ޢާންމު ވޯޓުނަގަން މަޖިލީހަކަށް ނޭންގޭނެ

ރާއްޖޭގެ ވެރިކަންކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު ، އަންނަ އޮކްޓޯބަރ މަހު 30 ގައި ނަގަން ، ރައްޔިތުންގެ ޚިޔާލުހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން ، އިލެކްޝަންސް ކަމިޝަނަށް އަންގާގޮތަށް ، އެކަމާގުޅޭ ޤަރާރު ، 20 ސެޕްޓެމްބަރ 2023 ގައިވަނީ ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް ، ރައްޔިތުންގެ މަޖިލީހުން ، މިޤަރާރު ފާސްކޮށްފައިވަނީ ، ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައި އޮންނަ ބާރެއް ކަނޑުވާލައި ، ރައްޔިތުންގެ ޚިޔާލުހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނެގުމަކީ ، ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ. މުޅި ޤާނޫނުއަސާސީގެ ރޫޙުވެސް އެކަމާ ޚިލާފެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްނޫނެވެ. ހަމައެއާއެކު މިފަދަ ބާރަކީ ، ތިންބާރު ވަކިކުރެވިގެން މިނިވަންކަމާއެކު ވެރިކަން ހިންގާ ޤައުމެއްގައި ، ދެފަރާތަކަށް ދެވިފައި އޮންނަ ބާރެއްނޫނެވެ.

ރައްޔިތުންގެ ޚިޔާލުހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން ، އިލެކްޝަންސް ކަމިޝަނަށް އަންގާގޮތަށް ، އެކަމާގުޅޭ ޤަރާރު މަޖިލީހަށް ހުށަހެޅުނީ ، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ގައި އޮންނަނީ ، ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި . ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓެއްނެގުން ، ކަމުގައެވެ. ހަމަ މިމާއްދާ ފެށުމުގައި ، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ، ރައްޔިތުންގެ މަޖިލީހަށް ކަމުގައި ،  މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައި ވެއެވެ. 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށްދެނީ ، ޤާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރުގެދަށުން ، ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމުވޯޓު ނެގުމުގެ ބާރެވެ. އެއީ ، ޤާނޫނު ހެދުމުގެ ބާރު ތަކެކެވެ.  ޤާނޫނުއަސާސީއާ ގުޅޭކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމުވޯޓު ނެގުމުގެ ބާރެއްނޫނެވެ. އެފަދަ އެއްވެސް ބާރެއް ، 70 ވަނަ މާއްދާއަކުން ރައްޔިތުންގެ މަޖިލީހަކަށް ނުދެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމުވޯޓު ނެގުމުގެ ބާރުގެ ވާހަކަ ބަޔާންކުރެވިފައިވާ ދެމާއްދާގައި ، އެވާހަކަ ގެނެސްފައިވަނީ މުޅިން ދެ މަފުހޫމެއްގައެވެ.

ފުރަތަމަ މަފްހޫމަކީ :

ޤާނޫނުއަސާސީގެ 3 ވަނަބާބު އެއީ ، ރައްޔިތުންގެ މަޖިލީހަށް ޚާއްޞަވެފައިއޮތް ބާބެކެވެ. އެބާބުގައި ޤާނޫނުހެދުމުގެބާރުގެ މައިގަނޑު ޝުރުޚީގެދަށުން ، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 އިން މަޖިލީހަށް ދެނީ އެމާއްދާގެ (ހ) ގެ ދަށުން ، ޤާނޫނުހެދުމުގައި މަޖިލީހުގެ ވާޖިބު އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރެއްގެ ގޮތުގައި ދޭ ޢާންމު ބާރެކެވެ.

ދެވަނަ މަފްހޫމަކީ :

ޤާނޫނުއަސާސީގެ 4 ވަނަބާބު އެއީ ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަވެފައި އޮތް ބާބެކެވެ. އެއީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާގޮތުގެ މަތިން ވެރިކަން ހިންގުމަށް ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރު ތައް ބަޔާންކުރާ ބާބެވެ. އެބާބުގެ (ހ) އިން އެކަން ކަށަވަރު ކޮށްދީފައި އެބައޮތެވެ. އެބާބުގެ (ށ) ގައިވަނީ ، ދައުލަތް ހިންގުމުގެ ތިންބާރު ނިސްބަތްވާގޮތަށް ، ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ، އަދި ސިފައިންގެ އެންމެމަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. ދައުލަތުގެ ތިންބާރުކަމުގައިވާ ސަރުކާރާއި ، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާގެ މައްޗަށް ، އިސްވެ ހުންނަ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަން ، މި މާއްދާއިން ކަށަވަރު ކޮށްދެއެވެ. މި މަޤާމުގެ ޤާނޫނީ ޙައްޤާއި ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބެނީ ، ރައީސުލްޖުމްހޫރިއްޔާއަކީ ރިޔާސީ އިންތިޚާބަކުން ރައްޔިތުން އިންތިޚާބުކުރާ މަޤާމަކަށްވާތީއެވެ.  ޤާނޫނުއަސާސީ ދަމަހައްޓައި ، ދިފާޢުކޮށް ،  ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުންމަތީ ދެމިހުރެ ، ޤާނޫނުތައް ތަންފީޒުކޮށް ، ދައުލަތް ހިންގުން މަތިކޮށްފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައި އޮންނަނީ މި ބާބުގެ 115 ވަނަ މާއްދާގައެވެ. ޤައުމީ މުހިންމު މައްސަލަތަކުގައި ، ރައްޔިތުންނަށް ފެންނަ ގޮތްބެލުމަށް ، ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމުވޯޓުނެގުމުގެ ބާރު ، އެމާއްދާގެ (ޏ) އިން ލިބިދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހާއި ، ރައީސުލްޖުމްހޫރިއްޔާއަށް ، ޤާނޫނުއަސާސީން ލިބިދީފައި އޮންނަ ޤާނޫނީ ބާރު ވަރަށްބޮޑަށް ތަފާތެވެ. ޤައުމީ މުހިންމު މައްސަލަތަކުގައި ، ރައްޔިތުންނަށް ފެންނަ ގޮތްބެލުމަށް ، ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމުވޯޓުނެގުމުގެ ބާރު ސީދާ ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ޤާނޫނުއަސާސީގެ 70 ވަނަމާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަނީ ، ޤާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރުގެދަށުން ، ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމުވޯޓު ނެގުމުގެ ބާރެވެ.

ޤާނޫނުއަސާސީގެ މަފުޙޫމުގައި ، ޤައުމީ މުހިންމު މައްސަލަތަކުގައި ނެގޭ ޢާންމުވޯޓު ނެގުމުގެ ޤާނޫނީ ބާރު ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ރައްޔިތުންގެ މަޖިލީހަށް ދީފައިއޮންނަނީ ، ޤާނޫނު ހެދުމުގައި ރައްޔިތުންނާ ގުޅޭ ކަންތައްތަކުގައި ނެގޭ ޢާންމުވޯޓެއް ނެގުމުގެ ބާރެވެ. މިއީ މުޅިން ތަފާތު ދެބާރެކެވެ. އެއްބާރަކީ ޤައުމީ މުހިންމު މައްސަލަތަކާގުޅިފައި އޮތް ބާރެކެވެ. އެބާރު އޮތީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. އަނެއްބާރަކީ ޤާނޫނު ހެދުމުގައި ދިމާވާ ކަމެއްގައި ނެގޭ ޢާންމު ވޯޓެއް ނެގުމުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮންނަ ބާރަކީ އެއީއެވެ. އެއީ ، ޤާނޫނުއަސާސީއަށް ބަދަލުގެންނަން ، ވޯޓެއް ނެގޭގޮތަށް ، ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ބާރެއްނޫނެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ، މިބާރުތައް ދެމިއޮންނާނީވެސް ، ރައްޔިތުންގެ ކިބައިގައެވެ. ދިވެހި ދައުލަތަށް ނިސްބަތްވާ ތިންބާރު ހިންގަންވާނީ ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތަށެވެ. ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާއާއި ސަރުކާރު ނިސްބަތްވާގޮތަށް ، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ، ވެރިކަން ހިންގުމުގެބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ރައްޔިތުންގެ މަޖިލީހަކަށް ނޫނެވެ.

ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި ، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ، ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް ، އެ އުޞޫލުތައް ނެގެހެއްޓުމަކީ ޤާނޫނުއަސާސީ ބާރުއަޅާ ކަމެކެވެ. ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކުރެވިފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމަކަށް އުނިކަމެއްލިބޭނެފަދަ ، ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ، ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާ ކުރެވިގެން ނުވާނެއެވެ. ޚާއްޞަކޮށް ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެފަދަކަމެއް ކޮށްގެން ނުވާނެއެވެ. އެހެންކަމަށް ވެއްޖެނަމަ ، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވަޔާ ޚިލާފު ޢަމަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންވާނީ ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ. އެއްވެސް މެންބަރަކު ، އެމީހެއްގެ ނުވަތަ ، އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެންމީހެއްގެވެސް ޒާތީ މަޞްލަޙަތު ކުރިއެރުވުމަށް ، މަޤާމުގެ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެބައިމީހުން ، އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި ، މުޅި ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތް ކުރަންވާނެއެވެ.

ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ، އަންނަ އޮކްޓޯބަރމަހުގެ 30 ގައި ނަގަން ރައްޔިތުންގެ ޚިޔާލުހޯދަން ، ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކަމިޝަނަށް އަންގާގޮތަށް ހުށަހެޅުނު ޤަރާރު ، މުޅި މަޖިލީހުގެ ކޮމިޓީން ނިންމިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 35 މެންބަރުންގެ އިއްތިފާޤުންނެވެ. މި ޤަރާރުވެސް ފާސްކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބެލިދާނެ ފުރުޞަތު ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޢަދަދު ބަޔާންކޮށްފައިވަނީ ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައެވެ. އެމާއްދާގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ ، މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ. އެއީ 22 އެވެ. އެހެންނަމަވެސް ، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ކަންކަން ފާސްކުރުމަށް ވަކިޚާއްޞަ ގޮތްތަކެއް ، 86 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައި އެބަ އޮތެވެ. ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ގޮތުގައި ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ ، މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ކަމަށް އޮތަސް ، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ، ވޯޓަށް އަހަންވާނީ ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމެންބަރުން ، އެވޯޓެއްނަގާ ޖަލްސާގައި ޙާޟިރުވެތިބޭ ވަގުތެއްގައެވެ. ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ، ނިޒާމްބަދަލުކުރުމާބެހޭ ކަމެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދެބައިކޮށްފަ އެއްބަޔަށް ވުރެ ގިނަ ޢަދަދަކަށް އެޖަލްސާގައި މެންބަރުން ތިބެން ޖެހެއެވެ. އެއީ 44 މެންބަރުންނަށްވުރެ ގިނަ ޢަދަދަކަށް ވާން ޖެހެއެވެ. އެހެންނަމަވެސް ، އެޤަރާރު ފާސްކުރީ 31 މެންބަރުންތިބި ޖަލްސާއެއްގައެވެ. އެޖަލްސާގައި ތިބުމަށް ޤާނޫނުއަސާސީގައިބުނާ ޢަދަދު ހަމައެއް ނުވެއެވެ. އެހެންކަމުން އެއީ ، ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލިދާނެ ފުރުޞަތު އެބަ އޮތެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ހުށަހެޅުނު ޤަރާރު ، ފާސްކޮށްފައިވަނީ ، ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ އިއްތިފާޤުންނެވެ. އެ ޤަރާރު ފާސްކުރި ޖަލްސާގެ ނުވަތަ ކޮމިޓީގެ ޖުމްލަ ޢަދަދަކީ 87 އެވެ. ޙާޟިރުވެތިބީ  34 މެންބަރުންނެވެ. ( ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ، ނިޒާމްބަދަލުކުރުންފަދަ  ކަމެއް ފާސްކުރުމަށްޓަކައި ޖަލްސާގައި ޙާޟިރުވެތިބެންޖެހޭ ޤާނޫނީ ޢަދަދަކީ 44 އެވެ. ) ޤަރާރު ފާސްކުރަން ފެންނަކަމަށް ވޯޓުދިނީ 31 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވީ 31 މެންބަރުންނެވެ. މިއީވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ހުށަހެޅުނު ޤަރާރު ފާސްކުރުމުގައި ، ޤާނޫނުއަސާސީއާ ޚިލާފަށް ، ރައްޔިތުންގެ މަޖިލީހުންނާއި އެޖަލްސާގައި ބައިވެރިވި ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ، ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށް ބެލިދާނެއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމުތޯ ބަލަން ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް 2007 ވަނައަހަރު ނެގި ، އެކަން އޮތީ މީގެ 16 އަހަރުކުރިން ނިމިފައެވެ. ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެ 60 އިންސައްތަ މީހުންވަނީ ރިޔާސީ ނިޒާމަށް ވޯޓުދީފައެވެ. ރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުންދާ ފެހިޤާނޫނު އަސާސީ ފާސްކުރީ ، 7 އޯގަސްޓް 2008 ގައެވެ. ވެރިކަމުގެ ނިޒާމާބެހޭ ފެންނަ ނުފެންނަ ވޯޓުގެ ފަހުންނެވެ.

ސިޔާސީ ބައެއްފަރާތްތަކުގެ ހިތުން ބަރުލަމާނީ ނިޒާމު ނުފިލާ އޮތްއިރު ، 16 އަހަރުވީ އިރުވެސް އެކަން ކުރާކަށް ފުރުޞަތެއް ނުލިބުނެވެ. އެހުރިހާ ދުވަހަކުވެސް ޤާނޫނުއަސާސީގެ މާއްދާތައް ހުރިގޮތަށް ހުށްޓެވެ. އެހެންނަމަވެސް ، ވަގުތާއި ޙާލަތާ އަދި ޙުއްޖަތް މަތިކޮށް ، ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭތޯ މިހާރު މިކުރެވޭ މަސައްކަތަކީ ، ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫނެވެ. ބަރުލަމާނީ ނިޒާމަށް ދިވެހި ރައްޔިތުންވަނީ ނޫނެކޭ ބުނެފައެވެ. އަނެއްކާވެސް ރައްޔިތުން ލައްވާ ނޫނެކޭ ބުނުވަން ، ސާޅީސް ނުވަތަ ފަންސާހަކަށް މިލިއަން ރުފިޔާ ޚަރަދު ކުރުމަކީ ، ދައުލަތަށް ލިބޭނެ ބުރައެކެވެ. އެ ޚަރަދުން ، ރައްޔިތުންނަށް ލިބޭނެ މޮޅެއް ނެތެވެ. ރައްޔިތުން އެތިބީ ގޮތް ނިންމައިގެންނެވެ. އިރުއިރުކޮޅުން ، އެމީހުން ލައްވާ ނޫނެކޭ ބުނުވަން ، ރައްޔިތުންގެ ޓެކްސްފައިސާއިން ، އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމުގެ ބޭނުމެއް ނެތެވެ.

ރާއްޖޭގައި ޕާޓީ ތަޢާރުފް ކުރެވުނުއިރު ، ޕާޓީ ނިޒާމުގެ ހަމަތަކާއި އުޞޫލުތަކަށް ރައްޔިތުން ހޭލުންތެރި ކުރެވިފައެއް ނެތެވެ. ޕާޓީ ނިޒާމަށް ރައްޔިތުން ހޭލުންތެރިވާންޖެހޭނެކަމާމެދު ، ރައްޔިތުންނަށް ވިސްނައި ނުލެވުނީ އޭރު އޮތް ވެރިކަން ބަދަލު ކުރުމަށް އެބައިމީހުންގެ ހިތުގައި އޮތް ޝަޢުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޕާޓީ ނިޒާމަކީ ، އެ ނިޒާމަށް އަހުލުވެރިނުވެ ޢަމަލުކުރަން ވެއްޖެނަމަ ، ޤައުމުގައި ބައިބައިވުން އުފެދި ، ފަސާދައިން ފުރިގެންވާ ، ހަލަބޮލި ސިޔާސީ މަޝްރަޙެއް އުފެދިދާނެކަމެއްކަން ، ރައްޔިތުންނަށް އޭރު އެނގުނުނަމަ ، ރާއްޖެ މިހާރު މިދެކޭ " މިއަދެއް " ނުފެނުނީހެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކުރިން ، ރައްޔިތުންކުރެން އިހަށް އަހަންވީ ، ރާއްޖޭގައި ޕާޓީ ނިޒާމް އޮންނަން ފެނޭތޯ ނުވަތަ ނޫންތޯއެވެ. އެކަކު އަނެކަކަށް ގުޅި ލާމެހިފައިވާ ، ކުޑަ މުޖުތަމަޢަކަށް ނިސްބަތްވާ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ، އެންމެ ފުރަތަޔަށް ނަގަންވީ ވޯޓަކީ އެއީއެވެ.

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ އަސްލުތަކާއި ހަމަތަކަށް ރައްޔިތުން ހޭލުންތެރި ނުކޮށް ، އެ ދެނިޒާމުގެ ތަފާތު ރައްޔިތުންނަށް ނޭނގި ތިއްބައި ، ވެރިކަމުގެ ނިޒާމާބެހޭ ވޯޓުނަގަން ހެޔޮ ނުވާނެއެވެ.

މިއީ ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވިފައިވާ ވަގުތެއްނޫންނަމަވެސް ، ޤާނޫނުއަސާސީގެ 267 ވަނަމާއްދާގައި ބުނާފަދައިން ، ޤާނޫނުއަސާސީއަށް އިޞްލާހެއް ގެންނަން ޤާނޫނުއަސާސީގެ ރޫޙު ހުއްދަކުރާފަދަ ވަގުތެއްނޫނެވެ. މިއީ ޚައްޞާސް ދަނޑިވަޅެކެވެ. ރިޔާސީ އިންތިޚާބެއްގައި ޕާޓީތަކުގެ ވާދަވެރިކަމާއި ، ޝަރުތުތަކާއި ސިޔާސީ ނިންމުންތަކުން  ނުފޫޒުތަކެއްގެ ތެރެޔަށް ވެރިކަމުގެ ނިޒާމު ފުރޮޅިގެން ހިނގައިދާނެފަދަ ވަގުތެކެވެ. މިއީ ، ރައްޔިތުންނަށް ވާނުވާ ސާފުވާން ފަސޭހަ ވަގުތެއްނޫނެވެ.

ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ، ވަކިބަޔެއްގެ މަޞްލަޙަތަށް ، ޤާނޫނުއަސާސީގެ ރޫޙާއިމާނަ އަދި މަފްހޫމު ، އޮޅުވާލައިގެން ، ސިޔާސީ މަސްރަޙުގައި ކުރެވޭކަންކަން ، ދިވެހި ރައްޔިތުންނަށް އެނގެއެވެ. އެއީ ކޮން ބޭނުމެއްގައި ، ކީއްކުރަން އޮޅުވާލާ އޮޅުވާލުމެއްކަން އެނގޭވަރަށް ، ދިވެހިން ، ސިޔާސީ ކަންކަމަށް ހޭލުންތެރި ވެއްޖެއެވެ. ސިޔާސީމީހުން ޖަހާހާ ބެރަކަށް މިހާރަކު ، ދިވެހިންނެއް ނުނަށާނެއެވެ. ދިވެހިން މިހާރު ނަށާނީ ބެރުގެ ހަމަ ، ހުރެގެން ޖަހާ ބެރަށެވެ.

ވެރިކަމުގެ ނިޒާމުބަދަލު ކުރުމަކީ ޤައުމީ  މުހިންމު މައްސަލައެކެވެ. އެފަދަކަމެއްގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ޤާނޫނީ އިޚްތިޔާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައެވެ. އެއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް އެބާރު ދީފައެއް ނުވެއެވެ. ޤާނޫނުއަސާސީގެ 70 ވަނަމާއްދާގެ ދަށުން ، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އިޚުތިޔާރު ، ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަނީ ، ޤާނޫނުހެދުމުގައި މަޖިލީހުގެ ވާޖިބު އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރެއްގެ ގޮތުގައި ދީފައި އޮންނަ ޢާންމު ބާރެކެވެ. އެއީ ޤާނޫނުއަސާސީ އިޞްލާޙުކުރަން އެމާއްދާގެ ދަށުން ، ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ބާރެއްނޫނެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމައި ، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ، އިލެކްޝަންސް ކަމިޝަނަށް އެންގި ނަމަވެސް ، އެއީ ޤާނޫނުއަސާސީއާ ޚިލާފު އެންގުމެއް ކަމަށްވަންޏާ ، އެކަން ކުރާކަށް އިލެކްޝަންސް ކަމިޝަނުގެ މައްޗަށް ލާޒިމެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. އަލުގަންޑަށް މިކަމާ ބެހޭގޮތުން ގާނޫނު އަސާސީ ކިއުމުން ވިސްނިފަައިވާގޮތުން. މަޖިލީހަށް ގާނޫނަށް އެބަދަލު ގެނެސް ފާސްކުރެވިދާނެއެވެ. އެހެންނަމަވެސް އެކަމަކި، ރައްޔަތުންނަށް ލިބިގެންވާ ތަފާތު ބާވަތެއްގެ ހައްގުތަކެއްހިމެނޭ ކަމަކަށް ވާތީ، އެފަދަ ގާނޫނެއް މަޖިލީހުންފާސް ކުރިނަމަވެސް އެގާނޫނެއް ތަންފީޒުކުރަން/ ތަސްދީއުކުރަން ރައީސް ސޮއިކުރުމުގެ ކުރިން، ރައްޔަތުންނަށް ފެންނަ ނުފެންނަ ވޯޓެއް އެކަމުގައި ނެގުމަށް ރާއީސްގެ މައްޗަށް އެކަން ލާޒިމު ކޮށްފައި ވެއެވެ.

  2. ފުރަތަމަ ކަމަކަށް ތިޔަ ބަރުލަމާނީ ސިސްޓަމެއް ގެންނަން މަޖިލީހަށް މައްސަލަހުށަހެޅީ، މި ރިޔާސީއިންތިޚާބުގައި ވާދަކޮށް ފެއިލްވީ މެމްބަރެއް. މި މެމްބަރު ނިސްބަތްވާ ޕާޓީގެ އިސްމީހާ އެއީ މަޖިލިސްގެރައީސް. މިއޮއްހުރިހާދުވަހު މަޖިލިސް އޮތީ މަރުތަޅުއަޅުވާފަ އެއީ އެމީހާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދާފަ އޮވެގެން. އެތައް ޑީލެއްހަދައިގެން އެމައްސަލަ ހަމަނަގާއިރަށް، ކޮކަޑިކޭމީދާ ވާރޭފެންބޮއިގެން ގަދަވެގެންނުކުމެކުރިއަށްވުރެނުލަފާވީހެން އެމަނިކުފާނުގެކަންތައްގަނޑު ފެންނަން މިފެށީ. މިއީ މަޖިލީހުންކުރިޔަސް، ދިވެހި މުޅިރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަން ކުރާ ބަޣާވާތެއް.

  3. ވަރަށް ތަފުސީލުކޮށް ލިޔެފައިވާ މިވަގުތަށް ވަރަށް މުހިއްމު ލިއުމެކެވެ. ރައްޔިތުން އެމީހުންގެ މުވައްޒަފުން ކުރާ ކަންކަމަށް ސަމާލުކަންދީ ވިސްނާ ފިކުރުކޮށް ކަންކަން ހަމަޔަކަށް އަޅުވަންވީ ވަގުތު ޖެހިއްޖެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.