އަޑު ނީވޭ " ދިވެހިރާއްޖޭގެ އަޑު "

ރޭޑިއޯ ބްރޯޑްކާސްޓިން ، ރާއްޖޭގައި އެންމެ ފުރަތަމަ ފެށުނީ ، މީގެ ފަސްދޮޅަސް އަހަރުކުރިން ،  29 ޑިސެމްބަރ 1962 ގައި " މާލޭ ރޭޑިއޯ " ގެ ނަމުގައެވެ. ފެށުމުގައި ބްރޯޑްކާސްޓް ކުރެވުނީ އެންމެ  5 މިނެޓާއި 10 މިނެޓާ ދެމެދުގެ ކުޑަކުޑަ ވަގުތުކޮޅަކަށެވެ. " މާލޭ ރޭޑިއޯ " ގެ އަޑު ، އޭރު އިވެނީ މާލެއާއި މާލެކައިރީގައިވާ ރަށްރަށަށް އެކަންޏެވެ. އެޙާލަތު މިހާރު މިވަނީ އިޢާދަ ވެފައެވެ. " ދިވެހިރާއްޖޭގެ އަޑު " ދިވެހިރާއްޖެއަކަށް މިހާރަކު ނުލިބެއެވެ. މާލެއާ ކައިރި ހުރާފަދަ ބައެއް ރަށްރަށުގައި ގެންގުޅޭ ރޭޑިއޯ ފޮށްޓާ ހަމަޔަށްވެސް " ދިވެހިރާއްޖޭގެ އަޑު " ގެ އަޑެއް ނުފޯރައެވެ.

ފޮނި އަދި ދިގު ތާރީޚެއް އޮތް " ދިވެހިރާއްޖޭގެ އަޑު " ގެ އަގުހުރި ޚިދުމަތްތަކުން ، ދިވެހި ރައްޔިތުންވަނީ ، އެބައިމީހުންގެ މުނިފޫހި ފިލުވާފައެވެ. ދީނީ އަދި ޢިލްމީ ، އެތައް ފިލާވަޅުތަކެއް ދަސްކޮށްފައެވެ. ރާއްޖެއާއި ދުނިޔޭގެ އެތަން މިތާނގައި ހިނގަމުންދިޔަ ކަންކަމުގެ މަޢުލޫމާތުން ނަފްސު މުއްސަނދިކޮށްފައެވެ. ހީވާގި ، ފަންނުވެރި އެތައްބަޔެއްގެ ބުރަ މަސައްކަތުން ، " ދިވެހިރާއްޖޭގެ އަޑު " މުޅި ދިވެހިރާއްޖެޔަށް ފެތުރިގެންދިޔަ ޒަމާން ނެތިއްޖެއެވެ. ހުޅުމާލެ ބްރިޖް އަޅަން، އަޑުގެ އެންޓަނާ ނަގައި ކުނީގެ ގޮތުގައި ތިލަފުށްޓަށް ގެންދެވުނު ހިސާބުން ، " ދިވެހިރާއްޖޭގެ އަޑު " ގެ އަޑުވަނީ ރާއްޖެއިން ކެނޑިގެން ގޮއްސައެވެ. މިހާރު ، " ދިވެހިރާއްޖޭގެ އަޑު " ، ރާއްޖޭގެ އެކިކަންކޮޅުތަކަކަށް ނުލިބެއެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުން ހިތާއި ނަފްސުން ލޯބިވި ، " ދިވެހިރާއްޖޭގެ އަޑު " ގެ ހިތްގައިމު އަޑުތައް ކެނޑިއްޖެއެވެ.

ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައިވި ، ހިތްތައް ކަތިލި ، އެ އަޑުތަކެއްގެ ނަޣުމާއިން ދިވެހި މެދުއުޑު ގުގުމިއެވެ. ހިތާއި ނަފުސަށް އަރާމާއި އުފާލިބެމުންދިޔަ ، ޙަފުޞާ ، ނަޖުމާ ، ޝަރުމީލާ ، ޒާހިދާ ، މުއުމިނާ ، ނިޢުމާ ، އަދި ޒުނޭރާގެ ލޯބި އަޑެއް މިހާރަކު ނުއިވެއެވެ. އެއީ ، އެއްދުވަސްވަރެއްގައި ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިގެންވި ، ހިތްގައިމު ، ރަންއަޑުގެ ޚިދުމަތްތެރިންނެވެ. ރޭޑިއޯގެ ބެޓެރީ ދަށްވުމުން ، ކަންފަތުގައި ޖައްސައިގެން ، އެއަޑުތައް އަހަން ކެތްމަދުވެފައިތިބި އަޑުއަޑެވެ. ޒަމާން ބަދަލުވެ ، އަޑުވެސް ބަދަލުވެގެން ގޮސް ، އެ ހިތްގައިމު އަޑުތައް ކެނޑި ، މިހާރު މިވަނީ ، ޒުވާން އަޑުތަކެއް ލިބިއޮތް ނަމަވެސް " ދިވެހިރާއްޖޭގެ އަޑު " ގެ އަގުހުރި އަޑުވެސް ކެނޑިފައެވެ. އެތައް ޒަމާނެއްވަންދެން ، އެއަޑަކަށް ދިވެހިން ފަޚުރުވެރިވި ، " ދިވެހިރާއްޖޭގެ އަޑު " ގެ އަޑު މިހާރު ، ދިވެހިރާއްޖެއަކަށް ނުފޯރައެވެ. 60 އަހަރު ފަހަތަށް ސޮއްސާލައި ، އެޅި ފުރަތަމަ ފިޔަވަޅާ ހަމަޔަށް ފަހަތަށް ދިޔައީއެވެ. ފަންނުވެރި ، އިޚުލާޞްތެރި އެތައްބަޔެއްގެ ޤުރުބާނީއާއި ބުރަމަސައްކަތުން އުފަންކޮށްފައިވާ ހިތްގައިމު އަޑެއް ކަނޑުވައިލީ ފެންފޮދެއް ބޯލާފައި ވަޔެއްލާފަދަ ނިކަމެތި ތަޞައްވުރެއްގައެވެ. ކަހަރުވަކެކޭވެސް ހިތަކަށް ނާރައެވެ.  29 ޑިސެމްބަރ 1962 ގައި އުފެދުނީ " މާލޭ ރޭޑިއޯ " އެވެ. މިހާރުވެސް މިއޮތީ ، " ދިވެހިރާއްޖޭގެ އަޑު " ގެ ނަމުގައި ނަމަކަށް އޮތް ، ހަމައެކަނި މާލެ ސަރަޙައްދަށް އަޑުފޯރާ ، މާލޭ ރޭޑިއޯ އެކެވެ. ހިތާމައިގެ ކޮޅެއް އެބަ އޮތްތޯއެވެ.

ކަނޑުހުރަސްކޮށް ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ބްރިޖުވެސް އަޅަންވީއެވެ. ޒަމާނަށް އަންނަ ތަރައްޤީއެއް ނުހުއްޓުވޭނެއެވެ. ބްރިޖުއަޅަން ނަގާ އެންޓަނާ ތިލަފުށްޓަށް ގެންގޮސް ކުނީގެ ގޮތުގައި އެއްލައިވެސް ލާންވީއެވެ. ހަމަ އެއާއެކު ، މާ ސިންގާ ކަނޑު ހުރަސްކޮށް ، އެއްރަށުން އަނެއްރަށަށް ދަތުރުކުރާ " ދިވެހިރާއްޖޭގެ އަޑު " އަށްވެސް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެން ޖެހެއެވެ. އެންޓަނާއަކާހެދި އެއަޑު ، ދިވެހި ކަންފަތްކަށް ނުއިވި އޮންނާކަށް ނުޖެހެއެވެ. ދަތުރުފަތުރުގެ ނިޒާމަށް އަންނަ ތަރައްޤީން ، ތަނުގައި ޤާއިމްކުރެވިފައި ދިގު ތާރީޚެއް އޮތް ، މުއާޞަލާތުގެ ނިޒާމް ނިކަމެތިވެގެން ދިއުމަކީ ، އަދި ތަރައްޤީއެއް ނޫނެވެ.

" ދިވެހިރާއްޖޭގެ އަޑު " ދިވެހިރާއްޖޭގެ ރައްޔިތުން ގެންގުޅޭ ރޭޑިއޯއަކަށް މިހާރަކު ނުލިބެއެވެ. އިވެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ. މާލޭގެ ރައްޔިތުންގެ ސިޓިންގރޫމުގައި ހުންނަ ޓީވީގެ އަޑު ، މާބާރު ކުރެވެއެވެ. ރޭޑިއޯ ގިނައިން ، ހުންނަނީ ބަދިގޭގައި އުޅޭ ކުދިންނަށެވެ. އެންޓަނާއަކާހުރެ ، " ދިވެހިރާއްޖޭގެ އަޑު " ދިވެހި ރައްޔިތުންނާ ހަމަޔަށް ނުފޯރާ އޮވެގެން ނުވާނެއެވެ. އެއަށްވުރެ ރާއްޖެ މިވަނީ ތަރައްޤީ ވެފައެވެ. ޒަމާނީ ވަޞީލަތްތަކުން މުއްސަނދި ވެފައެވެ. އަޑު ދަތުރުކުރަން ، އެންޓަނާނޫން ގޮތެއް ހޯދޭވަރަށް ރާއްޖެ މިވަނީ ކުރިއަރާފައެވެ. ބޭނުންވަނީ ، ޝަޢުޤުވެރިކަމާއެކު އެކަމަށް ކެރިގެން ކުރިމަތިލާނެ ޒިންމާދާރު ބަޔެކެވެ. " ދިވެހިރާއްޖޭގެ އަޑު " އަށް ފަރުވާދީގެން ، އައިސީޔޫ އިން ނެރޭތަން ފެނިގެން ދިއުމަކީ ރަށްފުށުގެ ރައްޔިތުންގެ ފޮނި އުއްމީދަކަށް ވާނެއެވެ. އެއީ ، އެއްދުވަސްވަރެއްގައި އެބައިމީހުންގެ އެންމެ ގާތް އެކުވެރިޔާކަމަށް ވާތީއެވެ.

2 ޚިޔާލު

  1. ރޭޑިއޯ އާއި ޓީވީގެ ޚިދުމަތަކީ ކޮބައިކަން އެނގޭ ހިންގުންތެރި ބޭފުޅުން ވެރިންނަށް
    (ބޯޑުމެމްބަރުން) އިސްކޮށްގެންމެނުވީ ރައްޔިތުން އެދޭކަހަލަ ކުރިއެރުމެއް ނުލިބޭނެއެވެ. ބޯޑު މެމްބަރުންނަކީ ޕީއެސްއެމްގެ އެޗްއޯޑީންގެ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. ކޮރަޕްޓްވެފައިވާ ބަޔަކަށް ވެގެންނުވާނެއެވެ. ހުރިހާ ފަހަރުވެސް ތިބެނީ އެކަހަލަ މީހުންނެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.