ލީޑަރުންގެ ޞިއްޙީ ޙާލުކޮޅު

 

ހިލަރީ ކްލިންޓަނަކީ ، ޞިއްޙީ ނުކުޅެދުންތެރިކަމަކީ ، މަޤާމުގެ މަސްއޫލިއްޔާއި ވާޖިބު އަދާކުރުމުގައި ހުރަހެއްނޫންކަން ދައްކައިދިން ޝަޚުޞިއްޔަތެކެވެ. އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ޖޯން އެފް ކެނެޑީއަކީ އޮޓޯއިމިއުންގެ ބަލިމަޑުކަމެއް ހުންނަ ބޭފުޅެކެވެ. ފަރަންސޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މިޓަރޭންޑަކީ ކެންސަރުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެކެވެ. އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ވިންސްޓަން ޗާޗިލަކީ ޑިޕްރެޝަން ހުންނަ ބޭފުޅެކެވެ. އަދި ހާޓް އެޓޭކަކާއި ސްޓްރޯކެއް ވެސް ޗާޗިލްއަށް ޖެހިވަޑައިގަތެވެ.

ދުނިޔޭގެ ލީޑަރުން ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވާއިރު ، އެއީ އެއްވެސް ބަލިމަޑުކަމެއް ހުންނަ ބޭފުޅެއްކަމެއް ގިނަމީހުންނަކަށް ނޭނގޭނެއެވެ. އެބޭބޭފުޅުންގެ ބަލިމަޑުކަން ، ގިނަފަހަރަށް ޢާންމުވާނީ ވެރިކަމަށް ވަޑައިގަތުމަށްފަހުގައެވެ. އެހެންނަމަވެސް ، ވެރިކަން ކުރެއްވުމުގައި އެބޭފުޅުންގެ ހުންނަ ބައްޔެއް ހުރަހަކަށް ނުވެއެވެ.

ޢާންމު ގޮތެއްގައި އިންސާނާގެ ޢުމުރުން 60 އަށްވުރެ މަތިވީމާ ، ހަށިގަނޑުގައި ކޮންމެވެސް ބައްޔެއް އުފެދޭނެއެވެ. ހަކުރު މަތިވެދާނެއެވެ. ލޭ މައްޗަށް ހިނގައިދާނެއެވެ. ލޮލުގެ ފެނުން ދަށްވާނެއެވެ. އަޑުއިވުމަށް އަސަރު ކުރާނެއެވެ. ބުރަކަށީގައި ރިއްސާނެއެވެ. ހުޅުހުޅުގައި ރިއްސާނެއެވެ. ކަށީގެ ދުޅަހެޔޮކަން ކެނޑޭނެއެވެ. އިސްކޮޅުން ކުރުވާނެއެވެ. އެއީ ކަށިތައް ބަލިވެ ، މައިބަދަ ގުދުވެ ހަށިގަނޑު ތެދަށް ނުބެހެއްޓޭނެތީއެވެ. ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް އުފެދޭނެއެވެ. ކިޑްނީގެ ބަލިތައްޖެހުން ގާތްވާނެއެވެ. ހިތުގެ ބަލިތައް އުފެދޭނެއެވެ.

ދުނިޔޭގެ ގިނަ ލީޑަރުންގެ އެވްރެޖް ޢުމުރަކީ 50 އިން މައްޗެވެ. އެހެންކަމުން ބައްޔަކާނުލައި ވެރިކަންކުރާ މަދު ލީޑަރެއް ނޫނީ ނުހުންނާނެއެވެ. ހަމައެއާއެކު ، އެލީޑަރުންގައި ބައްޔެއް ހުރިނަމަ އެކަމެއް ސިއްރުވެސް ކުރާނެއެވެ. އެއީ އެބައިމީހުންގެ އަމިއްލަ ކަމަކަށްވާތީއެވެ. އެއީ ކޮންމެހެން އެންމެންނަށް އެނގެންޖެހޭނެ ކަމަކަށް ނުވާތީއެވެ. އެއީ ޢާންމު ކަމެކެވެ. އެއީ މައްސަލައެއް ނޫނެވެ. އަދި އެއީ ، ވެރިކަންކުރާ ފަރާތްތަކަށް މަލާމާތް ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. އެއީ ޤުދްރަތީ ނިޒާމެކެވެ. އިންސާނާގެ އުފެދުމާ ގުޅިފައިހުންނަ ކަމެކެވެ. މަލާމާތްކުރާ މީހުންގެ ކިބައިގާ މާގިނަބަލިވެސް ހުރެދާނެއެވެ.

ހިލަރީ އާއި ކްލިންޓަން ، އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރެއްވިއިރު ، ހިލަރީގެ ޞިއްޙީ ހާލަތާމެދު ޓްރަމްޕް ސުއާލު އުފެއްދެވިއެވެ. ހިލަރީ އެސުއާލަށް ޖަވާބު ދެއްވީ ، ދަންވަރުގެ މޫވީއަކަށް ވަޑައިގެންނެވެ. ޓްރަމްޕަކީވެސް ބަލި ބޭފުޅެކެވެ. ހިލަރީއާ އެސުއާލު ކުރެއްވި އިރު ، އޭނާގެ އަމިއްލަ ބަލި އޮތީ ސިއްރު ކުރައްވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންއަކީ 4 އަހަރުގެ ދެ ދައުރުގައި އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރޭގަންއަކީ ، ހަނދާން ނެތުމުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެކެވެ. އެއީ ސިކުނޑިޔަށް ޖެހޭ ބައްޔެކެވެ. މީހުން ދަންނަވާ ސުއާލު އިތުރަށް ސާފުކުރައްވަން އައްސަވައެވެ. ރޭގަންގެ ރިޔާސީ ދެދައުރު ފުރިހަމަ ކުރެއްވީ 1981 އިން 1989 އަށެވެ.

އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ޖޯން އެފް ކެނެޑީއަކީ ، އޮޓޯއިމިއުންގެ އާލާސްކަންފުޅު ހުންނަ ބޭފުޅެކެވެ. އޮޓޯއިމިއުންގެ ބަލިތަކަށް ސްޓެރޮއިޑް ބޭނުން ކުރައްވައެވެ. އެމެރިކާގެ ރައީސްކަމަށް ކެނެޑީ އިންތިޚާބުވެވަޑައިގަތީ ޢުމުރުފުޅުން 43 އަހަރުފުޅުގައެވެ. ގިނައިރު ކޮޅަށް ހުންނަވަން އުނދަގުލެވެ. ވަރަށް އަވަހަށް ޠަބީޢަތް ބަދަލު ވެއެވެ. ކެނެޑީވަނީ ދެފަހަރަކު ވެއްޓިވަޑައިގެންފައެވެ. ފުރަތަމަ ވެއްޓިވަޑައިގަތީ ކޮންގްރެސްގެ ދަތުރެއްގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އުޅުއްވަނިކޮންނެވެ. ވިޓަމިންސީ 500 މިލިގްރާމްގެ ދެގުޅަ އާއި ޕްރެޑްނިޒޯން 2.5 މިލިގްރާމްގެ 1 ގުޅަ އަދި ލިއޮތީރޯން 25 މިލިގްރާމްގެ 1 ގުޅަ ދުވާލަކު ދެފަހަރު ފަރީއްކުޅުއްވައެވެ. މެތީލްޓެސްޓޮސްތެރޯން 10 މިލިގްރާމުގެ 1 ގުޅައާއި ފްލަޑްރޮކޯރޓޮޒޯން 0.1 މިލިގްރާމުގެ 1 ގުޅަ ފަރީއްކުޅުއްވައެވެ. މީގެ އިތުރަށް ، ޑައެނޮކްޒީލޭޓް ހައިޑްރޮކްލޮރައިޑް އާއި އެޓްރޯޕައިން ސަލްފޭޓްގެ ދެގުޅަ އެއަށް ބޭނުންވުމުން ފަރީއްކުޅުއްވައެވެ. އެހެންކަމުން ކެނެޑީއަކީ އެމެރިކާގެ ރައީސުންކުރެ އެންމެގިނަ ބޭސް ފަރިއްކުޅުއްވައި އުޅުއްވި ރައީސެވެ.

އެމެރިކާގެ ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ، ރޫޒުވެލްޓަކީ 1921 ގައި ، ޢުމުރުފުޅުން 38 އަހަރުފުޅުގައި ޕޯލިއޯ ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ދެފައިންޕުޅަށްވެސް ޕޯލިއޯ ޖެހިވަޑައިގަތެވެ. ޖެހިގެންއައި އަހަރު އެމެރިކާގެ ނައިބުރައީސްކަމަށް ވާދަ ކުރެއްވިއެވެ. ރޫޒްވެލްޓްގެ އާލާސްކަންފުޅަކީ އޭނާގެ ސިޔާސީ ޙަޔާތްޕުޅަށް އަސަރުކުރި ކަމަކަށް ނުވިއެވެ. 1928 ގައި ، ނިއުޔޯކްގެ ގަވަރުނަރުކަން ހޯއްދެވިއެވެ. އަދި ހަރބަޓް ހޫވަރއާ ވާދަކުރައްވައި 1932 ގައި އެމެރިކާގެ ރައީސްކަމަށް ވަޑައިގަތެވެ. އެމެރިކާގެ ތާރީޚުގައި ، 4 އަހަރުގެ ރިޔާސީ ދެދައުރަށްވުރެ ގިނަދުވަހު ވެރިކަން ކުރެއްވި ހަމައެކަނި ރައީސަކީ ރޫޒްވެލްޓެވެ. 1945 ގައި ރޫޒްވެލްޓް އަވަހާރަ ވަންދެން ހުންނެވީ އެމެރިކާގެ ރައީސް ކަމުގައެވެ. 1944 ގައި ރޫޒްވެލްޓްގެ ބަލިތައް އިތުރުވިއެވެ. އެހެނަސް އެކަން އޮތީ ޢާންމުންނަށް ސިއްރު ކުރެވިފައެވެ. 1944 ގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައިވެސް ، އޭނާގެ ޞިއްޙީ ޙާލުކޮޅު ރަނގަޅުކަމަށް ޢާންމުންނަށް ދެއްކިފައި ވެއެވެ. ޙަޤީޤަތާ ޚިލާފަށެވެ.

ފަރަންސޭސިވިލާތުގެ ރައީސެއްކަމުގައިވާ ފްރާންސެސް މިޓަރޭންޑަކީ ކެންސަރުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެކެވެ. އޭނާ އަވަހާރަވީ ، ރިޔާސީ ދެދައުރު ނިންމެވިތާ އެއްއަހަރު ފަހުންނެވެ. 1981 އިންފެށިގެން 1995 އާ ހަމަޔަށް ، މިޓަރޭންޑްގެ ޞިއްޙީ ޙާލުކޮޅު އޮތީ އާންމުންނަށް ސިއްރު ކުރެވިފައެވެ. އޭނާގެ އަމިއްލަފުޅު ޑޮކްޓަރުންގެ ފަރާތުންވެސް ބަލީގެ އެއްވެސް ކަމެއް ހާމަ ކުރެވިފައެއް ނުވެއެވެ. އެހުރިހާ ދުވަހަކު މިޓަރޭންޑް ގެންދެވީ ކެންސަރުގެ ފަރުވާއަށް ތެރަޕީ ނަންގަވަމުންނެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ހެރަލްޑް ވިލްސަންއަކީވެސް ކެންސަރުގެ އާލާސްކަންފުޅެއް ހުރި ބޭފުޅެކެވެ. ރޭގަނެކޭ އެއްފަދައިން ، ހެރަލްޑް ވިލްސަންއަކީވެސް ހަނދުމަފުޅު ނެތޭ އާލާސްކަންފުޅުވެސް ހުންނަ ބޭފުޅެކެވެ. ހެރަލްޑް ވިލްސަން ތަޤްރީރު ކުރައްވާއިރު ، ތަޤްރީރުގެ ބައިތައް ހުންނަންޖެހެނީ ވަކި ގޮތަކަށް ތަރުތީބު ކުރެވިފައެވެ. ހަނދުމަފުޅުނެތިގެން ގޯހެއް ނުހެއްދެވޭވަރަށް އެކަން ކުރެވިފައި އޮވެއެވެ. ވިލްސަން އަމިއްލަފުޅަށް މުސްކުޅިފުޅުވެ މަޤާމުން ވަކިވެވަޑައިގަތީވެސް ، ހަނދުމަފުޅުނެތުމުގެ އާލާސްކަންފުޅާ ހުރެއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޗާޗިލްއަކީ ޑިޕްރެޝަންގެ އާލާސްކަންފުޅު ހުންނަ ބޭފުޅެކެވެ. އެކަމުން ދުރުހެލިވެވަޑައިގަތުމަށްޓަކައި ޗާޗިލް ކުރެއްވި މަސައްކަތްޕުޅަކީ ، ކުރެހުމެވެ. ޗާޗިލްއަކީ ހަނގުރާމައިގެ ބަޠަލުގެ ނަމުން އިނގިރޭސިވިލާތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ އެންމެ ހޫނުވި ދުވަސްވަރު ސިނގިރެޓް ހިއްޕަވާއިރު ސޮލޭސް ބޭނުންކުރެއްވިއެވެ. އެއީވެސް އާލާސްކަންފުޅާ ދުރުވެވަޑައިގެންނެވުމަށްޓަކައެވެ. އެމެރިކާގެ ވައިޓްހައުސްގައި އިންނަވަނިކޮށް 1941 ގައި ޗާޗިލްއަށްވަނީ ހާޓްއެޓޭކެއް ޖެހިވަޑައިގެންފައެވެ. ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރު ނިމެމުނ އައިއިރު ، ޗާޗިލްގެ ޞިއްޙީ ޙާލުކޮޅު އޮފީސް ނުހިންގެވޭވަރު ވިއެވެ. މުސްކުޅިފުޅު ވުމާއި އާލާސްކަންފުޅާގުޅިގެން އޮފީހުގެ ގިނަ ކަންކަން އެދުވަސްވަރު ، ޗާޗިލް ނިންމަވައިފައިވަނީ ބަލިއެނދުގައި އޮންނަވައެވެ.  1949 ގައި ޗުއްޓީއެއްގައި އުޅުއްވަނިކޮށް ހާޓްއެޓޭކެއް ޖެހުނެވެ. އޭގެފަހުން ، އޮފީހުގައި އިންނަވަނިކޮށްވެސް 1953 ގައި ހާޓްއެޓޭކެއް ޖެހިވަޑައިގަތެވެ.

ވާގިނެތޭބަލި ހަށިކޮޅުގެ އެއްފަރާތަށް ޖެހިފައި އޮންނަވައިގެން އެކަން އެހެން މީހުންނަށް ނާންގަވައި ކެބިނެޓް މީޓިންގއެއް ބޭއްވެވިއެވެ. އެ ހަފުތާގެ ބަންދާ ހަމަޔަށްވެސް ޗާޗިލް ދުނިޔޭގައި އޮންނަވާނެކަމުގެ ޔަޤީންކަމެއް ޑޮކްޓަރުންނަށް ނެތް ޙާލަތެއްގައެވެ. ކެބިނެޓަށާއި ޢާންމުންނަށް އެކަން އޮތީ ސިއްރު ކުރެވިފައެވެ. ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކާ ޗާޗިލް ދުރުހެލިވެވަޑައިގަތީ 1955 ގައެވެ. އޭގެ އެއްއަހަރު ފަހުންވެސް ޗާޗިލްއަށް ސަޓްރޯކެއް ޖެހިވަޑައިގަތެވެ.

އިނގިރޭސި ބޮޑުވަޒީރު ، ޓޯނީ ބްލެއަރ އަކީވެސް ، ހިތްޕުޅުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެކެވެ. ބޮޑުވަޒީރުގެ ރަސްމީގެއިން ، 2004 ގައި ބްލެއަރ ވަނީ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެވިފައެވެ. ބްލެއަރ އަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓެވުމަށްޓަކައި ވަރަށް ގިނައިން ކަސްރަތު ކުރައްވާ ބޭފުޅެކެވެ. އެވަރަށް ކަސްރަތު ކުރައްވާ އިރުވެސް ، ޢުމުރުފުޅުން 51 އަހަރުގައި ބްލެއަރގެ ބަރުދަނުގައި 83 ކިލޯ ހުށްޓެވެ. ބްލެއަރ އަކީ ޢާންމު ގޮތެއްގައި ކަސްރަތު ކުރެއްވުމުގެ އިތުރަށް ޓެނިސް ކުޅުއްވާ ބޭފުޅެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.