ޣައްޒާ މިއަދު .......

ރެޔާއި މިއަދުވެސް ، އިޒްރޭލުން ގެންދަނީ ، މެދުކެނޑުމެއްނެތި ، ޣައްޒާއަށް ބޮންއަޅައި ޢިމާރާތްތައް ހަލާކު ކުރަމުންނެވެ. ޒަޚަމްވާމީހުންނާއި މަރުވާ މީހުންތަކުން ، ޣައްޒާގެ ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.  ޞިއްޙީ އާލާތްތަކާއި ބޭސްދަނީ ހުސްވަމުންނެވެ. އިޒްރޭލުންވަނީ ، ހުރިހާ ފަރާތަކުން ޣައްޒާ ބަންދު ކޮށްފައެވެ. ފެނެއް ނެތެވެ. ކާބޯތަކެއްޗެއް ނެތެވެ. ކަރަންޓެއް ނުލިބެއެވެ. މުއާޞަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ހަނގުރާމައިގެ ތެދު ޚަބަރުތައް އެންމެ ބޮޑަށް ފެތުރެނީ ފޭސްބުކްގެ ޒަރީޢާއިންނެވެ. ފޭސްބުކްގެ ޚިދުމަތްވަނީ ކަނޑައިލެވިފައެވެ. މިއީ ޙަޤީޤަތް ހާމަނުކުރުމަށް އެމެރިކާއާއި ހުޅަނގުން ރާވައިގެން ކުރާ ކަމެކެވެ.

އދ. އިންވަނީ ، އިޒްރޭލުން ޣައްޒާބަންދުކުރުން ކުށްވެރިކޮށްފައެވެ. ޣައްޒާ ބަންދުކުރުމުން ، މައްސަލަ އިތުރަށް ގޯސްވެގެންދާނެކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ. އަދި ، މިއީ މިއަދު އުފެދުނު މައްސަލައެއް ނޫންކަމަށާއި ، މައްސަލަ އުފެދެން ދިމާވީ ، ފަލަސްތީނުގެ ޙައްޤުތައް ރައްކާތެރިނުކުރެވި ޒަމާންތަކެއް ދިޔުމުންކަމަށް އދ އިން ބުނެފައި ވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނާގޮތުގައި " ޣައްޒާއަށް ބޮންއެޅުމުގެ ކުޅިވަރު އަދި ކިރިޔާ މިފެށުނީ " އެވެ. ހަމާސްއާ ހަނގުރާމަ ކުރުމަށްޓަކައި ، އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އޭނާއާ ބައިވެރިވުމަށް ނަތަންޔާހޫ ގޮވާލާފައި ވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ، ހަމާސްއިން އިޒްރޭލަށްދިން ފަޚުރުވެރި ކާމިޔާބު ޙަމަލާއާ ގުޅިގެން ، ނަތަންޔާޙޫއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިޒްރޭލުގެ ދިފާޢީ ނިޒާމު ފެއިލްވެފައިވާކަމަށް ، ސަރުކާރު ތެރެއިންވެސް އަންނަނީ ބުނަމުންނެވެ. ޚުދު ، އިޒްރޭލުގެ ޔަހޫދީންވެސް ނަތަންޔާހޫއަށް އަމާޒުކޮށް ދެކޮޅުވެރި ޝުޢޫރުތައް އަންނަނީ ފާޅުކުރަމުންނެވެ.

ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި ހުޅަނގުން އަންނަނީ އިޒްރޭލަށް ދުނިޔޭގެ ތާއީދުލިބޭގޮތަށް ، މަންޒަރާއި ޚަބަރުގެ ޢިބާރާތް ބަށްޓަން ކުރަމުންނެވެ. މިއީ ހުޅަނގުން ކުރާ ކޮންމެކަމެއްގައި ގެންގުޅޭ ޕްރޮޕެގެންޑާ އުކުޅު ތަކެކެވެ. ދުރުގައި ތިބޭ ބަޔަކަށް ދައްކާ މަންޒަރާއި މަންޒަރުދައްކަމުން ދައްކާ ވާހަކައާއި އަޑުއަހާމީހުންގެ ވިސްނުން ބަދަލުކުރުމަށް ގެންގުޅޭ އުކުޅުތަކަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ހަމާސް – އިޒްރޭލް ހަނގުރާމައިގާވެސް ހުޅަނގުން ކުޅެމުން އެގެންދަނީ މިފަދަ ރޯލެކެވެ. އިޒްރޭލް ހަނގުރާމަކުރަމުން އެގެންދަނީ އިޒްރޭލުގެ ދިފާޢުގައި ކަމެވެ. އަދި ހަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްކަމާއި އެޖަމާޢަތުން އިޒްރޭލަށް ދެމުން އެގެންދަނީ ޓެރަރިސްޓް ޙަމަލާތަކެއް ކަމުގައެވެ. އަމިއްލަ ދިފާޢަކީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް އޮންނަން ޖެހޭ އެއްޗެއްކަން ވިސްނައެއް ނުދެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކެއް އޮންނަކަން ބުނެއެއް ނުދެއެވެ. ބައިޤަރުނަށްވުރެ ގިނަދުވަސް ވަންދެން ، ފަލަސްތީނުގެ ބިން ފޭރިގަނެ ، ފަލަސްތީނުގެ ރައްޔިތުން މަރަމުން އެގެންދަނީ އިޒްރޭލަށް ލިބިފައިވާ ކޮން ޙައްޤެއްގެ ބޭނުންކޮށްގެންކަމެއް ޢާންމުންނަކަށް ނޭނގޭނެއެވެ. އެކަންކަން މީހުންނަށް ސާފުވާނީ ، އެ ހިނގަމުންދާކަމެއްގެ ތެދު ޚަބަރާއި މަންޒަރު ، ފޭސްބުކް ފަދަ ސޯޝަލްމީޑިއާގެ ވަޞީލަތްތަކުން ހާމަކުރެވިގެންނެވެ. އެފަދަ ޚިދުމަތްތައް އެވަނީ ޣައްޒާއިން ކަނޑައި ލެވިފައެވެ.

މިއަދުގެ ވަގުތެއްގައި ، އިޒްރޭލާއި ހަމާސްގެ ބަޑީގެ ކުރިމަތިލުމެއް ހިނގާފައި ވެއެވެ. މިކުރިމަތިލުން ހިނގާފައިވަނީ ، އިޒްރޭލުން ޣައްޒާ ބަންދުކޮށްފައި ވަނިކޮށް ފޫއަޅުވާލާފައި ނުކުތް ހަމާސްގެ ހަނގުރާމަވެރިންނާ އިޒްރޭލް ސިފައިންނާ ދެމެދުގައެވެ. އެއީ އިޒްރޭލުގެ އުތުރު ސަރަޙައްދެއްގައެވެ.

ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ތެރެއިން ކުޑަކުދިންނާއި އަންހެނުން ނެރެ ، ސަލާމަތްކުރުމުގެ މަސައްކަތް ފަލަސްތީނުގެ ރައްޔިތުންދަނީ ކުރަމުންނެވެ. ކުޑަކުދިންނާއި އަންހެނުންނަށްވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދިއުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެއީ ހޮސްޕިޓަލްތައް ފުރުމާއި ، ބަލިމީހުން ގެންދާ އެމްބިއުލެންސްތައް އިޒްރޭލުގެ ޙަމަލާތަކުން ހަލާކުވުމާގުޅިގެންނެވެ. އެންމެ މަދުވެގެންވެސް 9 އެމްބިއުލެންސަށް އިޒްރޭލުން ޙަމަލާދީ ހަލާކު ކޮށްލާފައި ވެއެވެ.

އިޒްރޭލުގެ ޢަސްކަރިއްޔާއިން ބުނާގޮތުގައި ރޭގައި އެކަނިވެސް ،  ޣާޒާސިޓީގެ 200 އަށްވުރެ ގިނަ އަމާޒުތަކަށް ފައިޓަރޖެޓުން ޙަމަލާ ދީފައި ވެއެވެ.

ތައްޔާރީ ޙާލަތުގައިތިބި 3 ލައްކަ ސިފައިން ، އިޒްރޭލުގެ ލަސްކަރުތަކާ ގުޅުމަށް އިޒްރޭލުން މިހާރުވަނީ އަންގާފައެވެ. ބޭރުގައި ތިބި އެފަދަ ސިފައިން އިޒްރޭލަށް ގެނައުމަށްޓަކައި އިތުރު ފްލައިޓުތައްދަނީ ބާއްވަމުންނެވެ.

ފަލަސްތީނުގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ، އިޒްރޭލުގެ ސިފައިންވަނީ ، މީހުން ދިރިއުޅޭ ތޭވީހަކަށްހާސް ތަނަކަށް ބޮންއަޅައި ޙަމަލާ ދީފައެވެ. އޭގެ އިތުރަށް ޞިއްޙީ ޚިދުމަތްދޭ 10 ތަނެއްވަނީ ހަލާކު ކޮށްލާފައެވެ. 48 ސްކޫލެއްވަނީ ބިމާހަމަކޮށްލާފައެވެ.

ޙަމާސްގެ ސިޔާސީ އިސް ދެއޮފިސަލަކުވަނީ ޝަހީދުކޮށްލާފައެވެ. މިއީ އިޒްރޭލުން ޣައްޒާއަށް ޙަމަލާދޭން ފެށިފަހުން ޝަހީދު ކޮށްލެވުނު ފުރަތަމަ އިސް ދެ އޮފިޝަލުންނެވެ. މި ދެއޮފިޝަލުން ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނުސްގައެވެ.

ދެކުނު ލުބްނާނުން އިޒްރޭލަށް ރޮކެޓް ޙަމަލާތަކެއް ވަނީ ފޮނުވައިލާފައެވެ. އެއީ އިޒްރޭލުން ދެކުނު ލުބްނާނަށް ބޮން އެޅުމާ ގުޅިގެން ބަދަލު ހިފުމަށް ދެވުނު ޙަމަލާ ތަކެކެވެ.

ސޫރިއާގެ ސަރަޙައްދުންވެސް އިޒްރޭލަށް ރޮކެޓް ޙަމަލާތައް ވަނީ އަމާޒު ވެފައެވެ. ލުބްނާނާއި ސޫރިއާއިން އިޒްރޭލަށް ފޮނުވުނު ރޮކެޓްތަކާ ގުޅިގެން ، މި ހަނގުރާމަ އިތުރަށް ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

ފަލަސްތީނުން ބުނާގޮތުގައި ރޭގެ ޙަމަލާތަކުގައި އިޒްރޭލުންވަނީ ، ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރުން މަނާކުރެވިފައިވާ ވައިޓް ފޮސްފޮރަސް ހިމެނޭ ބޮން  އަޅާފައެވެ . ބޮންއަޅާފައިވަނީ ، ޣައްޒާގެ އުތުރު ހުޅަނގުގެ ސަރަޙައްދުތަކަށެވެ.

އެމެރިކާގެ ރައީސް ބައިޑްން ބުނިގޮތުގައި ޙަމާސްއިން އެ ހިންގީ ޝައިޠާނީ ޢަމަލެކެވެ. އެމެރިކާގެ 14 ރައްޔިތުން މަރުވެފައިވާކަމަށްވެސް ބައިޑްން ބުންޏެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ، އިޒްރޭލަށް ޒިޔާރަތްކުރާގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ އިޒްރޭލާއެކު އެމެރިކާ އޮތްކަމުގެ ރަމްޒެއް ދެއްކުމުގެ ބޭނުމުގައެވެ. ބްލިންކެން އިޒްރޭލަށް ދާނީ މާދަމާއެވެ.

ޣައްޒާއިން މިޞްރަށް އެތެރެވާ ރެފިއުޖީން ހުއްޓުވުމަށްޓަކައި މިޞްރުން މިހާރުވަނީ މަސައްކަތް ފަށާފައެވެ. އިޒްރޭލުގެ ހަނގުރާމަވެރިން އަންނަނީ ، ފަލަސްތީނު މީހުން ޣައްޒާދޫކޮށް ތަންހުސްކޮށް މިޞްރަށް ދިއުމަށް އަންގަމުންނެވެ. އެކަމަކު ، ޣައްޒާ އެއްކޮށް ބަންދުކޮށްފައި އޮތުމާއެކު ، އެމީހުންނަށް މިޞްރަށް ދެވޭގޮތެއް ނުވިއެވެ.

ޣައްޒާ އެއްކޮށް ބަންދުކުރުމަކީ އިޒްރޭލުން ބައިލަންއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުރާ ކަމެއްގެ ގޮތުގައި އީޔޫގެ ޚާރިޖީ ސިޔާސަތާބެހޭ ވެރިޔާ ޖޯސެފް ބޮރެލްވަނީ ހާމަކޮށްފައެވެ.

ތެހެރާނުން ބުނާގޮތުގައި ، ޙަމާސްއިން އިޒްރޭލަށް ދިން އެ ޙަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންނަމަވެސް ، ޙަމާސްގެ އެ ހިތްވަރުގަދަ އިސްނެގުމަށް އީރާނުން ތަޢުރީފް ކުރިއެވެ.

އިޒްރޭލް – ޙަމާސް ހަނގުރާމަޔަކީ ، އެމެރިކާގެ ސިޔާސަތުތައް ފެއިލްވެފައިކަމުގެ ހެއްކެއްކަމުގައި ރަޝިއާއިން ބުނެފައި ވެއެވެ.

ހަނގުރާމައިގެ ދޮގު ޚަބަރުތައް ހުއްޓުވުމަށް ، ސޯޝަލްމީޑިއާ ޕްލެޓްފޯމް ،  އެކްސް ގެ ވެރިފަރާތް އެލޮން މަސްކް އަށް ، އީޔޫގެ އިންޑަސްޓްރީ ތަކާބެހޭ ވެރިޔާ ، ތިއެރީ ބްރެޓޮން ވަނީ ގިވައިލާފައެވެ.

ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ހާމަކުރާގޮތުގައި އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ފަލަސްތީނުގެ ހާހެއްހާ މީހުން މަރުވެއްޖެއެވެ.  އަދި ފަސްހާސް މީހުންވަނީ ޒަޚަމް ވެފައެވެ. މީގެ އިތުރަށް ، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި 21 މީހުން މަރުވެ 130 މީހުންވަނީ ޒަޚަމް ވެފައެވެ.

އިޒްރޭލުން ބުނާގޮތުގައި ބާރަހާހަށްވުރެ ގިނަމީހުން އިޒްރޭލުން މަރުވެއްޖެއެވެ. އަދި ތިންހާހެއްހާ މީހުންވަނީ ޒަޚަމް ވެފައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.