ޣައްޒާ : އިއްޔެއާއި މިއަދު

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ޢުދުވާނީ ޙަމަލާތައް ، އިއްޔެއާއި މިއަދުވެސް ކުރިޔަށް އެބަގެންދެއެވެ. އިއްޔެއަކީ ، މި ހަނގުރާމަ ފެށުނުފަހުން ، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަހެވެ. ޣައްޒާ ބިމާ ހަމަކޮށްލުމަށްޓަކައި ، ޣައްޒާގައި ދިރިއުޅޭ އެންމެން ، އެތަނުން ނުކުމެގެން ދިއުމަށް 24 ގަޑިއިރުގެ މުހުލަތެއް ، އިޒްރޭލުން ދިނެވެ. އެ މުއްދަތު މިހާރުވަނީ 6 ގަޑިއިރަށް އިތުރު ކޮށްފައެވެ. އެހެންނަމަވެސް ، ޣައްޒާގެ އެތެރޭގައި އެމީހުން ތިބުމަށް ޙަމާސްއިން ގޮވާލާފައި ވެއެވެ. ޣައްޒާގައި ތިއްބަސް އެމީހުންނަކަށް ރައްކާތެރިކަމެއް ނެތެވެ. އެހެން ސަރަޙައްދުތަކަށް ދިއުމުގައިވެސް އޮތް ނުރައްކާ ވަކި ކުޑައެއް ނޫނެވެ. ޣައްޒާ ދޫކޮށްދާ މީހުންނަށް އަމާޒުކޮށްވެސް އިޒްރޭލުން ގެންދަނީ ބޮން އަޅަމުންނެވެ. ޣައްޒާގެ ދެކުނު ސަރަޙައްދަށް ދިއުމަށް މަސައްކަތްކުރި ބަޔަކަށް އަމާޒުކޮށް ، އިޒްރޭލުން ދިން ޙަމަލާތަކުގައި އިއްޔެ އެކަނިވެސް ، ފަލަސްތީނުގެ  70 މީހުން ޝަހީދުވެފައި ވެއެވެ. މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 324 މީހުން ، އިޒްރޭލުންވަނީ ޝަހީދު ކޮށްލާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ޣައްޒާ ހުސްކުރަން އިޒްރޭލުން އެންގުމާއެކު ، ކުރިމަތީގައިވާ ނުރައްކަލާއެކުވެސް ، ޣައްޒާގެ 2.3 މިލިއަން ރައްޔިތުންގެ ތެރެއިން އެތައް ލައްކަ ބަޔަކު ، ޣައްޒާގެ ދެކުނު ސަރަޙައްދަށް ގޮސްފައި ވެއެވެ.

ދެކުނު ލުބްނާނުގައި ޙަރަކާތްތެރިވި ރިޕޯޓަރުންގެ ބަޔަކަށް އިޒްރޭލު ސިފައިން އިއްޔެ ދިން ޙަމަލާއެއްގައި ، ރޮއިޓަރސްގެ ރިޕޯޓަރަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އަލްޖަޒީރާގެ ރިޕޯޓަރަކުވެސް ހިމެނެއެވެ.

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި ޣައްޒާގައި މަރުވިމީހުންގެ ޢަދަދު ދެހާސް ދުއިސައްތަޔަށްވުރެ މައްޗަށް އަރައިފިއެވެ. އޭގެތެރޭގައި ހަތްސަތޭކަޔަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ، ޒަޚަމްވީ މީހުންގެ ޢަދަދުވެސް ވަނީ އަށްހާހަށްވުރެ ގިނަ ޢަދަދަކަށް އިތުރުވެފައެވެ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 16 މީހަކު ، އިޒްރޭލުން ޝަހީދު ކޮށްލާފައި ވެއެވެ. ހުޅަނގު އައްސޭރީގައި ޝަހީދުވި ފަލަސްތީނުންގެ ޢަދަދު މިހާރުވަނީ 51 އަށް އަރާފައެވެ.

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ، އެހެންތަންތަނަށް ބަދަލުވުމަށް އިޒްރޭލުން މަޖުބޫރު ކުރުވުމަކީ ، މައްސަލަ އިތުރަށް ގޯސްވާނެ ޙާލަތެއްކަމުގައި އުރުދުންއިން ބުނެއެވެ. ފެށިގެން މިއުޅޭ ހަނގުރާމައިގެ އަސްލަކީ ، ފަލަސްތީނުގެ ޙައްޤުތައް ރައްކާތެރިކޮށްދީ ، ފަލަސްތީނުގެ މައްސަލަޔަށް ޙައްލެއް ގެނެސްދިނުމުގައި ، ބައިނަލްއަޤްވާމީ ފަރާތްތަކުން ފެއިލް ވުމެވެ. މިމައްސަލަ ޙައްލުކުރަން ޖެހޭނީ ، އިޒްރޭލުގެ ރައްޔިތުންނަކީ ޙައްޤުތަކެއް އޮންނަ ބަޔެއްކަމަށް ދެކޭފަދައިން ، ފަލަސްތީނުގެ ރައްޔިތުންނަކީވެސް ޙައްޤުތަކެއް އޮންނަންޖެހޭ ބަޔެއްކަމުގައި ބަލައިގެންކަމަށް އުރުދުން އިން ބުނެއެވެ.

ހުޅަނގު އައްސޭރިއާ ޖެހިގެން ، އިޒްރޭލުން ހިފާފައިވާ ބިމާ އަދި އުރުދުންއާ އިންވެގެން އޮންނަ ހަމައެކަނު ޤައުމުކަމުގައިވާ މިސްރުން އަންނަނީ ، ޣައްޒާގެ ރައްޔިތުން އެހެންތަނަތަނަށް ބަދަލުވާން މަޖުބޫރުކުރުން ކުށްވެރިކޮށްފައެވެ. އެކަމާގުޅިގެން ، ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެކަމަށް މިސްރުން ބުނެއެވެ. މިޞްރުގެ ރައީސް ، ޢަބްދުލްފައްތާޙް އަލް ސީސީ ވިދާޅުވާގޮތުގައި ، މި ހަނގުރާމައިގެވެސް އަދި ފަލަސްތީނާއި އިޒްރޭލާ ދެމެދު އުފެދިގެން އުޅޭ މައްސަލަތަކުގެ ، އަސްލު މައްސަލަޔަކީ އެއީއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެބައިމީހުންގެ ވަޒަނުގައި ދިރިއުޅެން އިޒްރޭލުން ޖާގަ ނުދިނުމެވެ. އެމީހުންގެ ގެދޮރުންނާއި ޤައުމުން ގަދަކަމުންނެރެ ، އެތަންމިތަނަށް ވިއްސިވިހާލިކޮށްލުމެވެ.

24 ގަޑިއިރުތެރޭ އެތަނުން ނުކުތުމަށް އިޒްރޭލުން އެންގުމާއެކު ، ޣައްޒާގެ އުތުރުގައިހުރި އަލްއަވްދާ ހޮސްޕިޓަލުގެ މުއައްޒަފުންވަނީ އެއީ ނުކުރެވޭނެކަމެއްކަމަށް ބުނެ ހޮސްޕިޓަލުން ނުކުތުމަށް ދެކޮޅު ހަދާފައެވެ. ބަލިމީހުން އަރުވައިގެން ދަތުރުކުރާނެ އުޅަނދާއި ސާމާނެއް ހޮސްޕިޓަލަކު ނެތެވެ. އެފަދަ ޙަލަތެއްގައި ދަތުރު ކުރުމަކީ ، ބަލިމީހުން މަރުވެދާން މަޖުބޫރު ކުރުމެވެ.

އަނިޔާވެރި ޔަހޫދީ އިޒްރޭލުގެ ދިފާޢީވަޒީރު އިއްޔެ ބުނިގޮތުގައި " އަހަރެމެން ، އިޒްރޭލުން މިކުރިމަތިލަނީ ޙައިވާނުންނާއެވެ. ޣައްޒާގައި ބޯނެ ފެންފޮދެއްވެސް ނުހުންނާނެއެވެ. ކަރަންޓާ އަދި ބޭހެއްވެސް ނުހުންނާނެއެވެ. ބޭރުން އެއްވެސް އެއްޗެއް އެތެރެޔެއް ނުކުރެވޭނެއެވެ. އަހަރެމެން މި ކުރިމަތިލަނީ ޣައްޒާއިން ޙަމާސްގެ އެންމެން ނެރެ ހުސްކުރާށެވެ. "

24 ގަޑިއިރު ތެރޭ ޣައްޒާހުސްކުރުމަށް އިޒްރޭލުން އެންގިއެންގުމާ ދެކޮޅަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އަޑުއުފުލަމުން އެބަ ގެންދެއެވެ. ޚާއްޞަކޮށް ޢަރަބި ޤައުމުތަކުން އެކަމާ ދެކޮޅަށް ބަޔާންތައް ނެރެމުން އެބަ ގެންދެއެވެ. ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން ، ބައެއް ޤައުމުތަކުގައި މުޒާހަރާކުރަމުން އެބަގެންދެއެވެ. މެދުއިރުމައްޗާއި އޭސިއާ އަދި ޔޫރަޕްގެ ޤައުމުތަކުގައި އިޒްރޭލާ އަދި އެމރިކާއާ ދެކޮޅަށް ، މުޒާހަރާ ކުރަމުން އެބަގެންދެއެވެ. ފަރަންސޭސި ވިލާތާއި އެމެރިކާގައިވެސް އަދި ދިވެހިރާއްޖޭގައިވެސް އިއްޔެ މުޒާހަރާ ކޮށްފައި ވެއެވެ. އެމެރިކާއާއި ފަރަންސޭސިވިލާތުން ވަނީ ، މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައެވެ.

މެލޭޝިއާއާއި ޔަމަނު އަދި ބަޢުދާދާއި އިސްލާމްއާބާދުގައި އެތައް ސަތޭކަބަޔަކު މަގުތަކަށް ނުކުމެ ، އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރަމުން އެބަ ގެންދެއެވެ. ސްޕޭނާއި އިންޑޮނީސިއާ ، ވެނެޒުއޭލާ ، ތުރުކީވިލާތް ، އުރުދުން ،  އޮސްޓްރޭލިއާއި މެކްސިކޯގައިވެސް އެތައްސަތޭކަ ބަޔަކު މަގުތަކަށް އެއްވެ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުން އެބަ ގެންދެއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލާ އެއްކޮޅަށް އޮތްނަމަވެސް ، އެ ޤައުމުތަކުގެ ރައްޔިތުން އިޒްރޭލާ އެއްކޮޅެއްނޫނެވެ.

ދުނިޔޭގެ އާބާދީއަކީ 8 ބިލިއަނެވެ. އާބާދީގެ 25 އިންސައްތަ ނުވަތަ 2 ބިލިއަން އަކީ މުސްލިމުންނެވެ. ޔަހޫދީންގެ އާބާދީއަކީ ، އެންމެ 16 މިލިއަނެވެ. އެއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ކުޑަމިންވަރެކެވެ. އެންމެ 0.2 އިންސައްތައެވެ. އެންމެ ގިނަ ޔަހޫދީން ދިރިއުޅެނީ އިޒްރޭލުގައެވެ. އެއީ ، 6 މިލިއަން ޔަހޫދީންނެވެ. އެއީ ދުނިޔޭގެ ޔަހޫދީ އާބާދީގެ 43 އިންސައްތައެވެ. ދެވަނަޔަށް އެންމެ ގިނަ ޔަހޫދީން އުޅެނީ އެމެރިކާގައެވެ. އެއީ 5 މިލިއަނެވެ. އިނގިރޭސި ވިލާތާއި ކެނެޑާއާއި ފަރަންސޭސިވިލާތުގައިވެސް ޔަހޫދީން މަދު ޢަދަދަކަށް ދިރިއުޅެއެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރުމުގެ ޙީލަތްތެރި ވިސްނުން ދުނިޔެއަށް އުފަންކުރީ އިނގިރޭސި ވިލާތުންނެވެ. އޭގެކުރިން ޔަހޫދީންނަކީ ވަކި ޤައުމަކަށް ނިސްނަތްވާ ބައެއްނޫނެވެ.

1948 ގައި ފަލަސްތީނުގެ ބިމުގައި ، ޔަހޫދީންނަށާއި ފަލަސްތީނަށް ، މިނިވަން ދެދައުލަތެއް އޮންނަ ގޮތަށް ، ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދުކުރީ ، އެމެރިކާއާއި އިނގިރޭސީންގެ މަކަރުވެރި ރޭވުމުގެ މަތިންނެވެ. އެއަށްފަހު ، ފަލަސްތީނުގެ ބިމުން އެމީހުން ގަދަކަމުން ނެރެ ، ބިން އިތުރުކުރަމުން ، ދުނިޔޭގެ އެތަންމިތާތިބި ޔަހޫދީން އިޒްރޭލަށް ގެނެސް ވަޒަންވެރި ކުރުވައި ، ފަލަސްތީނުގެ ބިމަށް އަތްގަދަ ކުރަމުން ގެންދިޔައިރު ، އެމެރިކާއާއި އިނގިރޭސީން ތިބީ އެކަމަށް ވާގިދޭށެވެ. އުފެދުމުގައި އެއްބަސްވިގޮތަށް ، އަދި އަދަށްދާނދެންވެސް ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރިޔަކަ ނުދެއެވެ. ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިންސާނިއްޔަތާ ޚިލާފަށް ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން މަރައި ، ފަލަސްތީނުގެ ބިމުން ބޭރުކުރަމުން ގެންދިޔައިރު ، އެމެރިކާގެ ނުފޫޒުގައި އެކަން ދުނިޔެއަކަށް ޙައްލެއް ނުކުރެވުނެވެ. އިޒްރޭލުން ކަންކުރަމުން އެގެންދަނީ އެމެރިކާ ބޭނުންވާ ގޮތަށެވެ. ފަލަސްތީނުގެ މުޅިބިމަށް އިޒްރޭލް ވެރިވެގަންނަން ފުރުޞަތުދީގެން ، އެމައްސަލަ ޙައްލުކުރުމަށް ހުރަސް އަޅަމުން ގެންދަނީ އެމެރިކާއިންނެވެ.

ދުނިޔޭގެ އާބާދީގެ 25 އިންސައްތަ މުސްލިމުންގެ ޙައްޤުގައި ، ޢަރަބި އުއްމަތަށް ކުރެވުނު އެއްވެސްކަމެއް ނެތެވެ. ގިނަ ޤައުމުތައް އޮތީ އެމެރިކާގެ ޔަހޫދީންގެ ނުފޫޒުގެ ދަށުވެފައެވެ. ޢަރަބި ޤައުމުތައް އެއްބައިވިޔަނުދީ ، އެޤައުމުތައް އެމެރިކާއިން އެގެންދަނީ ބައިބައިކޮށް ، ޢަރަބި ޤައުމުތައް އޮތް ސަރަޙައްދު ، މެދުއިރުމަތީގައި ހަންފެތުރުމަށް އިޒްރޭލަށް ފުރުޞަތު ބޮޑުކޮށްދެމުންނެވެ. ޣައްޒާއިން އިޒްރޭލް ސިފައިން ބޭލުމަކީ ، އިޒްރޭލުން މުޅި ޣައްޒާ ހިފުމަށްކުރާ މަސައްކަތުގެ ބަޔެކެވެ. ޣައްޒާއިންވެސް ފަލަސްތީނުގެ ރައްޔިތުން ބާލާނެއެވެ. އަދި މުޅި ޣައްޒާ ހިފައި އިޒްރޭލުގެ ބަޔަކަށް ހަދާނެއެވެ. ދުނިޔެއާ ދެކޮޅަށް އެކަމަށް ވާގިދޭނީ އެމެރިކާއާއި އިނގިރޭސީންނެވެ. އިޒްރޭލަކީ ، އިނގިރޭސިވިލާތުން އެމެރިކާއަށް ލިބިފައިވާ ހަރާން ދަރިއެކެވެ.

އދ އިން ބުނާގޮތުގައި އިޒްރޭލުން ބޮން އަޅައި ، ޣައްޒާގެ ތޭރަސަތޭކަޔަށްވުރެ ގިނަ ޢިމާރާތް މިހާރުވަނީ ބިމާ ހަމަކޮށްލާފައެވެ.

5،500 އަށްވުރެ އެޕާރޓްމަންޓާއި 3،500 އަށްވުރެ ގިނަ ގެދޮރު ، އިޒްރޭލުގެ ޙަމަލާތަކުގައި ހަލާކުވެފައިވާ ކަމުގައި އދ ގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއިން ރިޕޯރޓް ކޮށްފައި ވެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.