ފަލްސަފާ (20)

(1 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކާރަށް އަރައި ބާރަށް ދުއްވާފައި އެދިޔަގޮތަށް ނޫރު ދިޔައީ މުރުތަޟާގެ އޮފީހަށެވެ. އޭރު ، މުރުތަޟާ ހުރީ އެކުގައި މަސައްކަތްކުރާ ދެ މުއައްޒަފަކަށް ، އެދުވަހު ކުރަންޖެހޭ މަސައްކަތް ކިޔައިދޭށެވެ. ދެފަހަރަކަށް މުރުތަޟާގެ ފޯނަށް ކޯލެއް އާދެއެވެ. އެހެންނަމަވެސް ، ފޯނު ނުނަގައި މުރުތަޟާ އޭނާގެ އެހީތެރިންނާއެކު އެދުވަހުގެ މަސައްކަތް ރާވަމުން ގެންދިޔައެވެ. ތިންވަނަ ފަހަރަށް ފޯނުވީތަނާ ޗޮކެއް ކަނޑާފައި ފޯނަށް ބަލައިލިއިރު އެއީ ނޫރު އެވެ. މޫނު ކުނިކޮށްފައިހުރެ ، މުރުތަޟާ އެފޯނު ނެގިއެވެ. ނޫރު އެދުނީ ހަމަ އެވަގުތު ، މުރުތަޟާއާ ބައްދަލުކުރުމަށެވެ. އިތުރު ބަހަނާއެއް ނުދެއްކުމަށެވެ. މުރުތަޟާ އެވަގުތު ބައްދަލުވުމެއް ކުރިޔަށް ގެންދާ ވާހަކަ ބުނެ ، ބައްދަލު ކުރެވެން ނެތްކަމަށް ޖަވާބު ދިނެވެ. ނޫރު އެއްގޮތަކަށްވެސް ދުލެއް ނުކުރިއެވެ. އެވާހަކައިގެ މުހިންމުކަން މުރުތަޟާއަކަށް ނުވިސްނޭނެއެވެ. އެމީހުން ޢާންމުކޮށް ބައްދަލުކުރާ ތަނަށް ނޫރުދާނެ ވާހަކަ ބުނެ ، އެތާނގައި އޭނާ މުރުތަޟާއަށް އިންތިޒާރު ކުރާނެކަމަށް ބުންޏެވެ. މުރުތަޟާއަށް ނުދެވޭނެ ވާހަކަ ބުނަމުން ދަނިކޮށް ނޫރު ، އޭނާގެ ވާހަކަ ނާހައި ފޯނު ކަނޑައިލިއެވެ.

މުރުތަޟާއަށް އެ ބައްދަލުވުން މެދުކަނޑައިލުން ނޫން އެހެން ގޮތެއް ނެތެވެ. ރުޅި އައިސްހުރެ ، އަތުގައިހުރި ކަރުދާސްތައް މޭޒުމައްޗަށް ޖެހުމަށްފަހު ، މުރުތަޟާ އޮފީހުން ނުކުތެވެ.

މުރުތަޟާއަށް އެތަނަށް ދެވުނުއިރު ، ނޫރުއިނީ ރޯށެވެ. އެތާހުރި ޓިޝޫފޮށިން ޓިޝުލަކަށްފަހު ޓިޝުލެއް ނަގައިގެން ، ނޫރު އޭނާގެ ލޯ ފުހެމުން ގެންދިޔައެވެ. މޭޒުމަތީގައި އެ ޓިޝޫތައް ފުނިޖެހިފައި ހުއްޓެވެ.

" އެހެން ހަދާކަށް ނުވާނެ ނޫންހެއްޔެވެ ؟ އަހަރެންނަށް އެހެން ތިހެދީ ކީއްވެ ހެއްޔެވެ ؟ " ރޮމުން ރޮމުން ، ނޫރު ބުންޏެވެ.

މުރުތަޟާއިނީ ނޫރު ރޯތަން ބަލަން އުނދަގޫވެގެން ދުރު ބަލަހައްޓައިގެންނެވެ.

" ތިމާދެކެ ލޯބިވާ މީހާ ، ދޫކޮށްލުމުން އަންހެންކުއްޖަކަށް ކުރާނެ އަސަރު މުރުތަޟާއަށް އެނގޭ ހެއްޔެވެ ؟ އޭގެ މާނަޔަކީ ، އެކުއްޖާގެ މުޅި ދިރިއުޅުން އަނދިރިވެގެން ދިއުމެވެ. ލޯބިވުމަށްފަހު ، އިޚުތިޔާރެއްނެތި އެލޯބި ދޫކޮށްލެވޭ ހިނދު އެކުއްޖާ ދުނިޔެއިން ބަރުބާދު ވެގެންދިޔައީއެވެ. އެކަނިވެރިވީއެވެ. ފިރިހެނަކަށް އެއީ ބޮޑު ކަމަކަށް ނުވާނެއެވެ. އެކަމަކު ، އަންހެނަކަށް އެއީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. އެވަރުގެ އެހެން ތަކުލީފެއް ، އަންހެނުންނަށްޓަކައި ދުނިޔެމަތީ ލައްވާފައެއް ނުވެއެވެ. " މޭޒުމަތީ އަތުން ތަޅަމުން ، ރޮމުން ، ލޮލުން ކަރުނަ ފުހެމުން ، ނޫރު ވާހަކަ ދައްކަމުން ގެންދިޔައެވެ.

" އަހަރެންގެ ބޭނުމަކީ ކޮބައިކަމާއި ވިސްނުންހުރީ ކިހިނެއްކަން މުޅި ދުނިޔެއަށް އެނގެއެވެ. އެކަމަކު ، އެއީ މުރުތަޟާއަށް ނުއެނގުނު ކަމެކެވެ. އަހަރެންގެ އެއްވެސް ވާހަކައެއް މުރުތަޟާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ބަދަލު ހިފުމަށްޓަކައި އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ ، މިދެމެދަށް ވައްދަން ޖެހުނީ ކީއްވެ ހެއްޔެވެ ؟ އެއީ ، އަހަރެންނަށް ލިބުނު އިތުރު ތަކުލީފެކެވެ. އެ ރަޙުމަތްތެރިޔާއަށްވެސް ދެވުނު އަނިޔާ އެކެވެ. ކުއްލިޔަކަށް ، ވާހަކަ ދައްކާލާނެ ފުރުޞަތުވެސްނުދީ މުރުތަޟާ ތިކުރީ ކީއްހެއްޔެވެ ؟ އަހަރެމެންގެ ލޯބީގެ ޙައްޤުގައި ބަހެއް ބުނުމަށް ފުރުޞަތެއް ނުދީ ، ތިކުރިކަމަކުން މުޅިދުނިޔެއަށް އަހަރެން މިވަނީ ފަޟީޙަތް ވެފައެވެ. ފިރިހެނުންގެ ޤާބިލްކަން އޮންނަނީ އެހާ ނިކަމެތި ގޮތަކަށް ހެއްޔެވެ ؟ އެއީ ހަމައެކަނި ފިރިހެނުންނަށް އޮންނަންޖެހޭ ޙައްޤެއް ހެއްޔެވެ ؟ " ރޮއި ގިސްލަމުން ، އެ ރެސްޓޯރެންޓްތެރޭ ތިބި މީހުންނަށް ބެލުމެއްނެތި ، ނޫރު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މުރުތަޟާއިނީ ދުރު ބަލަހައްޓައިގެންނެވެ. ނޫރު ހުއްޓުވާކަށް ނޫޅެއެވެ. ކިތަންމެ ލަދެއް ގަންނަން ޖެހުނަސް ، ނޫރު އެދައްކާ ވާހަކައެއް ދައްކަން ދޫކޮށްލައިގެން އިނެވެ.

" ނޫރުއަށް އެނގޭ ހެއްޔެވެ ؟ އިންސާނާއަށް ލިބިގެންވާ ޙައްޤުގެ މަތިން އެއިންސާނާ ހަނދާންވަނީ ، އޭނާގެ ޙައްޤު ގެއްލިދާ ހިނދުއެވެ. އެ ޙައްޤު ސަލާމަތްކޮށް ދެމެހެއްޓުމަށްޓަކައި އޭނާ އެއްވެސް ކަމެއް ނުކޮށް ހުއްޓާ ގެއްލޭ ޙައްޤުގެ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ ؟ މި ހިނގައިދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ނޫރުއެވެ. އެހެންމީހުންގެ ބޮލުގައި އެކަމުގެ އިލްޒާމު އެޅުވޭކަށް ނެތެވެ. ޚާއްޞަކޮށް އަހަރެންނާ ދިމާއަށް އެއްޗެއް ބުނުމުގެ ޙައްޤެއް ނޫރުއަކަށް ނެތެވެ. ވެދިޔަކަމެއް ވެގެން އެދިޔައީ ނޫރުގެ ޢަމަލުތަކާއި ނޫރުގެ ވިސްނުމާއި ފިކުރުހުރި ގޮތުންނެވެ. ނޫރު ކުރި ކަންކަމުންނެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަ ޤަބޫލުކުރާކަށް ނޫރު ބޭނުމެއް ނުވިއެވެ. މުރުތަޟާއަށް ބޭވަފާތެރިވީ ނޫރުތޯ ސުއާލު ކުރިއެވެ. މުރުތަޟާގެ ނަމުގައި ނޫރުފިޔަވައި ، އެހެންމީހެއްގެ އިނގިލީގައި އަނގޮޓި އެޅުވީ ނޫރު ހެއްޔެވެ ؟ އެކަންކަން އެގޮތަށް ކޮށްފައި ނޫރުގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ޙައްޤެއް މުރުތަޟާއަކަށް ލިބިގެންނެއް ނުވެއެވެ. ނޫރުގާތަށް ރުޅިއައިސް މުރުތަޟާއާ ދިމާއަށް ކަޅިއަޅައިގަތެވެ.

ނޫރުގެ އެވާހަކަތަކުން މުރުތަޟާ ގާތަށްވެސް ރުޅިއައިސް ، ދެދަތްޕިލަ ޖައްސައިގެން އިނދެ ، ނޫރުއަށް ޖަވާބު ދިނެވެ. އެތާ ރެސްޓޯރެންޓްގައިތިބި މީހުންނަށް އެމީހުންގެ ވާހަކަ އަޑު އިވިދާނެތީ މުރުތަޟާ މަޑުން ވާހަކަ ދެއްކިޔަސް އޭނާ އިނީ ރުޅިއައިސް ރަތްވެފައެވެ. ނޫރުގެ ނަމުގައި އޮތް އަނގޮޓިއެއް އެހެން މީހެއްގެ އިނގިލީގައި އަޅުވައި ، އޭނާ ނޫރުއަށް ބޭވަފާތެރި ނުވާކަމަށް މުރުތަޟާ ބުންޏެވެ. އަދި ، އެއްވެސް މީހަކާ ވަކިވުން އެއީ ބޭވަފާއެކޭ ނުކިޔާނެއެވެ. ބޭވަފާއޭ ކިޔާނީ ، އަމިއްލަ އިޚްތިޔާރުގައި މީހަކާ ވަކިވެ ، އެމީހަކާ ދުރަށް ދިއުމަށެވެ. ހިތުން ރުހުމުން އެހެން މީހަކާ ގުޅުމަށެވެ. އެކަމުން ސަލާމަތްވާނެ އެއްވެސް ގޮތެއް މުރުތަޟާއަކަށް ނުފެނުނެވެ. އެއީ އޭނާ ހިތުން ރުހުމުން ކުރިކަމެއްނޫނެވެ. ކަމެއް ވާނެގޮތަކަށްވެ ، ނިމިގެންދާތަން ބަލަން ގޮތްދޫނުކޮށް ، ތިމާގެ ގޮތުގައި ހުރުމަކީވެސް ބޭވަފާކަމަށް ވެދާނެއެވެ. އެކަން ގޯހުން ގޯހަށް ދިޔައީ ނޫރުގެ ސަބަބުންނެވެ. އެކަމުގައި ، މުރުތަޟާގެ ކުށެއްނެތެވެ. އެއްކޮޅުން މަންމަގެ މަޖުބޫރެވެ. އަނެއްކޮޅުން ނޫރުގެ ގޮތްދޫ ނުކުރުމެވެ.

މުރުތަޟާއަށް ކުރެވޭނެކަންކަން ހުންނާނެކަމަށް ނޫރު ބުންޏެވެ. އެހެންނަމަވެސް ، އެ ކައިވެނީގެ މިސްރާބު ބަދަލުވެގެން ދިޔައީ ، ނޫރު ދެއްކި ވާހަކަ ތަކުންނާއި ، ވިސްނައިނުލާ ކުރި ކަންކަމުންނެވެ. އަމިއްލަ އީގޯގައި ގޮތްދޫނުކޮށް ، އަމިއްލަ ނިންމުންތަކަށް އިސްކަންދިނުމުގެ ސަބަބުންނެވެ. އެހެން އެއްވެސްކަމެއް ވެގެންނެއްނޫނެވެ. މުރުތަޟާއާ ނޫރު ވަކިވާން ޖެހިދާނެ ހުރިހާ ސަބަބު ތަކެއް ނޫރުވަނީ ދައްކާފައެވެ. އެހެންކަމާއެކު ، މުރުތަޟާވެސް ، ކައިވެންޏެއްކުރުމަށް އެހެންމީހަކު ހޯދުމަކީ ކޮންމެވެސް އެއްދުވަހަކުން ވާނެ ކަމެކެވެ. ލަހުންވިޔަސް އަދި އަވަހަށްވިޔަސް އެއީ ވާނެކަމެއްކަން މުރުތަޟާ ، ނޫރަށް ވިސްނައިދިނެވެ.

ނޫރު އެ ބައްދަލުކުރީ އެވާހަކަތައް އަޑުއަހަން ނޫންކަމަށް ނޫރު ބުންޏެވެ. އަދި ، އޭނާ މުރުތަޟާއާ ބައްދަލުކުރީ ، މުރުތަޟާ އާ ނުލައި އޭނާއަށް ދުނިޔޭގައި  ނޫޅެވޭނެތީ އެކަމަށް ޙައްލެއް ހޯދަންކަމުގައި ނޫރު ބުންޏެވެ.

ނޫރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު ، އެބުނި ވާހަކަތަކުން މުރުތަޟާއަށް ހުއްޓުން އެރިއެވެ. ނޫރުގެ ލޮލުން އޮހޮމުންދިޔަ ކަރުނަތަކުގެ ތެރެއިން ، މުރުތަޟާގެ މައްޗަށް އޮތްލޯބި ނޫރުގެ ލޮލުން މުރުތަޟާއަށް ފެނުނެވެ.

" ހަމަ މިހާރުގޮސް އެ ކައިވެންޏަށް އިންކާރު ކުރާށެވެ. އަހަރެންނަކަށް މުރުތަޟާއާ ނުލައެއް ދުނިޔެއަކު ނޫޅެވޭނެއެވެ. " ނޫރު ބުންޏެވެ.

މުރުތަޟާއަށް ހަދާނެގޮތް ބޮޑުވިއެވެ. ދެއަތުން ބޮލުގައި އަތްއަޅައި އިސްދަށަށް ޖަހައިލިއެވެ. އެކަން އެގޮތަށް ކޮށްފިނަމަ ދެންވާނީ ކިހިނެއްތޯ ނޫރުއާ ސުއާލު ކުރިއެވެ.

" މައްސަލައެއް ނެތެވެ. އަހަރެމެން ކައިވެނި ކުރަމާ ހިނގާށެވެ ! ނޫރުއަށްޓަކައި މުޅި ދުނިޔެއާ ދެކޮޅަށް ތެދުވާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެހެނަސް ، އެއީ ނޫރު އަހަރެންނާއެކުގައި ހުންނަން އެއްބަސްވަންޏާއެވެ. ބުނެބަލާށެވެ ! އަހަރެންނާ އެކީގައި ހުންނާނަން ހެއްޔެވެ ؟ އަހަރެންނާ ކައިވެނި ކޮށްފާނަން ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

މުރުތަޟާ އެކުރި ސުއާލުތަކަށް ވިސްނާކަށް މާގިނަ އިރެއް ނެތެވެ. މުރުތަޟާގެ ވާހަކަ ފެށީއްސުރެ ނޫރު އެކަމަށް ވިސްނަން ފެށްޓިއެވެ. ވަގުތު ނެތްކަން އެނގޭތީއެވެ. މުރުތަޟާއާ ކައިވެނިކުރަން އޭނާހުރީ ތައްޔާރަށް ކަމަށް ނޫރު ބުންޏެވެ. ފަހުން ވާނެގޮތަކަށް ވިސްނާކަށް ނޫރުއަކަށް ވަގުތެއް ނެތެވެ. ކޮންމެ ޙާލެއްގައިވެސް މުރުތަޟާއާއި ތަހުނިޔާގެ ކައިވެނި ހުއްޓުވަން އޭނާ ބޭނުމެވެ.

މުރުތަޟާއާ ކައިވެނިކުރަން ނޫރު އެއްބަސްވިއެވެ. އެކަމަކު ، އޭގެކުރިން ތަހުނިޔާގެ ގުޅުމަށް އިންކާރު ކުރުމަށް ނޫރު އެދުނެވެ. ނޫރުގެ ޖަވާބުން މުރުތަޟާއަށް އަނެއްކާވެސް ވާންވީ ކިހިނެއްކަން އޮޅުނެވެ. ނޫރުގެ ކުއްލި އެ ނިންމުމަށް ދެން ހަދާނީ ކިހިނެއްތޯ އޭނާގެ ހިތާ ސުއާލު ކުރިއެވެ. މަންމައާއި ދައްތަޔަށް ދޭނީ ކޮން ޖަވާބެއްތޯ އޭނާގެ އަމިއްލަ ނަފުސާ ސުއާލު ކުރިއެވެ. ހަމަ އެއާއެކު ، އެއީ ވެދާނެ ކަމެއްކަމާމެދު މުރުތަޟާގެ ހިތުގައި ސުއާލު އުފެދުނެވެ. މަންމަޔަކީ ގޮތް ދޫނުކުރާ މީހެކެވެ. ނިންމައިފިކަމެއް ބަދަލެއް ނުކުރާނެއެވެ. މަންމަ ކަމެއް ނިންމާނީ ވިސްނާފައެވެ. އަވަހަށް ކަމަށްވިޔަސް ، މަންމަ ނިންމާ ނިންމުންތަކުގެ ނަތީޖާ ގިނަފަހަރަށް އޮންނަނީ ރަނގަޅަށެވެ.

" މައްސަލައެއް ނެތެވެ. އަހަރެމެން ވާހަކަ ދައްކައިގެން ގޮތެއް ނިންމަމާ ހިނގާށެވެ. ބައެއްކަންކަން އަހަރެން ދޫކޮށްލާނަމެވެ. މުރުތަޟާވެސް ބައެއްކަންކަން ދޫކޮށްލާށެވެ. މުރުތަޟާއާ ވަކިވާކަށް އަހަރެން ބޭނުމެއްނޫނެވެ. " ނޫރު ހާސްވެފައި އިނދެ ވިސްނަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

" އަހަރެން މިހުރީ ، މުރުތަޟާއާ ކައިވެނިކުރަން ތައްޔާރަށެވެ. އިރާދަކުރެއްވިއްޔާ ، އަހަރެމެން ދެމީހުން އެކުގައި އުފަލުގައި އުޅެވޭނެއެވެ. އާނއެކޭ ބުނާށެވެ. " ނޫރު ، މުރުތަޟާއަށް އާދޭސް ކުރަމުން ގެންދިޔައެވެ.

ނޫރުގެ ވާހަކަތަކަށް މުރުތަޟާ ވަކި އެއްޗެކޭ ނުބުނެއެވެ. އޭގެ މާނަޔަކީ ، އެކަމާމެދު އޭނާ ވިސްނާނެކަމެވެ. އަދި ، ވިސްނާފައި ގޮތެއް ނިންމާނެކަމެވެ.

 

ސިޓިންގރޫމުގައި ޙަފުޞާ މަޑުކޮށްލައިގެން އިނެވެ. އެވަގުތު ގޭތެރެޔަށް ވަދެގެން އެއައީ ، ނޫރުގެ ބައްޕަ ވަޞީމެވެ. ވަޞީމު އައިސް ޙަފުޞާއަށް ސަލާމް ގޮވައިލިއެވެ. ޙަފުޞާވެސް ސަލާމް ބަލައިގަތުމަށްފަހު ، އިށީނުމަށް ވަޞީމުގާތު އެދުނެވެ.

ވަޞީމުބޭބެޔަށް ސައިތަށްޓެއް ހަދައިގެން ގެނެސްދިނުމަށް ޠާހިރާގާތު ބުނެ ، އެތަނުން ޠާހިރާ ފޮނުވައިލުމަށް ޙަފުޞާ ބޭނުންވިއެވެ.

އެހެންނަމަވެސް ، ވަޞީމު އެވަގުތު ސައިބޯކަށް ބޭނުމެއް ނުވިއެވެ. އަދި ، އެތަނުގައި ޠާހިރާ ހުންނަން އޭނާ ބޭނުންވާކަމުގައި ބުންޏެވެ.

ހަމަ އެއާއެކު ، މުރުތަޟާއާއި ތަހުހިޔާގެ ކައިވެނިކުރަން ނިންމި ނިންމުމާބެހޭގޮތުން ޙަފުޞާއާ ސުއާލު ކުރިއެވެ. އަދި ، އެކަން އެގޮތަށް ނިންމުމުގެ ކުރިން އެންމެ ފަހަރަކުވެސް އޭނާއާ ވާހަކަ ދައްކައިލަން ޙަފުޞާއަށް ނުވިސްނުނީތީ ދެރަވާކަމުގައި ބުންޏެވެ.

" ވަޞީމަށް ތިއިވުނީ ރަނގަޅު  ވާހަކައެކެވެ. އެކަމަކު ނިކަން ވިސްނައިލަބަލާށެވެ ! އަހަރެން ވަޞީމާ ދޭތެރޭ ދެކެނީ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައެވެ. އެއްވެސް ދެރައެއް ވަޞީމަށް ދިނުމަކަށް އަހަރެންގެ ހިތަށްވެސް ނާރައެވެ. ނޫރުލްޢައިނު އަމިއްލަޔަށް މިގެޔަށް އައިސް ، އަހަރެންދިން އަނގޮޓިއާއި ހަދިޔާތައް އަހަރެންގެ ބޮލާލައިޖެހީމަ އޭގެ މާނަޔަކީ ކޮބައިހެއްޔެވެ ؟ އޭގެ މާނަޔަކީ ، އެގުޅުމުގެ ނިމުމެވެ. ކައިވެނިކުރުން ނިމުމެވެ. ތިމާގެކަން ކަނޑައިލުމެވެ. އެކަން އެގޮތަށްވެ ހުރިހާ ގުޅުމެއް ނިމުމުން ،  މުރުތަޟާގެ ކައިވެނި ތަހުނިޔާއާ ނުވަތަ އެހެން ކުއްޖަކާ ކުރިޔަސް ފަރަޤެއް ނެތެއްނޫންހެއްޔެވެ ؟ އަހަރެންނަކީ މުރުތަޟާގެ މަންމައެވެ. އަހަރެންނަށްވެސް ޙައްޤުތަކެއް އޮންނާނެއެވެ. އަހަރެން ބޭނުންމީހަކާ މުރުތަޟާ ދެވުމުގެ ޙައްޤު އަހަރެންނަށްވެސް އޮންނާނެއެވެ. އެކަންވާނީ އަހަރެން ބޭނުންވާ ގޮތަކަށެވެ. އެއީ އެހެންމީހަކާ ބެހޭކަމެއްނޫނެވެ. އަހަރެންގެ ދަރިން އަހަރެން ބުނާގޮތެއް ހަދާނެއެވެ. އެކަމަށްޓަކައި އަހަރެން  ﷲ އަށް ޙަމްދުކޮށް ޝުކުރު ދަންނަވަމެވެ. އަހަރެންގެ ޅީދަރިފުޅުވެސް އެފަދަ ބަސްއަހާ ކުއްޖަކަށްވާން އަހަރެން ބޭނުމެވެ. އިންސާނާނުންގެ މެދުގައި ގުޅުންތައް އުފެދިގެން އަންނަނީ ﷲ މިންވަރު ކުރައްވާ ގޮތެއްގެ މަތިންނެވެ. އެހެނަސް ، ސަބަބުގައި ހިފައިގެން ، ހިތާ ހިތުގެ ގުޅުން އުފެއްދުމަށް މަސައްކަތް ކުރުމަކީ ،  އިންސާނުން ބޭނުންވާ ގޮތަކަށް އިންސާނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. ހިތުގެ ގުޅުމަށް ފިލަންދުވާ އަންހެންކުއްޖަކު ، އަދި އެކުއްޖާއާ ކައިވެނިކުރާ ފިރިހެނާގެ މައިންބަފައިންނާއި ތިމާގެ މީހުންނަކީ ، ބުރައެއްކަމަށް ދެކޭކުއްޖަކު ، އަހަރެންގެ މިގޭގެ ޅީދަރިޔަކަށް ނުވާނެއެވެ. " ޙަފުޞާ އަނގަ ހުއްޓައިނުލާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަނގައިން ބުނާނެ އެއްވެސް ފުރުޞަތެއް ވަޞީމަކަށް ނުދެއެވެ.

" ކޮންމެ އަންހެނަކު ، އޭނާގެ ޙަޔާތަށް އަންނަ ފިރިހެނަކާ ގުޅިފައިވާ މީހުންނަކީ ބުރައެއްކަމަށް ދެކެ ، އެގުޅުމުން ވަކިވެގެންދާން ބޭނުންވަންޏާ ، އަހަރެން ކަހަލަ އަދުތޯ މާދަންތޯ ވެފައިއިން އަންހެނުންނާ އަދި ޠާހިރާފަދަ ހުވަފަތްވެފައި އިން ދައްތަމެން ދާނީ ކޮންތާކަށް ހެއްޔެވެ ؟ ނުކުމެގެންގޮސް ، ވަންނާނެ އެއްވެސްތަނެއް ނޯންނާނެއެވެ. ނިކަން ބުނެބަލާށެވެ ! އަހަރެން މިދެއްކީ ގޯސް ވާހަކައެއް ހެއްޔެވެ ؟ " ޙަފުޞާގެ ވާހަކަ ނިންމައިލިއެވެ.

" ނޫނެކެވެ ! ތި ދެއްކީ ހަމަ ރަނގަޅުވާހަކައެވެ. އަހަރެންނަށް ވިސްނުނުގޮތް ގޯހީއެވެ. ހިތަށް އުނދަގޫވީ ޙަފުޞާމެންނަށް އެކަންޏެވެ. އެހެންމީހުންނަށް އެއްވެސް ތަކުލީފެއް ނުލިބެއެވެ. އެހެން މީހުންންގެ ހިތަކަށް ތަދެއް ނުވެއެވެ. " ވަޞީމު އެހެން ބުނުމަށްފަހު ، ދަނީއޭ ބުނެ ކުއްލިޔަކަށް ތެދުވެ ، ނުކުމެގެން ހިނގައްޖެއެވެ.

ވަޞީމު އެދިޔައީ ، ޙަފުޞާގެ ވާހަކަތައް ޤަބޫލުކޮށްގެންނެއް ނޫނެވެ. ޙަފުޞާގެ ރުންކުރު ޖަވާބުން ، އިތުރަށް ބުނާނެ އެއްޗެއް ނެތްކަމަށް ފެނިގެންނެވެ. އެކަމުގައި އޭނާގެ ވަގުތު ބޭކާރު ނުކުރަން ވެގެންނެވެ. އެހިސާބުން އެކަން އެއޮތީ ނިމިފައިކަމަށް ބަލައިގެންނެވެ.  (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.