެއެވެ. ހަނގުރާމައިގެ ޚަބަރުތައް މުޅިންވެސް ހުންނަނީ އިޒްރޭލުގެ ސަރުކާރާއި ޔަހޫދީން ޙިމާޔަތްކޮށް ، ޔަހޫދީންގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށް ، ތައްޔާރުކޮށްދީފައެވެ.

އީރާނާއި ޙިޒުބުﷲ ޖަމާޢަތުންވަނީ ، ވަގުތު ފާއިތު ނުވަނިސް ، އިޒްރޭލުގެ ޢުދްވާން ހުއްޓައިލުމަށް އިންޒާރު ކޮށްފައެވެ. އޭގެ މާނަޔަކީ ، މި ހަނގުރާމަ އިތުރަށް ފުޅާވުމުގެ ކޮޅުމަތި ފެނުމެވެ. މެދުއިރުމަތީގެ ކޮންމެ ސަރަޙައްދެއްގައިވެސް ، އިޒްރޭލަށް ހަނގުރާމަ ކުރެވިދާނެކަމަށް އިޒްރޭލުގެ ޙައިވާނީ ބޮޑުވަޒީރު ، ނަތަންޔާހޫވަނީ ބުނެފައެވެ.

ސޫރިޔާއާ ވީފަރާތުންވެސް އިޒްރޭލަށް މިއަދުވަނީ ރޮކެޓްގެ ޙަމަލާތަކެއް އަމާޒުވެގެން އައިސްފައެވެ. އިޒްރޭލުން މީގެ ދެދުވަހެއްކުރިން ، ސޫރިޔާގެ ދެ އެއަރޕޯޓަކަށްވަނީ މިސައިލުން ޙަމަލާދީފައެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ނުހުއްޓައި ، ޣައްޒާގެ ވަޒަންވެރިން އެބިމުންނެރެ ، ޣައްޒާ ސުންނާފަތި ކޮށްލައިފިނަމަ ، އެއީ ސަރަޙައްދީ  ހަނގުރާމަޔަކާ ދިމާއަށް ، މި ހަނގުރާމައިގެ މިޞްރާބު ބަދަލުވެގެން ހިނގައިދާނެކަމެއްކަމަށް ބައެއް ފަރާތްތަކުން  އަންނަނީ ހާމަކުރަމުންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.