ފަލްސަފާ (19)

(27 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިވަނީ ކިހިނެއް ހެއްޔެވެ ؟ މިއީ ، ކީއްވެގެން ވާ ކަމެއް ހެއްޔެވެ ؟ މި ހިނގައި ދަނީއަކީ ، ހިތަށް ދުވަހަކުވެސް ޚިޔާލަށްވެސް ގެނެވިފައި ނުވާ ކަމެކެވެ. މިކުރެވެނީ ކީއްހެއްޔެވެ ؟ މިއީ ހަމަ ، ރަނގަޅަކަށް ކުރެވޭ ކަމެއް ހެއްޔެވެ ؟  މުރުތަޟާއަށް ، އޭނާގެ ހިތުގައި އުފެދިފައިވާ ސުއާލުތަކަށް އަމިއްލަ ނަފުސާ ސުއާލު ކޮށްލެވުނެވެ. ސިކުނޑި ހާސްވެފައި ހުރި މުރުތަޟާ ސިއްސައިގެންދިޔައީ ، ޠާހިރާ އެ ކޮޓަރިޔަށްވަދެ ، މުރުތަޟާއަށް ގޮވައިލުމުންނެވެ.

" މުރުތަޟާގެ ޙާލަތާމެދު އަހަރެން ހަމްދަރުދީވަމެވެ. ލޯތްބެއް ގެއްލުމުން ، އިންސާނާއަށް އޭނާގެ ސިފަ ބަދަލުކުރަން ޖެހެއެވެ. ނަޒަރިއްޔާތާއި ވިސްނުން ބަދަލުކުރަން ޖެހެއެވެ. ދެލޯ މަރައިލުމަށްފަހު ، ކުރިޔަށް ފިޔަވަޅުއަޅަން މަޖުބޫރު ވެއެވެ. އަހަރެންގެ ފިރިމީހާ ، ރާހިލް ނިޔާވުމުން އަހަރެންނަށްވެސް އެ ޙާލަތު ތަހައްމަލުކުރަން ޖެހުނެވެ. އެހިސާބުން އަހަރެންނަށް އަހަރެންގެ ދުނިޔެ އަނދިރިވެގެން ދިޔައެވެ. އެހިސާބުން އަހަރެންގެ ދުނިޔެ އެ ނިމުނީއެވެ. އަހަރެންގެ ހިނިތުންވުން ގެއްލި ހިތުގެ ވިންދު ހުއްޓުނެވެ. އެކަމަކު ، އަހަރެން ދުނިޔޭގައި ދިރި މިހުންނަނީ އަހަރެމެންގެ ލޯބި ، ދަރިފުޅަށްޓަކައެވެ. ރާހިލްގެ އެ ހަދިޔާ އުނގަށް ލައިގެންނެވެ. ދުވަސްތައް ފާއިތުވަމުންދާއިރު ، ރާހިލްގެ ހަނދާންތަކުން ހިތްވަރު ލިބުނެވެ. ހިތުގައި އޮތް ދިރުމަށް އުއްމީދެއް ލިބުނެވެ. ތަކުލީފުތައް ލުއިވިއެވެ. އެ ހުރިހާކަމެއް ވާއިރުވެސް ، ރާހިލްގެ މައްޗަށް އަހަރެންގެ ހިތުގައި އޮތް ލޯބި ބަދަލެއް ނުވެއެވެ.މިއަދު ، އަރުސަލާނާއި މުރުތަޟާ އަދި މަންމަޔަކީ އަހަރެންގެ ދިރިއުޅުމުގެ އުފަލެވެ. ހިތުގެ ވިންދެވެ. ހިނިތުންވުމުގެ ސަބަބެވެ. ދިރިއުޅެމުން މިގެންދަނީ އެ ސަބަބުތަކުގައި ހިފައިގެންނެވެ. " ޠާހިރާ އޭނާގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.

މީހުންނަށް ވިސްނިފައި އޮންނަނީ ، ފިރިހެނުންނަކީ ، ހުރިހާކަމެއްގައިވެސް ވަރަށް ހިތްވަރުގަދަ ބަޔެއްގެ ގޮތުގައެވެ. ޢާއިލާއިންނާއި އަނބިމީހާ ނިންމާ ހުރިހާ ނިންމުންތަކެއް ، ހިތުން ރުހުމުން ޤަބޫލުކުރާނެ ބައެއްގެ ގޮތުގައެވެ. އެހެނަސް ، މީހުންނަށް ޤަބޫލު ނުކުރެވޭ ޙަޤީޤަތަކީ ، އެގުޅުންތަކަށް އިޙްތިރާމް ކުރުމަކީ ، ބައެއްފަހަރަށް ފިރިހެނުންނަށްވެސް ތަކުލީފާއި ހިތްދަތިކަން ލިބޭ ކަމެއްކަމެވެ. މުރުތަޟާ އޭނާގެ ދައްތަޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއްގުޅުމެއް ދެމިއޮތުމަށްޓަކައި އަނެއްގުޅުން ކަނޑައިލަން ފިރިހެނުންނަށް ، މަޖުބޫރުވަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ލޯބީގެ އަނދިރި ދުނިޔޭގައި ފިރިހެނުންނަށްވެސް ރޯން މަޖުބޫރު ވެއެވެ. އެއީ ހަމައެކަނި އަންހެނުންނަށް އޮންނަ ކަމެއްނޫނެވެ.

ކޮންމެ ގުޅުމަކީވެސް މުޤައްދަސް ގުޅުމެކެވެ. ހިތާއި ހިތުގެ ގުޅުމެކެވެ. ހިތާ ދެކޮޅަށް ނަމަވެސް ، އެއީ ﷲ ގެ ރަޙުމަތްފުޅުކަމަށް ޤަބޫލުކުރަން ، ބައެއްފަހަރަށް މަޖުބޫރު ވެއެވެ. މުރުތަޟާ އޭނާގެ ލޮލުން ފާއްދާލި ކަރުނަތައް ފުހެލިއެވެ. ޠާހިރާ ހުރީ މުރުތަޟާގެ އެ އިޙްސާސްތަކަށް ދޭނެ ޖަވާބެއް ނޭނގިފައެވެ. މުރުތަޟާގެ ކޮނޑުގައި ފިރުމާލުމަށްފަހު ، ޠާހިރާ އެތަނުން ނުކުތެވެ. އެތާ ހުންނަން ކެތް ނުކުރެވިގެންނެވެ.

ކާމޭޒުގެ ކޮޅުގޮނޑީގައި ޖައްސާލައިގެން ، ހެނދުނުގެ ސައިބޯން އެއިނީ ޙަފުޞާ އެކަންޏެވެ. އޭނާގެ ދެދަރިންކުރެ އެކަކުވެސް ސައިބޯކަށް އަދި ނުނުކުމެއެވެ. ކާމޭޒުގެ ކޮޅުގޮނޑިޔަކީ ، ގޭގެ ބޮޑުމީހާ އިށީންނަ ގޮނޑިއެވެ. ބޮޑުވެފައިހުރި ފިރިހެން ދަރިއެއް ހުރިނަމަވެސް ، އަދި ގޭގެ ހުރިހާކަމެއް ބަލަހައްޓަނީ އެ ފިރިހެން ކުއްޖާކަމަށްވިޔަސް ، އެ މަޤާމް ، އޭނާގެ ފިރިހެންދަރިފުޅަށް ދޫކޮށްލާކަށް ޙަފުޞާގެ ބޮޑާކަމާއި ގޮތްދޫނުކުރުން ތަނެއް ނުދެއެވެ. އެގޭގެ ބޮޑުމީހާއަކީ ، އަދިވެސް އޭނާއެވެ. ގޭގެ ހުރިހާކަމެއް ނިމޭނީ ޙަފުޞާ އަންގާ ގޮތަކަށެވެ. ޙަފުޞާގެ ބަސް ނުވިކޭމީހަކަށް އެގެޔަކު ނޫޅެވޭނެއެވެ. އަދި އެފަދަ މީހަކަށް އެގެޔަކަށް ނުވެސް އާދެވޭނެއެވެ. ނޫރުއަށް އެލިބުނީ އެ ލަނޑެވެ. ނޫރު އައިސް އެގޭގައި އުޅޭއިރު ، ޙަފުޞާގެ މައްޗަށް ނޫރުގެ ބަސްވިކޭކަށް ޙަފުޞާއެއް ނޭދޭނެއެވެ. އެއީ ޙަފުޞާއަށް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. މުރުތަޟާގެ ކޮޓަރިން ނުކުމެގެން ، ޠާހިރާ އައިސް ، ކާމޭޒުދޮށުގައި ހުށްޓުނެވެ. ޠާހިރާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

" މުރުތަޟާ އެހުރީ ހިތްހަމަޖެހިފައެއްއްނޫނެވެ. ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ އެހުރީ ހިތްހަލާކު ވެފައެވެ. އަހަރެން ވާހަކަ ދައްކަން އުޅުނީމަ ފެށީ ރޯށެވެ. " ބުނަން ނުބުނަން ހުރެފަ މަންމަ ގާތު ޠާހިރާ ބުންޏެވެ.

އެއީ ، ޙަފުޞާއާ ބެހޭކަމެއްނޫނެވެ. ޙަފުޞާގެ ކަންބޮޑުވުމަކީ ، އޭނާބުނާގޮތެއް މުރުތަޟާ ނުހަދާފާނެތީއެވެ. އޭނާގެ ނުފޫޒުން މުރުތަޟާއަށް ނިންމަންޖެހިފައިވާ ނިންމުން ބަދަލުކޮށްފާނެތީއެވެ. ނޫރުގެ ލޯބި ، އޭނާގެ މައިވަންތަ ލޯބީގެ މައްޗަށް ގަދަވެދާނެތީއެވެ.

ހިތްހަލާކުވީމަ އަސަރު ކުރާނެއެވެ. ހިތަށް ތަދުވާނެއެވެ. ލޮލަށް ޖަމާވަމުންދާ ކަރުނަތައް އެލޮލަކު ހަރެއް ނުލާނެއެވެ. މުރުތަޟާއަށް ކުރިމަތިވެފައި އެއޮތީ އެ ޙާލަތެވެ. އެކަމާ ، ޠާހިރާ ނުބެހުމަށް ޙަފުޞާ އަމުރު ކުރިއެވެ.

ޠާހިރާ އެކަމާ ކަންބޮޑުނުވެ ހުންނާނީ ކިހިނެއް ހެއްޔެވެ ؟ ޠާހިރާއަކީ ، ޙަފުޞާފަދަ ހިތްހަރު ، ގޮތްދޫނުކުރާ މީހެއްނޫނެވެ. ޠާހިރާއަށް ލިބިފައި އެވަނީ ، ބައްޕަގެ މިޒާޖެވެ. މަންމަގެ ހަރުކަށިކަމުގެ ކުޑަ މިންވަރެއްވެސް ޠާހިރާއަކަށް ލިބިފައެއް ނުވެއެވެ. ޠާހިރާއަށް ހީވާގޮތުގައި ، އެމީހުން މުރުތަޟާގެ ކައިވެނިކުރުވަން އެއުޅެވެނީ މާބޮޑަށް އަވަސް އަރުވައިލައިގެންނެވެ. އެއީ މަންމަ ، ވިސްނަންޖެހޭ ކަމެކެވެ. މުރުތަޟާއާއި ނޫރުއާ ދެމީހުން ، ރަނގަޅަށް ވާހަކަ ދައްކާލައިގެން އެކަމަށް ޙައްލެއް ހޯދަން ފުރުޞަތުދޭން ޖެހޭނެއެވެ. ޠާހިރާ އޭނާގެ މަންމަޔަށް ގޮވައިލިއެވެ. އަދި ނިތްކުރިޔަށް ރޫ އަރުވަމުން ކަންބޮޑުވެފައިހުރެ ބުންޏެވެ. ނޫރުލްޢައިނަށް މިކަމާމެދު ވިސްނައިލަން އެކަށީގެންވާ ވަގުތެއް އަހަރެމެންނަކަށް ނުދެވެއެވެ. މުރުތަޟާއަކަށްވެސް އޭނާ ބޭނުންވާގޮތެއް އިޚުތިޔާރު ކުރުމަށް ފުރުޞަތެއް ނުދެވެއެވެ.

" ތާހިރާއެވެ ! ތިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ ނޫރުލްޢައިނަށް އިތުރު ފުރުޞަތެއް ދީފިނަމަ ނުކުމެދާނެ ނަތީޖާއަކަށް ވިސްނައިލިން ހެއްޔެވެ ؟ އެއީ ، ތިމާގެ އަމިއްލަ ގަޔަށް ވަޅިހަރަން އަންނަ ގުންޑާއަކަށް ގޭގެ ދޮރޯށި ހުޅުވައިލުމެވެ. އަމިއްލަ އަތުގައި އަމިއްލަޔަށް ވަޅިއަޅައި ޒަޚަމް ކޮށްލުމެވެ. އަހަރެން އަބަދުވެސް ބެލީ ، ނޫރުއަކީ އަހަރެންގެ އަމިއްލަ ދަރިޔެއްގެ ގޮތުގައެވެ. އަހަރެންގެ ޅީދަރިއެއްގެ ގޮތުގައި ނޫރު ، މިގެޔަށް ގެނައުމަށް އަހަރެންކުރި ފޮނި އުއްމީދުތައް ފެނަށްވީއެވެ. އެހެންނަމަވެސް ، އޭނާ ބޭނުންވާހާ ގޮތަކަށް ކަންކަން އަނބުރާލައި ، ނޫރުލްޢައިނުގެ ލޮލުން ، ކާމިޔާބީގެ އަސަރު ފެނުމާއެކު އަހަރެންނަށްވެސް ހަތިޔާރުގައި ހިފަން މަޖުބޫރުވީއެވެ. ޠާހިރާއަށް އެނގޭ ހެއްޔެވެ ؟ އަންހެނެއްގެ ލޮލުން ކާމިޔާބީގެ އަސަރު ފާޅުވެއްޖެނަމަ ، އެއަންހެނަކާ ގުޅިފައިވާ ފިރިމީހާއާއި ފިރިމީހާގެ ތިމާގެ އެންމެން ތިބެން ޖެހޭނީ ، އެއަންހެނާގެ ދަށުވެފައެވެ. އެންމެންގެ މައްޗަށް ބަސްކިޔާނެއެވެ. އަހަރެންގެ އަމިއްލަ ނަފުސަށް އެއްވެސްކަމެއް ބޭނުމެއްނޫނެވެ. މަންމަގެ ބޭނުމަކީ ، މުރުތަޟާއާއި ޠާހިރާ އަދި އަރުސަލާންގެ މުސްތަޤްބަލް ، އެ އަނދިރިކަމުން ސަލާމަތް ކުރުމެވެ. ނޫރުލްޢައިނުގެ އަތްދަށަށް ހިނގައްޖެނަމަ ، ކުރިމަތިވެދާނެ މުޞީބާތްތަކުން އަހަރެމެން އެންމެން ސަލާމަތް ކުރުމެވެ. " ޙަފުޞާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޠާހިރާ ، މަންމަގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ، އެހުރިހާކަމެއްވެސް އޭނާއަށް އެނގޭކަމުގައި ބުނެ މަންމަގެ ގައިގާ ބައްދައްލިއެވެ. އަދި މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ގެންދިޔައެވެ.

ޙަފުޞާ ، ޠާހިރާއަށް ހިތްވަރު ދެމުން ، ނޫރުލްޢައިނުގެ މައްސަލަ އަހަރެމެން އެއްވެސް މީހެއްގެ ދެމެދަށް ވަނަދީގެން ނުވާނެކަމަށް ބުނެ ، ޠާހިރާއަށް ނަޞޭޙަތް ލައިދިނެވެ. ކައިވެންޏާ ބެހޭގޮތުން ، ނޫރުލްޢައިނު އެނިންމި ނިންމުމަކީ ، އޭނާގެ އަމިއްލަ ނިންމުމެކެވެ. އެ ގުޅުން ކަނޑައިލީ ނޫރުލްޢައިނެވެ. އެއީ ދެވަނަ ފުރުޞަތެއް ޙައްޤު މީހެއްނޫނެވެ. ތަހުނިޔާއާއި މުރުތަޟާ ކައިވެނި ކުރުމަށްފަހު ، މަޑުމަޑުންގޮސް އެދެމީހުންވެސް ހަމަޖެހޭނެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ނަގާނެއެވެ. ޠާހިރާވެސް މަންމަގެ ނިންމުމަށް އިޙްތިރާމް ކޮށްގެން ކެތްތެރިކަން އިސްކުރާށޭ ބުނުމަށްފަހު ، ޙަފުޞާ އަލުން ސައިބޯން އިށީނެވެ.

 

ނޫރު ، ހެނދުނު އޮފީހަށްގޮސް މަސައްކަތްކުރަން އުޅެއުޅެ އެއްކަމެއްވެސް ކުރިޔަށްދާގޮތެއް ނުވިއެވެ. އޭނާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ހިތަށް ލިބިފައިވާ ތަކުލީފުތަކުން ނޫރު އިނީ ނާއުއްމީދު ވެފައެވެ. އެއްޗެއް ޓައިޕްކުރަމުން ގެންދިޔައިރު އެހާ ގިނައިން ކުށް ލިޔެވެމުން ދިޔައެވެ. ޢިބާރާތްތަކުގެ ފުރިހަމަކަމެއް ނުގެނެވެއެވެ. ނޫރުއަކީ ތޫނުފިލި ، އަދި މޮޅަށް ލިޔެހަދާ ، އަވަހަށް ޓައިޕްކުރާ މީހެކެވެ. މިއަދު ދިމާވެގެން އެއުޅެނީ ، އޭނާގެ ހިތާއި ސިކުނޑިޔާ ގުޅިފައިވާ ކަމެކެވެ. ޙިއްޞުތައްވެސް ރަނގަޅަށް މަސައްކަތް ނުކުރަނީއެވެ. ފޯނެއް އައިސް ރިންގްވަމުންގޮސް ކެނޑުނު އިރުވެސް ނޫރުއަކަށް ނޭނގުނެވެ. އެއީ ތަހުނިޔާގެ ކޯލެކެވެ. އަނެއްކާވެސް އޭނާގެ ފޯނު ރިންގްވާން ފެށްޓިއެވެ. ބަލައިލިއިރު އެއީ ތަހުނިޔާއެވެ. ފޫހިވެފައި އިނދެ ، އޭނާ ފޯނު ނަގައި ސަލާމް ގޮވައިލިއެވެ. އަދި އޭނާއަށް ފޯނުކުރަނީ ކީއްކުރަންތޯ ސުއާލު ކުރިއެވެ.

" ނޫރުއެވެ ! އަހަރެން މިހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. އަހަރެންނަށް ހީވާގޮތުގައި އަހަރެމެން ދެމީހުން ބައްދަލުކޮށް ވާހަކަ ދައްކާލަން އެބަ ޖެހެއެވެ. " ތަހުނިޔާ ބުންޏެވެ.

ވާހަކަ ދައްކަން ޖެހެނީ ކީއްކުރަންތޯ ނޫރު ، ސުއާލު ކުރިއެވެ. ވާހަކަ ދައްކަން ބާކީ އޮތީ ކޮންކަމެއް ހެއްޔެވެ ؟ ތަހުނިޔާމެން ތިތިބީ ހުރިހާކަމެއް ނިންމައިގެން ނޫންހެއްޔެވެ ؟ ދެން ، ދައްކަން އޮތީ ، ކޮން ވާހަކައެއް ހެއްޔެވެ ؟ " ނުރުހުމާއި ފޫހީން މަސްހުނިވެފައިވާ އަސަރެއްގައި ނޫރު ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނޫރުގެ ސުއާލުތަކަށް ތަހުނިޔާ ޖަވާބު ދިނެވެ. އެންމެ ތުއްތު އިރުއްސުރެ ، މިހާތަނަށްވެސް ނޫރުއާއި އޭނާއަކީ ގާތް ދެ ރަޙުމަތްތެރިކަން ހަނދާންކޮށްދިނެވެ. އަދި ، އެ ޙުރުމަތްތެރި ، ލޯބި ގުޅުމަކީ އެހާ ފަސޭހައިން ހަނދާން ނައްތައިލެވިދާނެ ގުޅުމެއްތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

ނޫނެކެވެ. އެއީ އެއްވެސް ޙާލެއްގައި ހަނދާން ނައްތައިލެވޭނެ ގުޅުމެއްނޫނެވެ. އެހެންނަމަވެސް ، މިހާތަނަށް ތަހުނިޔާ އޭނާއާ ޙިއްޞާކުރަމުން އައި ކަންކަމަށް ބަލާއިރު ، އެއީ ވެދާނެކަމެއްނޫންކަމަށް ނޫރު ބުންޏެވެ. އެހެނަސް ، އޭނާގެ ދުނިޔެ އަނދިރިކޮށް ، ކުޑައިރުއްސުރެ އޮތް ރަޙުމަތްތެރިކަމަށް ބޭވަފާތެރިވީ ކާކުކަން އެނގުނު ހިނދު ، ކޮންމެ ގުޅުމަކީވެސް ނެތިދާނެ ގުޅުމެއްކަން ނޫރުއަށް އިޙްސާސް ވެއްޖެކަމުގައި ބުންޏެވެ. އަތުގައި އޮތް ފިސްތޯލަ ، ނޫރުގެ މެޔާ އަމާޒުކޮށް އޭގެ ވަޒަންތައް އޭނާގެ ހިތަށް ފޮނުވަމުން އެގެންދަނީ ، ކިހާ ސާދާ އަދި ޙީލަތްތެރި އަންހެންކުއްޖެއްކަން ، ހަނދާން ނައްތައިނުލާނެކަމަށް ނޫރު ބުންޏެވެ. ތަހުނިޔާގެ އިނގިލީގައި އަނގޮޓިއަޅުވަން މުރުތަޟާއާ ދިމާއަށް އަތްދިއްކޮށްލައިގެން ތަހުނިޔާ އިންއިރު ، ތަހުނިޔާގެ ހިތުގައި އުފެދޭނެ ޚިޔާލުތައް ، ނިކަން ރަނގަޅަށް އެނގި އިޙްސާސްވާކަމުގައި ނޫރު ބުނަމުން ގެންދިޔައެވެ. މަކަރާއި ޙީލަތުން ފުރިގެންވާ އެހިތުގައި ، ގާތް ރަޙުމަތްތެރިޔާއަށް އޮތީ ކޮން ޖާގައެއްކަންވެސް ނޫރުއަށް އެނގިއްޖެއެވެ.

" އެތައް އަހަރެއްވަންދެން ދެގޮތެއްނުވެ ދެމިއޮތް ރަޙުމަތްތެރިކަމުގެ ޙައްޤުގައި ، އަހަރެންގެ ހިތުގައި އޮތް އެއްޗަކާއި އަހަރެންގެ ނިޔަތް ނޫރުއަކަށް ނުވިސްނުނު ދޯއެވެ. އަހަރެންނަށް ވެފައި އޮތް މަޖުބޫރާއި އެމަޖުބޫރީ ޙާލަތުގައި އަހަރެންގެ ހިތުގައި އަޅާނެ ވޭން ނޫރުއަކަށް އިޙްސާސެއް ނުވިދޯއެވެ ؟ އެވަރުގެ އިތުބާރެއް އަހަރެންގެ މައްޗަށް ނޫރުއަކަށް ނުކުރެވުނު ދޯއެވެ ؟ ކިހާދެރަ ކަމެއް ހެއްޔެވެ ؟ އާނއެކެވެ ! މުރުތަޟާގެ އަނގޮޓި އޮތީ އަހަރެންގެ އަތުގައެވެ. އެކަމަކު އަހަރެންގެ ހިތުގެ ޙާލު އެނގޭ ހެއްޔެވެ ؟ އަހަރެން ހުރީ ، ކަށިކުނބުރު ޖަންގައްޔެއްގައި އުޑުމަތީ ތަރިއެއް ، ހަނދެއްނެތް އަނދިރިކަމެއްގައެވެ. ނޫރު ޔަޤީންކުރިޔަސް އަދި ނުކުރިޔަސް ، އަހަރެން ، ނޫރުގެ ރަޙުމަތްތެރިކަމަށް ބޭވަފާތެރިއެއް ނުވަމެވެ. ﷲ އާ ވަކީލެވެ. " ތަހުނިޔާ ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

ތަހުނިޔާ ކޮންމެ ވާހަކައެއް ދެއްކިޔަސް ، އެވާހަކަތައް ނޫރުއަށް ޤަބޫލު ނުކުރެވޭނެކަން ތަހުނިޔާއަށްވެސް އެނގެއެވެ. އޭނާކަމަށްވިޔަސް ވާނީ އެހެންނެވެ. އެކަމުގައި ނޫރުގެ ކުށެއް ނެތެވެ. ތަހުނިޔާގެ ނަލަ ކޯތާފަތްމައްޗަށް އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަދި ފުން މާނޭވާއެއްލައި ހަމަޖެހިލިއެވެ.

ނޫރުއަށް ލިބުނު ހާސްކަމުގައި އޭނާގެ ނޭވާ ކުރުވެގެން ދިޔައެވެ. ރަޙުމަތްތެރިޔެއްކަމަކު އެ ރަޙުމަތްތެރިކަމުގެ ޙައްޤުގައި ، ތަހުނިޔާއަށް އަޑު ނުއުފުލެންވީ އެއްވެސް ސަބަބެއް ނޫރުއަކަށް ނުވިސްނެއެވެ. އެއީކީ ތަހުނިޔާއަށް ނޭނގި ވެ ، ނިމިގެންދިޔަކަމެއްނޫނެވެ. އެއީ ކުޑަކަމެއްނޫނެވެ. އެއީ އެތައްބަޔަކާ ގުޅިފައިވާ ވަރަށް މުހިންމު ކަމެކެވެ. މުރުތަޟާއާއި ނޫރުއަކީ އެކަމުން އެންމެ ބޮޑު އަސަރެއްކުރާނެ ދެމީހުންނެވެ. ޚުދު ތަހުނިޔާއަށްވެސް އެ ގުޅުމަކުން ފޮނި ނަތީޖާއެއް ނުނެރެވޭނެއެވެ. މުރުތަޟާއަކަށް ނޫރުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އަދި ނޫރުއަކަށްވެސް ، އޭނާގެ ހިތުން މުރުތަޟާ ފުހެއެއް ނުލެވޭނެއެވެ. އަދި ، ޚުދު ތަހުނިޔާއަށްވެސް ، އެނާއަށް އެކުރެވުނުކަމެއްގެ ހިތްދަތިކަމާ ދުރަކަށް ނުދެވޭނެއެވެ. އެތައްބަޔެއްގެ ދިރިއުޅުން އޮންނާނީ ހިތްދަތިކަމާއި ތަކުލީފުން ފުރިފައެވެ.

އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ، ނޫރު ، އޭނާގެ ދަބަސް ނަގައިގެން ބޭރަށްދާން ނުކުތެވެ. އޭނާ ހުރީ ހިތް އަވަސް ވެފައެވެ. އެދާ ތާކަށް އަވަހަށްގޮސް ، ކުރަންވީ ކަމެއް އޭނާގެ ހިތުގައި ރާވައިލިއެވެ. މިވަގުތު ، ނޫރުއަށް އިތުރު ފިޔަވަޅެއް ނޭޅިއްޖެކަމަށް ވަންޏާ ، ފަހުން ދެރަވާނެއެވެ. ވަގުތު ފާއިތުވެ ، މަރިޔަނބު ގެއްލި ކޮށިދަނޑުވެސް އޭނާއަށް ގެއްލިގެން ދާނެއެވެ. ( ނުނިމޭ )

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.