އިޒްރޭލުން ހަނގުރާމައިޢުލާންކޮށްފި ! ދެންވާނީ ކިހިނެއް ؟

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ، އިޒްރޭލުން ހަނގުރާމަ އިޢުލާންކުރީ ، ހަމާސް އިން އިޒްރޭލަށްދިން ރޮކެޓް ޙަމަލާތަކާ ގުޅިގެން އިއްޔެ 7 އޮކްޓޯބަރ ގައެވެ. ހަމާސްގެ ޙަމަލާތަކުގައި ، ގާޒާ ސަރަޙައްދުގައި ، އިޒްރޭލުގެ 300 މީހުންނާއި ފަލަސްތީނުގެ 230 މީހުންވަނީ މަރުވެފައެވެ. އެތައްހާސް ބަޔަކަށް ގެއްލުން ލިބުނެވެ.

ހަމާސްއިން އިސްރާއީލަށް ޙަމަލާދޭން ފެއްޓީ 7 އޮކްޓޯބަރވީ ހޮނިހިރު ދުވަހުގެ ހަނދުނު 6:30 ގައެވެ. ގާޒާގެ އުސް ސަރަޙައްދުން ހަމާސްގެ 5 ހާސް ރޮކެޓް އިޒްރޭލަށް ފޮނުވައިލިއެވެ. މުޅި އިޒްރޭލް ، ކުއްލި ޙާލަތަށް ވައްޓައިލިއެވެ. ކުއްލި ނުރައްކަލުގެ ރަނގަބީލުގެ ބިރުވެރި އަޑު ، މުޅި އިޒްރޭލުގެ ތެރެޔަށް ފެތުރިގެންދިޔައެވެ. މަގުމަތީ ހިނގައި ދަތުރުކުރަމުންދިޔަ މީސްތަކުން ޢިމާރާތްތަކުގެ ތެރެޔަށް ވަދެ ޙިމާޔަތް ހޯދުމަށް މަޖުބޫރު ވިއެވެ.

މީހުންދިރިއުޅޭ ޢިމާރާތްތަކުން ބޯ ދުން އަރައިގެން ދިޔައެވެ. މަތީގައިވާ ފޮޓޯއިން އެ ފެންނަނީ އޭގެ އެއް މަންޒަރެވެ. ހަމާސްގެ ޙަމަލާތައް ފެށީ ހަމައެކަނި ރޮކެޓަކުން އެކަންޏެއްނޫނެވެ. ސަލާމަތީ ފާރުތައް ފޫއަޅުވާލައި އެއްގަމާއި ކަނޑު އުޅަނދު ފަހަރުގައި އިޒްރޭލުގެ ތެރެޔަށް ވަދެގަނެ ، އެއެއް މިއެއް ނުބަލައި ފެންނަހާ ބަހެއްގެ ގަޔަށް ބަޑިޖަހައި އިޒްރޭލުމީހުން ހިފައި ހައްޔަރު ކުރަމުން ގެންދިޔައެވެ.

ހަނގުރާމަ އިޢުލާންކުރީ ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤައުމާ މުޚާތަބުކޮށް ޓީވީންނެވެ. ހަމގުރާމައިގެ އިޢުލާނާ އެކު ގާޒާގައި ދިރިއުޅޭ ފަލަސްތީނުމީހުންނަށް ނަތަންޔާހޫވަނީ އިންޒާރެއް ދީފައެވެ. އެބައިމީހުންގެ ސަލާމަތްހޯދައި ޢިމާރާތް ތަކުން ނުކުތުމަށް އަންގައި އިންޒާރު ދީފައެވެ. ގާޒާ ބިމާހަމަކޮށްލާނެކަމަށް އިޒްރޭލުގެ ރައްޔިތުންނަށް ވަޢުދުވަމުންނެވެ. އިޒްރޭލަށް ގެނެސްދިން ކަޅުދުވަހުގެ ބަދަލުގައި ، އޭގެ ހިތި ދައްކާލައި ، ފަލަސްތީނުގެ ކިބައިން ފުރިހަމަޔަށް ބަދަލު ހިފާނެކަމަށް ނަތަންޔާހޫވަނީ އިޒްރޭލުގެ ރައްޔިތުންނަށް ވަޢުދުވެފައެވެ. ކަރަންޓާއި ތެލާ އަދި އެހެނިހެން ތަކެތި ގާޒާއަށް އެތެރެ ކުރެވޭ ދޮރުތައް ވަގުތުން ބަންދު  ކުރެވުނެވެ.

ހަމާސްގެ މި ކުއްލި ޙަމަލާޔަކީ އިޒްރޭލުން ހިފާފައިވާ ބިންތައް އަތުލުމަށް ، ސޫރިޔާއާއި މިސްރު ގުޅިގެން 1967 ގައި ދިން ވަރުގަދަ ޙަމާލާއަށް 50 އަހަރާއި އެއްދުވަސް ފުރުނުތަނާ ދިން ޙަމަލާއެކެވެ.

އިޒްރޭލަށްދިން މިޙަމަލާއާ ގުޅިގެން އދ ގެ ސަލާމަތީ މަޖިލިސް މިއަދު ބައްދަލުކުރާނެއެވެ. މިބައްދަލުވުމާ ދިމާކޮށް ، އެމެރިކާގެ ރައީސް ބައިޑްން ވަނީ އިޒްރޭލަށް ތާއީދުކޮށް ، އިޒްރޭލަށް ގެއްލުމެއްދިނުމަށް އެހެން ފަރާތަކުން މިކަމުގެ ތެރެޔަށް ނުވަނުމަށް އިންޒާރު ދީފައެވެ.

އިޒްރޭލުން އަމިއްލަޔަށް އުފައްދާފައިވާ " އަޔަން ޑޯމް " ދިފާޢީ ނިޒާމު ، މިފަހަރު އެދިޔައީ ފެއިލްވެގެންނެވެ. މިނިޒާމް އިޒްރޭލުގައި ޤާއިމްކުރީ 2011 ގައެވެ. އޭގެފަހުން އެތަންމިތާ ބަހައްޓައިގެން އެ ނިޒާމުން މުޅި އިޒްރޭލު އަންނަނީ ބަލަހައްޓަމުންނެވެ. " އަޔަން ޑޯމު " އަކީ ، މަތިން އަންނަ މޯޓަރ އަދި ރޮކެޓް އާއި ޙަމަލާތައް ދިފާޢުކޮށް އަބާދީތަކަށް އަމާޒުކުރެވިފައި އޮންނަ ނަމަ ، އޭގެ މިސްރާބު ބަދަލުކޮށް ، މަތީގައި ރޮކެޓް އޮއްވާ ގޮއްވާލާ ނިޒާމެކެވެ. އިޒްރޭލުގައި ޤާއިމްކޮށްފަ އޮންނަ މި ނިޒާމު ގާތްގަނޑަކަށް 70 މޭލުގެ ސަރަޙައްދު ބަލަހައްޓައެވެ. އެ ނިޒާމުގައި ތިން ބަޔެއް ހިމެނެއެވެ. އެއްބަޔަކީ ، ޙަމަލާއެއް އަންނަކަން ދެނެގަތުމެވެ. ދެވަނަ ބަޔަކީ ، އެ ޙަމަލާއަންނަ އެއްޗެއް ރާޑަރުން ފާހަގަ ކުރުމެވެ. ތިންވަނަ ބަޔަކީ ، ރައްދުގައި ޙަމަލާ ދޭ ނިޒާމެވެ. ރައްދުގައި ޙަމަލާދޭ ނިޒާމުން އެއްފަހަރާ 20 މިސައިލް ފޮނުވައި ލެވެއެވެ. މި ނިޒާމު ބޭނުންކޮށްގެން މިހާތަނަށް ދެހާހެއްހާ ޙަމަލާ އިޒްރޭލުންވަނީ ދިފާޢު ކޮށްފައެވެ.

މިފަހަރު ، ހަމާސްގެ ފަސްހާސް ރޮކެޓް ޙަމަލާ މައިތިރި ނުކުރެވުނު ސަބަބެއް އޮންނާނެއެވެ. އެއީ ، އިޒްރޭލުގެ ސަރުކާރުގެ މޫނުމަތީ ހަމާސްއިން އަޅައިލި ވަރުގަދަ އެތިފަހަރެކެވެ. ހަމާސްގެ ރޮކެޓްތައް އިޒްރޭލާދިމާއަށް އައިސް ސަލާމަތީ ހުރަސްތައް ފަހަނައަޅައި ދިޔައިރު ، އިޒްރޭލުގެ ދިފާޢީ ނިޒާމުތައް ހުރީ ދޮންބޮޑުވެފައެވެ. ދިފާޢީ އެ ނިޒާމުގެ ބަލަކަށިކަން ހޯދުމަށްޓަކައި ހަމާސްއިން މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހަމާސްއަށް ލިބުނު ތަޖުރިބާގެ އަލީގައި ، އެތައް ރޮކެޓެއް އެފުލުފުލުން ފޮނުވައިލުމުން ، އިޒްރޭލުގެ ދިފާޢީ ނިޒާމްތަކަށް ބާރުބޮޑުވީއެވެ. މިފަހަރު ، ހަމާސްއިން ފަސްހާސް ރޮކެޓް ފޮނުވައިލީ އެންމެ ވިހިމެނެޓްގެ ތެރޭގައެވެ.  އެހުރިހާ ރޮކެޓެއްގެ މިސްރާބާއި ބާވަތް ދެނެގަނެ ، އެތަކެއްޗަށް ރައްދު ޙަމަލާދޭން ނުކުޅެދުނީއެވެ. ހަމާސް އިން އެމީހުންގެ ރޮކެޓް ޒަމާނީކުރުމަށް މަސައްކަތް ކުރާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ކުރިޔަށްވުރެ ދުރު ރާސްތާއަށް އަމާޒުކޮށް ރޮކެޓް ދަތުރުކުރާ ދުރުމިން އެތައް ތަނަކަށް އިތުރު ކޮށްފިއެވެ. ތެލްއަވީވާއި ޖެރޫސަމަށްވެސް އެ ރޮކެޓްތައް ފޮނުވޭވަރަށް އެތަކެތިވަނީ ތަރައްޤީ ކޮށްފައެވެ. ހަމާސްގެ ރޮކެޓެއް މައިތިރިކުރަން ، އިޒްރޭލުގެ ދިފާޢީ ނިޒާމުންދޭ މިސައިލް ޙަމަލާއަށް ދާ ޚަރަދު ، ހަމާސްގެ ރޮކެޓެއްގެ އަގަށްވުރެ ބޮޑެވެ.

އިޒްރޭލަށް ދެވުނު މި ޙަމަލާވަނީ ކުރިއެކޭވެސް އެއްގޮތަށް ، މެދުއިރުމައްޗާއި ހުޅަނގުގައި ތަފާތު ނަޒަރިއްޔާއަކަށް ބަދަލުވެފައެވެ. ދެފަރާތުންވެސް ވަގުތުން ޙަމަލާދިނުން ހުއްޓައިލުމަށް ޢަރަބިލީގުން ވަނީ ގޮވައިލާފައެވެ. އިޒްރޭލުން ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ، ފަލަސްތީނުގެ ރައްޔިތުންނަށް  ، މެނުކެނޑި ދެމުންގެންދާ އަނިޔާތައް ޓައިމް ބޮމަކަށް ބަދަލުވެ ، އެ ސަރަޙައްދަށް އަމާންކަން ލިބިގެންވާ މުސްތަޤްބަލަކަށް ކުރެވޭ އުއްމީދުތައް ނައްތައިލާފައިވާ ކަމުގައި ޢަރަބިލީޤުން ބުނެއެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ބްރެޒީލުންވެސް ވަނީ ، ދެފަރާތުންވެސް ޙަމަލާތައް ހުއްޓުމަށް ގޮވައިލާފައެވެ. އަދި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވައިލުމަށްވަނީ ނިންމާފައެވެ. ބްރެޒީލުގެ ޚާރިޖިއްޔާއިން ކުށްވެރިކޮށްފައިވަނީ ހަމާސްއިން އިޒްރޭލުގެ އަވަށްތަކަށް ދިން ޙަމަލާއެވެ. އިތުރަށް ހަނގުރާމަ ހޫނު ނުކުރުމަށް ދެފަރާތަށްވެސް ގޮވައިލާފައި ވެއެވެ.

ބެލްޖިއަމުންވެސް ވަނީ ، ހަމާސްއިން އިޒްރޭލަށް އިސްވެދިން ޙަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ހަނގުރާމަޔަކީ ، ޞުލްހަވެރި ވާހަކަތަކަށް އެޅިގެންދާ ހިޔަންޏެއްކަމަށް ބުނެ ، ހަނގުރާމައިގެ ޙާލަތު ، ގާތުން ބަލަމުންދާކަމަށް ބުނެފައި ވެއެވެ.

ޗައިނާއިންވެސް ، ހަނގުރާމަ ހުއްޓައިލުމަށް ދެފަރާތަށް ވަނީ ގޮވައިލާފައެވެ. އަދި ޞުލަޙައިގެ މޭޒުދޮށަށް އައިސް ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް ޗައިނާއިންވަނީ ގޮވައިލާފައެވެ. ދެޤައުމުގެ މަދަނީންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ ، މަޝްރަޙު އިތުރަށް ހޫނުވެގެންދާނެ ޢަމަލުތަކުން ދުރުހެލިވުމަށް ޗައިނާއިން ގޮވައިލާފައި ވެއެވެ.

ޔޫރަޕިއަން ޔުނިއަނުން ހަމާސް ސިފަކޮށްފައިވަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. ޓެރަރިސްޓް ޙަމަލާތަކުން ޤައުމު ދިފާޢުކުރުމުގެ ޙައްޤު އިޒްރޭލަށް ލިބިގެންވާކަމުގައި އީޔޫއިން ބުނެފައި ވެއެވެ.

ގޮތްދޫނުކޮށް ދެފަރާތުން ކުރާ ހަނގުރާމައިން ގެއްލުން ލިބޭނީ މަދަނީންނަށް ކަމަށް ބުނެ ، ހަނގުރާމަ އިތުރަށް ކުރިޔަށްދާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ، މިޞްރުންވެސް ވަނީ ދެފަރާތަށް ގޮވައިލާފައެވެ.

ފަރަންސޭސިވިލާތުންވެސް ހަމާސް ސިފަކޮށްފައިވަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އަދި އެ ޙަމަލާ ކުށްވެރިކޮށް ، ޙަމަލާތަކުގައި ގެއްލުންލިބުނު މީހުންނަށް ހަމްދަރުދީ ފާޅުކޮށްފައި ވެއެވެ. އިޒްރޭލުގައި ހުންނަ ފަރަންސޭސި އެމްބަސީން ، ހަމާސްގެ މި ޢަމަލު ވަރަށްބޮޑަށް ކުށްވެރިކޮށްފައި ވެއެވެ. އަދި އެއީ އެންމެންވެސް ކުށްވެރިކުރަންޖެހޭ ޓެރަރިސްޓް ޙަރަކާތެއްކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި ފަރަންސޭސިވިލާތުން އޮތީ އިޒްރޭލާއި އިޒްރޭލުގެ ރައްޔިތުންނާއެކުގައިކަމަށް ބަޔާން ކޮށްފައި ވެއެވެ.

އުރުދުންގެ ޚާރިޖިއްޔާއިން ބުނެފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ އެތަންމިތާނގައި އިޒްރޭލުން އަނިޔާވެރިކަން އިތުރުކުރަމުން ގެންދާ މި ދަނޑިވަޅުގައި ، މިފަދަ ހަނގުރާމަޔަކުން ހުޅުފަޅައިގެން ދިއުންނޫންކަމެއް ނުވާނެއެވެ. ހުޅަނގު އައްސޭރީގެ އަސާސީ ޚިދުމަތްތައް ވަނީ އެއްކޮށްނެތިދާވަރަށް ، އިޒްރޭލުން ސުންނާފަތި ކޮށްފައެވެ. އުރުދުނާއި މިޞްރަކީ އިޒްރޭލާއެކު ޞުލްހައިގެ މުޢާހަދާއަށް އެންމެ ފުރަތަމަޔަށް އެއްބަސްވި ޢަރަބި ދެޤައުމެވެ.

ޖަރުމަނު ވިލާތުންވެސް ހަމާސްގެ މިޢަމަލު ކުށްވެރިކޮށްފައި ވެއެވެ. އަދި ، ހަމާސް ޖަމާޢަތުން ދޭންފެއްޓި ޙަމަލާތަކުން ، ކުރިންވެސް ޣާޒާގައި އުފެދިފައި އޮތް ޙާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަމަށް ޖަރުމަނުވިލާތުން ބުނެފައި ވެއެވެ.

ގްރީކުންވެސް ހަމާސްގެ ޙަމަލާތައް ޓެރަރިސްޓު ޙަމަލާގެ ގޮތުގައި ސިފަކޮށް ، އެ ޙަމަލާތައް ކުށްވެރި ކޮށްފައި ވެއެވެ.

ޙިޒުބުﷲ ޖަމާޢަތުން ބުނެފައިވާގޮތުގައި ، ގާޒާގައި ހިނގަމުންދާ ކަންކަން އެޖަމާޢަތުން ގެންދަނީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އަދި ފަލަސްތީނުގެ ޖަމާޢަތްތަކާ ، އެޖަމާޢަތުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އިޒްރޭލަށް ދެވުނު ޙަމަލާއަކީ ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކުރަމުންގެންދާ އަނިޔާގެ ބަދަލުގައި އިޒްރޭލަށް ލިބުނު ފިލާވަޅެއްކަމަށް ޙިޒުބުﷲ އިން ބުނެފައި ވެއެވެ.

އިންޑިއާއިން ބުނެފައިވަނީ ، އިންޑިއާ އޮތީ އިޒްރޭލާއި އެޤައުމުގެ ރައްޔިތުންނާއެކީގައި ކަމުގައެވެ.

އީރާނުންވަނީ ، ހަމާސް ޖަމާޢަތުގެ އެ ޙަމަލާތަކަށް ތާއީދުކޮށްފައެވެ. އަދި އެހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔާފައެވެ. ޖެރޫސަލަމާއި ފަލަސްތީނުގެ ބިންތައް މިނިވަންވުމަށްދާނދެން ، އީރާނުން ސާބިތުވެ ތިބޭޏީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަމުގައި އީރާނުން ބުނެފައި ވެއެވެ. އީރާނުން އިތުރަށް ހާމަކޮށްފައިވާގޮތުގައި ، ފަލަސްތީނު މިނިވަންކުރުން އޮތީ ފަލަސްތީނުގެ ޒުވާނުންގެ އަތްމަތީގައެވެ. ހަމާސްގެ ޙަމަލާތަކުން ހޯދި ކާމިޔާބީން ހާމަކޮށްދެނީ ، މީން ދުވަހަކުވެސް ބަލިކަށި ނުވާވަރަށް އިޒްރޭލް އޮތީ ބަލިކަށި ވެފައިކަމެވެ.

އިޓަލީން ބުނެފައިވާގޮތުގައި ، އިޒްރޭލުގެ މިނިވަންކަން ދިފާޢުކުރުމަށް ކުރާ މަސައްކަތުގައި އިޓަލީ އޮންނާނީ އިޒްރޭލާއެކުގައެވެ. އަދި މަދަނީންނަށް ދެވުނު ޙަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.

ޖަޕާނުންވެސް ކުށްވެރިކޮށްފައިވަނީ ހަމާސްގެ ޙަމަލާއެވެ. އަދި މަދަނީންގެ ޙައްޤުތަކަށް ރައްކާތެރިވެ ، ހަނގުރާމައިގެ ގެއްލުން އިތުރަށް ބޮޑުވެގެން ނުދާނެގޮތަކަށް ދެފަރާތުންވެސް ޢަމަލުކުރުމަށް ޖަޕާނުން ގޮވައިލާފައި ވެއެވެ.

ކުވޭތުން ، މިކަމުގައި ކުށްވެރިކޮށްފައިވަނީ އިޒްރޭލެވެ. ދެފަރާތުގެ ދެމެދުގައި މިފެށުނު ހަނގުރާމަޔާމެދު ހިތާމަކުރާ ކަމަށް ކުވޭތުން ބުނެފައި ވެއެވެ. ފަލަސްތީނުގެ ބިމަށް ، ގަދަކަމުން ވެރިވެގަނެ ، އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކަށް ވާގިވެރި ނުވުމަށް ، ބައިނަލްއަޤްވާމީ ފަރާތްތަކަށް ކުވޭތުންވަނީ ގޮވައިލާފައެވެ.

މޮރޮކޯއިންވަނީ މި ޙަމަލާކުށްވެރިކޮށްފައެވެ. އެހެންނަމަވެސް ވަކިފަރާތެއްގެ ބޮލުގައި އެކަމުގެ އިލްޒާމް އަޅުވައިފައެއް ނުވެއެވެ. ކޮންމެ ތަނެއްގައި ކަމަށް ވިޔަސް ، މަދަނީންނަށް ދެވޭ ޙަމަލާތައް ، ގްރީކުން ކުށްވެރިކުރާކަން ބަޔާންކޮށްފައި ވެއެވެ.

ނޭޓޯގެ ބައިވެރިއެއްކަމުގައިވާ އިޒްރޭލަށްދިނީ ޓެރަރިސްޓް ޙަމަލާއެއްކަމަށް ބުނެ ، ނޭޓޯއިން އިޒްރޭލު ދިފާޢު ކޮށްފައި ވެއެވެ. އަދި އަމިއްލަ މިނިވަންކަން ދިފާޢުކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވާކަމަށް ނޭޓޯއިން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ރައީސް މުޙައްމަދު ޢައްބާސް ހާމަކުރައްވާފައިވާ ގޮތުގައި ، އިޒްރޭލުން ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމާއި އެތަންތަނުގައި ގަދަކަމުން ވަޒަންވެރިވެތިބި މީހުންގެ ކިބައިން ސަލާމަތްކަން ހޯދުމަށް މަސައްކަތް ކުރުމުގެބ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެން ވެއެވެ.

ޤަތަރުން ބުނެފައިވާ ގޮތުގައި ، އިޒްރޭލުން މި ފުރުޞަތުގެ ބޭނުން އެހިފަނީ ، ޤާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަމުގެ އިތުރު ފިޔަވަޅުއަޅަން ހުޅުވައިލެވޭ ވަޞީލަތެއްގެ ގޮތުގައެވެ. އެ ފުރުޞަތުގެ ނާޖާއިޒް ފައިދާ ނަގަން އިޒްރޭލަށް އެއްވެސް ޖާގައެއް  ނުދިނުމަށް ، ގަތަރުން ވަނީ ، ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވައިލާފައެވެ.

ރޫސީވިލާތުން ވަކިކޮޅަކަށްޖެހި ވާހަކަ ދައްކާފައެއް ނެތެވެ. ހަމައެކަނި ބުނެފައިވަނީ ، ރޫސީވިލާތުން އަބަދުވެސް ބޭނުންވަނީ ހަމަޖެހުން ކަމުގައެވެ. އިޒްރޭލާއި ފަލަސްތީނާ އަދި ޢަރަބި އެހެން ޤައުމުތަކާއެކު ، މިކަމާބެހޭގޮތުން ވާހަކަ ދައްކަމުން ގެންދާކަކަށް ރޫސިވިލާތުން ބުނެފައި ވެއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ބުނެފައިވަނީ ، އިޒްރޭލާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އެފެންނަނީ ދެކެން ބޭނުންވާ މަންޒަރެއްޏޫންކަމެވެ. އެ ބިމުގެ އެކިދިމާލުން ފެންނަމުން އެދަނީ ، އެކިކަހަލަ އަނިޔާވެރިކަން ކަމުގައި ސުޢޫދީން ބުނެފައި ވެއެވެ.

އދ އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ބުނެފައިވަނީ ، ދެފަރާތުންވެސް ކުރިން އޮތް ޙާލަތަށް ރުޖޫޢަވެ ހަނގުރާޟަ ހުއްޓައިލުމަށެވެ. ހަނގުރާމައިގެ އެ ޢަމަލުން އިޒްރޭލުގެ މަދަނީންނަށް ގެއްލުންވާކަމަށް ބުނެ ، މަދަނީންނަށް އަމާޒުކޮށް ޙަމަލާ ނުދިނުމަށް ގޮވައިލާފައި ވެއެވެ. ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކުގެ ދަށުން ، މަދަނީންނަކީ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކޮށްދޭންޖެހޭ ބައެއްކަމުގައި އދ ގެ ޢާންމު ސެކްރެޓަރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމެރިކާއިންވަނީ ، ހަމާސްގެ މި ޙަމަލާތައް ހަރުކށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. އިޒްރޭލުގެ މަދަނީންނަށް އަމާޒުކޮށް ހަމާސްއިން ދީފައިވާ ޙަމަލާތަކަކީ ދުރާލައި ރާވައިގެންދީފައިވާ ޙަމަލާތަކެއްކަމުގައި އެމެރިކާއިން ބުނެއެވެ. ޓެރަރިޒަމްގެ ޢަމަލީ ، އެއްވެސް ޙާލެއްގައި ހުއްދަ ކުރެވޭނެ ކަމެއްނޫނެވެ. އިޒްރޭލާއި އެޤައުމުގެ ރައްޔިތުންނާއެކު އަބަދުވެސް ، އެމެރިކާ އޮންނާނެކަމުގެ ކަށަވަރުކަން އެމެރިކާއިން ދީފައި ވެއެވެ. އިޒްރޭލުގެ މިނިވަންކަމާއި އެޤައުމުގެ ރައްޔިތުންގެ ދިފާޢަށް އިތުރަށް ބޭނުންވަނީ ކޮންކަންތައްތަކެއްތޯ ބަލައި ، ކުރިޔަށް އޮތތާނގައި އެކަންކަން އެމެރިކާއިން އިޒްރޭލަށް ފުރިހަމަ ކޮށްދޭނެކަމުގައި އެމެރިކާއިން ބުނެފައި ވެއެވެ. އެމެރިކާގެ ރައީސް ބައިޑްންވަނީ އިޒްރޭލުގެ ބޮޑުވަޒީރާ ގުޅައި ފޯނުން ވާހަކަ ދައްކާފައެވެ. މި އުފެދުނު ހަމަނުޖެހުމުގެ އެއްވެސް ފައިދާއެއް އެއްވެސް ފަރާތަކުން ނުނެގުމަށް ބައިޑްންވަނީ ގޮވައިލާފައެވެ.

ވެނެޒުއޭލާއިން ބުނެފައިވާގޮތުގައި ، މި ހަނގުރާމައިގެ އަޞްލަކީ ، ފަލަސްތީނުމީހުންގެ ޙައްޤުތައް ގެއްލި އިންސާފު ހޯދައިނުދެވި އޮތުމުގެ ސަބަބެވެ. ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގެ ތެރެއިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް ޤައުމުތައް ނުވަތަ ދުނިޔެ ނުކުޅެދިފައި އޮތުމުގެ ނަތީޖާއެވެ.

ޔަމަނުން ބުނެފައިވަނީ އެޤައުމު އޮތީ ، މިނިވަންކަމަށް ހަނގުރާމަކުރާ ފަލަސްތީނުގެ މުޖާހިދުންނާ އެކުގައެވެ. އަދި މިއީ އިޒްރޭލުގެ ބަލިކަށިކަން ދުނިޔެއަށް ހާމަވެ އިޒްރޭލު ލަދުގަންނުވައިލި ކަމެއްކަމަށް ޔަމަނުން ބުނެފައި ވެއެވެ. އަދި މި ހަނގުރާމަޔަކީ ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ، އެބައިމީހުންގެ މިނިވަންކަމާއި ލިބެންޖެހޭ އިންސާނީ ޙައްޤުތަކަށް ކުރާ ޖިހާދެއްގެ ގޮތުގައި ޔަމަނުން ސިފަކޮށްފައި ވެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލާގައި ދުނިޔޭގެ ޤައުމުތައް ދެކޭގޮތް އެއޮތީ ފެންނާށެވެ. ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުން އިޒްރޭލު ދިފާޢުކުރުމަށް އިސްކަންދޭ މިންވަރު ބަހާއި ޢަމަލުން ފެންނަމުން އެބަ ދެއެވެ. އިޒްރޭލުން ކޮންމެގޮތަކަށް ކޮންމެތާކަށް އަދި ކޮންމެފަދަ ޙަމަލާއެއްދީ ކިތަންމެ ބަޔަކު މަރައިލިޔަސް ، ހުޅަނގުން ދެކެނީ އެއީ އިޒްރޭލުގެ ދިފާޢުގައި ދޭ ޙަމަލާއެއްގެ ގޮތުގައެވެ. އެހެނަސް ، ފަލަސްތީނުގެ ރައްޔިތުން އިޒްރޭލަށް ޙަމަލާއެއްދީފިނަމަ ، މުޅިދުނިޔެވެސް ބަލަނީ އެއީ ޓެރަރިސްޓް ޙަމަލާއެއް ކަމުގައެވެ.

ދެންވާނެގޮތެއްވެސް ވަރަށް ސާފެވެ. ހަމާސްއިން އިޒްރޭލަށް މިދިން ވަރުގަދަ ޙަމަލާއަކީ ، ޓެރަރިސްޓު ޙަމަލާތަކެއްކަމުގައި ދުނިޔެ ނިންމާނެއެވެ. މި ހަނގުރާމަޔާގުޅިގެން ، އިޒްރޭލުން ފަލަސްތީނުގައި އެހިންގި އަނިޔާވެރި ޢަމަލުތަކަކީ ،  އަމިއްލަ ދިފާޢުގައި އިޒްރޭލުން ހިންގި ޢަމަލުތަކެއްކަމަށްވެސް ނިންމާނެއެވެ. ހަމާސްއަށް ކިތަންމެ ބޮޑު ގެއްލުމެއްލިބުނު ކަމުގައިވިޔަސް ، މިއީ ހަމާސްއަށް ލިބުނު ކާމިޔާބީއެއްކަމަށް އެޖަމާޢަތުން ދެކޭނެއެވެ. އަދި ، ހަނގުރާމއިގާ ފިލަންދުވާ އިޒްރޭލު ސިފައިން ދުވާތަން ފެނުމުންނާއި ހައްޔަރުވާ އިޒްރޭލު ސިފައިން ، ހަމާސްގެ ހައްޔަރަށްދާތަން ލޮލަށް ފެނުމުން ، ފަލަސްތީނު މީހުންވެސް އެއީ ޢީދެއްގެ ގޮތުގައި ފާހަގަ ކުރާނެއެވެ. އެއަށްފަހު ވާނީ ދެދުވަހެކެވެ. އިޒްރޭލުގެ ސިފައިން އައިސް ، ޢީދު ފާހަގަކުރި ފަލަސްތީނު މީހުން މަރައި ސުންނާފަތި ކޮށްލާނެއެވެ. ގާޒާވެސް އެފުށް މިފުށަށް ޖަހައި ޢިމާރާތްތައް ބިމާ ހަމަކޮށްލާނެއެވެ. އެއަށްފަހު ، ޢަރަބި ޤައުމުތަކުން ، ޚާއްޞަކޮށް ޖީސީސީގެ ޤައުމުތަކުން އައިސް ، ގާޒާގެ ސުންނާފަތި ކުރި ގެތަކުގެ އާބާތުރަ ފިލުވައި ދޭނެއެވެ. އެ ހިސާބުން އެކަން  އެ ނިމުނީއެވެ.

އިޒްރޭލާއި ފަލަސްތީނުގެ ބާރުގެ ތިލަފަތަށް މިފަދަ ޙަމަލާތަކަކުން މާބޮޑު ބަރުދަނެއްލިބި ބަރުދަނަށް ބަދަލެއް ނާންނާނެއެވެ. ހަމާސްއިން އަތުލައިގަތް އިޒްރޭލު ސިފައިންނަކީ ހަމާސްއަށް ލިބުނު ރައުސުލްމާލަކަށް ވެދާނެއެވެ. އޭގައި ބަރުދަނެއް ހުންނާނެއެވެ. އިޒްރޭލު އިސްދަށަށް ޖައްސުވައިލެވޭނެ ކަންތައްތަކެއްގެ ފުރުޞަތު ހަމާސްއަށް ހުޅުވިގެންދާނެއެވެ. ކުށްވެރިން ބަދަލުކުރުމަށް މަގުފަހިވާނެއެވެ. އަދި މިއީ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ ބަޔަކު ހިންގި އެންމެ ބޮޑު ޙަރަކާތްކަމަށްވާތީ ، ފަލަސްތީނުގެ ރައްޔިތުންގެ ، ޚާއްޞަކޮށް ޒުވާނުންނަށް ހިތްވަރެއް ލިބިގެންދާނެއެވެ. މިނިވަން ޖިހާދަކަށް ޒުވާނުންގެ ތެރެއިން ބަޔަކު ފައްކާވެގެން ދާނެއެވެ. ޒުވާނުންގެ މެދުގައި ސޯޝަލްމީޑިއާގައި ދައުރުވާ ހަނގުރާމައިގެ ޚަބަރުތަކުން އެކުދިންގެ ހިތްވަރާއި ފަންވަރަށް އާރޯކަން ލިބޭނެއެވެ.

އެހެންނަމަވެސް ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައިވާ އެމެރިކާގެ ރުހުންލިބިގެންވާ ދުނިޔޭގައި 18 ވަނަޔަށް އެންމެ ބާރުގަދަ އަޝްކަރީ ބާރުކަމުގައިވާ އިޒްރޭލުގެ ކުރިމަތީގައި ، ހަމާސްއަކަށް އެހާ ގިނަދުވަހަކު ހިފަހައްޓައެއް ނުލެވޭނެއެވެ. އިޒްރޭލުގެ ބާރު އޮންނާނީ އެމެރިކާގެ ބާރުތަކާ ގުޅި ލާމެހިފައެވެ. އެމެރިކާއަތުގައި އޮތް އެއްޗެއް އިޒްރޭލަށް ނުދީ އެމެރިކާއަށް ލޮލުފިޔަވެސް ޖަހައި ނުލެވޭނެއެވެ.

އިޒްރޭލު – ފަލަސްތީނުގެ މައްސަލަޔަށް އޮތް އެންމެ ކުރު ޙައްލަކީ ، މިނިވަން ދެޤައުމެއްގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު ޤާއިމުވެ އޮތުމެވެ. އެހެނަސް ، އެއީ އިޒްރޭލު ނޫނެކޭ ބުނެބުނެ އޮއްވާ ހުޅަނގުން ކުރާނެކަމެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.