ފަލްސަފާ (22)

(8 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވަޒީފާއާ ބެހޭގޮތުން ތަހުނިޔާއަށް ދިމާވި ހުރިހާކަމެއް ތަފުޞީލުކޮށް ނޫރުއަށް ކިޔައިދިނެވެ. ވަރަށް ޝަޢުޤުވެރިކަމާއެކު އެވާހަކަތައް އަޑުއަހަން ހިނިތުންވެފައި ނޫރު އިނެވެ. ދެރަޙުމަތްތެރިންގެ މެދުގައި މައްސަލައެއް އުފެދިދާނެ އެއްވެސްކަމެއް ހިނގައިފި ހެންނެއް ހިއެއް ނުވެއެވެ. ތަހުނިޔާގެ ވާހަކަތައް ނިންމާލައި ނޫރުއާ ދިމާއަށް ބަލައިލިއެވެ. މޫނު އަރިކޮށްލައި ކަނާތުން މޫނުގައި ހިފަހައްޓާލަމުންނެވެ. ނޫރުވެސް ، އޭނާގެ މޫނު އަރިކޮށްލައި ކަނާތުން މޫނު ހިފަހައްޓައިލަމުން ހިނިތުންވެފައި އިނދެ ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އެ ދެ ރަޙުމަތްތެރިންގެ މެދުގައި ކުރިންވެސް އޮތް ލޯބި އެކަކު އަނެކެއްގެ ލޮލުން ، އެކަކު އަނެކަކަށް ފެނިގެން ދިޔައެވެ.

ސާޖިދާ ދިޔަގޮތަށްގޮސް ވަނީ ބަދިގެޔަށެވެ. ކައްކަމުން ދިޔައިރު އެކައްކާ އެއްޗަކަށް ލޮނުލެވޭކަމެއް ނުލެވޭކަމެއްވެސް ސާޖިދާއަކަށް ނޭނގެއެވެ. އޭނާހުރީ އެހާބޮޑަށް ހާސްވެފައެވެ. ތަހުނިޔާގާތު ނޫރު ދައްކާނީ ކޮންފަދަ ވާހަކަތަކެއްކަމެއްވެސް ނޭނގެއެވެ. ތަހުނިޔާގެ ސިކުނޑި އެއްކޮށް ދޮވެލާނެއެވެ. ސާޖިދާގެ ހުވަފެންތައް އެހިތުން އެއްކޮށް ފުހެލައި ، ނޫރުގެ ކޮޅަށް ތަހުނިޔާ އަނބުރައިލާނެއެވެ. ސާޖިދާއަށް ، އިރުއިރުކޮޅުން ދޮރާދިމާއަށް ބަލައިލެވެއެވެ.

އެންމެފަހުން ، ތަހުނިޔާ އައިސް ބަދިގެތެރެޔަށް ވަނެވެ.

" އެހާ ލަސްވީ ކީއްވެ ހެއްޔެވެ ؟ އަވަހަށް އަންނާށޭ އަހަރެން ބުނީމެއްނޫން ހެއްޔެވެ ؟ ނޫރު ، މިގެޔަށް އެއައީ ކީއްކުރަން ހެއްޔެވެ ؟ " ސާޖިދާ ހަޅޭއްލަވައިގަތެވެ.

ނޫރު މިގެޔަށް އެއައީ ފުރަތަމަ ފަހަރަށް ހެއްޔެވެ ؟ އެއީ ތަހުނިޔާގެ ރަޙުމަތްތެރރިޔާއެވެ. ކުޑައިރުއްސުރެ ، ނޫރު މިގެޔަށް އާދެއެވެ. ސާޖިދާއަށް ތަހުނިޔާ ޖަވާބުދިނެވެ.

ސާޖިދާ ކަންބޮޑުވީ ، ނޫރު އެއައީ ، މުރުތަޟާއާ ކައިވެނިކުރަން ނިންމި ފަހުންކަމަށްވާތީއެވެ. ނޫރު އެއައީ ކުޑައިރުގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށް ނުވާނެތީއެވެ. މުރުތަޟާއާ ތަހުނިޔާއާ ދެމެދަށް ވަނުމުގެ ބޭނުމުގައެވެ. އެއީ ވަރަށް ޙީލަތްތެރި ކުއްޖެކެވެ. އެވަރު ، ސާޖިދާއަށްވެސް ވިސްނެއެވެ. ތަހުނިޔާމެންނަކަށް ދުވަހަކުވެސް ނުވިސްނޭނެއެވެ.

ތަހުނިޔާ ބަދިގެތެރެޔަށް ވަދެގެން އައިއިރު ހުރީ ހިނިތުންވެފައެވެ. އުފާވެރިކަމުން ފުރިފައެވެ. އެހެނަސް ، މަންމަގެ ވާހަކަތަކުން ތަހުނިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވާހަކަ ދައްކަމުންދިޔަ ރާގަށް ބަދަލު އައެވެ.

" މަންމާއެވެ ! މަންމަމެންގެ ހެއްލުމުގެ މަތިން އަހަރެން މުރުތަޟާއާ ކައިވެނިކުރަން ނުޤަބޫލުކަމެއް ނުދައްކަމެވެ. މިހާރު ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ ނޫރުއާ ރުޅިވެ ، އަހަރެމެންގެ ރަޙުމަތްތެރިކަން ދޫކޮށްލަންވީ ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.

އެފަކީރު އެއައީ ، ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ތަހުނިޔާއަށް މަރުޙަބާ ކިޔާށެވެ. ހިތުގައިހުރި ތަކުލީފުތައް އެއްފަރާތް ކޮށްފައި ތަހުނިޔާއާއެކު އޮތް ރަޙުމަތްތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ. މުރުތަޟާމެންނާ އެޖެހުނު މައްސަލަޔަށްފަހު  ، އަދި އެމީހުންނާ ގުޅުން ކަނޑައިލުމަށްފަހު ، ނޫރު މިހާރު އެވަނީ ، އެކަންކަމާ ދުރަށްގޮސް ، ނޫރުގެ އުއްމީދުތަކަށް ފުރުޞަތުދޭން ނިންމައިފައެވެ. އެއީ ، ހަމައެކަނި ތަހުނިޔާއާ އޭނާއާ ދެމެދުއޮތް ރަޙުމަތްތެރިކަމުގެ ޙައްޤުޤައެވެ. ނޫރު އެފެށީ އެ ރަޙުމަތްތެރިކަމަށް ދިރުންގެނައުމުގެ މަސައްކަތެވެ. ނެތް ހިތްވަރުލާފައެވެ. އެކަމާ ހިތްހަރުކޮށް ، ތަހުނިޔާ މުޒާހަރާކުރަންވީ ކޮން ސަބަބަކާހުރެ ހެއްޔެވެ ؟

ތަހުނިޔާގެ މޮޔަކަމަށްޓަކައި ސާޖިދާ ކަންބޮޑުވިއެވެ. ނޫރުއަކީ ވަރަށް ޗާލާކީ ކުއްޖެކެވެ. ތަހުނިޔާއަކީ އެއްޗެއްވިސްނޭ ވަރަށްވުރެ ، މޮޔަ ކުއްޖެކެވެ. މާބޮޑު ކަމަކާނުލައި ތަހުނިޔާ ހައްލައިލުމަކީ ނޫރުއަށް އެހާ ބޮޑުކަމެއްނޫނެވެ. ނޫރުގެ ހިތުގައި އޮތްއެއްޗެއް އެހާ އަވަހަށް ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ. ތަހުނިޔާޖެހޭނީ ނޫރުއާ ދުރަށްދާށެވެ. އެހެންނޫނީ އެމީހުންނަކަށް ސަލާމަތެއް ނުއޮންނާނެއެވެ. ސާޖިދާ އޭނާގެ ދަރިފުޅަށް އެކަމަށް އިންޒާރު ކުރިއެވެ. އެހެންނަމަވެސް ، ތަހުނިޔާ އެވާހަކަތަކުގެ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އަދި ، އެތާ ހުންނާކަށްވެސް ތަހުނިޔާ ބޭނުމެއް ނުވިއެވެ. މަންމަޔަކީ ފަހަކަށް އައިސް ، ނޫރުއާ ދެކޮޅުމީހެއްކަން ތަހުނިޔާއަށް އެނގެއެވެ. އަދި އަމްދުން ، މިހާރު ، މަންމަ އެހުންނަނީ ނޫރުދެކެ އިންތިހާއަށް ރުޅިއައިއްސައެވެ. ނޫރުއާމެދު މަންމަގެ ހިތް ހެވެއް ނުވާނެއެވެ. ބުއްދިފުރިހަމަ ރަޙުމަތްތެރިއެއްގެ ފަރާތުން ލިބިދާނެ ގެއްލުމެއް ވިސްނާކަށް ތަހުނިޔާއަކަށް ނޭނގޭނެއެވެ. މޮޔަ ރަޙުމަތްތެރިއެއްގެ ފަރާތުން ލިބޭ ގެއްލުމަށްވުރެ ، ބުއްދިވެރި ރަޙުމަތްތެރިއެއްގެ ފަރާތުން ލިބޭ ގެއްލުން އެތައް ގުނަޔަކަށް ބޮޑުވާނެއެވެ. އެކަމަކު ، އެކަން ތަހުނިޔާއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ ؟

މުރުތަޟާއިނީ ނޫރުއާ ބައްދަލު ކުރުމަށްފަހު ގެޔަށް އައިސް ، ނޫރު އެދެއްކި ވާހަކަތަކުގެ ތެރެޔަށް ގެއްލިފައެވެ. ކައިވެނިކޮށްގެން އެޕާރޓްމަންޓަކަށް ބަދަލުވާ ވާހަކައެވެ. އަތުގައި ފައިސާ ނެތިއްޔާ ލޯނު ނަގާ ވާހަކައެވެ. މަންމަޔާ އެވާހަކަ ދައްކަންޖެހޭ ވާހަކައެވެ. މަންމައާ ޠާހިރާއާ އަރުސަލާނަކީ އެމީހުންގެ ޢާއިލާކަމަށް ނޫރު ދެކޭ ވާހަކައެވެ. ބޯ ހާސްވެގެންގޮސް މުރުތަޟާއަށް ލޯމަރައި ލެވުނެވެ. އޭނާއަށް އެވަގުތު އިޙްސާސްކުރެވުނީ އަނދިރި ކަމެވެ. ދުރުފެންނަން ނެތް ކަނު އަނދިރިކަމެވެ. ލޮލުކޮޅަށް ފެންނަ ހިސާބުންވެސް އެއްވެސް އަލިކަމެއްގެ ހިލަމެއްނެތެވެ.

ދޮރުގައި ޓަކިޖަހައިލުމަށްފަހު ، ޠާހިރާ ވަދެ ، މުރުތަޟާގެ ގާތަށް ޖެހިލިއެވެ. ޠާހިރާއެއައީ މުރުތަޟާއަށް ސައިތަށްޓެއް ހިފައިގެންނެވެ. މުރުތަޟާ ، އޭނާގެ ދައްތަޔަށް ޝުކުރު އަދާކުރިއެވެ.

ޠާހިރާ ، މުރުތަޟާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ބުންޏެވެ.

އަންހެނުންނަކީ ޟަޢީފު ބަޔެކެވެ. އެތައްބަޔެއްގެ ލޯތްބާއި އިޙްތިރާމް ލިބޭ އަދި ލިބެންޖެހޭ ނިކަމެތި ބަޔެކެވެ. އެދެމީހުންގެ މަންމަ ކުރަމުން އެގެންދާ މަސައްކަތަކީ ، އެމީހުންގެ ޢާއިލާ ރޫޅި ،ވަކިވެގެން ނުގޮސް ، ޢުމުރުން ބާކީ ދެންއޮތް ތަނުގައި އެޢާއިލާ އެކުގައި އުޅެވޭނެކަމަށް އޭނާގެ ވިސްނުމަށް އަންނަ މަސައްކަތެވެ. މަންމަ ކުރަމުން އެގެންދާ މަސައްކަތްތަކަށް ޠާހިރާ ތަޢުރީފް ކުރިއެވެ. އެ އާދަތަކަކީ ، އަންހެނުންގެ ކިބައިގާ ހުރުމަށް ﷲ ނިންމަވާ ރަޙުމަތުގެ ނިންމެވުމެކެވެ.

މުރުތަޟާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާމެދު ޠާހިރާ ސުއާލު ކުރިއެވެ. ވިސްނަމުން އެގެންދަނީ ކޮންކަމަކާތޯ އެހިއެވެ. އޭނާގެ ދައްތަޔަށް ފޮރުވަންޖެހޭ އެއްވެސްކަމެއް މުރުތަޟާގެ ހިތަކު ނުބާއްވާނެއެވެ. ނޫރު އައިސް މިއަދު އޭނާއާ ބައްދަލުކުރިވާހަކަ މުރުތަޟާ ، އޭނާގެ ދައްތަގާތު ބުންޏެވެ. އަލުން އަނެއްކާ ނޫރު ، މުރުތަޟާއާ ބައްދަލުކުރީ ކީއްކުރަންތޯ ޠާހިރާ ސުއާލު ކުރިއެވެ. ނޫރު ބޭނުންވަނީ އަލުން އެދެމީހުން ގުޅުންކަމުގައި މުރުތަޟާ އޭނާގެ ދައްތަގާތު ބުންޏެވެ. ޠާހިރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އަދި ، އެކަހަލަ އެއްވެސްކަމެއް ކުރުމާމެދު ނުވިސްނުމަށް މުރުތަޟާއަށް ނަޞޭޙަތްތެރިވިއެވެ.

ދައްތަ ، އެކަމާ ކަންބޮޑުނުވުމަށް މުރުތަޟާ އެދުނެވެ. މަންމަދިން ތަރުބިއްޔަތުގެ މަތިން އޭނާ ހަނދާނެއް ނުނެތެއެވެ. އޭނާގެ ނަފުސާއި ހަށިގަނޑުގައިވަނީ ، މަންމަގެ ތަރުބިއްޔަތު ކަމަށާއި އެކަންކަން އޭނާ ދޫކޮށްނުލާނެކަމަށް ބުންޏެވެ. މަންމަ އެ އެދޭގޮތަށް ތަހުނިޔާ އޭނާގެ ދިރިއުޅުމަށް އައުމަކީ ، މުރުތަޟާއަށް ކުޑަކޮށްވެސް ފަސޭހަ ކަމެއްނޫނެވެ. ހިތްހަލާކުވެގެންގޮސް ދުނިޔެއިން މޮޔަވާވަރުގެ ކަމެކެވެ.

" ދައްތާއެވެ ! ނޫރުއަކީ މިހާރު ، އަހަރެން ލޯބިވި ނޫރުލްޢައިނެއްނޫނެވެ. އެއީ މުޅިން ތަފާތު މީހެކެވެ. ނޫރު އެޙާޞިލްކުރި ޑިގްރީން އޭނާގެ ސިކުނޑި ތަނަވަސްވުމުގެ އިތުރަށް ، ވިސްނުމާއި ފިކުރާ އަދި ޚިޔާލާތު އެއޮތީ ، އާސްމާނަށް އަރާފައެވެ. ކުރާ އުއްމީދާއި ދެކޭ ހުވަފެންތައް އެއީ މުރުތަޟާއަށް ލޮލުކޮޅުންވެސް އޭގެ އަސަރެއް ފެންނަން ނެތްވަރުގެ ދުރު ކަންކަމެވެ. ނޫރުގެ އުފަލާއި އަރާމަކީ ، އަމިއްލަ މީހުންގެ ލޯތްބާއި ގުޅުމަށްވުރެ ، މޮޅެތި ކާރާއި ބޮޑެތި ގަނޑުވަރާއި މަތިވެރި މަޤާމާ ގުޅިފައިވާ ކަންކަމެވެ. އެވަރުގެ އަންހެންކުއްޖަކު ، މުރުތަޟާގެ ދިރިއުޅުމަށް އައުމަކީ ، އޭނާގެ އަމިއްލަ ނަފުސު ޤާބޫލުކުރާ ކަމެއްނޫނެވެ. އެއީ ތިމާގެކަމުގެ ގުޅުމާ އަޅާކިޔާއިރު ، މުރުތަޟާއަށް އެއްވެސް އެއްޗެއްނޫނެވެ. މަންމައާއި ދައްތަ އާ އަދި އަރުސަލާންގެ ގުޅުން މުރުތަޟާއަށް މާ މުހިންމެވެ. އާނއެކޭ ބުނުމަށް ބޯތަޅުވައިލުމަށްފަހު ، ޠާހިރާ އޭނާގެ ކޮއްކޮގެ ބޮލުގައި ފިރުމާލަމުން ހިނިތުން ވެލިއެވެ.

ވަޒީފާއެއްގެ އުއްމީދަކީ ، ތަހުނިޔާގެ އެންމެ ފޮނި އުއްމީދެވެ. ކޮލެޖް ނިމުނީއްސުރެ ފެށިގެން ، އޭނާގެ ނަފުސަށް އުނިކަން ލިބިގެންވާ ކަމެއްގެ ގޮތުގައި ، ބަލަމުން އައީ ވަޒީފާއެއްގެ ފުރުޞަތު ނެތުމެވެ. ނޫރުއަށް އެހާ ފަސޭހައިން ވަޒީފާއެއް ލިބުނަސް ތަހުނިޔާގެ އެ އުއްމީދުގައި ކުލަޖެހިގެން ގޮއްސައެއް ނެތެވެ. ތަހުނިޔާއަށް ހިތްވަރުދީ ، އެއް ތަނަކަށްފަހު އަނެއް ތަނަކަށް ސިޓީލައި ވަޒީފާއެއް ހޯދުމަށް ، ތަހުނިޔާ ކުރަމުންދިޔަ މަސައްކަތަށް ހިތްވަރުދިން މީހަކީ ހަމައެކަނި ނޫރުއެވެ.

މިއަދަކީ އަނެއްކާވެސް ، ވަޒީފާއަކަށް އެދި ، ތަހުނިޔާ ސިޓީލީ ކުންފުންޏެއްގެ އިންޓަވިއުއަށް ކިޔާފައިވާ ދުވަހެކެވެ. އެ އިންޓަވިއުއަށް ތަހުނިޔާ އައީ ނޫރު އާ އެކުގައެވެ. ތަހުނިޔާ އެތަނަށް ވައްދާފައި ، އޭނާ ނިމެންދެން ނޫރު އިނީ ބޭރުގައި މަޑުކޮށްލައިގެންނެވެ. އިންޓަވިއު ނިންމައިލުމަށްފަހު ، ތަހުނިޔާ ނިމިގެން އައިސް ކާރަށް އެރިއެވެ. އިންޓަވިއުދިޔައީ ކިހިނެއްތޯ ނޫރު ސުއާލު ކުރިއެވެ.

ތަހުނިޔާއަށް ވަޒީފާ ލިބިއްޖެއެވެ. އޭނާ އިނީ އުފަލުންގޮސް ފޮޅިފައެވެ. ނޫރުއަށް ލިބުނު އުފާވެރިކަންވެސް ވަކި ކުޑައެއްނޫނެވެ. ދެ ރަޙުމަތްތެރިން ކާރުތެރޭތިބެ ބައްދާލައި ، އެކަކު އަނެކަކަށް އެ އުފާވެރިކަން ޙިއްޞާ ކުރިއެވެ. އެކަން ހަމަޖެހިގެން އެދިޔައީ ނޫރުގެ ހިތްވަރުން ، ހިތްވަރު ލިބިގެންކަމުގައި ތަހުނިޔާ ބުންޏެވެ. އެހެނަސް އެއީ ނޫރުގެ ހިތްވަރެއްނޫނެވެ. އެއީ ، ތަހުނިޔާގެ ޤާބިލިއްޔަތާއި އަމިއްލަ ނަފްސުގެ އިތުބާރާއި ހިތްވަރުން ޙާޞިލްކުރި މަޤާމެކެވެ. ނޫރު އެކަނި އޭގެ ފޮނިކޮޅު ބޯލާކަށް ބޭނުމެއްނޫނެވެ. ގެޔަށް އައި މަގުމަތީ އެދެމީހުން ވަރަށް ވާހަކަ ދެއްކިއެވެ.

އެއީ ، ތަހުނިޔާގެ ޙަޔާތުގެ ފުރަތަމަ ބާބުގެ ފެށުމެވެ. ނިއުޅެމުން ފުރޮޅެމުންދާ އެޙަޔާތުގެ ފުރަތަމަ ޞަފުޙާއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ، ކުރިޔަށް ދިއުމުގައި ދެން އޮތީ ތަހުނިޔާގެ ހިތްވަރެކެވެ. އެއްވެސް މީހަކު އަނެކާއަށް ބަރޯސާވުމަކި ، އަމިއްލަ ނަފުސަށް ވެވޭ ޚިޔާނާތެކެވެ. އެއީ ، އަމިއްލަ ނަފުސަށް އިތުބާރުކުރަން ނޭނގޭތީ ދިމާވާ ކަމެކެވެ. މަސައްކަތަށް އިސްކަންދީގެން އުޖާލާ މުސްތަޤްބަލަކަށް އުއްމީދުކުރާ ކަމަށްވަންޏާ ، އެންމެންގާތުވެސް އެކަން ސާފުކޮށް ބުނެދިނުމަކީ މުހިންމުކަމެއްކަމުގައި ނޫރުލަފާދިނެވެ. ދިރިއުޅުމުގައި ފަހުން ކުރިމަތިވެދާނެ ތަކުލީފުތައް ލުއިކުރެވޭނީ އޭރުންނެވެ.

އަންހެންކުދިންނަކީ ، މުޖުތަމަޢުގެ ނުފޫޒާއި އަމާޒުވާ ފާޑުކިޔުންތަކުން އެކަހެރި ދުނިޔެއެއްގައި ދިރިއުޅެންޖެހޭ ބަޔެކެވެ. އެއާ ދެކޮޅަށް އެކުދިންކުރަންޖެހޭ ކަންކަން ވަރަށް ގިނަވާނެއެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ، މަސައްކަތުގެ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށްޓަކައި ، ވަރަށް ހިތްވަރުކޮށް ، އެކަންކަމާ ދެކޮޅަށް ތެދުވާން މަޖުބޫރު ވެއެވެ. ޢާއިލާގެ މެންބަރުންނާވެސް ދެބަސްވާންޖެހޭ ފަހަރު އަންނާނެއެވެ. ޢާއިލާގައި ހުންނަ ބޭބެ ނުވަތަ ފިރިހެން ކޮއްކޮއަށްވުރެ މައްޗަށް އަންހެންކުއްޖަކު ދިއުން އެއީ މަސްއަލައެއްކަމަށް ، ބައެއް ޢާއިލާތަކުން އަދިވެސް އެބަ ދެކެއެވެ. އަމިއްލަ ނަފްސު ދިފާޢުކޮށް ، އަމިއްލަ ޙައިޞިއްޔަތު ދެމެހެއްޓުމަށްޓަކައި ނެތްހިތްވަރު ލާފައި ސާބިތުވެ ހުންނަން މަޖުބޫރު ވެއެވެ. ނޫރުގެ ވާހަކަތައް އެއީ ތަހުނިޔާއަށް ރަނގަޅަކަށްޓަކައި ދޭ ނަޞޭޙަތްކަމުގައި ތަހުނިޔާވެސް ޤަބޫލު ކުރިއެވެ. އެހެނަސް ، އޭނާއަކީ ނޫރުފަދަ ހިތްވަރުހުރި އަދި އަމިއްލަވަންތަކަމުގައި ސާބިތުވެ ހުރެވޭފަދަ ހިތްވަރެއް ލިބިފައިވާ މީހެއްނޫނެވެ. ތަހުނިޔާގެ ބަލިފަޔަކީ އެއީއެވެ. މައިންބަފައިންގެ ނުފޫޒުން ސަލާމަތްވާނެ ފުރުޞަތު ހޯދަން ކެރިގެން ކުރިމަތިލާން ނުކެރުމެވެ.

" މަންމައާއި ބައްޕަގެ ރުހުން ހޯދަން އަހަރެންނަށް ކުރެވުނު ކަމެއްވިއްޔާ ކުރާނަމެވެ. " ތަހުނިޔާ ބުންޏެވެ.

މަންމައާއި ބައްޕަގެ ރުހުން ލިބުނަސް ތަހުނިޔާއަށް ފުއްދައިލެވޭކަށް މިހާރަކު ނެތެވެ. މުރުތަޟާގެ ރުހުން ހޯދާނީ ކިހިނެއްތޯ ނޫރު ސުއާލު ކުރިއެވެ.

" ނޫރުއެވެ ! މުރުތަޟާއަކީ ، އަހަރެންނަށް ހަމައެކަނި ނަމެކެވެ. އަހަރެންގެ ހިތާއި ނަފުސު ، މުރުތަޟާއާ ގުޅިފައެއް ނެތެވެ. އަހަރެންގެ މުޅި ޙަޔާތުގައިވެސް އެއީ ، ނަމެއްގައި ހުންނަ މީހަކަށްވެސް ވެދާނެއެވެ. އެއީ އަހަރެންގެ ހިތާއި ނަފުސާ އަދި ޝަޚުޞާ ގުޅިފައިވާ މީހެއްނޫނެވެ. އަހަރެންނާ ބެހޭ މީހެއްނޫނެވެ. އަހަރެން މިވާހަކަ ދައްކާނީ ހަމައެކަނި ބައްޕަޔާއެވެ. " ތަހުނިޔާ ބުންޏެވެ.

މުރުތަޟާއާއި ނޫރު ބައްދަލުކުރުމަކީ މުރުތަޟާގެ ޢައިލާއަށް ކުރިމަތިވި ވަރަށްބޮޑޫ ކަމެކެވެ. އެދެމީހުން ބައްދަލުކުރުމަކީ ، އެ ޢާއިލާގެ އެކަކުވެސް އެދޭކަމެއްނޫނެވެ. އެކަމާ މިފަހަރު ކަންބޮޑުވީ ޙަފުޞާ އެކަންޏެއްނޫނެވެ. ޠާހިރާވެސް ހުރީ އެކަމާ ރުޅިއައިއްސައެވެ. ނޫރު ބޭނުންވެގެން އެއުޅެނީ ކޮންކަމެއްތޯ ޠާހިރާ ސުއާލު ކުރިއެވެ. އެމީހުންނަށް ނޭނގޭ އެއްޗަކީ ނޫރުގެ މަޤްޞަދެވެ. މުރުތަޟާގެ ކައިވެންޏަށް ހުރަސްއެޅޭނެ އެތައްކަމެއް ، ކުރިޔަށް އޮތްތާނގައި ނޫރުގެ ފަރާތުން ކުރިމަތިވާނެކަމަށް ޙަފުޞާ ބުންޏެވެ. ބުޅަލަށް ކިރުތަށި ނުބޮވިއްޖެނަމަ ، އެކިރުތަށި ބަންޑުން ކޮށްލާނެއެވެ. އެހެން ބުޅަލެއް އައިސް އެކިރުތަށި ބޯން ދޫކޮށެއްނުލާނެއެވެ. ޙަފުޞާގެ ނަޒަރުގައި ނޫރު ކުރަމުން އެގެންދަނީ އެ މައްސަކަތެވެ. ޙަފުޞާހުރީ ، އެކަން އެގޮތަށްވެގެންދާން ދޫކޮށްލާ ގޮތަކަށްނޫނެވެ. ތަހުނިޔާމެންގެޔަށް ދާން ޠާހިރާ ތައްޔާރުވުމަށް ޙަފުޞާ އެންގިއެވެ. ޙަފުޞާގެ މަޤްޞަދަކީ ، ނޫރުގެ ކަންތައް މާބޮޑުނުވަނިސް ، މުރުތަޟާއާއި ތަހުނިޔާގެ ކައިވެނި ކުރުވުމެވެ. އަންނަ މަހުގެ ތެރޭގައި އެކައިވެނިކުރަން ޙަފުޞާ ނިންމިއެވެ. ތަހުނިޔާގެ މައިންބަފައިންވެސް އެކަމަށް އެއްބަސްވާނެއެވެ. ސާޖިދާވެސް ހުރީ ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވަން ނިންމާފައެވެ. ނޫރުގެ ކިބައިން އޭނާގެ ދަރިފުޅު ސަލާމަތްކުރަން އެނޫންގޮތެއް ސާޖިދާއަކަށްވެސް ނުފެނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.