ޣައްޒާގެ ހަނގުރާމައިގެ ޙާލަތު

މިދިޔަ ހޮނިހިރުދުވަހުގެ ހެނދުނު ހެނދުނާ ، ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިޒްރޭލަށްދިން ކުއްލި ޙަމަލާތަކުން މުޅި ދުނިޔެ ސިއްސުވައިލިއެވެ. އެއީ މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފަލަސްތީނުން ނުވަތަ ޢަރަބީން ، އިޒްރޭލަށްދިން އެންމެ ވަރުގަދަ ޙަމަލާއެވެ. މިޞްރާއި ސޫރިޔާ ބައިވެރިވެ ، 1973 ވަނަ އަހަރުގެ އޮކްޓޯބަރ ، އިޒްރޭލަށް ދިން ޙަމަލާއަށްފަހު ، މިފަދަ އެއްވެސް ޙަމަލާއެއް ނުވަތަ ގެއްލުމެއް އިޒްރޭލަށް ދެވިފައެއް ނެތެވެ. ޙަމާސްއިން އިޒްރޭލަށް މިޙަމަލާ ދިނީ ، އެންމެފަހުން ދިން މިފަދަ ޙަމަލާއަށް ، ބަރާބަރު 50 އަހަރާއި އެއްދުވަސް ވީ ތާރީޚީ ދުވަހުއެވެ.

ޙަމާސްއިން އިޒްރޭލަށްދިން ވަރުގަދަ މި ޙަމަލާއަށްޓަކައި މުޅި އިސްލާމީ އުއްމަތް ފަޚުރުވެރި ވެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކަށް އެއީ ޓެރަރިސްޓް ޙަމަލާއެއްކަމަށް ބެލިނަމަވެސް ، ފަލަސްތީނަށް އެއީ ، އެބައިމީހުންގެ މިނިވަންކަމަށްޓަކައި ކުރެވުނު ޖިހާދެކެވެ. ޙަމާސްއިން އެޙަމަލާދިންކަމަށް ބުނަނީ ، އިޒްރޭލުން ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގެ އިރުމަތީ ޖެރޫސެލަމްގައި ހުންނަ މުސްލިމުންގެ ޙުރުމަތްތެރި މިސްކިތެއްކަމުގައިވާ އަލްއަޤްޞާ މިސްކިތަށް އިޒްރޭލުން ދިންގެއްލުމަށް ބަދަލު ހިފުމަށާއި ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވަމުން ގެންދާ ޔަހޫދީންގެ ފަރާތުން ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށެވެ.

ޙަމާސް އިން ހޮނިހިރު ދުވަހުދިން ޙަމަލާއާ ގުޅިގެން ، އެމެރިކާއިން ވާގިވެރިވާ ، އިޒްރޭލުގެ ޔަހޫދީ ދައުލަތުން ، ވަގުތުން ހަނގުރާމަ އިޢުލާން ކުރިއެވެ. އަދި އެއެއް މިއެއްނުބަލާ ، ޣައްޒާގެ އުސްޢިމާރާތްތަކާއި އެހެނިހެންތަންތަނަށް ޙަމަލާދީ ފަސް ސަތޭކަޔަށްވުރެ ގިނަމީހުން މިހާރު މަރައިފިއެވެ. ހޮނިހިރު ދުވަހުން ފެށިގެން ، އިޒްރޭލުން އެދަނީ މެދު ނުކެނޑި ، ޣައްޒާއަށް ބޮން އަޅަމުންނެވެ. މިއަދު މީ ހަތަރުވަނަ ދުވަހެވެ.

މި ހަނގުރާމައިގާ ޢަރަބި ދުނިޔެ އޮތީ ދެބައިވެފައެވެ. މިއީ މިވޭތުވެދިޔަ ޒަމާންތަކުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދިން އަނިޔާގެ ނަތީޖާއިން އުފެދުނު ޙާލަތެއްކަމުގައި ބަލައި ، އެއްބަޔަކު އިޒްރޭލް ކުށްވެރިކުރާއިރު ، އަނެއްބަޔަކު ދެފަރާތް ކުށްވެރިކޮށް ހަނގުރާމަ ހުއްޓައިލުމަށް ގޮވާލަމުން ގެންދެއެވެ.

އިޒްރޭލުގެ ޢުދުވާނަށް އެންމެ ފުރިހަމަ ރައްދެއްދިނީ ޤަތަރުންނެވެ. ޤަތަރުން ބުނާގޮތުގައި ، މިއީ ، މެދުނުކެނޑި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދިޔަ އަނިޔާގެ ނަތީޖާއެވެ. އެކަމަށް އިޒްރޭލުން ފުރިހަމަޔަށް ޒިންމާ ނަގަން ޖެހޭނެއެވެ. އިޒްރޭލުގެ ސިފައިން ވަށާލައިގެން ތިބެ މަސްޖިދުލް އަޤްޞާއަށް ދެމުންގެންދާ ގެއްލުންތަކަށް ، ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ކެކި އުތުރިއަރަމުންދިޔަ ދީނީ އަދި ވަތަނީ ރޫޙުގެ ނަތީޖާއެވެ. ޤަތަރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވަނީ ، އެމެރިކާއިން އިޒްރޭލު ޙިމާޔަތްކުރާ ފަދައިން ، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށްވެސް ވިސްނުމަށެވެ. އެބައިމީހުންގެ ޙައްޤުތައްވެސް ރައްކާތެރި ކޮށްދިނުމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނައިރު ، އިޒްރޭލުވެސް ކުށްވެރި ކުރުމަށެވެ. އަދި ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް މަޖުބޫރު ކުރުވުމަށެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިނުގަތުމަށް އިޒްރޭލަށް ބާރުއެޅުމަށެވެ.

ޙަމާސްވެސް އެމީހުންގެ ޙަމަލާތަކެއް ހުއްޓައެއް ނުލައެވެ. އެވެސް މަރެވެ. މިވެސް މަރެވެ. އިޒްރޭލުންގެންދަނީ މެދުނުކެނޑި ޣައްޒާއަށް ބޮންއަޅަމުންނެވެ. ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ ފޭލިގޭގެ މާރުކޭޓަކަށް އިޒްރޭލުންދިން ޙަމަލާއެއްގައި ފަލަސްތީނުގެ 50 މީހުން މަރުވެ ، އިތުރު 120 މީހުންނަށް އެކިވަރުގެ ހާނީއްކަ ލިބުނެވެ. އިޒްރޭލުގެ އަޝްކަރީ ބާރުތަކުން ބުނާގޮތުގައި ޣައްޒާއާ އިންވެގެން އޮތް ބައެއް އަވަށްތައް މިހާރުވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެވިފައެވެ. އެއީ ހޮނިހިރުދުވަހުގެ ޙަމަލާއަށްފަހު ، ޙަމާސް ޖަމާޢަތުން ހިފާފައިވާ އަވަށްތަކެކެވެ. ހޮނިހިރު ދުވަހު ދޭންފެށި ޙަމަލާތަކުގައި ފަލަސްތީނުގެ ހަތް މިސްކިތެއް ބިމާ ހަމަކޮށްލާފައި ވެއެވެ.

ޣައްޒާގެ އުތުރު ސަރަޙައްދުގައި ހުންނަ ބައިތު ހުނޫން ހަސްފަތާލުވެސްވަނީ އިޒްރޭލުސިފައިން ހަލާކުކޮށްލާފައެވެ. އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައްވަނީ ހުއްޓިފައެވެ. ބަލިމީހުންނަށް ފަރުވާ ދެވޭވަރަށްވުރެ ބޮޑަށް އިޒްރޭލު ސިފައިންވަނީ އެތަން ހަލާކު ކޮށްލާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫވަނީ ، " މިފަހަރު ، އަހަރެމެން މެދުއިރުމަތި ބަދަލުކޮށްލާނަމޭ " ބުނެ ބޮޑާވެރި ބަސްތަކުން ، އިޒްރޭލާ ދެކޮޅުވެރި ޤައުމުތަކަށް ރައްދު ދީފައެވެ.

ޣައްޒާގެ އަލްރިމާން އަވަށުގެ ބޮޑުބައެއްވެސް އިޒްރޭލުސިފައިންވަނީ ސުންނާފަތިކޮށްލާފައެވެ. އެ ސަރަޙައްދުންވަނީ މުއާޞަލާތީ ހުރިހާ ޚިދުމަތެއް ކަނޑައިގެން ގޮއްސައެވެ.

ބަދަލުކުރެވެމުންދާ ޙަމަލާތަކުގައި މަރުވަމުންދާ މީހުންގެ ޢަދަދަށް ބަލާއިރު ، ފަލަސްތީނުގެ 687 މީހުންވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ، 140 ކުދިން ހިމެނެއެވެ. ތިންހާހެއްހާ މީހުންނަށްވަނީ އެކިވަރުގެ ޒަޚަމް ލިބިފައެވެ. އިޒްރޭލުން މަރުވި މީހުންގެ ޢަދަދު ގިނައެވެ. އިޒްރޭލުން މަރުވިކަމަށް މަޢުލޫމާތު ލިބެނީ 900 މީހުންނެވެ. އަދި ، ދެހާސް ހަސަތޭކަޔަށްވުރެ ގިނަމީހުން ވަނީ އެކި ވަރަށް ޒަޚަމް ވެފައެވެ. އަދ އިން ލަފާކުރާގޮތުގައި ، ފަލަސްތީނުގެ ސަތޭކަ ވިއްސަކަށްހާސް މީހުންވަނީ ޣައްޒާގެ އެތަންމިތަނަށް ގެއްލިފައެވެ. އިޒްރޭލުގެ ސަތޭކަ ތިރީހަށްވުރެ ގިނަ މީހުން ޙަމާސްއިންވަނީ ، މި ހަނގުރާމައިގާ ހައްޔަރު ކޮށްފައެވެ.

މި ހަނގުރާމައިގެ އަސަރު މިހާރުވަނީ ލުބްނާނަށްވެސް ފޯރާފައެވެ. އިޒްރޭލުން ބުނާގޮތުގައި ކޮމްބެޓް ހެލިކޮޕްޓަރު ބޭނުންކޮށްގެން އިޒްރޭލުންވަނީ ލުބްނާނުގެ އެތަން މިތަނަށް ޙަމަލާ ދީފައެވެ. ލުބްނާނުގެ ދެކުނުގެ އަވަށެއްކަމުގައިވާ މަރުވާހިންއަށް ، ފޮސްފޮރަސް ބޮން އަޅާފައިވާކަމުގައި ލުބްނާނުގެ ރަސްމީ ނޫސްއެޖެންސީން ބުނެއެވެ. ލުބްނާނުގެ ދެކުނުގެ އަވަށެއްގައި އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއްގެ ޒިންމާ ، ފަލަސްތީނުގެ އިސްލާމިކް ޖިހާދުންވަނީ ނަގާފައެވެ.

ޖަލަށްލާފައިތިބި މީހުން ބަދަލުކުރުމުގެ ވާހަކަތަކެއް ، ފަލަސްތީނާއި އިޒްރޭލާ ދެމެދު ފެށިއްޖެކަމަށް ޤަތަރުން ބުނެއެވެ. އެއީ ޤަތަރުން އިސްނަގައިގެން ހިންގޭ ޙަރަކާތެކެވެ.

އެމެރިކާގެ 9 ރައްޔިތަކު މި ހަނގުރާމައިގާ މަރުވެފައިވާކަމަށް އެމެރިކާއިން ބުނެއެވެ. އެމީހުން މަރުވެފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައެވެ.

ޗައިނާއިން އަންނަނީ ފަލަސްތީނު ކުށްވެރިކުރުން ހުއްޓާލައި ، " ޓޫ ސްޓޭޓް ޕްލޭން " އަވަސްކޮށް ، މަޝްރަޙު ފިނިކުރުމަށް ގޮވާލަމުންނެވެ.

ޣައްޒާ އެއްކޮށް ޙިޞޯރުކޮށް އަޅުވެތިކުރުމަށް އިޒްރޭލުން ކުރަމުންގެންދާ މަސައްކަތަށް ، އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ލަންޑަނުގެ އުތުރުގައި ހުންނަ ޔަހޫދީ ރެސްޓޯރެންޓަކަށް ބަޔަކު ޙަމަލާދީ ، އެތާނގެ ބިއްލޫރި ދޮރުވަނީ ހަލާކުކޮށްލާފައެވެ.

ފަރަންސޭސިވިލާތުންވަނީ ، އެ ޤައުމުގެ ވަގުތީސިފައިންގެ ފައުޖެއް އިޒްރޭލަށް ފޮނުވާފައެވެ. އެއީ އިޒްރޭލް ސިފައިންނާ ގުޅިގެން ހަމާސްއާ ދެކޮޅަށް އެ ހަނގުރާމައިގާ ބައިވެރި ވުމަށެވެ.

ބަންގްލަދޭޝްގެ ޖަމާޢަތޭ އިސްލާމީން ވަނީ ، ރެލީއެއް ބާއްވައި ، އިޒްރޭލްގެ ޢުދުވާނީ ޙަމަލާ ކުށްވެރިކޮށް ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ، އިސްލާމީ ޤައުމުތަކަށް ގޮވާލާފައެވެ.

އީޔޫއިންވަނީ އެ ޖަމާޢަތުން ފަލަސްތީނަށްދޭ އެހީ ހުއްޓައިލާނެކަން އިޢުލާން ކޮށްފައެވެ. އެހެންނަމަވެސް ، ސްޕޭންގެ ބޮޑުވަޒީރުގެ ވަގުތީ ނައިބު ޔޮލަންޑާ ޑިއާޒް ވަނީ ، އީޔޫގެ އެ ނިންމުމަކީ ، އެޖަމާޢަތް އުފެއްދުމުގެ އަސާސްތަކާ ޚިލާފުކަމެއްކަމަށް ބުނެފައެވެ. ޔޫރަޕިއަން ޔޫނިއަނުން ފުރަތަމަ ކުރަންވީ ކަމަކީ ، ބައިނަލްއަޤްވާމީ ، ޞުލްޙައިގެ ޙަރަކާތްތަކަށް ދިރުންލިބޭނެގޮތްތައް ހޯދުމެވެ. ބައެއްގެ ނިމުންގެނެސް ތަނެއް ފަނާކޮށްލުމެއްނޫންކަމަށް ޑިއާޒް ބުނެފައި ވެއެވެ. އީޔޫގެ ބައެއްޤައުމުތަކުން ދެކޭގޮތުގައި އެފަދަ ނިންމުމަކީ އެކަނި އެކަންޏަށް ނިންމޭނެ ނިންމުމެއްނޫނެވެ. އަދި އެމައްސަލަ ވަކިގޮތަކަށް ނުނިންމައި ، އަންގާރަދުވަހު ބާއްވާ އެ ޖަމާޢަތުގެ ކުއްލި ބައްދަލުވުމަށް އެމައްސަލަ ގެނެސް ، އެކަމާބެހޭގޮތުން ބަހުސް ކުރުމަށް ، ބައެއް ޤައުމުތަކުން އަންނަނީ ބާރުއަޅަމުންނެވެ.

ޙަމާސް އިންވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ހެނދުނާ 20 މިނިޓްގެ ތެރޭގައިއިޒްރޭލު ތެރެޔަށް  5 ހާސް ރޮކެޓް ފޮނުވައިލާފައެވެ. އަދި އެއްގަމާއި ކަނޑުމަގުން އިޒްރޭލުގެ ސަރަހައްދުގެ ތެރެޔަށް ވަދެފައެވެ. ޙަމާސްއަށް ލިބުނު އެންމެ ބޮޑުކާމިޔާބީއަކީ ، އިޒްރޭލުގެ ވަރުގަދަ ސަލާމަތީ ހުރަސްތައް ފޫއަޅުވާލައި ، އެއްގަމު މަގުން އިޒްރޭލުގެ ތެރެޔަށް ވަދެގަތް ފައުޖުތައް ، 1948 ގައި ފަލަސްތީނުގެ އިންވަކިކުރެވިފައި އޮތް ހިސާބަށް ދަތުރު ކުރުމެވެ. މިއީ ފަލަސްތީނުގެ އެއްވެސް ޖަމާޢަތަކަށް ހޯދިފައިނުވާ ކާމިޔާބީއެކެވެ.

މިއަދުގެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ، އިޒްރޭލުން އަންނަނީ ޙަމާސްގެ އަޝްކަރީ މަރުކަޒުތައް ހޯދައި ހަލާކު ކުރަމުންނެވެ. ރެޔާހަމަޔަށް އެފަދަ 200 ތަނެއް ބަލައިފާސްކޮށްފައި ވެއެވެ. ޣައްޒާގެ ވަށައިގެންވާ ސަރަޙައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދިއްޖެކަމަށް އިޒްރޭލުން ބުނެއެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ލަފާދެމުންގެންދަނީ ޣައްޒާ ދޫކޮށް މިޞްރަށް އެތެރެ ވުމަށެވެ. އެއީ ޣައްޒާ ސުންނާފަތުކޮށްލުމަށް ތައްޔާރުވަމުން ދާތީއެވެ.

ފެނާއި ކާނާ އަދި ކަރަންޓަގެ ޚިދުމަތް ޣައްޒާއިންވަނީ ކަނޑައިލެވިފައެވެ. އދ އިން ބުނާގޮތުގައި ޣައްޒާގެ ބައިމިލިއަން ރައްޔިތުން މިހާރު ތިބީ ބަނޑަށް ޖެހިފައެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިހާތަނަށް ފަލަސްތީނުގެ 704 މީހުން ޝަހީދު ވެއްޖެއެވެ.

ކުރިންވެސް ދެމުންއައި ގޮތަށް ފަލަސްތީނަށް އީޔޫއިން ދޭ އެހީ ހުއްޓައިނުލާ ކުރިޔަށް ގެންދިއުމަށް ، އީޔޫގެ މިއަދުގެ ކުއްލި ބައްދަލުވުމުގައިވަނީ ނިންމާފައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.