ދިވެހި ހަނދާން

ދިވެހިންގެ ހަނދާނަކީ ، ހާދަ ބަލި އެއްޗެކެވެ. ދޮންސިއްތި ހިތަށް އެރިއެވެ. ހަނދާނަކީ ޢާންމުގޮތެއްގައި އިންސާނާގެ ހިތުގައި ހަރުލާފައި ހުންނަ އެއްޗެކެވެ. ޚާއްޞަކޮށް ހިތާމަޔާއި އުފަލުގެ ޙާލަތުގައި ހިނގާ ކަންކަމުގެ ހަނދާން އެތައް ދުވަހަކަށް ހިތުގައި ހަރުލާފައި އޮވެއެވެ. މިވަނީ ކިހިނެއްކަމާމެދު ދޮންސިއްތި ވަރަށް ފުންކޮށް ވިސްނައިލިއެވެ.

ދޮންސިއްތިގެ ހަނދާނަށް އެ އަންނަނީ ކިޔަވަން އުޅުނު ދުވަސްވަރުގެ ދިރިއުޅުމުގެ ޙާލަތާގުޅިފައި އޮތް ހަނދާންތަކެކެވެ. ރަށުގެ އުތުރު އަވަށުކުދިން ކިޔަވަންދާ ރޯޝަނީ މަކުތަބުން ، ކިޔެވުން ނިމިގެން ވޮށުފިލާ ކިހިއްޔަށް ލައިގެޔަށް އަންނައިރު ، އަންހެންވެރިން ބަނޑިޔާ ކިހިލި ޖަހައިގެން އެއްވެ ، މަގުމެދުގައި ވަޅުކޮނެގެން ބޯފެން ނަގަން  ތިބޭ ހަނދާނެވެ. ފެން އެހާތިލައެވެ. އަތުކޮޅަށް ކޮނެލާއިރު އެހުންނަނީ ރީތި ފެނެވެ. ކިލާ އޮބިލަން ވަގުތުކޮޅެއްދީފައި ދެން އެވީ ފެންނަގާށެވެ. އެއްވެސް މިންވަރެއްގެ ތަޣައްޔަރުކަމެއް ނުހުރެއެވެ. އެހާމެ ސާފުވެފައި މީރެވެ.

ހެނދުނުގެ ނާސްތާއަށް އެލިބޭ ފުށްސޭތަށީގެ ހަނދާންތަކެވެ. ހެނދުނު ސަޔަށް ލިބޭނީ ފާރޮށިޖޯޑުގެ މަތި ކިބައެވެ. ހަމަ އެންމެ ކިބައެކެވެ. ވަތުކިބަ ލިބޭނީ މެންދުރަށެވެ. ފުށްސޭތަށީގެ ތެރެޔަށް ފާރޮށިކިބަލާފައި ދާނީ ކިޔަވާށެވެ. ކިޔެވުން ނިމިގެން ގެޔަށް އަންނައިރު ހުންނާނީ 10 ޖަހާފައެވެ. އޭރުވެސް ދޮންސިއްތި ހުންނާނީ ހުސްބަނޑާއެވެ. ކިޔަވާނިމިގެން ގެޔަށް އާދެވޭއިރު ، ފުށްސޭތަށްޓަށްލީ ފާރޮށި ކިބަ އޮންނާނީ ފޯވެ ތަށި ފުރިފައެވެ. ފާރޮށިކިބަ ފޯ ނުކޮށް ކާލައިފިނަމަ ، އެއީ ވަރަށް ކުޑަ މިންވަރެކެވެ. ބަނޑެއް ނުފުރެއެވެ. ފޯކޮށްލައިފިނަމަ ފާރޮށިކިބަ ފޯވެގެން ބޮޑުވެއެވެ. އިތުރަކަށް ، ފުށްސޭކޮޅެއް ނުލިބޭނެއެވެ. އެކަމަކު ، ފެންތަށްޓެއް ބޯލުމުން ބަނޑު ފުރޭނެއެވެ.

މެންދުރަށް ބަތްކޮޅެއް ލިބޭ ދުވަހަކު ވިއްޔާ ، އެއީ ވަރަށް ނަސީބުގަދަ ދުވަހެކެވެ. ބަތާއެކު ހުންނާނީ ރަތްކުލަ އަރައި ، ހަފުތާއެއްވަރު ވެފައި ހުންނަ ގަރުދިޔަ ކޮޅެކެވެ. މަސްބާނާ ދުވަސް ދުވަހު ކައްކާ ގަރުދިޔަ ، އެއަށް ފެނާއި ލޮނު އަޅަމުން އެތައް ދުވަހަކު ހޫނުކުރަމުން ގެންދާނެއެވެ. އޭރު ، ގަރުދިޔައިގެ ރަހަ ހުންނާނީ ގެއްލިފައެވެ. ބޮޑަށް ދޭނީ ފެނަށް ލޮނުއެޅީމަ ދޭ ރަހައެވެ. އެކަމަކު ، މެދުގޯތީގައި އަވީލާފައި ހުންނަ ހާމަސްތަކުން ، ނުވަތަ ބޯދި ނޫނީ ރެހިން ހިކި މަސްކޮޅެއް ލިބިއްޖިއްޔާ މަސްރަހަ ލައިފާނެއެވެ. އެންމެ ދެރަވެގެން ހިކިމިރުސްކޮޅެއްވެސް ނުލިބޭނެއެވެ. ލުބޯކޮޅެއް ލޮލަށްވެސް ނުފެންނާނެއެވެ. ފިޔާ އަދި ލޮނުމެދަކީ އަމުދުން ނުލިބޭނެ ތަކެއްޗެކެވެ.

ދެބައި ޢުމުރުގެމީހުން މަހަށްނުދާ ދުވަހެއްވިއްޔާ މެންދުރުގެ ނާސްތާއަށްފަހު  ދާނީ ، ހުޅަނގު ފަރާތު އަތިރިމަތީގައި ހުންނަ ހޮޅުއަށްޓަށެވެ. ކައިގެން ބަނޑުދަމާލައި ފިނިކޮށްލުމަށެވެ. ޢަޞުރަށް ގޮވަންދެން އެތާ ތިބެ ވާހަކަ ކިޔައި ނިދައި ހަދާނެއެވެ. ކުދިވެރިން ހޮޅުއަށްޓަށް ނާރުވައިފިނަމަ ، ދާނީ ހުޅަނގު އުތުރުފަރާތުގައި އޮންނަ ކާނިވަލަށެވެ. އެތަނުން ކާނިގަހެއްގެ ދޮށުގައި ، ފިނިކޮށްލަން އޮވެދާނެއެވެ.

ފަތިހު ތެދުވެ ، ފާޚާނާކުރަންދާނީ ހުޅަނގުފަރާތު އަތިރި މައްޗަށެވެ. ނަޖިހަކަށް ނޭރި ތަންކޮޅެއް ހޯދޭނީ ވަރަށް އުނދަގުލުންނެވެ. ތިބޭނީ ހުސްފައިގައެވެ. ބޮލިހިލަން ފަރުމައްޗަށް ނުކުމެ އުޅޭ އަންހެންވެރިން އެއުޅޭގޮތަކަށް އުޅޭނެއެވެ. އެމީހުން އެހެންކަމަކާ އަޅައެއް ނުލާނެއެވެ. ފާޚާނާކުރަން ތިބޭމީހުންވެސް ، އެހެން އެއްވެސްކަމަކާ އަޅައެއް ނުލާނެއެވެ. ރިޔަނެއްހާ ދުރުމިނުގައި އެކަކުއަނެކަކަށް ޖެހިގެން ތިއްބަސް އެއީ ކަމެއްނޫނެވެ. ވަހެއްވެސް ނުދުވާނެއެވެ. އެއްވެސް އަޑެއްވެސް ނީވޭނެއެވެ. އޭރު ކުރިމަތިން ފެންނާނީ އެހެން މަންޒަރެކެވެ. ތާހިރުވާން ރާޅުޖަހާ ފަށަށްގޮސް މުންޑު ކޮށިކޮށްލައިގެން ތާހިރުވާންތިބޭ މީހުން އެކުރާ ކަމެއްވެސް ނުފެންނާނެއެވެ. ތާހިރުވާނީ ވެލި ލައިގެންނެވެ. ރާޅުޖަހައިލީމާ ކައިރިޔަށް އަންނަ ރާޅުން އެގެންނަ ފެންފޮދާ ލައިގެންނެވެ.

މަސްދޯނިފަހަރު ، މަހަށްގޮސް މަސްނުބާނާ އައިއްސިނަމަ ނިދަންޖެހޭނީ ހުސް ، ފުށްސޭތަށްޓެއް ބޯލައިގެންނެވެ. ފުށްކޮޅެއް ނެތްނަމަ ، ރޯ ފަނިތަށްޓެއް ބޯލައިގެންނެވެ. މަސްބާނައިފިނަމަ ، އެއީ ވަރަށްބޮޑު ނަސީބެކެވެ. ބާނާ މަސް ކައްކައިގެން ތެތާ ، އެރެއިން އެރެޔަށް ، ކާޑުގެޔަށް ކިރުވައިގެން ލިބޭ ހަނޑޫކޮޅު ކެކުނު އިރަކުން ބަތްކާން ވީއެވެ. ކިތަންމެ ބަނޑުހައިވިޔަސް ، ކާއެތިކޮޅެއް ލިބޭނީ އެކަންވީ އިރަކުންނެވެ. މަސް ނުބާނާ ދުވަހެއްވިއްޔާ މަހަށް ދާން އެމަށް ދަމާ ރެހިކޮޅު ނުވަތަ ބޯދިކޮޅުން ބައެއް ލިބޭނެއެވެ. އެ ކައްކައިގެން ހުހަކާ ނުކެވޭނެއެވެ. ހަތްގުދު އޮންނާތީކީ ނޫނެވެ. އެއީ ކާޑުގެޔަށް ގަންނަ އެއްޗަކަށް ނުވާތީއެވެ. ރެއްސަކީ މީރު އެއްޗެކެވެ. ގޭގައި ހުންނަ އެހެން އެއްޗަކާ ލައިގެން ކާލެވިދާނެ އެއްޗެކެވެ. އެކަމަކު އެހެން ހުންނަ ހުރިހާ އެއްޗެއް ކާކަށް ނުލިބޭނެއެވެ.  ރެއްސާއި ބޯއްޖާ އަދި ހާމަހަކީ ،  ހިއްކައިގެން މާލެފޮނުވަން ހުންނަ އެއްޗެކެވެ.

ދަނޑުވެރި ރަށްރަށުން ކިޔަވަން އައިސްތިބޭ ކުދިންގެ މައިންބަފައިން ނުވަތަ މާ ރަށްރަށުގައި ، އަދި ފަލަމަޑީގެ ރަށްރަށުގައި ތިބޭ  ރައްޓެހިން ފޮނުވާފައި ހުންނަ ބައެއްކާތަކެތި ، ގޭގެ މަތީފިލާތައްމަތީ ރައްކާކޮށްފައި ހުންނާނެއެވެ. އެއީ ސަންދޯއްޖަހަން ބަހައްޓާފައި ހުންނަ ފިލައެވެ. އެފިލާތައް ބެހެއްޓިފައި ހުންނާނީ ގޭގެ ހުރަސް ބެރިމަތީގައެވެ. ބޮޑުއަށީގެ މަޅުތަކުގެ ދަށުގައި ކޮށާރުހަދާފައިވެސް ބައެއްތަކެތި ބެހެއްޓިފައި ހުންނާނެއެވެ. އޭގެ ތެރޭގައި ބިންބި އާއި ހިއްކި ކަނޑުލާއި ، ހިއްކި ބަނބުކެޔޮ ބަސްތާ ހުންނާނެއެވެ. ބަރަބޯވެސް ގޭތެރޭގެ ބެރިބެރީގައި އެލުވިފައި ހުންނާނެއެވެ. އެހެނަސް ، އެއީ ބަނޑަށް ޖެހިއްޖިއްޔާ ނޫނީ ބޭނުންކުރާނެ އެއްޗެއް ނޫނެވެ. ގެޔަށް ވަންނަ މީހުންނަށް ފެންނަގޮތަށް ހުއްޓަސް އެއްވެސް މީހަކު އެއިން އެއްޗެއް ވަގަކަށް ނުނަގާނެއެވެ. ކިތަންމެ ބަނޑުހައިވިޔަސް ، އެއްވެސް މީހަކު ، ވަށްކަމެއް ނުކުރާނެއެވެ.

ފެންވަރާއިރު ބޮލުގައްޔާއި ގައިގަ ހާކާލަން ، ލޮޓަސް ސައިބޯނިކޮޅެއް ލިބުމަކީ ނަސީބެކެވެ. ގައިގަ ސައިބޯނިކޮޅެއް ނުލާ ފެންވަރާލަންޖެހޭ ފަހަރު މަދެއްނުވާނެއެވެ. އެކަމަކު ކާށިތެޔޮކޮޅެއް ހާކައިލީމަ ގައިން ހުންނާނީ އޮފް އަރައަރައެވެ. ފިރިފުރާވަރަށް އަޅާ އަންހެންކުދިން މޫނުގައި ޖަހައިލަން ކުޓިކުރާ ފުށްކޮޅެއްވެސް ، ގިނަފަހަރަކަށް ނުލިބޭނެއެވެ. އެކުދިން މޫނު ދޮންކޮށްލާނީ ، ކިޔަވައިދޭން ބޯޑުގައި ލިޔާ ޗޯކުން ، ކޮންމެވެސް ގޮތަކުން އަތުޖައްސާ ޗޯކުކޮޅެއް ، ބޮލުއަޅާ ފުނަލުގައި ގާނައި ހިމުންކޮށްގެންނެވެ. ބޯޑުގައި ނުލިޔެވޭވަރުގެ ކުދިކުދި ޗޯކު ކޮޅުކޮޅު ، މުފީދުބޭއަތުން ހޯދުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ.

މެދުޢުމުރުގެ ، ބިޑިބޯ މީހުން ނުވަތަ ޒުވާނުން ބިޑިބޯނެ ގޮތެއްވެސް އޮންނަނީ ހޯދާފައެވެ. ދުންފަތް ނުލިބިގެން އެއްޗެއް ނުބޮއެ އެމީހުންނެއް ނުތިބެއެވެ. އެމީހުން ބޮނީ ބަނބުކެޔޮ ގަހުގެ ހިމަ މޫ އެއްކޮށްގެން ހިއްކައިގެންނެވެ. އޭގެ އެއްކޮޅުގައި ރޯކޮށް އަނެއްކޮޅުގައި ތުންޖަހައި ދަމައިގެންނެވެ.

ބަނޑެއްގައި ރިއްސިޔަސް ބޮލެއްގައި ރިއްސިޔަސް ޕެނަޑޯލް ގުޅައެއް ލިބޭނީ މަދު ފަހަރަކުއެވެ. މާބޮޑަށް ބަނޑަށް ތަދުވަންޏާ ގިނައިން ބޯންޖެހޭނީ ކޮންމެވެސް މީހެއްގެ އަތުން އެންޓިޕާ ކޮޅެއް ހޯދައިގެންނެވެ. އެހެން އުޅެލާފައި ދެތިން ދުވަހަކުން ރަނގަޅުވެދާނެއެވެ.

މަސްނުބާނާ ގިނަދުވަސް ވެއްޖެނަމަ ، ކާނެ އެއްޗެއް ލިބުމަކީ އުނދަގޫ ކަމެކެވެ. ބައެއް އިރަށް ބަނޑަށް އެއްޗެއްނުލައި ފެންފޮދެއް ބޯލައިގެންވެސް ހުންނަން ޖެހިދާނެއެވެ. އެފަދަ ދުވަސްވަރެއް ކުރިމަތިވެއްޖެނަމަ ، ކިޔަވާކުދިންނަށް ލައްވާ ނަސީބެއް އޮވެއެވެ. ކައިރީ އޮންނަ މަޑިވަރަކީ ވަރަށްގިނައިން ، މަދުގަސް ނުވަތަ ގޮބުގަސް ހުންނަ ފަޅުރަށެކެވެ. އެރަށް އޮންނަނީ ރަށުއޮފީހަށްކަމެއް ނުވަތަ  ، ވަކިމީހަކަށްކަމެއް ހަނދާނެއް ނެތެވެ. އެކަމަކު ކިޔަވާކުދިން އެރަށަށް ގެންދާނެއެވެ. އެއީ މަދުއަޅާ މޫސުމުގައި ގޮބު ބިންނާށެވެ. ކޮންމެ ކުއްޖަކަށް ، ގޮބު ބިނދެވޭނީ ވަކި ވަރަކަށެވެ. ލިބޭ ގޮބުކޮޅު ހިފައިގެން އައިސް ، ކާނީ ، ގޭގައި ހުރިއްޔާ ރިހާކުރާ ޖައްސައިގެންނެވެ. ރިހާކުރު ނެތިއްޔާ ގޮބުކާނީ ހުހަށެވެ. އެވެސް އެކި އިރަށް ބަހާލައިގެން ވަރަށް ވިސްނައިގެން ކުރަންޖެހޭ ކަމެކެވެ. ދޮންމަދު މޫސުމަށްވެސް ކިޔަވާކުދިން މަޑިވަރަށް ގެންދާނެއެވެ. ދޮންމަދު ހޮވަމުން މަދު ކެއުމަކީ މަނާކަމެކެވެ. ކޮންމެ ކުއްޖަކަށްވެސް ލިބޭނީ އެކުއްޖަކު ހޮވާ މަދެކެވެ. ކުދިން ގިނަވެގެންގޮސް ، ބައެއްކުދިންނަށް ، މީދަލާއި ވާ ކައިފާ ހުންނަ މަދުވެސް ލައްވާލައެވެ. އެއީވެސް އެކުދިން ހޮވައި އެއްކުރާ އެއްޗެކެވެ.

މަސްތުވާ އެއްޗެއްގެ ވާހަކަ ނުވެސް ދެކެވެއެވެ. ބޮޑުވަރަކަށް އިވެނީ އަފިހުނެއްގެ ވާހަކައެވެ. މަގުމަގުގެ އެއްފަރާތުގައި ބިއްޖެހިފައި ޒުވާނުންނެއް ނުތިބެއެވެ. ގޭންގްތަކެކޭ ކިޔާއަޑުވެސް ނީވެއެވެ. ޑްރަގް އެއީ އަމްދުން ނީވޭ އަޑެކެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މިހާރު ، މިއަޑުތައް އިވޭނެއެވެ. އެއެއްޗެއް ނުވަންނަ ގެޔެއް މަދުވާނެއެވެ.

މީހުންމަރާ ވާހަކައާއި ވަޅިހަރާ ވާހަކަ ދައްކާ މީހަކު ނޫޅޭނެއެވެ. އެއީ އޭރު ، ހިނގާ ކަންކަމެއްނޫނެވެ. އޭރު ،  މުޅި ރާއްޖެ ސިއްސުވާލީ ކާށިދޫގައި މީހަކު މަރައިލި އަޑަށެވެ. އެއީ އެރަށު ނައިބަކަށް ހުންނެވި އިބްރާހީމް ފުޅެވެ. ކަތިވަޅިޔަކުން ކަރުގައި ޖަހައި އޭނާ މަރައިލީ ، ހަމަ އެރަށު ހާރިސް ކިޔާ މީހެކެވެ. އެނޫނީ މީހަކު މަރައިލައިގެން އުޅޭ އަޑެއް އޭރަކު ނީވެއެވެ. މިހާރު މިއޮތީ އެކަންކަމުގެ ބިރުވެރިކަމުން ހިތަށް އުނދަގޫވާ ވަރުވެފައެވެ. ގޭންގްތަކުގެ ނުރައްކާ އެހާ ބޮޑެވެ.

މިހާރުވެސް ނުވަގަޑީ ސަޔާއި ހަވީރު ސައިގެ ދެގަޑިޔަކީ ، މެންދުރާއި ރޭގަނޑުގެ ކާ ދެގަނޑި ދެމެދުގައި ބަނޑުހައިވެގެން އެއްޗެއް ކާލާން ބޭނުންވާ ދެއިރެކެވެ. އެދުވަސްވަރު އެކަންވެސް ދޮންސިއްތިމެން ކުރިއެވެ. އެކަމަކު ކާލަންޖެހެނީ ވަރަށް އާދަޔާ ޚިލާފު ދެ އެއްޗެކެވެ. އެކައްޗަކީ ، ބަނބުކެޔޮ މޫސުމުގައި ، ރޯޝަނީ މަކުތަބުގެ ފުރާޅުމައްޗަށްވާގޮތަށް ހުންނަ ބަނބުކެޔޮގަހުން ވެއްޓޭ ބަނބުކެޔޮ ތޮޅިއެވެ. ބަނބުކެޔޮތޮޅި ފުރާޅުމަތީ ، އަވީގައި ބަހައްޓައިގެން ހިއްކާނެއެވެ. އަދި ބޭރުގައި އޮންނަ ތޮށިގަނޑު ދުއްވައިލުމަށްފަހު ، ކާނީ އޭގެ މަދެވެ. ރަހަޔަކުންކުރެ ރަހައެއް ނުލިޔަސް ، ފާރޮށި ކިބަޔަކަށްވުރެ ވަކިން ދެރައެއްނޫނެވެ. ފެންތަށްޓެއް ބޮއިލީމާ ހާންތި ފިލާވަރު ވާނެއެވެ.

ދެން ކާނީ ، އާމަނަކަ އޮށުގެ ބޭރު ހަރުބައެވެ. އުތުރު އަވަށު ގަބުރުސްތާނުގައި ، ބޮޑެތި އާމަނަކަގަސް ވަރަށް ގިނަވާނެއެވެ. އާމަނަކަ އޮށް ބިނދެ އަވިން ހިއްކުމަށްފަހު ފަޅައިލާ ، މަދު އެއްލައިލުމަށްފަހު ކާލާނީ އޮށުގެ ތޮށިކޮޅެވެ. އޭގެ އިތުރަށް ، ރަށުގެ އުތުރުކޮޅުގައި އޮންނަ ކާނިވަލަކީ ، ކާނިގަސް ވަރަށްގިނަ ވަލެކެވެ. ގަސްގަސް ދޮށް އޮންނާނީ ކާނިއޮށުން ފުރިފައެވެ.  ގަސްދޮށުން ހިކިކާނިއޮށް ހޮވައި ، ގިނައިން ނުލިބިއްޖިއްޔާ ގަހަށް އަރައި ހިކިއޮށް ބިނދެގެން ، ގާކޮޅަކުން ތަޅައި އެއޮށްތައް ފަޅާނެއެވެ. ކާނިއޮށުތެރޭގައި އޮންނަނީ އެންމެ މަދެކެވެ. އެއީ ހުދުކުލައިގެ ކުޑަކުޑަ މަދެކެވެ. ގިނައޮށް ބިނދެގެން މުށެއްވަރު ވަނިކޮށް ، ރަހަލާވަރަށް މަދު ހުންނާނެއެވެ. ކާނިމަދަކީ ވަރަށްމީރު މަދެކެވެ.

ކާނިމަދު ބިނުމަކީ ނުވަތަ ކާނިއޮށް ފެޅުމަކީ ކުދިވެރިންނަށް ކުރެވޭވަރަށްވުރެ ، ބުރަ އަދި ކެތްތެރިކަން އިސްކުރަން ޖެހޭމަސައްކަތަކަށްވީމަ ، އެކަން ކުރާނެ ހިތްވަރު ހުންނަނީ މަދު ކުއްޖެއްގައެވެ. ގިނައިން އެކަން ކޮށްއުޅެނީ ، އެހެން ރަށްރަށުން ކިޔަވަން އައިސް ތިބޭ ބީރައްޓެހި ، ކުދިންނެވެ. އެއީ ، އެރަށްރަށުގެ ވެރިކަމުގެ ޢާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. ކެއިންބުއިމުގެ ކަންކަމުގައި ރަށުކުދިންނަށްވުރެ ޙާލުގައި އުޅޭނީވެސް ރަށުންބޭރުން އައިސް ކިޔަވަންތިބޭ ކުދިންނެވެ. އެކުދިންގެ މައިންބަފައިން ފޮނުވާފައި ހުންނަ ބިންބިއާއި ކުދިބަތް އަދި ކަނޑުލާއި ބަރަބޯ ގޭމަތީގައި ހުއްޓަސް ، އެއިން އެއްޗެއް އެކުދިންނަށްވެސް ލިބޭނީ ގޭގެއެންމެން އެއިން އެއްޗެއް ކާ އިރެއްގައެވެ. އެކަންވާނީވެސް އެހެންނެވެ. އެއީ އެކުދިންނަށް ހިތްދަތި ދުވަސްވަރެކެވެ. ހިތްދަތިކަމުން ފުރިގެންވާ ހަނދާންތަކެކެވެ. އެހެންނަމަވެސް ، އެ ނިކަމެތިކަމުގައި ހޭދަކުރި ދުވަސްތަކުގެ ނަތީޖާ އެކުދިންނަށް ފޮންޏެވެ. ކީރިތި ޤުރުއާނުގެ ޢިލްމާއި ދީނީޢިލްމު އުނގެނުމަށް ، އަދި އަޚުލާޤީ މާތްސިފަތައް އެކުދިންގައި އަށަގެންނެވުމަށް ، އެކުދިންނަށް ތަނަވަސްވި ފުރުޞަތު އެހެން ހުރިހާކަމަކާ ނުބައްދަލެވެ. ދެކުނު އަވަށަށްގޮސް ، ޢަބްދުކްރީމްބެ ގާތުން ވޮށުފިލާ އަޅައި ޤުރުއާން ކިޔެވުނީތީ އެކުދިން އުފާކުރެއެވެ.

ދިވެހި ހަނދާނަކީ އެއީއެވެ. މިއީ ޢާންމު ޙާލަތު ނޫންކަމަށްވެސް ވެދާނެއެވެ. އެދުވަސްވަރު ކިޔަވަން ގޮސްއުޅުނު ކުއްޖެއްގެ ހިތުގައި އެކިފަހަރުމަތިން ދިމާވި އެކި ޙާލަތުން ހިތުގައި އެއްކުރެވިފައިވާ  ހަނދާންތަކެއްކަމަށްވެސް ވެދާނެއެވެ. އެއީ ހިތުން ފިލުވައިލަން އުނދަގޫ ހަނދާންތަކެއްނަމަވެސް ، މިހާރަކު ގިނަމީހުންނަކަށް ، އެކަންކަން ހަނދާނެއް ނުކުރެވޭނެއެވެ. އެހުރިހާ އުނދަގުލަކާއި ތަކުލީފެއް މިހާރު މިވަނީ ޒަމާނީ ކުރެވިފައެވެ. ރަށުގައި ތިބެ ކިޔަވައިގެން ، ޑިގްރީތައް އެބަ ނެގެއެވެ. ހިލޭ ޑިގްރީއަށް އެބަ ކިޔެވެއެވެ. ބަލިވީމަ ބޭސްފަރުވާ ހޯދަންދާނެ ޞިއްޙީ މަރުކަޒު އެބަހުއްޓެވެ. އެތަނުން ނުދެވޭ ފަރުވާ ހޯދަން ކައިރި ރަށެއްގައި ހުންނަ ހޮސްޕިޓަލަށް ފެރީގައި އެބަ ދެވެއެވެ. ސާފު ބޯފެން ލިބެއެވެ. ވަޅުކޮނެގެން ބޯފެން ނަގާކަށް ނުޖެހެއެވެ. ފާޚާނާކުރަން އޭރުދިޔަ އަތިރިމަތީގައި ލަފާފުރާ ބަނދަރުތައް ، ހެދި ގޭގޭގައި އެހުރީ ފާޚާނާތައް ލެވިފައެވެ. ވާރޭކޮޅެއް ވެހިއްޖިއްޔާ ފެންބޮޑުވެ ހިނގަން އުނދަގޫވި މަގުތަކުގައި މިހާރު އެހުރީ ތާރު އެޅިފައެވެ. ބޭނުންއިރަކު ކައިބޮއި ހަދަން ސައިހޮޓާތައް އެބަހުއްޓެވެ. ކުރާނެ މަސައްކަތް އޮވެއެވެ. މަސައްކަތްކުރަން ކެރިއްޖެ މީހަކަށް ކުރާނެ އެތައް މަސައްކަތެއް ހުރެއެވެ. ދަތުރުފަތުރުގެ އިންތިޒާމްކުރެވިފައިވާ ނިޒާމަކުން ގިނަރަށްތައް ހުރީ ގުޅުވާލެވިފައެވެ. 7:30 ގައި ހަނިމާދޫގައި ހުންނަ މީހާ 8:30 ގައި ހުންނާނީ މާލޭގައެވެ.

ދޮންސިއްތި ވިސްނައިލިއެވެ. ހަނދާނަކީ ފާޑެއްގެ އެއްޗެކެވެ. ގިނަ ހަނދާނަކީ ، ފާނަބަސަނދުގެ މުއްދަތަށް ، ތިންހަތް ދުވަހަށް ދެމިއޮންނަ އެއްޗެކެވެ. މީހަކު ހެޔޮހިތުން ނުވަތަ މަޖުބޫރުންނަމަވެސް ، ބަޔަކަށް ކޮށްދޭކަމެއްގެ ހަނދާންވެސް ހުންނާނީ ތިންހަތް ދުވަހަށެވެ. އެމީހެއްގެމަތިން ހަނދާނެއް ނުހުންނާނެއެވެ.  އިންސާނާގެ ދިރިއުޅުމަކީ ، ޒަމާނާއެއްގޮތަށް ބަދަލުވެ ތަރައްޤީވަމުންދާ އެއްޗެކެވެ. އޮޔާދާ ކާށި ، ގޮނޑުދޮށަށް ލެއްގީމައި އެއިން ރުއްފަޅައިގެން ހެދިފޯދި ،  ކާށި ލިބޭނެއެވެ. އެކަމަކު އެކާށި ނަގައިގެން ، އިންތިޒާމް ކުރެވިގެން ވަކިތާކު ހެއްދި ، ގިނަބަޔަކަށް މަންފާ ލިބޭގޮތްވެއްޖެނަމަ ، އެއީ ތަފާތު ކަމެކެވެ. އެކަންކުރުމުގައި ވަޞީލަތާއި މީހުން ނުވަތަ މީހަކު ޖާމިނު ވެއެވެ. ތަރައްޤީއާއި ތަހުޒީބުގެ އަޞްލަކީ އެއީއެވެ.

އިންސާނުންގެ ދިރިއުޅުމަށް ލިބޭ ފަސޭހައާއި ކުރިއެރުމާ އަދި ހެޔޮ ބަދަލާއި ތަރައްޤީގައި ، ﷲ މިންވަރުކުރައްވާ ގޮތެއްގެމަތިން ކޮންމެވެސް ކަމެއް ނުވަތަ މީހަކު ސަބަބަކަށް މެދުވެރި ވެއެވެ. އެކަމަކަށް ނުވަތަ އެމީހަކަށް ޝުކުރުވެރިވުމަކީ ، ދިވެހިންގެ އާދައިގެ ތެރޭގައި ނުއޮންނަ ކަމަކީ ހެއްޔެވެ ؟ ދެއްވި ނިޢުމަތަށް ﷲ އަށް ޝުކުރުކޮށް ، އެމީހަކަށް އިޙްސާންތެރިވެގެން ތިމާއަށް ގެއްލެނީ ކޮން އެއްޗެއް ހެއްޔެވެ ؟  އެއީ ، އެކަން އޮންނަންވީގޮތް ހެއްޔެވެ ؟ ކައިރީގައި އިށީނދެލައިގެން އިން ދޮންބެއްޔާއާ އެސުއާލުކޮށްލާފައި ، ދޮންސިއްތި ލޯމަރައިލިއެވެ. މާޒީން ޢިބްރަތެއް ޙާޞިލްކުރެވޭނީ އަދި ފިލާވަޅެއް ލިބޭނީވެސް ، ﷲ މިންވަރުކުރައްވާ ނިޢުމަތަށް ޝުކުރުކޮށް ، އެކަންކަމާ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

3 ޚިޔާލު

  1. އަޅޭ، އަޅުގަނޑުގާތު ވިދާޅުވެ ދެއްވިނަމަ ސީދާ ނައިފަރު ބަހުރުވައިން އިސްލާހުކޮށް ދިނީމުސް... މިހާރު އިޔޮށް ކިޔާހިތުން ފެށި ލިޔުން ކިޔާން ބޮަލަށް ތުރާވެއްޖެ. އަހަރެމެންގެ ރަށުބަހަށް ކުރަފި އަރުވޭފޭ ޗިޔޮއްތީ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.