ފަލްސަފާ (21)

(4 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވަޞީމު ހިތްހަމަ ނުޖެހިގެން ، އެގެއިން ނުކުމެގެން ދިޔަޔަސް ، ކަހަރުވަކެކޭވެސް ޙަފުޞާގެ ހިތަކަށް ނާރައެވެ. އެކަމަކާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ. އެހެންނަމަވެސް ، ޠާހިރާހުރީ ކަންބޮޑުވެގެންގޮސް ހާސްވެފައެވެ. އެއީ އެއްވެސްކަމެއް ނޫނެވެ. އެކަމުގައި ވަޞީމުކުރާނެ އެއްވެސްކަމެއް ނެތެވެ. ނޫރުލްޢައިނުގެ މައްޗަށް އޭނާގެ ބާރެއް ނުހިނގައެވެ. ނޫރުލްޢައިނުގެ ބޯހަރުކަންމަތީ ވަޞީމަށް އެލިބޭ ތަކުލީފުގައި ޙަފުޞާމެން ކުރާނެ ކަމެއްނެތްކަމަށް ޙަފުޞާ ބުންޏެވެ.

ގޭތެރޭގައި އެހިނގިކަމެއް ހިނގިއިރުވެސް ، ނޫރުއާއި މުރުތަޟާ ތިބީ ވާހަކަ ދައްކާށެވެ. އެބައްދަލުވުމެއް ނުނިމެއެވެ.

" ނޫރުލްޢައިނުއެވެ ! ހުރިހާކަމެއް ހަނދާން ނައްތާލާފައި ، ކައިވެނިކުރަން ތި އެއްބަސްވީއެވެ. ކައިވެނީގެ ފަހުން ދިމާވެދާނެ އެއްވެސްކަމެއް އެއީ ، އަހަރެންކުރި ކަމަކުން ދިމާވިކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ނޫރުގެ އުއްމީދުތަކާއި ހުވަފެންތައް އެއީ ނޫރުގެ އަމިއްލަ އެއްޗެކެވެ. އެކަންކަމާ އަހަރެންނާ ނުބައްސާށެވެ ! އެ ހުރިހާ އެއްޗެއް ޤުރުބާންކޮށްފައި ، ނޫރު ކައިވެންޏަށް ތި އެއްބަސްވަނީ ހިތުން ރުހުމުންނެވެ. ބުނެބަލާށެވެ ! ކައިވެންޏަށް އެއްބަސް ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

އިތުރަށް ވިސްނުމެއްނެތި ، އެހުރިހާ ކަމަކަށް ނޫރު އެއްބަސްވިއެވެ. އެކައިވެނިކުރަން އޭނާ ތައްޔާރެވެ. ހުރިހާކަމެއްވެސް ވާނީ މުރުތަޟާ ބުނާ ގޮތަކަށެވެ. އެއްވެސް ކަމަކާ ، ދެކޮޅު ނުހަދާނެކަމަށް ނޫރު ވަޢުދު ވިއެވެ.

" ކައިވެންޏަށްފަހު ، އަހަރެމެން އެޕާޓްމަންޓެއް ހޯދައިގެން އެތަނަށް ބަދަލުވާނީއެވެ. އެޕާޓްމެންޓެއް ގަންނަ ވަރަށް އަތުގައި ފައިސާ ނެތިއްޔާ އަހަރެމެން ލޯނެއް ނަގާނީއެވެ. ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައި ބޭނުންކުރެވޭނެ އެތައް ވަޞީލަތްތަކެއް އެބަހުރި ނޫން ހެއްޔެވެ ؟ ކުޑަދުވަސްކޮޅަކު ، ކުއްޔަށް ތަނެއް ހިފައިގެން އުޅުން އެއީ މައްސަލައެއް ނޫނެވެ. އަހަރެމެންނަށް މުސާރަ އެބަ ލިބެއެވެ. ދެމީހުންނަށް ލިބޭ އެއްޗަކުން ފުއްދައިގެން ދިރިއުޅުމުގެ ހުރިހާކަމެއް ފުރިހަމަ ކުރެވޭނެއެވެ. އެހެން ނޫން ހެއްޔެވެ ؟ " ނޫރުގެ މޫނުމަތިން އުޖާލާކަމާއި ހިނިތުންވުން ފެނިގެން ދިޔައެވެ.

އެއީ ރަނގަޅު ނިންމުމެއްކަމަށް މުރުތަޟާ އެއްބަސްވިއެވެ. އުއްމީދެއް އޮވެގެން ގަދައަޅާ މަސައްކަތް ކޮށްފިނަމަ ، އިންސާނާއަށް ޙާޞިލް ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ނޫރުވެސް ދައްކާ ވާހަކަޔަކީ އެއީއެވެ. އޭނާކުރާ އުއްމީދަކީ އެއީއެވެ. ބާއްޖަވެރިކަމުން ފުރިގެންވާ އުފާވެރި ޙަޔާތަކުން އެދެމީހުން ދުނިޔޭގައި އެކުގައި ވުމެވެ.

" ޙަފުޞައްތަ ގާތު ބުނާށެވެ ! ޠާހިރާއާއި ޙަފުޞައްތަ އާ އަދި އަރުސަލާން އަކީ އަހަރެމެންގެ ޒިންމާއެކެވެ. އެމީހުން އަހަރެމެން ބަލާނަމުއެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގެ އެއްބައެވެ. އެއީ އަހަރެމެންގެ ޢާއިލާއެވެ. ޙަފުޞައްތަގެ ފަރާތުން އަހަރެމެން ހަމައެކަނި ބޭނުންވަނީ ، އަހަރެމެން ދެމީހުން އެކަނި ދިރިއުޅުމަށް ، ފުރުޞަތު ދިނުމެވެ. ވަކިން އުޅުނަސް ޢާއިލާއާ އަޅައި ލެވިދާނެއެވެ. އަހަރެމެން ދެމީހުން އެކުގައި މަސައްކަތް ކޮށްގެން މުޅި ދުނިޔެވެސް ފަތަޙަ ކުރެވޭނެއެވެ. " ނޫރުގެ އުއްމީދުތަކުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ނޫރު އެކުރަމުންގެންދާ ފޮނި އުއްމީދުތަކާއި ދެކޭ ހުވަފެންތަކަކީ ، މުރުތަޟާ ހިތުއަޅައިގެންހުރި ކަންތައްތަކެއް ނޫނެވެ. އޭނާއަކީ ވަރަށް އާދައިގެ ސާދާ އިންސާނެކެވެ. ލިބޭ މިންވަރަށް ފުއްދާލައިގެން ދިރިއުޅެން ބޭނުންވާ މީހެކެވެ. ނޫރު އެ ބޭނުންވާހާ ކަމެއްގައި ޝާމިލްވެގެން އުޅެން ވެއްޖިއްޔާ ، ކޮޅަށް ނުހުރެވިގެން ،  ވަރުބަލިވެގެން އޭނާ ، ބިންމައްޗަށް ވެއްޓިދާނެއެވެ. އެހާ ވަރުގަދަ ޢަޒުމެއްގައި ، އެހާ ގިނަ ކަންތައްތަކެއް އޭނާގެ ދިރިއުޅުމުގައި ފުރިހަމަވެގެންދާނެ ހިތްވަރެއް އެނާގެ ގަޔަކު ނެތެވެ. އޭނާ ބޭނުންވަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެވާހަކަ ދައްކަމުންގޮސް މުރުތަޟާއަށް ރޮވުނެވެ. އެއީ އޭނާގެ ހިތުގައި ބާއްވައިގެން ކުރިޔަށް ގެންދެވޭވަރުގެ ބުރަ ކަންތައްތަކެއްކަމަށް ވާތީ އޭނާގެ ހިތަށް ތަދުވީއެވެ. އެހިތަށް ، އެކަންކަމުގެ ބަރުކަން އިޙްސާސް ވީއެވެ.

" ނޫރު އަހަރެންދެކެ ތިވާ ލޯބީގައި އޮތީ ދުނިޔޭގެ މާއްދިއްޔަތާއި ދުނިޔޭގެ އެދުން އެކަނި ހެއްޔެވެ ؟ އެހިތުގެނާޒުކުކަންމަތީ ، އެހެން ހުރިހާކަމެއް ދޫކޮށްލާފައި ލޯބީގެ ފޮނި އިޙްސާސަށް އެއްވެސް  ޖާގައެއް ނެތީ ހެއްޔެވެ ؟ ހާދަހާވާ ދެރައެވެ. މިއީ އަހަރެމެންގެ އެންމެފަހުގެ ބައްދަލުވުމަށް ހަދަނީ ހެއްޔެވެ ؟ " މުރުތަޟާ ގިސްލަމުން ބުނަމުން ގެންދިޔައެވެ.

ނޫރުއަށް ، އެ ބައްދަލުވުމުގައި އެދެއްކުނީ ، އެންމެ ރަނގަޅު ވާހަކަތަކެއް ނޫންކަން ، އޭނާއަށްވެސް އިޙްސާސް ކުރެވުނެވެ. ނޫރުގެ މަޤްޞަދަކީ އެއީ ނޫންކަމަށް ބުންޏެވެ. އެވާހަކަތައް ކަމުނުދާކަމަށް ވަންޏާ ، އެމީހުން އިތުރަށް ވާހަކަ ދައްކައިގެން އެކަމަށް ޙައްލެއް ހޯދާނީއެވެ. މުރުތަޟާ ހަމަޖައްސައި ލެވޭތޯ ނޫރު ، މަސައްކަތް ކުރަމުން ގެންދިޔައެވެ.

މުރުތަޟާ ކުއްލިޔަކަށް ތެދުވިއެވެ. އޭނާ އެ ތެދުވީ އެތަނުގައި އިންނަން އުނދަގޫ ވެގެންނެވެ. އެތަނުން ދުރަށްދާން ވެގެންނެވެ. މުރުތަޟާ ހިފެހެއްޓުމަށް ނޫރު ކުރި މަސައްކަތްވީ ބޭކާރެވެ. އަދި އިހަށް އިށީނދެލައި ވާހަކަ ދައްކައިލުމަށް އެދެމުން ދިޔަނަމަވެސް ، ނޫރުގެ ވާހަކަތައް އިތުރަށް އަހާހާ ހިތްވަރެއް އޭނާގެ ނެތެވެ. ނޫރު ، ވާހަކަ ދައްކަމުން ގެންދަނިކޮށް ، މުރުތަޟާ އެތަނުން ނުކުމެގެން ދިޔައެވެ. ނޫރުއަށް ހަދާނެގޮތް ބޮޑުވިއެވެ. ހުރިގޮތަށް ގޮނޑިމައްޗަށް ތިރިވިއެވެ. އޭނާއަށް އެ ބައްދަލުވުމުގައި ކޮންމެ ވާހަކައެއް ދެއްކުނަސް އެއީ ، މުރުތަޟާއާ ނުލައި އޭނާއަށް ދިރިއުޅެން އުނދަގޫވާނެތީ ދެކެވުނު ވާހަކަ ތަކެކެވެ. އެކަން ފުރިހަމަކުރުމަށް ޙައްލެއް ހޯދުމަށެވެ. އެއީ އޭނާ ގޮތްދޫކޮށްގެން އެކަން ޙައްލުކުރުމަށް ފާޅު ކުރެވުނު ޚިޔާލުތަކެއް ނޫނެވެ. ނޫރު އަދިވެސް އެހުރީ އޭނާގެ ގޮތުގައެވެ. އެ ކައިވެންޏަށްޓަކައި ، އޭނާ ދޫކުރަންބުނި އެއްވެސް އެއްޗެއް އޭނާއަކަށް ދުލެއް ނުކުރެވެއެވެ. އެހެންނަމަވެސް ނޫރުއަކަށް އެކަމެއް އިޙްސާސެއް ނުވެއެވެ. އެކަންކަން އިޙްސާސްވީ މުރުތަޟާއަށެވެ. އޭނާ އެތަނުން ތެދުވެގެން އެދިޔައީ ، އިތުރަށް ދެބަސް ނުވާންވެގެންނެވެ. އަދި ، އެ ގުޅުމާބެހޭގޮތުން އިތުރަށް ވާހަކަ ދައްކާނެ ހަނި ފުރުޞަތެއްވެސް އޮތްކަމަށް އޭނާއަށް ނުފެންނާތީއެވެ.

ތަހުނިޔާ އިނީ ބަގީޗާތެރޭގައި ، އޭނާ ޓިއުޝަންދޭ ކުދިންނަށް ކިޔަވައިދޭން އަވަދިނެތިއެވެ. އެކުދިން ކިޔަވައި ނިމުމުން ފޮނުވައިލިތަނުން އެތަނަށް އެއައީ އޭނާގެ މަންމަ ސާޖިދާއެވެ. އެކުދިންގެ އިމްތިޙާން ނިމުނުހާ އަވަހަކަށް ޓިއުޝަން ދިނުން ހުއްޓައިލުމަށް ސާޖިދާ ، އޭނާގެ ދަރިފުޅަށް ލަފާދިނެވެ. އެއީ ތަހުނިޔާގެ ކައިވެނީގެ ތައްޔާރީތަކަށް ވަގުތު ދިނުމަށެވެ.

އެކަން އޭނާ ހުއްޓާލިނަމަވެސް ، ވަޒީފާއެއް އަދާކުރުމަށް އޭނާ ކުރާ މަސައްކަތެއް ނުހުއްޓާނެއެވެ. އޭނާގެވެސް އުއްމީދުތަކެއް އެބަހުއްޓެވެ. ތަހުނިޔާ ކުރަން ބޭނުންވާ އެއްވެސްކަމަކަށް މަންމަމެންގެ އެހީތެރިކަމެއް އަދި އެއްބާރުލުމެއް ނުލިބެއެވެ.

ތަހުނިޔާގެ ވިސްނުންހުރިގޮތުން ، ސާޖިދާ ހިތްހަމަ ނުޖެހި ، އެއްޗެތިކިޔަން ފެށިއެވެ. އެވަގުތު ކުއްލިޔަކަށް  ، އެތަނަށް އެއައީ ނޫރުއެވެ. ގޭގެ ދޮރުހުރީ ހުޅުވާފައެވެ. އެހެންވީމާ ކުރިން ޢިޝާރާތެއް ކޮށްލުމެއްނެތި ގޭތެރެޔަށް ވަދެވުނީތީ ނޫރު މަޢާފަށް އެދުނެވެ. އޭނާއަށް އެ އާދެވުނީ އެންމެ ރަނގަޅު ވަގުތަކު ނޫނެވެ. ތަހުނިޔާގެ ދެމައިން ދެބަސްވުމެއްގައި ތިއްބައެވެ. އެއްކޮޅުން ، އެކައިވެންޏަށް ތަހުނިޔާގެ އެއްވެސް ޝަޢުޤެއް ނެތެވެ. އަނެއްކޮޅުން ، ސާޖިދާ ބޭނުންވަނީ ، އެކައިވެނި ހުއްޓިދާނެ ފުރުޞަތެއް އުފަންވުމުގެ ކުރިން ، ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވާށެވެ.

ނޫރު ، ގޭތެރެޔަށް ވަދެގެން މަޑުމަޑުން ހިނގަމުން އައިސް ، ސާޖިދާއާ މުޚާތަބުކޮށް ސަލާން ގޮވައިލިއެވެ. ފޫހިވެފައިހުރެ ، އިރުކޮޅެއްފަހުން ނަމަވެސް ، ސާޖިދާ ، ނޫރުގެ ސަލާމް ބަލައިގަތެވެ.

ސާޖިދާ ، ތަހުނިޔާއާ ކުރިމަތިލިއެވެ. އަދި ، ގޭތެރޭގައި ތަހުނިޔާ ކުރަންވެފައި ކަމެއް އެބައޮތްކަމަށާއި މާލަސްނުކޮށް ގޭތެރެޔަށް އައުމަށް އަމުރުކޮށްފައި ސާޖިދާ ގޭތެރެޔަށް ވަނެވެ.

ތަހުނިޔާ ހުރީ ނޫރުއައި ހިސާބުން ހާސްވެފައެވެ. ނޫރުއާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާގެ ރަޙުމަތްތެރިކަމަކީ ނޫރުގެ ކުރިމަތީ އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. އެ ރަޙުމަތްތެރިކަމުގެ ގުޅުމަށް އިޙްތިރާމްކޮށް އިތުބާރުކުރާކަށް ނޫރުއަކަށް ނޭނގުނެވެ.

ކުޑައިރުކޮޅަކު ކޮޅަށް ހުރުމަށްފަހު ، ތަހުނިޔާވެސް އަނގައިން ނުބުނުމުން ، އެތާހުރި ގޮނޑީގައި ނޫރު އިށީނދެލިއެވެ. ދެމީހުންކުރެ މީހަކު ވާހަކައެއް ނުދައްކައެވެ. އަނގައިން ބުނުމަށްޓަކައި ނޫރު އޭނާގެ ތުންފަތް ތަޅުވަމުން ގެންދިޔައެވެ. އެކަމަކު ، އޭނާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެންމެފަހުން ، އޭނާއަށް މަޢާފުކުރާށޭ ބުނެ ވާކަ ދައްކަން ފެށްޓީ ނޫރުއެވެ. އޭނާއަށް ތަހުނިޔާއާ ވާހަކަ ދެއްކުނީ ވަރަށް ބޭއަދަބީ ގޮތަކަށްކަމުގައި ބުނެ އެކަމަށް މަޢާފަށް އެދުނެވެ. އޭނާއަށް ތަހުނިޔާއާ މެދު ޢަމަލުކުރެވުނީ އަދި ދެއްކި ވާހަކައެއް ދެއްކުނީ ހިތަށް ކޮށްފައިވާ އަސަރުގެ ސަބަބުންނެވެ. ހިތްހަލާކުވާ ހިނދެއްގައި ، ރަނގަޅު އެއްވެސްގޮތެއް އެހިތަކަށް ނުވިސްނޭނެއެވެ.

" މި ދިމާވެގެންއުޅޭ މައްސަލައާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނައިފީމެވެ. އަހަރެންނަށް ވިސްނުނުގޮތުގައި ، އަހަރެމެން އެއްވެސް މީހެއްގެ ކުށެއް ނެތެވެ. ތަހުނިޔާގެވެސް އަދި މުރުތަޟާގެވެސް ކުށެއްނެތެވެ. މިއީ ޙާލާތާއި މަޖުބޫރުގެ ނިންމުމެކެވެ. ކުރާނީ ކީއްހެއްޔެވެ ؟ އެމީހުން ބޭނުންވަނީ ގޭތެރެ ބަލަހައްޓައިގެން ގޭގައި އިންނާނެ ، ގެވެހި އަންހެނެކެވެ. ކުރިޔަށް ދިއުމުގެ އުއްމީދެއް ހިތުގައި އޮންނަ އަންހެންކުއްޖެއްނޫނެވެ. މުރުތަޟާ އަދިވެސްހުރީ އަހަރެންގެ ކޮޅުގައެވެ. އެހެންނަމަވެސް ، މުރުތަޟާ އެހުރީ ނަފްސުގެ އަޅަކަށްވެ ، އޭނާ ބޭނުންވާގޮތް އިޚުތިޔާރުކުރުމުގެ ޙައްޤުހޯދަން ނުކުޅެދިފައެވެ. އަހަރެންނަށްވެސް މިހުރެވުނީ ، އަހަރެންގެ ކުރިއެރުމާއި އުއްމީދުތަކުގެ ބަދަލުގައި އެއްވެސްކަމެއް ދޫކޮށްލުމަށް ތައްޔާރެއްގައެއްނޫނެވެ. އަހަރެންނަށް ހީކުރެވުނީ އަހަރެންގެ ރަޙުމަތްތެރިޔާއަކީ ، އަހަރެންގެ އަޑު އުފުލައިލާވަރުގެ ހަރުދަނާކަމެއް ހުންނާނެ މީހެއްކަމުގައެވެ. ކުރާނީ ކީއްހެއްޔެވެ ؟ ޙާލާތަށް އިސްއުފުލައިލަން ތަހުނިޔާ ނިންމުމުން ، މުރުތަޟާއާއެކު ކުރިޔަށް ދިއުމަށް ނިންމި ނިންމުމަށް މަރުޙަބާއެވެ. " ވަރަށް މަޑުމައިތިރިކަމާއެކު ، ނޫރު ބުންޏެވެ.

ނޫރުގެ ޢަމަލުތަކުގެ ސަބަބުންކަމަށްވިޔަސް ، މުރުތަޟާގެ މަޖުބޫރީ ޙާލަތުގެ ސަބަބުންކަމަށްވިޔަސް ، ނޫރު އެވަނީ މުރުތަޟާއާ ވަކިވެފައެވެ. އެހެންނަމަވެސް ، އެގުޅުމާއެކު ، ނޫރުގެ އެހެންގުޅުންތައް އޭނާއާ ވަކިވެދާކަށް ނޫރު ބޭނުމެއްނޫނެވެ. ތަހުނިޔާއާ ނޫރުއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ވަކިވެގެންދާކަށް ، ފަހަރެއްގައިވެސް ނޭދެއެވެ.

" އަހަރެންފަދަ ނިކަމެތި އިންސާނަކަށް ލިބިފައި ނުލިބެން އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ ؟ ނޫރުފަދަ ހިތްވަރުގަދަ އަންހެންކުއްޖަކަށް އަހަރެންވެސް ވީނަމަ ކޮންފަދަ ހެއްޔެވެ ؟ " ނޫރުގެ ވާހަކަތަކަށް ވިސްނަން އިނުމަށްފަހު ތަހުނިޔާ ބުންޏެވެ.

ނޫރު ، އޭނާގެ އަތް ތަހުނިޔާއާ ދިމާއަށް ދިއްކޮށްލިއެވެ. ތަހުނިޔާވެސް ހިނިތުންވެފައި އިނދެ ނޫރުގެ އަތުގައި ހިފައިލިއެވެ. ދެން އެކަމާ އަޅައިނިލާށޭ ބުނަމުން ނޫރު ތަހުނިޔާއާ ދިމާއަށް ބަލައިލާ ހިނިތުންވެލިއެވެ.

އިންސާނާގެ ދިރިއުޅުމުގައި ވަކިމީހަކު ނެތިގެންދިއުމަކީ ، އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެޔަށް ފުރޮޅިގެންދާން ދޫކޮށްލަންޖެހޭޏެ ސަބަބެއްނޫނެވެ. ނޫރު ވަރަށްކުޑައިރު ، އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. ތުއްތުއިރުއްސުރެ ، އޭނާކުރާނީ ކީއްކަމާއި ނުކުރަންވީ ކަމަކީ ކޮބައިކަމާއި ، އުޅެންވީގޮތާއި ނޫޅެންވީގޮތް ދަސްކުރީ އަމިއްލަޔަށެވެ. ރަނގަޅާއި ނުބައި ވަކިކޮށްދޭނެ މަޔަކު އޭނާގާތަކު ނެތެވެ. ވެއްޓުނީމަ ތެދުވެ ވެލިފޮޅާލަމުން އައީ އަމިއްލަޔަށެވެ. ޢާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ބައްޕަޔަށް އުޅެންޖެހިފައިއޮތީ ، ލާރިހޯދަން ބުރަމަސައްކަތުގައި ގެއިން ބޭރުގައެވެ. އެހެންމީހުން ބުނާވާހަކަޔާއި އެހެންމީހުން ބުނާގޮތް ހެދުމަށް ނޫރުއަށް އާދަވެފައެއް ނެތެވެ. އެ ފުރުޞަތުވެސް ލިބިފައެއް ނެތެވެ. ކައިރީގައި ދެން ހުންނާނީ ، ބޭބެ ހާރިޝް އެވެ. ހަލަނިކަމުންގޮސް އަބަދު ހުންނާނީ ނޫރުއަށް އުނދަގޫކުރަން ކޮންމެވެސްކަމެއް ކޮށްލަ ކޮށްލައެވެ. އެއްޗެއްބުނަން ހުރީ ބޭބެނަމަވެސް ، ކުޑައިރުގެ ދިރިއުޅުމުގައި ، ބޭބެގެ އިދިކޮޅު އަދި ޖެއްސުމުގެ ޢަމަލުތަކުގެ ސަބަބުން ،  ބޭބެ ބުނާ އެއްޗެއްވެސް އަޑުއަހަން ނޫރުއަށް އޮތީ ތަކުލީފަކަށް ވެފައެވެ. އެކަހަލަ މާޙައުލެއްގައި އުޅެ ، ކިޔަވައި ބޮޑުވަމުން އައިސް ނޫރު އެހުރީ ، އަމިއްލަ ނިންމުންތައް ނިންމަން އާދަވެފައެވެ.

ތަހުނިޔާއާ އެކީގައި ބައްޕަގެ އިތުރަށް ، ތަހުނިޔާގެ އަމިއްލަ މަންމަ އެބަހުއްޓެވެ. މަންމަ ބުނާގޮތެއް ތަހުނިޔާ ހެދުމަށް ނޫރު އެދުނެވެ. މައިންބަފައިންގެ ބަސް އަހައިގެން ދެރަގޮތެއް ނުވާނެއެވެ. އެމީހުން ނިންމާނީ އެމީހުންގެ އުއްމީދުތަކާ އެއްގޮތަށް ، އެމީހުންގެ ދަރިންނަށް ފެންނަ އެންމެ ރަނގަޅު ގޮތެކެވެ.

" ތަހުނިޔާއެވެ ! ރަޙުމަތްތެރިއެއްގެ ޙައިޞިއްޔަތުން ، އަހަރެން ، ތަހުނިޔާއަށް ނަޞޭޙަތެއް ދޭން ބޭނުންވެއެވެ. ތިއީވެސް ކިޔަވައިގެންހުރި މޮޅު ކުއްޖެކެވެ. ލިބިފައިހުރި ފަންނާއި ހުނަރުގެ ޤާބިލުކަން އެހެން އެއްވެސް ކަމަކަށް ވިއްކައިނުލައްޗެވެ. " ތަހުނިޔާއަށް ނަޞޭޙަތްދެމުން ނޫރު ބުނަމުން ގެންދިޔައެވެ.

ނޫރު އެދައްކަމުންގެންދާ ވާހަކަތަކަށް ވަރަށް ފުންކޮށް ، ތަހުނިޔާ ވިސްނަން އިނެވެ. ވާހަކައިގެ މަވްޟޫޢު ބަދަލުކޮށްލުމަށް ވިސްނައި ތަހުނިޔާގެ ވަޒީފާގެ ކަންތައް ކިހިނެއްތޯ ނޫރު ސުއާލު ކުރިއެވެ. އެއީ ރަނގަޅު ވާހަކަޔަކަށް ވިއެވެ. ތަހުނިޔާގެ މޫނުމައްޗަށް ކުރިންވެސް ދެމީހުން ބައްދަލުކޮށް ވާހަކަ ދައްކަމުން ގެންދާއިރު އެ އަންނަ އުފާވެރިކަން އައެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.