ޣައްޒާގެ މިއަދުގެ ޙާލަތު

ފަލަސްތީނުގެ ޙަމާސް ޖަމާޢަތާއި އިޒްރޭލާދެމެދު ހިނގަމުންދާ ހަނގުރާމަޔަށް ހަދުވަސްވީއިރުވެސް ، އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ބޮންއެޅުން ހުއްޓައެއް ނުލައެވެ. ވައިގެމަގުން ޣައްޒާ އަށް ބޮންއަޅައި ، ޣައްޒާތެރެޔަށްވަދެ ، ބޮޑުބަޑިން ޙަމަލާދީ ، ޣައްޒާގެ ނިކަމެތި ރައްޔިތުން މަރައި ޢިމާރާތްތައް ބިމާތިރިކުރަމުންދާއިރު ،  ދުނިޔޭގައި ދިރިތިބެ އެތަންބަލަމުންގެންދާ މީހުންނަށް ، ކަހަރުވަކެކޭވެސް ހީނުވެއެވެ. ޚާއްޞަކޮށް ހުޅަނގަށް ނިސްބަތްވާ މީހުންނާއި އެމެރިކާ މީހުންނަށެވެ.

އިސްލާމީ ޢަރަބި އުއްމަތުގެ މުސްލިމުން ، އެބައިމީހުންގެ ދީނީ އަދި ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައިގެން ، ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ތިބިކަން ހާމަކުރުމަށްޓަކައި ، އެއްވުންތައް ބާއްވައި ، ޝިޢާރު ފާޅުކޮށް ، ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ އެހީތެރިކަން ހޯދައިގެން ފައިސާ އެއްކޮށް ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީފޯރުކޮށްދެމުން އެބަގެންދެއެވެ. އިސްލާމީ ބައެއް ޤައުމުތަކާއި ، އިންސާނީ ޚިދުމަތަށް ޚާއްޞަ ޖަމްޢިއްޔާއާއި ޖަމާޢަތްތަކުން ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލައި ، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރަމުން އެބަގެންދެއެވެ. އެހެންނަމަވެސް ، އިސްލާމީ ޤައުމުތަކުން ، އޭގެތެރެއިންވެސް ބައެއް ޤައުމުތަކުން ، އިޒްރޭލުގެ ޙަމަލާ ކުށްވެރިންކުރުން ފިޔަވައި އެހެންކަމެއް ކޮށްފައެއް ނެތެވެ.

ހުޅަނގުގެ މީޑިއާއިން ހަނގުރާމައިގެ ޚަބަރުތައް ގެނެސްދެނީ ، ހުޅަނގުގެ ވިސްނުންހުރި ގޮތަށެވެ. ދޮގުޚަބަރުތަކުން އެއީ ޙަޤީޤަތްކަމަށް ދައްކަމުންނެވެ. ޙަޤީޤަތާ އެއްގޮތަށް ކިރިޔާވެސް ޚަބަރެއް ގެނެސްދެނީ އަލްޖަޒީރާ ޓީވީންނެވެ. ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ހަނގުރާމައިގެ ޙާލަތު ދުނިޔެއަށް ގެނެސްދިނަކަ ނުދެއެވެ. ފޭސްބުކް ގެ ވަޞީލަތްވަނީ ހުއްޓުވާފައެވެ. އެހެން ވަޞީލަތެއް ބޭނުންކުރެވޭނެ މާޙައުލެއް ޣައްޒާއަކު ނެތެވެ. ކަރަންޓާއި އެހެނިހެން މުއާޞަލާތީ ވަޞީލަތްތައްވަނީ ކަނޑައި ލެވިފައެވެ. ފެނެއް ނުލިބެއެވެ. ހޮސްޕިޓަލްތަކުން ޞިއްޙީ ޚިދުމަތެއް ނުދެވެއެވެ. މަރުވާމީހުންނާއި ޒަޚަމްވަމުންދާ މީހުން ތޮށްޖެހި ހޮސްލިޓަލްތައްވަނީ މޯޗަރީތަކަކަށް ބަދަލުވެފައެވެ. އިޒްރޭލުގެ އަނިޔާވެރި ޙަމަލާތަކުން މަރުވާ މީހުންގެ ޖަނާޒާ ބާއްވައި ވަޅުލުމަށްޓަކައި މަގުމައްޗަށް ނުކުމެވޭވަރަށްވުރެ ، މަގުމަތީގެ ނާމާންކަން މާބޮޑެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކާދިމާއަށް އިޒްރޭލުސިފައިން ބަޑި ޖަހައެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި ހަމާސްގެ ކޮންމެ ޙަމަލާއަކަށް ޣައްޒާއިން މީހަކު މަރައިލާނެއެވެ. ޙަމާސްއިން ، މިދިޔަ ހޮނިހިރުދުވަހު ،  ޙަމަލާ ފަށްޓަމުންވެސް އިޒްރޭލަށް ފަސް ހާސް ރޮކެޓް ފޮނުވާލައިފާ ވެއެވެ. އެއީ އެންމެ ވިހިމިނިޓްގެ ތެރޭގައެވެ. ޣައްޒާ ވަށާލައި ، އިޒްރޭލުއޮތީ ޣައްޒާ ޙިޞޯރު ކޮށްފައެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި ޣައްޒާއިން ބޭރަށް ނުކުމެވޭނެ ގޮތެއް ނެތެވެ. މިޞްރަށް ދެވެން އޮންނަ މަގުވަނީ ބަންދު ކޮށްފައެވެ. ޣައްޒާ ބަންދުކޮށްގެން ، ބޮންއަޅައި ބަޑިން ޙަމަލާދީ ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުން ގެންދާއިރު، އެމެރިކާއާއި އިނގިރޭސިވިލާތުން ، އެކަމަށް ދެނީ ހިތްވަރެވެ. ފޯރުކޮށްދެނީ ހަތިޔާރެވެ. ތަނަވަސްކޮށްދެނީ މާލީ އެހީއެވެ. އެއީ މުސްލިމުން މަރަން ، ޚާއްޞަކޮށް އެމެރިކާއިން އިޒްރޭލަށްދޭ އެހީއެވެ. އިނގިރޭސިވިލާތުން އެކަމަށް ޝުކުރު އަދާކޮށް ، ބޭނުންވާ އެހެން މުހުތާދުތައް ފުއްދަނީއެވެ.

އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކަށް ނުކިޔަމަންތެރިވެ ، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ، ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންގެންދާތާ ބައިޤަރުނު ވެއްޖެއެވެ. ބަދަލުގައި ހުޅަނގުންނާއި އެމެރިކާއިން އިޒްރޭލަށް ދެނީ އިނާމެވެ. އެމެރިކާ ސަރުކާރުން ، އިޒްރޭލުލައްވާ ، ފަލަސްތީނުގެ ރައްޔިތުން ޝާހީދުކުރުމަށް ހަތިޔާރާއި ފައިސާ ދެމުންގެންދާއިރު ، އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ ، އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. މި ހުރިހާކަމެއްވެސް ދުނިޔެއަށް އެނގެއެވެ. ހުޅަނގަށް އެކަންޏެއްނޫނެވެ. ޢަރަބި އިސްލާމީ އުއްމަތަށްވެސް މިޙަޤީޤަތް އެނގެއެވެ. އެކަމަކުވެސް ، ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ކުރެވޭ ކަމެއް ނެތެވެ. ޣައްޒާގައި އެކަނިވެސް ފަލަސްތީނުގެ 2.3 މިލިއަން މީހުން ދިރިއުޅެއެވެ.

އީރާނާއި ސުޢޫދީގެ ވެރިންގެ ސައްލާ

ޗައިނާ މެދުވެރިޔަކަށްވެ ކުރެވުނު ސިޔާސީ މަސައްކަތުން ، އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ ގުޅުން ، މިދިޔަ މާރޗްމަހުންފެށިގެން ޢާންމު ޙާލަތަކަށްވަނީ ބަދަލު ވެފައެވެ. ގުޅުން ރަނގަޅުވުމަށްފަހު ، ސުޢޫދީ ވަލީޢަހުދު މުޙައްމަދު ބްނު ސަލްމާނާއި އީރާނުގެ ރައީސް އިބްރާހީމް ރައިސީ ، ފުރަތަމަ ފަހަރަށް ، މިއަދުވަނީ ފޯނުން ގުޅުއްވާފައެވެ. ދެބޭފުޅުން މަޝްވަރާ ކުރެއްވީ ޣައްޒާގެ ނާޒުކު ޙާލަތާ މެދުގައެވެ. ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޢުދުވާން ، ނިމުމަކަށް ގެންނަންޖެހޭކަމަށް ދެބޭފުޅުންވެސް ވިދާޅުވެއެވެ. ހަނގުރާމައިގެ މިޙާލަތުގައި ، އިޒްރޭލު ރުއްސުމަށްޓަކައި އެމެރިކާއިން ޢަމަލުކުރަމުންދާގޮތާމެދު ދެބޭފުޅުންވެސް ކަންބޮޑުވެވަޑައިގަންނަވައެވެ. އިސްލާމީ އުއްމަތުގެ އެއްބައެއްވަންތަކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ. ހަނގުރާމަ ހުއްޓުވުމާ ބެހޭގޮތުން ކުރެވިދާނެ ކަންކަމާމެދު ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ވާހަކަ ދައްކަވަމުން އަންނަކަމުގައި މުޙައްމަދު ބްނު ސަލްމާން ވިދާޅުވެފައި ވެއެވެ.

ގެއްލުން

އިޒްރޭލުގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު ، ޣައްޒާގައި އެކަނިވެސް ސާދަ ސަތޭކައަށްވުރެ މައްޗަށް އަރައެވެ. ދޮޅުހާހަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ. އިސްރޭލުގެ ތޭރަސަތޭކަޔަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. ހާހެއްހާ މީހުންވަނީ ޒަޚަމް ވެފައެވެ. މިހަނގުރާމައިގާ މަރުވި އެމެރިކާމީހުންގެ ޢަދަދަކީ 22 އެވެ. އެމެރިކާގެ އިތުރު 17 މީހަކުވަނީ ގެއްލިފައެވެ. އދ ގެ ޚިދުމަތްތަކުގައި ޣައްޒާގައި މަސައްކަތްކުރާ 11 މީހަކު މަރުވެފައިކަމުގައި އދ އިން ބުނެއެވެ.

މިހާތަނަށް ، ޙަމާސްއިން ހިފައި ހައްޔަރުކޮށްފައިވަނީ 150 މީހުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ މަދުބަޔަކުވެސް ހިމެނޭކަމަށް ވެއެވެ. ޣައްޒާ ފިޔަވައި ، ފަލަސްތީނުގެ މުސްލިމުން ދިރިއުޅޭ އެހެން އަވަށްތަކާއި ފޭލިގެތަކަށްވެސް އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ. އަދި އެކިވަރަށް އެތަންތަނުންވެސް ފަލަސްތީނުގެ މުސްލިމުން ޝަހީދުވަމުން އެބަދެއެވެ.

ހަނގުރާމަ އިތުރަށް ފުޅާވެދާނެކަމުގެ ނިޝާންތައް

އިޒްރޭލް – ޙަމާސް ހަނގުރާމަ އިތުރަށް ފުޅަވެދާނެކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް ބައެއް  ޚަބަރުތައް ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ، ޣައްޒާނޫން ސަރަޙައްދުތަކަށްވެސް އިޒްރޭލުން އަންނަނީ ޙަމަލާދެމުންނެވެ. ސޫރިޔާގެ ގޯލާންހައިޓްސް އަށާއި ދެކުނު ލުބްނާނަށް އިޒްރޭލުން ވަނީ މިސައިލް ޙަމަލާ ދީފައެވެ. އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް އިޒްރޭލުގެ ކަނޑުގެ ސަރަޙައްދާ ކައިރިޔަށް ގެންދިއުމަކީވެސް ، އެ ސަރަޙައްދުގެ އަމާންކަމަށް ނުރައްކާ އޮތްކަމުގެ ނިޝާނެކެވެ. ސަރަޙައްދީ ހަނގުރާމަޔަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ. އެމަނަވަރު ފަހަރަކީ ، އެންމެ ޒަމާނީ ހަތިޔާރުން ބަރާކުރެވިފައިވާ ، ހަނގުރާމަމަތީ އުޅަނދުތަކެކެވެ. އެމެރިކާގެ ހަނގުރާމަމަތީ ތިންމަނަވަރު މެޑިޓަރޭނިއަން ކަނޑަށް މިހާރުވަނީ ފޮނުވާފައެވެ.

މިއަދުގެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ސޫރިޔާގެ ދެ އެއަރޕޯޓަކަށް އިޒްރޭލުންވަނީ މިސައިލް ޙަމަލާ ދީފައެވެ. މީހަކަށް ގެއްލުން ނުވިޔަސް ، އެ ދެ އެއަރޕޯޓް ވަނީ ހުއްޓުމަކަށް އައިއްސައެވެ. އިޒްރޭލުގެ ޙައްދު ފަހަނަޅާފައިވާ އަނިޔާވެރި ޢަމަލުތަކުން ސަރަޙައްދީ ހަނގުރާމަޔަކަށް ޖާގަދެމުންގެންދާކަމަށް ، ބައެއް ޤައުމުތަކުން އެބަ ދެކެއެވެ.

ބައިޑްންގެ ދޮގު މަޢުލޫމާތާއި އިޒްރޭލުގެ ދޮގު ޚަބަރު

ޙަމާސްއިން ކުޑަކުދިންގެ ކަރުބުރިކުރާ މަންޒަރު ދުށްކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ، ނޫސްތަކަށް ދޮގު މަޢުލޫމާތު ދީފައެވެ. އެއީ ދޮގު މަޢުލޫމާތެއްކަމަށް ވައިޓްހައުސްއިން ފަހުން ބުނެފައި ވެއެވެ. ޖޯ ބައިޑްންވަނީ  ވައިޓްހައުސްގައި ޔަހޫދީ އިސްފަރާތްތަކަކާ އިއްޔެ ބައްދަލު ކޮށްފައެވެ. ޙަމާސްއިން ކުޑަކުދިންގެ ކަރުބުރިކުރާކަމަށް ބުނެވުނީ ، އިޒްރޭލުގެ އިސްވެރިން ފޮނުވާފައިހުރި ވީޑިއޯތަކަކުން ބައިޑްންއަށް ލިބުނު މަޢުލޫމާތުންކަމަށް ވައިޓްހައުސް އިން ބުނެފައި ވެއެވެ.

ދޮގު މަޢޫލޫމާތުގެ މައްޗަށް ހަދަހަދައިގެން ތައްޔާރުކޮށްފައިހުރި މިފަދަ ވީޑިއޯ ކްލިޕްތަކެއް ހުޅަނގުގެ ސޯޝަލްމީޑިއާގައި އިއްޔެވަނީ ވައިރަލް ވެފައެވެ. އެވީޑިއޯތަކުގައި ދައްކަނީ ، ޙަމާސްގެ ހަނގުރާމަވެރިން ، ކުޑަކުދިންގެ ބޯބުރިކުރާ މަންޒަރާއި ، ހޮސްޓެޖުންނަށް ޖިންސީ އަނިޔާކުރާ މަންޒަރެވެ. މީހުންގެ ސިކުނޑިއާއި ވިސްނުމާ އެންމެ ފަސޭހައިން ކުޅެލެވޭނީ އެފަދަ އަނިޔާވެރި ޢަމަލުތައް މީޑިއާގައި ޢާންމުންނަށް ދައްކައިގެންނެވެ. އިޒްރޭލު މީހުންނަކީ އެފަދަ ކަންކަން ކުރުމަށް ވަރަށް ކުޅަދާނަ ބަޔެކެވެ. އެމެރިކާގެ ނޫސްތަކުގެ ފުރަތަމަ ޞަފުޙާގެ ފަލަ ޝުރުޚީތަކަށް މިޚަބަރު އަރާފައި ވެއެވެ. އަދި ޣައްޒާގައި ދިރިއުޅޭމީހުން މަރައި ޢުދުވާން ހިންގުމަށް އެއީ ޙުއްޖަތަކަށް ފުދޭކަމަށް ވަކާލާތުކޮށް ނޫސްތަކުގައި ލިޔެފައި ވެއެވެ.

ފޭސްބުކް އަދި ޓްވިޓަރ އާއި ޓިކްޓޮކްގައި މިދުވަސްވަރު ، ދޮގުމަޢުލޫމާތާއި ފޮޓޯޖެހުންވަނީ ޢާންމުވެފައެވެ. ހަނގުރާމައިގެ ޙަޤީޤީ މަޢުލޫމާތު ، އެ ވަޞީލަތްތަކުން ގެނެހެއް ނުދެއެވެ. މުޅިންވެސް ގެނެސްދެނީ ، އިޒްރޭލާ އެއްކޮޅު އަދި ޙަމާސްއާ ދެކޮޅު މަޢުލޫމާތާއި ފޮޓޯއެވެ. އެހުރިހާ ވަޞީލަތެއް ކޮންޓްރޯލްކުރަނީވެސް ޔަހޫދީންނެވެ.

އެލޮންމަސްކް ވެރިޔަކަށްހުރި ޓްވިޓަރ ނުވަތަ މިހާރުގެ " އެކްސް " އަކީ ޙަމާސް އިން ކުޑަކުދިންގެ ބޯ ބުރިކުރުމާއި އަންހެނުން ރޭޕްކުރުމާ އަދި ހޮސްޓެޖުންނަށް އަނިޔާކުރާ ދޮގު މަޢުލޫމާތާއި މަންޒަރު ، އެންމެ ގިނައިން ގެނެސްދޭ ޕްލެޓްފޯމެވެ. އެފަދަ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުނުކޮށް އެކްސް ގައި ނުޖެހުމަށް އީޔޫއިން އިއްޔެވަނީ އެލަންމަސްކަށް އިންޒާރުދީފައެވެ. އީޔޫގެ ޤާނޫނު ބުނާގޮތުން ، އެފަދަ މަންޒަރާއި މަޢުލޫމާތަކީ ޞައްޙަނޫން ތަކެތިކަމަށް ވެއްޖިއްޔާ އެފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ. އެކަން ކަށަވަރު ކުރުމަކީ އެޕްލެޓްފޯމެއްގެ ޒިންމާއެކެވެ.

ޙަމާސްއިން ވަނީ އެ ޚަބަރުތައް ދޮގުކޮށްފައެވެ. އެއްވެސް ކުޑަކުއްޖަކަށް އަނިޔާ ނުކުރާކަމަށާއި އަންހެނުންނަށް ގޯނާއެއް ނުކުރާކަމަށް ޙަމާސްގެ ބަޔާނުގައި ވެއެވެ. އެހެންނަމަވެސް އިޒްރޭލުގެ މީޑިއާއިންނާއި ، ރަސްމީ ނޫސްބަޔާންތަކުގައި އެއީ ތެދުޚަބަރެއްގެ ގޮތުގައި ސިފަކޮށް ، ލިޔެފައި ވެއެވެ. އެމެރިކާއަކީ ، ބަޔަކު ނުވަތަ ޤައުމެއް ފުނޑާލަން ވެއްޖިއްޔާ ދޮގުގެމައްޗަށް ދޮގުހަދާ ޤައުމެކެވެ. އެމެރިކާއިން ޢިރާޤަށް އަރާ ، ޢިރާޤު ސުންނާފަތި ކޮށްލީވެސް ކެމިކަލް ހަތިޔާރު ހުރިކަމަށްބުނެއެވެ. އެކަމަކު ފަހުން ބުނިގޮތުގައި އެއީ ޢިރާޤުގައިހުރި އެއްޗެއްނޫނެވެ.

ލުބުނާނުން ހަނގުރާމަމަތީ ފަނަރަވަރަކަށް މީހުން ވައިގެމަގުން އިޒްރޭލަށް އެތެރެވެއްޖެކަމަށް ބުނެ ، ސައިރަން އަޅައި އިޒްރޭލުންވަނީ ދޮގު ޚަބަރުތަކެއް ރޭގެ ވަގުތެއްގައި ފަތުރާފައެވެ. ފަހުން ބުނިގޮތުގައި އެއީ ހިނގިކަމެއްނޫނެވެ. ދުނިޔޭގެ އެކި ތަންތަނުން ގެނެސް ފަލަސްތީނުގެ ބިމުގައި ވަޒަންވެރިކުރުވައި ، ސިފައިންގެ ތެރެޔަށް ވައްދާ މީހުން ، ފަލަސްތީނުގެ ޒުވާން އަންހެންކުދިން ރޭޕްކޮށް ، އެކުދިންގެ މައިންބަފައިން ކުރިމަތީ ބަޑިޖަހައި މެރުމަކީ ، އިޒްރޭލު ސިފައިން ޢާންމުކޮށް ކުރާ ކަމެކެވެ. އެކަންކަންވެސް އިޒްރޭލުން އަންނަނީ ދޮގުކުރަމުންނެވެ.

ކަރަންޓާއި ފެނާއަދި ތެލުގެ ޙާލަތު

އިޒްރޭލުގެ ހަކަތަޔާބެހޭ ވަޒީރު ބުނެފައިވާ ގޮތުގައި ، ޙަމާސްއިން ހައްޔަރުކޮށްފައިވާ ހޮސްޓެޖުން ދޫކޮށްނުލަނިސް ، ޣައްޒާގެ ޢިމާރާތެއްގެ ކަރަންޓް ސްވިޗް އޮންކޮށެއް ނުލެވޭނެއެވެ. ފެން އަންނަ އެންމެ އިސްކުރެއްވެސް ނުހުޅުވޭނެއެވެ. ތެޔޮ އުފުލާ އުޅަނދަކަށް ޣައްޒާތެރެޔަކަށް ނުވަދެވޭނެއެވެ.  ކާބޯތަކެއްޗާއި ފެން ޣައްޒާތެރެޔަކަށް ނުވެއްދޭނެއެވެ. އެހީދޭ ފަރާތްތަކުގެ އެހީ ޣައްޒާ ތެރެޔަކަށް ނުވެއްދޭނެއެވެ. މިހުރިހާ ކަމަކީ ، ފަލަސްތީނަށް ނިސްބަތްވާ ބިންތަކެއް ގަދަކަމުން ފޭރިގަނެގެން އުޅޭބަޔަކަށް ، ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާ ކަންކަމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.