ބަރުލަމާނީ ، ރިޔާސީ އަދި ޕާޓީ ނިޒާމާއި ޑިމޮކްރަސީ

ބަރުލަމާނީ ނިޒާމަކީ ، ސަރުކާރުގެ ހިންގުން ، ސިޔާސީ ޕާޓީއެއްގެ މައްޗަށް ދޫވެފައި އޮންނަ ޑިމޮކްރެޓިކް ވެރިކަމެކެވެ. ބަރުލަމާނީ ނިޒާމުގައި އެންމެ ބާރުގަދަވާނީ ، ރައްޔިތުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުން ، ޤާނޫނުހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ވޯޓު ލިބޭ ޕާޓީއެކެވެ. ސަރުކާރު ހިންގުމަށްޓަކައި ބޮޑުވަޒީރަކު ޢައްޔަންކުރާނީ އެ ޕާޓީންނެވެ. ނުވަތަ އެތައް ޕާޓީއެއް ގުޅިގެން ، ކޯލިޝަން ހަދައިގެންވެސް ، އެކޯލިޝަނުން ބޮޑުވަޒީރަކު ޢައްޔަން ކުރެވިދާނެއެވެ. ސަރުކާރު ހިންގަން ހަމަޖައްސާ ކެބިނެޓްގެ ވަޒީރުންނަކީ ، ޕާޓީގެ ތެރެއިން ބޮޑުވަޒީރު ނިންމާ ބައެކެވެ. ބޮޑުވަޒީރު ބޭނުންވާ ހިނދެއްގައި ވަޒީރުން ވަކިކޮށް ޢައްޔަން ކުރެވިދާނެއެވެ. އިންތިޚާބުން ބަލިވާ ޕާޓީ ނުވަތަ ޕާޓީތައް އޮންނާނީ ، ސަރުކާރާ އިދިކޮޅު މީހުންގެ ގޮތުގައެވެ. ސަރުކާރަށް ގޮންޖަހައި ، ސަރުކާރު ހިންގުމަށް ފާރަވެރިވެ ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ތިބޭނީ އިދިކޮޅު ޕާޓީގެ މީހުންނެވެ.

ވެރިކަން ހިންގާ މައިޕާޓީގެ ނިންމުމަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކުން ބޮޑުވަޒީރު ، މަޤާމުން ދުރުކުރެވިދާނެއެވެ. ބަރުލަމާނީ ނިޒާމު ދުނިޔެއަށް ފެތުރިގެންދިޔައީ އިނގިރޭސީންގެ ނުފޫޒުންނެވެ. އިނގިރޭސީންގެ ސިޔާސީ ޙިމާޔަތުގެ ދަށުގައި ކުރިން އޮތް ވަރަށްގިނަ ޤައުމުތަކުގައި ، އިނގިރޭސީންގެ ބާރާއި ނުފޫޒުން ، ބަރުލަމާނީ ނިޒާމްވަނީ ތަޢާރުފް ކޮށްފައެވެ. އެކަމަކު ، އެއިން އެއްވެސް ޤައުމެއްގައި ، އެތައް ޤަރުނެއްވީއިރުވެސް ، ޑިމޮކްރަސީގެ ރަހަވެސް ލާފައެއް ނެތެވެ. އެ ނިޒާމުގެ ފޮނިމީރުކަން އެއްވެސް ބަޔަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި ، ޤައުމުތައް ދިޔައީ ހަލާކުވެ ފުނޑެމުންނެވެ. އެންމެ ކައިރިން ފެންނަ އެންމެ ރީތި މިސާލަކީ ، ޝްރީލަންކާއެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަމުން އަންނަ ޝްރީލަންކާ އެވަނީ އިނދަ ޖެހިފައެވެ. މުޅި އިޤްތިޞާދު އެވަނީ ، އަނދަވަޅަކަށް ވެއްޓިފައެވެ. ޤައުމު އެވަނީ ބަނޑަށް ޖެހިފައެވެ. ޝްރީލަންކާ ވަރު ނުވިޔަސް ، އިނގިރޭސީން އެގެނެސްދިން ބަރުލަމާނީ ނިޒާމުން ހަލާކުނުވާ ، ހަމަ އެއްވެސް ޤައުމެއް ނެތެވެ. އެވަރުގެ ނިޒާމެއްގެ ގެއްލުމާއި ހަލާކުގެ ތެރެއިން ހިތި ތަޖުރިބާތަކެއް ފެންނަމުން ދާއިރު ، އެ ނިޒާމު ގެނެސްގެން މިކުޑަކުޑަ ޤައުމަށް ކުރިމަތިވާނެ ޙާލަތު ޚިޔާލުކޮށްލަންވެސް ނޭނގޭނެއެވެ. ވެރިކަމާހުރެ ބަޔަކު ، މޮޔަބޮލަށް އަރައިގެން އުޅުނެއްކަމަކު ، އެ މަޅީގައި އެންމެން ޖެހޭކަށް ނުޖެހެއެވެ.

 

ރިޔާސީ ނިޒާމަކީ ، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވެރިކަމަށް އަންނަ މީހަކު ސަރުކާރު ހިންގާ ނިޒާމެކެވެ. މި ނިޒާމުގައި ، ވެރިކަން ހިންގެނީ ތިންބާރަކުންނެވެ. އެއީ ދައުލަތް ހިންގުމާއި ނުވަތަ ސަރުކާރާ ، ޝަރުޢީ ދާއިރާ ނުވަތަ ކޯޓުތަކާއި ، ޤާނޫނީ ބާރު ނުވަތަ ރައްޔިތުންގެ މަޖިލިސް އެވެ. މި ތިންބާރުންކުރެ އެއްބާރަކަށްވެސް އަނެއްބާރުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ. ތިންބާރުވެސް ހިނގަމުންދާނީ ، މިނިވަން މުސްތަޤިއްލު ގޮތުގައެވެ.  މިތިންބާރުންކުރެ އެއްބާރަކީވެސް ، ވަކި އަނެއްބާރަށްވުރެ ބާރުގަދަ ބާރެއްނޫނެވެ. ވެރިކަން ހިންގައިދިނުމުގައި އެތިންބާރަކީވެސް ، ހަމަހަމަ ތިންބާރެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކު ހުރެގެން ، ރިޔާސީ ނިޒާމުގައި އޮންނަ ބާރުތަކެއް ނުހިންގޭނެއެވެ. ރިޔާސީ ނިޒާމުގައި އޮންނަ ތިންބާރުވެސް ، ޖަވާބުދާރީ ވާންޖެހޭނީ ރައްޔިތުންނަށެވެ.

ރިޔާސީ ނިޒާމުގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ މީހަކީ ރައީސެވެ. ޤައުމު ހިންގުމަށް ބޭނުންވާ ޤާނޫނުތައް ހަދާނީ ، ޤާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ޤާނޫނުތަކަށް ޙުކުމް ކުރާނީ ޝަރުޢީ ކޯޓުތަކުންނެވެ. އެ ޙުކުމްތައް ތަންފީޒުކޮށް ޤާނޫނުތައް ހިންގައިދިނުމަކީ ރައީސްގެ ޒިންމާއެކެވެ. ރިޔާސީ ނިޒާމަކީ ، ބަރުލަމާނީ ނިޒާމް ކަމުނުގޮސްގެން ، އެމެރިކާގައި ތަޢާރުފްކުރި ވެރިކަމުގެ ނިޒާމެކެވެ. އެމެރިކާގައި މި ނިޒާމް ތަޢާރުފް ކުރެވުނީ ،   1787  ގައެވެ. އެހާހިސާބަށް އެމެރިކާގެ ރައްޔިތުން ޢަމަލުކުރަމުން އައީ އިނގިރޭސި ވިލާތުގެ ބަރުލަމާނީ ނިޒާމަށެވެ. އެއީ އެމެރިކާއަށް ކުރަން ޖެހިފައި އޮތް ހިތި ތަޖުރިބާއެކެވެ. 1787 ގައި އެމެރިކާއިން އެ ނިޒާމް ބަދަލުކުރީ ، އެއީ ވެރިކަން ހިންގަން ރަނގަޅު ނިޒާމެއްކަމަށް ޤަބޫލު ނުކުރެވިގެން ، އެހެންގޮތެއް ހޯދަން ވެގެންނެވެ. އިންޑިއާއަކީވެސް ، އެޤައުމުގެ ވަކިބަޔެއްގެ ނަޒަރުގައި ރިޔާސީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ޖެހޭ ޤައުމެކެވެ. އެކަމާބެހޭގޮތުން ބަހުސްވެސް ކުރެވިފައި އެބަވެއެވެ.

ރިޔާސީ ނިޒާމުގެ އެންމެ ބޮޑު ފޮނިމީރުކަމަކީ ރައްޔިތުންގެ ބަހެވެ. ރައްޔިތުންގެ އަޑެވެ. ބަރުލަމާނީ ނިޒާމުގައި ކަނޑުވައި ލެވިފައި އޮންނަނީ ރައްޔިތުންގެ ބަހެވެ. ރައްޔިތުންގެ އަޑެވެ. ރިޔާސީ ނިޒާމުގައި ، ރައީސަކު ވެރިކަން ކުރަންޖެހެނީ ރައްޔިތުންގެ ބަހާއި އަޑު އަހައިގެން ، ރައްޔިތުން ބޭނުންވާ ގޮތަކަށެވެ. ބަރުލަމާނީ ނިޒާމުގައި ، ބޮޑުވަޒީރަކު ހުރެގެން ،  ރައްޔިތުންގެ ބަހާއި އަޑު އޮންނަނީ ކަނޑުވާލެވިފައެވެ.

ރިޔާސީ ނިޒާމަކީ ، ކުދި ޤައުމުތަކަށް އެންމެ ކަމުދާ ނިޒާމެވެ. އެހެނަސް ، ތިންހަތަރު ޤަރުނުވީއިރުވެސް ، ދުނިޔޭގެ ގިނަ ޤައުމުގައި ، މި ނިޒާމުގެ ފޮނިމީރުކަމެއް ނުލިބެއެވެ. އެ ފޮނިމީރުކަން ނުލިބުމަށް އެތައް ސަބަބުތަކެއް މެދުވެރިވެއެވެ. އޭގެ ތެރޭގައި ތަފާތު ޕާޓީތަކަށް ޤައުމު ބައިބައިވެ ، ފިތުނަ ފަސާދަ އުފެދިފައި އޮތުމަކީ އެންމެ ބޮޑު އެއް ސަބަބެވެ. ޕާޓީތަކުގެ މެދުގައި އުފެދޭ ކޯޅުންތަކުގައި ރައްޔިތުންނަށް މަގުއޮޅި ، ރައްޔިތުންގެ މައްޗަށް ބާރާއި ފައިސާގެ ނުފޫޒު ފޯރުވިފައި އޮތުމަކީވެސް ނޭދެވޭ އެއް ސަބަބެވެ. ކުދި ޤައުމުތައް ހަލާކުވެ ، ބައިބައިވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޤައުމުތަކުގައި ޕާޓީތައް އުފެދުމެވެ. ކުޑަ މުޖުތަމަޢެއްގައި ދިރިއުޅޭ މަދު އާބާދީއެއްގައި ސިޔާސީ ތަފާތު ފިކުރުތައް އުފެދި ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ގަދަވެގަތުމަށް ދެކޮޅުވެރި ޙަރަކާތްތަކުން ސިޔާސީ ހަނގުރާމަ ކުރުމަކީ ކުދި ޤައުމުތަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެވެ. އެހެންކަމުން ، ޕާޓީ ނިޒާމަކީ ކުދި ޤައުމުތަކުގެ ހަލާކުކަމަށް ދުނިޔެއިން ސާބިތު ވެއެވެ. ހަމަ އެއުޞޫލުން މިހާރު ތަޖުރިބާ ކުރެވެމުން މިދާ ޕާޓީ ނިޒާމަކީ ، ދިވެހިރާއްޖެޔަށްވެސް ކަމުދާ ނިޒާމެއްނޫނެވެ. އެއީ ، ރާއްޖޭގެވެސް ހަލާކަށް ވުން ދުރެއްނޫނެވެ.

 

ޕާޓީ ސިސްޓަމަކީ ، ޑިމޮކްރަސީގެ ހަމަތަކުން ވެރިކަން ހިންގާ ޤައުމެއްގައި ، ވެރިކަމުގެ އިންތިޒާމްތައް ތަރުތީބު ކުރުމަށްޓަކައި ސިޔާސީ ޕާޓީއެއް ނުވަތަ ޕާޓީތަކެއް ގުޅިގެން ހިންގާ ސިޔާސީ ޙަރަކާތެކެވެ. ސިޔާސީ ޕާޓީއެއްގެ މަޤްޞަދަކީ ، އިންތިޚާބުތަކުގައި ވާދަކޮށްގެން ވެރިކަމުގެ ނިޒާމަށް އައުމެވެ. އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ، ސިޔާސަތުތައް ކަނޑައަޅައިގެން ، މެނިފެސްޓޯ ހިފައިގެން ރައްޔިތުންގެ ގާތަށްގޮސް ، ރައްޔިތުންނަށް ވިސްނައިދީގެން ނުވަތަ ހައްލައިގެން އެމެނިފެސްޓޯ ވިއްކައިގެން ވޯޓު ހޯދުމަކީ ، ސިޔާސީ ޕާޓީއެއް ވެރިކަމަށް އައުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ.

އިންތިޚާބުތަކުން ކާމިޔާބުނުވާ ޕާޓީ ނުވަތަ ޕާޓީތައް އޮންނާނީ ސަރުކާރާ ދެކޮޅު ބައެއްގެ ގޮތުގައެވެ. ސަރުކާރުން ކުރާ ހުރިހާކަމަކަށް ހުރަސް އަޅައި ގޮންޖަހައި ، ވެރިކަން ކުރަން އުނދަގޫވާހާ ކަމެއް އިދިކޮޅު ޕާޓީތަކުން ކުރާނެއެވެ. ސަރުކާރާމެދު ، ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި ، މަޤްބޫލުކަން ކަނޑުވައި ، ސަރުކާރުގެ ކުށް ހޯދުމުގައި އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނެއެވެ. އިދިކޮޅު ޕާޓީއެއްގެ ނަޒަރުގައި ، ސަރުކާރުން ، ނުވަތަ ސަރުކާރު ހިންގާ ޕާޓީން ރަނގަޅު ހަމަ އެއްވެސްކަމެއް ނުކުރާނެއެވެ.

އެންމެ ޢަޖައިބުވާންޖެހޭ ކަމަކީ ، ސައިންސްގެ ނަޒަރުން ވިސްނާއިރު ، ޕާޓީތަކެއް ނެތި ޑިމޮކްރަސީއެއް ދެމިއޮވެދާނެކަމަށް ޤަބޫލު ނުކުރެވުމެވެ. ބައެއް ޤައުމުތަކުގައި ، އެއްޕާޓީއެއް ހިންގާ ވެރިކަންވެސް އެބަ އޮވެއެވެ. އަނެއްބައި ޤައުމުގައި ރަސްކަމެއް އޮވެމެ ، ސިޔާސީ ޕާޓީތަކުން ވެރިކަންކުރާ ޤައުމުތައް އެބަހުއްޓެވެ. މެލޭޝިއާ އެއީ އޭގެ މިސާލެކެވެ. ދެޕާޓީއެއް އޮވެގެން ވެރިކަން ހިންގާ ޤައުމުތައްވެސް އެބަހުއްޓެވެ. އެމެރިކާއަކީ އޭގެ މިސާލެކެވެ. ދެން ހުންނަނީ އެއްޕާޓީއަށްވުރެ ގިނަޕާޓީ އުފެދިފައި ހުންނަ ޤައުމެވެ. އޭގެ ތެރޭގައި ޕާޓީ ނިޒާމް ހިންގާ ވަރަށްގިނަ ޤައުމުތައް ހިމެނެއެވެ.

ގިނަބަޔަކު ދެކޭގޮތުގައި ގިނަޕާޓީތަކެއް އޮވެގެން ސަރުކާރު ހިންގާ ޤައުމުތަކުގައި ، އިޖްތިމާޢީ އަދި ސިޔާސީ މައްސަލަތައް ބޮޑެވެ. ޤައުމުގެ ޙާލަތު ގޯހުން ގޯހަށް ބަދަލު ވެއެވެ. ފަސާދަ އާއި ޢަދްލުގެ ނިޒާމް ބޮއްސުން ލައެވެ. ވެރިކަމާ ތޮޅޭމީހުން ގިނައެވެ. ވެރިކަމުގެ ނިޒާމަށްވެސް ، ޝަރުޢީ ދާއިރާއަށްވެސް އަދި ޤާނޫނުހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންކުރާ އިތުބާރު ކުޑައެވެ. ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެ ، ހަމަނުޖެހުންތައް އިތުރު ވެއެވެ. ޚާއްޞަކޮށް ކުދި ޤައުމުތަކުގައެވެ. ދިވެހިރާއްޖެއަކީ އޭގެ ފުރިހަމަ މިސާލެކެވެ.

 

ޑިމޮކްރަސީގެ އަސާސަކީ ، ރައްޔިތުންގެ މެދުގައި ، ޢަދްލު އިންސާފު ޤާއިމްކޮށް ، ރައްޔިތުންގެ ޙިއްޞާއޮވެ ، ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ، ރައްޔިތުންގެ ބަހުން ، ރައްޔިތުން ނިންމާ ސިޔާސީ ނިންމުންތަކަކުން އުފަންވާ ، ޢަދްލު އިންސާފު ޤާއިމްވެ އޮންނަ ފުރިހަމަ ނިޒާމެކެވެ. ރައްޔިތުންނަށް އެންމެ ރަނގަޅުވާނެގޮތް ކަނޑައަޅާނީ ރައްޔިތުންނެވެ. ސަރުކާރުން ޢަމަލުކުރާނީ ރައްޔިތުން ކަނޑައަޅާ ނިންމާ ގޮތަކަށެވެ. އެކަންކަން ނިމިގެންދާނީ ، ރައްޔިތުންނާއި ސަރުކާރު މަޝްވަރާކޮށް ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްގޮތަށެވެ. ސަރުކާރުން ނުވަތަ ސަރުކާރު ހިންގާ މީހަކު ނުވަތަ ޕާޓީއެއް ބޭނުންވާހާ ގޮތަކަށް ، އެކަންކަމެއް ނުނިންމޭނެއެވެ. ސިޔާސީ ނުފޫޒަކީ ، ރައްޔިތުން ބޭނުންވާ ގޮތުގެމައްޗަށް ބާރުފޯރާނެ ކަމެއްނޫނެވެ. ރައްޔިތުންގެ ވެރިކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަކަށެވެ. ޤާނޫނީ ބާރަކުން ވާގިލިބިގެންވިޔަސް ، ވަކިމީހަކު ބޭނުންވާ ގޮތަކަށް ނޫނެވެ.

ޑިމޮކްރެޓިކް ނިޒާމެއްގައި ، ރައްޔިތުން ގޮތްނިންމަންވާނީ ، ފަރުދީ ޒިންމާ އިސްކޮށްގެންނެވެ. ވަކިމީހެއްގެ ވަކި ޕާޓީއެއްގެ އަދި އަމިއްލަ މަޞްލަޙަތު އިސްކޮށްގެން ނުވާނެއެވެ. އެ ނިންމުންތައް ވާންޖެހޭނީ ، ޤައުމަށް ފައިދާހުރި ނިންމުމަކަށެވެ. އަސާސެއްނެތް ޙުއްޖަތާއި ސަބަބާ އަދި ގޮތް ދޫނުކުރުމާއި ، ދޮގު އިލްޒާމާއި ބަދުނާމުން ، އަމިއްލަ ނަފުސުގެ އަޅުންނަށްވެ ތިބެ ، ފަރުދީ ޒިންމާގެ ދަށުން ، ޤައުމަށް ފައިދާހުރި ގޮތްތަކެއް ނުނިންމޭނެއެވެ. ޕާޓީގެ މަޞްލަޙަތާއި ވަކިމީހަކު ބޭނުންވާގޮތަކީ ޑިމޮކްރަސީގެ ނިޒާމު ފަސާދަކުރާ ފަންޏެކެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގައި މިފެންނަ ޑިމޮކްރެޓިކް ނިޒާމަކީވެސް ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ ނިޒާމެއްނޫނެވެ. މި ނިޒާމް އުފެދުނީ ، މީލާދީ ސަނަތުން 5 ވަނަ ޤަރުނުގައި ގްރީކުގައެވެ. ރައްޔިތުންގެ ވެރިކަން ޝިޢާރަކަށް ބަލައިގެންނެވެ. މި ނިޒާމަށް 15 ޤަރުނު ވީއިރުވެސް ، އަދިވެސް އޭގެ އަސްލުގޮތުގައި ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހިނގަމުންދާ ނިޒާމެއްނޫނެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުހިންގޭ ނިޒާމެއް ، ރާއްޖެޔަކުވެސް ނުހިންގޭނެއެވެ. ޑިމޮކްރެޓިކް ނިޒާމަކީ ، ރަނގަޅު އަދި ހަރުދަނާ ނިޒާމެކެވެ. އެ ނިޒާމް ހަލާކުވަނީ ، ވެރިކަމުގެ ދަހިވެތިކަމުގައި ، ޤައުމަށްވުރެ އަމިއްލަ އެދުން އިސްކުރާމީހުންގެ ސަބަބުންނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ، ޑިމޮކްރަސީ ހިންގުމުގައި ދިމާވާ އެންމެ ބޮޑު މައްސަލަޔަކީ އެއީއެވެ. ވެރިކަމަށް ބޫތުކައިގެން ، ކޮށްފަ ނުކުރާނެ ކަމެއް ނުއޮންނަ މީހުން ، ޤައުމު ފަސާދަކުރަމުން ގެންދާތީއެވެ. ހަމައެއް ލަމައެއްނެތި ، ކޮންމެ ޙާލެއްގައިވެސް ވެރިކަމާތޮޅުން ކަށީގައި ހިފާފައިތިބޭ ބައެއްގެ ސަބަބުން ، އިޖްތިމާޢީ ފޭރާން ވީދި ޤައުމުގެ މަޞްލަޙަތު ގެއްލިގެންގޮސް ފާލުން ނައްޓާތީއެވެ. ދީނަކަށް އަދި ދުނިޔަވީ ހަމަތަކަށް ނުބަލައި ، ވެރިކަން ނޫންއެއްޗެއް ބޮލުގައި ނެތި ، ބޮލުރޮދި ކެނޑިފައިތިބޭ ބައެއްގެ ޢަމަލުތަކުން ޤައުމު ހަލާކުވެގެން ދިއުމަކީ ، ކުރިޔަށް އޮތް އެތައްޖީލަކަށް ލިބިގެންދާ ގެއްލުމެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ، މިފަދަ އެތައްކަމެއް ލިޔެވިގެންދާނެއެވެ.

ޕާޓީ ނިޒާމަކީވެސް އަދި ބަރުލަމާނީ ނިޒާމަކީވެސް ، ރާއްޖެފަދަ އާބާދީ ކުޑަ ، ކުޑަ ޤައުމަކަށް ވެރިކަން ހިންގަން އެންމެ ކަމުދާ ނިޒާމެއް ނޫނެވެ. އެހެނަސް ، ޑިމޮކްރަސީގެ ނިޒާމަކީ ، އޭގެ ލާބައާއި މަންފާ އަދި ފޮނިމީރުކަން ރައްޔިތުންނަށް ލިބޭގޮތަކަށް ހިންގިއްޖެނަމަ ، ރާއްޖެއަށްވެސް އޭގެ ލާބައާއި މަންފާ ލިބިގެންދާނެ ނިޒާމެކެވެ. ރިޔާސީ ކަމަށްވިޔަސް އަދި ބަރުލަމާނީ ކަމަށްވިޔަސް ޑިމޮކްރަސީގެ ހަމަތަކަކީ ، އެއިން ކޮންމެ ވެރިކަމެއްގައިވެސް ، ނުފިލާ އޮންނަންޖެހޭ އެއްޗެކެވެ.

ބަރުލަމާނީއަކީ ޙައްލެއް ނޫނެވެ. ޙައްލަކީ ޑިމޮކްރަސީއެވެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ އަޑާއި ބަހެވެ. ބަރުލަމާނީގައި ، ރައްޔިތުންގެ ބަހާއި އަޑު އޮންނަނީ ކަނޑުވައިލެވިފައެވެ. ބޮޑުވަޒީރު ކަމަކީ ރާއްޖެފަދަ ކުޑަ ޤައުމެއް ހަލާކުކޮށް ނިކަމެތިކޮށް ، ދީނާއި ޤައުމިއްޔަތު ވިއްސި ވިހާލިކޮށްލުމަށްޓަކައި ބޭނުންކުރެވިދާނެ ހަތިޔާރެކެވެ. ޤައުމުތަކުން ބަރުލަމާނީއާ ދުރަށްދާ އެންމެ ބޮޑު އެއްސަބަބަކީ އެއީއެވެ. ޖަވާބުދާރީ ވުމާއި ޒިންމާއަދާކޮށް ދެފުށް ފެންނަގޮތަށް ވެރިކަން ކުރުމުގައި ރިޔާސީ ނިޒާމުގެ ހަރުދަނާކަން މާބޮޑެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.