މިއީ ކާފަރުންނާއި އިސްލާމުންގެ ހަނގުރާމައެއް

މެދުއިރުމައްޗަކީ ، އެ ސަރަޙައްދުގައި އިންސާނުން ދިރިއުޅެން ފެށީއްސުރެ ، ހަނގުރާމައާއި ހަމަނުޖެހުންތަކުން ފުރިގެންވީ ތަނެކެވެ. އެއިން ކޮންމެ ހަމަނުޖެހުމެއްގައިވެސް ، އަދި ހަނގުރާމައެއްގައިވެސް ، އެއްކޮޅުގައި ތިބީ ކާފަރުންނެވެ. އަނެއްކޮޅުގައި ޢަރަބި އުއްމަތެވެ.

މެދުއިރުމަތީ ހިނގާފައިވާ ކޮންމެ ހަމަނުޖެހުމަކަށް އަދި ހަނގުރާމަޔަކަށް ބެލިނަމަވެސް އެކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. ޢިރާޤުގައި ހަނގުރާމަ ފެށުމުގެ ކުރިން ، ސަރުކާރާ އިދިކޮޅު މީހުންގެ ސިޔާސީ ޙަރަކާތްތައް ފެށްޓީ އިނގިރޭސިވިލާތުގައި ތިބެގެންނެވެ. އިނގިރޭސި ވިލާތަކީ ، ޤައުމެއްގެ ސިޔާސީ އަދި ދާޚިލީ ހަމަނުޖެހުމަކާ ގުޅިގެން އިދިކޮޅުމީހުންނަށް ޙިމާޔަތްދީ ، ސަރުކާރުތަކާ ދެކޮޅު ޙަރަކާތްތައް ހިންގުމަށް ބާރުއަޅައި އެހީތެރިވެދޭ ހާއްޔެކެވެ. ދާޚިލީހަމަނުޖެހުންތަކަށް ފުރުޞަތު ތަނަވަސްކުރުމަށް މާލީއެހީދޭ ޤައުމެކެވެ. މިފަހުން ، ޢިރާޤު ، ލީބިއާ ، މިޞްރު އަދި ސޫރިޔާ ފަދަ ، ޢަރަބި ދައުލަތްތަކާ ދެކޮޅަށް މަސައްކަތްކުރާ ސިޔާސީ މީހުންނަށް ޙިމާޔަތްދީގެން ، ގެންގުޅުނީ އިނގިރޭސިވިލާތުންނެވެ. އެއީ ، ކޮންމެ ޙާލަތެއްކަމަށްވިޔަސް ، އަދި ކޮންމެ ޤައުމެއްކަމަށްވިޔަސް ، އަދި ކޮންމެފަދަ މީހެއްކަމަށްވިޔަސް ، ސަރުކާރަކާ ދެކޮޅުވެގެން ޙިމާޔަތްހޯދުމަށް އިނގިރޭސިވިލާތުގެ އެހީއަށް އެދިއްޖެނަމަ ، އެކަން އިނގިރޭސިވިލާތުން ކޮށްދޭނެއެވެ.

މިއޮއް ކުޑަކުޑ ރާއްޖޭގެ ސިޔާސީ އެތައްބަޔަކުވެސް ، އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތް ހޯދައިގެން އެތައްފަހަރަކު އެތައްދުވަހަކު އިނގިރޭސިވިލާތުގައި ތިބެއްޖެއެވެ. ސިޔާސީ އަދި ދާޚިލީ ބޮޑެތި ހަމަނުޖެހުންތައް ހިނގާތަންތަނުން އިނގިރޭސިވިލާތުގެ އެހީއަށް އެދޭމީހުން ހަމަހިލާ ދޫކޮށެއް ނުލާނެއެވެ. ދެވަނަބޮޑުހަނގުރާމަޔަށްފަހު ، އިނގިރޭސިވިލާތުން އަޅުވެތިކުރި ކޮންމެ ޤައުމަކުންވެސް އެމީހުން ފައިބައިގެންދިޔައީ ، ދާޚިލީ ހަމަނުޖެހުމާއި ހަނގުރާމައިގެ އޮށް އިންދާފައެވެ. ރާއްޖޭގައި ، ދެކުނުގައި އިޢުލާންކުރި ސުވާދީބް އައިލޭންޑެވެ. އިންޑިއާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޚާލިސްތާނެވެ. ޝްރީލަންކާގައި އެލްޓީޓީއީ އެވެ. ފަލަސްތީނުގައި ޔަހޫދީންނެވެ. ނޭޕާލްގެ ރަސްކަމާއި މާއޮއިސްޓް ، ކޮމިއުނިސްޓް ޕާޓީއާ ދެމެދު ހިނގި ހަނގުރާމައެވެ. ޢިރާޤާއި ލީބިއާ އަދި މިޞްރާއި އީރާންފަދަ ޤައުމުތަކުގެ ދާޚިލީ ހަނގުރާމައާއި ހަމަނުޖެހުންތައް ވިލަރެސްކޮށް ހިންގި ސިޔާސީ އެންމެން އެކަންކުރީ އިނގިރޭސި ސަރުކާރުގެ ޙިމާޔަތް ލިބިގެން އިނގިރޭސިވިލާތުގައި ތިބެގެންނެވެ. މި ޙަޤީޤަތްތައް އެއީ ދުނިޔޭގެ ތާރީޚުން ފުހެވިގެންދާނެ ކަންކަމެއްނޫނެވެ.

1918 ގައި ފުރަތަމަ ބޮޑުހަނގުރާމަ ނިމި ، ޢުސްމާނީ ޚިލާފަތުގެ ބާރުކެނޑިގެން ދިއުމާއެކު ، މެދުއިރުމަތީގެ ބޮޑުބައެއް އަޅުވެތިވެ ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި ، ގުޅިފައިވާ ބާރުގެ އަތްމައްޗަށް ދިޔައެވެ. މެދުއިރުމަތީގެ މުހިންމު އަދި ބޮޑެތި ބިންތައް ދިޔައީ ފަރަންސޭސީންނާއި އިނގިރޭސީންގެ ބާރުގެ ދަށަށެވެ. ފުރަތަމަ ބޮޑުހަނގުރާމައިގާވެސް އަދި ދެވަނަ ބޮޑުހަނގުރާމައިގާވެސް ، ފަލަސްތީނުގެ ބިން ދިޔައީ އިނގިރޭސީންގެ ބާރުގެ ދަށަށެވެ. އޭގެފަހުން ، ސުޢޫދީން ، ހަނގުރާމަކޮށް ، މަދީނާއާއި މައްކާ ، އެމީހުންގެ އަތްދަށުން ސަލާމަތް ކުރިއެވެ. އެދުވަސްވަރު ، އެއީ ވަރަށް ފަޤީރު ސަރަޙައްދެކެވެ. އެހެންނަމަވެސް ، ތެޔޮފެނި ، ތެލުގެ މުއްސަނދިކަމުން ، ސުޢޫދީއަކީ ، އެ ސަރަޙައްދުގައި ބަސްވިކޭ ބާރުގަދަ ބަޔަކަށް ވެގެންދިޔައެވެ.

ދެވަނަ ބޮޑުހަނގުރާމަ ނިމި ފަލަސްތީނުގެ ބިން އިނގިރޭސީންގެ އަތްދަށަށް ދިއުމާއެކު ، އެބިމުގައި ޔަހޫދީން ވަޒަންވެރިކުރުވަން ފެށްޓީ އިނގިރޭސީންނެވެ. ފަލަސްތީނުގެ ބިމުގައި ޢަރަބި ދައުލަތަކާއި ޔަހޫދީ ދައުލަތެއް ޤާއިމްކުރުމުގެ ވާހަކަ އޭރުވެސް ދެކެވުނެވެ. އެކަމަށް ދެކޮޅު ހެދީ އިނގިރޭސިވިލާތުންނެވެ. އެކަމަށް ދެކޮޅު ހެދުމަށްފަހު ، ދުނިޔޭގެ އެތަންމިތަނުން ޔަހޫދީން ގެނެސް ފަލަސްތީނުގެ ބިމުގައި ވަޒަންވެރި ކުރުވުމުގެ މަސައްކަތް ފެށްޓީ އިނގިރޭސިވިލާތުންނެވެ. އެމެރިކާގެ ބައިވެރިވުމާ އެކުގައެވެ. އެމެރިކާ އޭގެތެރެޔަށް ވަދެ ، ޔަހޫދީން ޙިމާޔަތްކޮށް އެމީހުންނަށް ވާގިވެރިވުމުގައި ، އޭގެފަހުން އިސްކޮށް އޮތީ އެމެރިކާއެވެ. އިނގިރޭސީން އަދާކުރަނީ މަންމައެއްގެ ރޯލެވެ. އެމެރިކާއަކީ ޔަހޫދީންނަށް ލިބުނު ޙަރާމް ބަފައެކެވެ. ޙަރާމް ދަރިއެއްނަމަވެސް ، ޔަހޫދީ ދައުލަތުގެ ހުރިހާ މުހުތާދުތަކެއް އެމެރިކާއިން އަންނަނީ ފުއްދައިދެމުންނެވެ. ޔަހޫދީ ނޫންމީހަކަށް ނުވަތަ ޔަހޫދީން ނުބަލާނެ މީހަކަށް ، އެމެރިކާގެ ވެރިކަމަކަށް ނާދެވޭނެއެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑުބާރެވެ. ސިޔާސީ ގޮތުންނާއި ހަތިޔާރުގެ ގޮތުންނެވެ. އެދެބާރު އެއޮތީ ޔަހޫދީންގެ އަތްމަތީގައެވެ. ދެން އޮތީ ފައިސާއެވެ. އައިއެމްއެފާއި ވޯލްޑްބޭންކްގެ ކޮންޓްރޯލް އޮތީ ޔަހޫދީންގެ އަތްމަތީގައެވެ. ދުނިޔޭގެ ހުރިހާ މޮޅަކާއި ބާރެއް އެއޮތީ ޔަހޫދީން ކޮންޓްރޯލް ކޮށްފައެވެ. އެހެން އެކަން އޮތުމާއެކު ، އިޒްރޭލުގެ ޔަހޫދީ ދައުލަތް ހިނގަމުން އެދަނީ ، މަތިހަށިނަގާފައި މަގުމަތީ ހިނގަމުންދާ ގުންޑާއެކޭ އެއްބީދައިން ، ދިމާވާ ކޮންމެ މީހަކަށް އަނިޔާކުރަމުން ، ގޯނާކުރަމުން ، އަދި ނުވިތާކަށް މީހުންމަރަމުންނެވެ. މަގުމަތީ އެއްފަރާތުގައި ތިބެ ، އެހެން ނުހަދާށޭ ބުނެ ނަޞޭޙަތްދޭމީހުންނަށް އެއްވެސް އިޙްތިރާމެއް ކުރުމެއްނެތިއެވެ.

އިޒްރޭލަށް ހިޖުރަކޮށް ، ޔަހޫދީންނާ ބައިވެރިވާ ކޮންމެ ޔަހޫދީއެއްގެ ޙައްޤުތައް ޔަހޫދީ ދައުލަތުން ކަށަވަރުކޮށްދެއެވެ. ގެދޮރު ތަނަވަސްކޮށްދީ ، ދިރިއުޅެވޭނެ މަގު ފަހިކޮށްދެއެވެ. ފަލަސްތީނުގެ ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެގެންނަމަވެސް ، ޔަހޫދީންނަށް ބޯހިޔާވަހިކަން ހޯދައި ދެއެވެ. އަނެއްކޮޅުން ، ފަލަސްތީނުގެ ޙައްޤުތަކަށް އޭގެ އިންތިހާގައި އަރައިގަނެއެވެ. ބައިނަލްއަޤްވާމީ މުޢާހަދާތައް ބޮލާލައި ޖަހަމުންނެވެ.

ފަލަސްތީނުގެ މުސްލިމުން އެމީހުންގެ ގެދޮރުންނާއި އަމިއްލަ ވަތަނުން ބޭރުކޮށް ، ކާފަރުން ގެނެސް ފަލަސްތީނުގައި ވަޒަންވެރި ކުރުވަމުން އެގެންދަނީ އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތާއި ޔޫރަޕްގެ ޤައުމުތަކުގެ އެހީގައެވެ. އަމިއްލަ ނަފުސާއި ޤައުމުގެ ދިފާޢުގައި ފަލަސްތީނުގެ މީހަކު އިޒްރޭލުގެ ކާފަރަކު މަރައިފިނަމަ ފަލަސްތީނުމީހާ އެއީ ޓެރަރިސްޓަކަށް ވެދެއެވެ. ފޭރިގަނެގެން އުޅޭ ބިމެއްގައި ދިރިއުޅޭ ޔަހޫދީއަކު ، ފަލަސްތީނުގެ މީހަކު މަރައިފިނަމަ ، އެއީ އިޒްރޭލުގެ ދިފާޢުގައި ވީ ޤުރުބާނީއަކަށް ވެދެއެވެ. ޔަހޫދީންގެ ބިމާއި ޔަހޫދީންގެ އަމިއްލަ ނަފުސު ދިފާޢުކުރުމުގެ ޙައްޤު ޔަހޫދީންނަށް އެބައޮވެއެވެ. އެކަމަކު ، ފަލަސްތީނުގެ ރައްޔިތަކު އޭނާގެ އަމިއްލަ ނަފުސާއި ވަތަން އަދި ޔަހޫދީންގެ އަނިޔާއިން ސަލާމަތްވުމަށް ދިފާޢުވުމުގެ ޙައްޤެއް ނޯވެއެވެ.

ހުޅަނގުން ، ޚާއްޞަކޮށް އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުން މިގެންގުޅޭ " ގަޅި " ސިޔާސަތު ، ދުނިޔޭގައި މިވަނީ ވައިގަ ފިހާފައެވެ. އެސިޔާސަތު ޢަރަބި ބައެއް ޤައުމުތަކުގައިވެސް ބޮޑު އަގުގައި އެބަ ވިކެއެވެ.

އެމެރިކާއާއި ހުޅަނގުން ، އެއްފަރާތަކަށް ޖެހިގެން ތިބެ ، ފަލަސްތީނާމެދު އަނިޔާވެރިވުމަށް އިޒްރޭލަށް ހިތްވަރުދިނުމަށް ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް ހުރަސް އެޅޭ ފަހަރުވެސް އެބަ އާދެއެވެ. އެމީހުން ބޭނުންހާގޮތަކަށް ބައެއްފަހަރަށް ދުނިޔެއެއް ނުހިނގައެވެ.

އިޒްރޭލާއި ފަލަސްތީނުގެ ޙަމާސް ޖަމާޢަތާ ދެމެދު ، މިހާރު ހިނގަމުން އެދާ ހަނގުރާމައިގާ ފަލަސްތީނުގެ ޙަމާސް ޖަމާޢަތް ކުށްވެރިކުރުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓުގައި ރޫސީވިލާތުން ދެކޮޅު ހެދިއެވެ. ހުޅަނގުން ބޭނުންވިގޮތަށް އެކަން ފާހެއް ނުވިއެވެ. ރޫސީވިލާތުން ބުނީ ، އެއީ އެހާ ފަސޭހައިން ނިންމައިލެވެން އޮތްކަމެއްނޫން ކަމަށެވެ. އަސްލު މައްސަލަޔަކީ ، އިޒްރޭލު އެކަންކަމުގެ މައްޗަށް ޢަމަލުކުރުން ލާޒިމްކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޒްރޭލުން ބޯ ނުލެނބުމެވެ. 1948 އިންފެށިގެން ، ފަލަސްތީނުގެ ޙައްޤުތަކަށް އަރައިގަންނަމުންގޮސް ، އިޒްރޭލުގެ ޢަމަލުތައް ޙައްދުފަހަނަޅައި ދިޔައިރުވެސް އެކަމަށް ދުނިޔެއަށް ކުރެވުނުކަމެއް ނެތެވެ. އެއީ ، އެމެރިކާއާއި އިނގިރޭސީންނާ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަމަށް އިޒްރޭލަށް ހިތްވަރުދީ ވާގިވެރިވުމުގެ ނަތީޖާއެވެ. އދ ގެ ޤަރާރުތަކާއި ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އިޒްރޭލުން ޚިލާފުވެ ، އިންސާނިއްޔަތާ ޚިލާފަށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކުގެ ޒިންމާ އުފުއްލަން ޖެހޭނީ އެމެރިކާއާއި އިނގިރޭސީންނެވެ.

މިހާރުގެ ޙާލަތަށްބަލާއިރު ، އެމެރިކާއާއި އިނގިރޭސީން  އިސްވެ އޮވެ ، ޔަހޫދީންނަށް ވާގިދީގެން ، ފަލަސްތީނުގެ މުސްލިމް ރައްޔިތުންގެ ދުވަސް ދުއްވާލައިފިއެވެ.  ޔަހޫދީންނަށް ، ފަލަސްތީނުގެ ބިމުގައި ދައުލަތެއް އުފައްދައިދީގެން ، ދުނިޔޭގެ އެތަންމިތަނުން ޔަހޫދީންގެނެސް ފަލަސްތީނުގެ ބިމަށް އަޅައި ، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ ، މަގުމަތިކޮށް ، މަރައި ހުސްކުރަމުންގެންދާތާ 50 އަހަރުވީއެވެ. މިއީ ކާފަރުންނާއި މުސްލިމުންނާދެމެދު ކުރެވޭ ހަނގުރާމައެކެވެ. ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ފުރާނަ ސަލާމަތްކޮށް ، އިންސާނީ ޙައްޤުތައް ހޯދައި ، އަމިއްލަ ނަފުސާއި ވަތަނުގެ ދިފާޢުގައި ކުރާ މަތިވެރި ޖިހާދެކެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އެ އަނިޔާ ތަޙައްމަލުކުރަމުން ގެންދާތާ 50 އަހަރުވީއެވެ. އިސްލާމީ ޢަރަބި އުއްމަތް ކޮބައިތޯއެވެ ؟ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި ، ޢަރަބި އިސްލާމީ އުއްމަތަށް ކުރެވުނީ ކޮންކަމެއްތޯއެވެ ؟

ދޭދޭފަރުދުންނާއި އިސްލާމީ ބައެއް ޖަމާޢަތްތަކުން ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވަމުން އެބަގެންދެއެވެ. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެހީވަމުން އެބަގެންދެއެވެ. ޤައުމީ ފެންވަރެއްގައި އުއްމަތެއްގެ ޒިންމާއިން ، އިސްލާމީ ޤައުމުތަކާއި އިސްލާމީ އުއްމަތުން ، ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯއެވެ ؟ ފަލަސްތީނަށް ޙަމަލާދީ ބޮންއަޅައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލައިފިއޭ ބުނެ ، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފާނެއެވެ. ފަލަސްތީނުގެ މުސްލިމުންގެ ޙައްޤުގައި ކާފަރުންނާ ދެކޮޅަށް ތެދުވާނެ ހިތްވަރަކާއި ފަންވަރެއް ، އިސްލާމީ އުއްމަތުގައި މިއަދަކު ނެތެވެ.

ފަލަސްތީނުގެ ހިތްވަރުގަދަ ޒުވާނުންނާއި ހަނގުރާމަވެރިން ، ޔަހޫދީންނާ ދެކޮޅަށް ކުރަމުން އެގެންދަނީ ދީނީ މަތިވެރިޖިހާދެކެވެ. މުޅި އިސްލާމީ އުއްމަތް އެޖިހާދުގައި ބައިވެރިވާން ޖެހެއެވެ. ހިތާމަޔަކީ އިސްލާމީ އުއްމަތުގައި ، ކާފަރުންގެ މެދުގައި އެއޮތްފަދަ އެއްބައެއްވަންތަކަން ނެތުމެވެ. ދޭދޭ ޤައުމުތަކުގެ މެދުގައިވަނީ ، ޚިޔާލު ތަފާތުވެ ކޯޅުންތައް އުފެދިފައެވެ. އެއްގަލަކަށް އަރާ ދެޤައުމެއް ނެތެވެ. އޮތްގޮތަކީ ، އެމީހެއްގެ ފުރާނަ އެމީހަކު ސަލާމަތް ކުރުމެވެ.  ޙަމާސް ޖަމާޢަތުން ކުރަމުން އެގެންދަނީ ، ޙައްޤު ޖިހާދެކެވެ. އެއީ ، ކާފަރުންނާއި މުސްލިމުންނާ ދެމެދު ކުރެވޭ ހަނގުރާމައެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.