ފަލްސަފާ - 13

(6 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހެނދުނުގެ ނާސްތާގެ ވަގުތު ، މުރުތަޟާމެންގޭގެ ސުފުރާމަތީގައިވެސް އޮތީ ހަމަހިމޭންކަމެވެ. ޠާހިރާ އަދިވެސް ހުރީ ކަންބޮޑުވެފައެވެ. މުރުތަޟާއިނީ ، ސައިފޮދެއް ބޯލާނެ ހިތްވަރުވެސް ނެތިފައެވެ. ޙަފުޞާގެ ގޮތްދޫނުކުރުން އެހުރިގޮތަކަށް ހުއްޓެވެ. ޙަފުޞާނޫން މީހަކު އަނގައިންވެސް ބުނެ ނުލައެވެ. އެހެން އެއްވެސް މީހެއްގެ ދިރުމެއް ނެތެވެ.

މިއަދު އޮފީސް ނިމުނަސް ނުނިމުނަސް ، ތަންކޮޅެއް އަވަހަށް ، މުރުތަޟާ ގެޔަށް އަންނަން ޖެހޭނެކަމަށް ޙަފުޞާ އެންގިއެވެ. ޙަފުޞާ ބޭނުންވީ ތަހުނިޔާއަށް ހަދިޔާ ގަތުމަށްޓަކައި ރަންވިއްކާ ފިހާރަތަކަށާއި ޝޮޕިންމޯލަކަށް ޖައްސައި ލުމަށެވެ. ނޫރުއަށް ހޯދައިދިން ހަދިޔާތައް ގެނެސްދީފައި އެބަހުއްޓެވެ. އެއިން އެއްޗެއް ތަހުނިޔާއަށް ދޭކަށް ޙަފުޞާ ބޭނުމެއް ނޫނެވެ. ތަހުނިޔާއަށް ހަދިޔާ ކުރަންޖެހޭނީ މުޅިން އާ ތަކެއްޗެވެ. ދަތިކޮށް އުޅުނަސް ، އެކަން އެގޮތަށްކުރަން ޙަފުޞާ ބޭނުމެވެ.

މުރުތަޟާއަށް ވަޒީފާގެ ކުރިއެރުން ލިބި ، މުސާރަ ބޮޑުވީ ދާދި އިހަކަށްދުވަހުއެވެ. ވަޒީފާގެ ކުރިއެރުމާގުޅިގެން އޭނާގެ  ބޮލުގައިވަނީ ، އިތުރު ޒިންމާއާއި މަސްއޫލިއްޔަތު އެޅިފައެވެ. މިއަދަކީ ވަރަށް ގިނަކަންކަން ކުރަން ރާވާފައިއޮތް ދުވަހެކެވެ. އެހާ އަވަހަށް ގެޔަކަށް ނާދެވޭނެއެވެ. ހިތްނުތަނަވަސްކަމާއެކު އިނދެ މުރުތަޟާގެ ޙާލަތު ބަޔާންކުރަމުން ގެންދިޔައެވެ.

މުރުތަޟާ ކިތަންމެ ބުރަކޮށް އުޅުނަސް ، މިއަދު ހަވީރު ނައިހެއް ނުވާނެއެވެ. މިރޭގެ ރޭގަނޑުގެ ކެއުމަށް ، ހަފުޞާމެން އެންމެންނަށް ސާޖިދާ އޮތީ ދަޢުވަތު ދީފައެވެ. މުރުތަޟާވެސް އަދި ޠާހިރާވެސް ޙަފުޞާއާއެކީ އެގެޔަށް ދާން ޖެހޭނެއެވެ. އެކަން ނުކުރެވޭވަރުގެ ކަމެއް އެއްވެސް މީހަކަށް ދިމާވެގެންނެއް ނުވާނެއެވެ. އެއީ ، އަހަރެމެންގެ އަބުރާއި ތަޞައްވުރާ ގުޅިފައި އޮތް ކަމެކެވެ. ޙަފުޞާގެ ހަރުކަށިކަން ދައްކަމުން އަމުރު ކުރިއެވެ.

މަންމަ ކިތަންމެ ވަރަކަށް ބުންޏަސް ، މުރުތަޟާއަކަށް ހަވީރަކު ނާދެވޭނެއެވެ. އޭނާ މިއަދު ނިންމަންހުރި މަސައްކަތްތަކަކީ ކުރިން ރާވައި ހަމަޖެހިފައިހުރި ކަންތައްތަކެކެވެ. އެކަންތައްތައް ނުކޮށް މުރުތަޟާއަށް އެހެންކަމެއް ކުރެވޭކަށް ނޯންނާނެއެވެ.

" ނޫރުލްޢައިނުގެ ފަރާތުން އަހަރެމެންނަށް ލިބުނު ތަކުލީފުން ސަލާމަތްވާންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. މުރުތަޟާވެސް ، އެއަންހެންކުއްޖާގެ މަތިން ހަނދާންކޮށް ، މުރުތަޟާ ކުރަންޖެހޭ ކަންކަމަށް އެކަމުގެ އަސަރު ކުރިޔަ ދީގެން ނުވާނެއެވެ. ގުޅުމަކީ ކިހާވަރެއްގެ އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަން އަހަރެމެން ދައްކަން ޖެހޭނެއެވެ. ނޫރުލްޢައިނުގެ ބާބު މިހިސާބުން މި ނިމުނީއެވެ. ދެން އޮތީ އަހަރެމެންގެ ނިންމުން ތަންފީޒު ކުރުމެވެ. އަހަރެމެންނަކީވެސް ކަންކަން ކުރެވޭ ބައެއްކަން ނޫރުލްޢައިނަށް އަންގައިލުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. " ޙަފުޞާ އަމުރުވެރި ފާޑަކަށް ބުންޏެވެ.

މަންމަ ބޭނުންވާކަމެއް ބޭނުންވާ ގޮތަކަށް ކުރިޔަށް ގެންދިއުމަށް މުރުތަޟާ އެދުނެވެ. އަދި އޭނާއަށް އިތުރު ތަކުލީފެއް ލިބޭގޮތަށް ކުރާކަމެއްގައި އޭނާގެ ބައިވެރިވުން ނުބޭއްވުމަށް އެދުނެވެ. އެއްވެސްތާކަށް ދާކަށް މުރުތަޟާ މިހާރު ބޭނުމެއް ނުވެއެވެ. ހިތްހަމަ ނުޖެހި އިނދެ ، ސައިތަށީގެ އެއްބައި ބޮއިލުމަށްފަހު ، އެއްވެސް އެއްޗެއް ނުކައި ، ތިމަންނަ ދަނީއޭ ބުނެ މުރުތަޟާ އޮފީހަށް ދާން ތެދުވިއެވެ. ދެންވެސް އިވުނީ ޙަފުޞާގެ އަމުރެކެވެ.

" ހަވީރު ނާދެވެންޏާ އަހަރެންނާ ޠާހިރާއާ ދެމައިން ޓެކްސީއެއްގައި ބާޒާރަށްގޮސް އެކަން ނިންމާނަމެވެ. އެކަމަކު ޚާބަރުދާރެވެ ! މިރޭ ، އެގެޔަށްދާހާ އިރު އޮއްވައި ގެޔަށް އަންނަންވާނެއެވެ. އެމީހުންގެ ކުރިމަތީގައި އަހަރެމެންގެވެސް އަގެއް އޮންނަންވާނެއެވެ. މުރުތަޟާއާއި ތަހުނިޔާގެ ގުޅުން އެއޮތީ ނިމިފައެވެ. އެއަކަށް ބަދަލެއް ގެންނާކަށް ދެޢާއިލާގެ އެއްވެސް މީހަކު ނޭދޭނެއެވެ. ދެ ޢާއިލާގެ މެދުގައި އިތުރަށްގުޅުން ނުއުފައްދައި ކަލޭމެން ދެމީހުންގެ ގުޅުން ކުރިޔަކަށް ނުގެންދެވޭނެއެވެ. ހަވީރު ނާދެވުނަސް ، އިރާކޮޅު އަންނާށެވެ ! " ޙަފުޞާ ބުންޏެވެ.

މަންމަގެ އެބަހަށް މުރުތަޟާ އިތުރު އެއްޗެކޭ ނުބުނެއެވެ. އެގެޔަށް ދާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ. އެހާ އަވަހަށް މަންމަ އެ އަޅަމުންދާ ފިޔަވަޅުތަކަށް މުރުތަޟާގެ ހިތް އަދި ތައްޔާރެއްނޫނެވެ. އެހެންނަމަވެސް ، އަނެއްކާވެސް ، މަންމަ ބޭނުންގޮތެކޭ ބުނެ ، ހިތްހަމަ ނުޖެހިފައިހުރެ ، މުރުތަޟާ ގެއިން ނުކުތެވެ.

ނޫރު ، އޮފީހަށްދާން ނުކުމެ ކާރު އިސްޓާޓު ކުރަން އުޅެއުޅެ އެކަމެއް ނުވިއެވެ. ޖެހިގެން އެހުރީ މުރުތަޟާގެ ގެޔެވެ. މުރުތަޟާ އަދި އޮފީހަކަށް ނުދާނެއެވެ. މުރުތަޟާގާތު ބުނެފިއްޔާ އޭނާ އޮފީހަށް ގެންގޮސްދޭނެއެވެ. އޮފީހަށް ދެވެންދެން ދެމީހުންނަށް ވާހަކަ ދައްކައިލާނެ ފުރުޞަތުވެސް އޭރުން ލިބޭނެއެވެ. އެ ވިސްނުމުގައި ނޫރުގޮސް މުރުތަޟާމެންގޭގެ ދޮރުމަތިން ކުރިކަނޑައިލިއެވެ. ދޮރުމައްޗަށްގޮސް ގޭތެރެޔަށް ނަޒަރު ހިންގައިލިތަނުން އެ ފެނުނީ ޙަފުޞާއެވެ. ޙަފުޞާއަށްވެސް ، އެގޭ ދޮރުމަތީ ނޫރު ހުރިތަން ފެނުނެވެ.

ނޫރު ފެނުމާއެކު ، ޙަފުޞާ ދޮރާދިމާއަށް ހިނގައިގަތެވެ. ވަންނަން ނުވަންނަން ހުރެފައި ، ނޫރުވެސް އެގޭތެރެޔަށް ވަދެ ، ޙަފުޞާއަށް ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ނޫރު ، އެގެޔަށް އައުމުގެ ބޭނުމަކީ ކޮބައިތޯ ޙަފުޞާ ސުއާލު ކުރިއެވެ.

ނޫރު އެއައީ ، އޮފީހަށްދާން ނުކުމެ ކާރު އިސްޓާޓުނުވެގެން ، މުރުތަޟާއާއެކު އޮފީހަށްދާނަމޭ ހިތާކަމުގައި ނޫރު ބުންޏެވެ.

" ފުރަތަމަ ކަމަކީ ، މުރުތަޟާ ގެޔަކު ނެތެވެ. ދެވަނަ ކަމަކީ ، އަހަރެމެންނަށް ، ޚާއްޞަކޮށް މުރުތަޟާއަށް ނޫރު ތިހެދިގޮތުން ، ނޫރު މިގެޔަށް އައުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. " ޙަފުޞާ ބުންޏެވެ.

ޙަފުޞާގެ ވާހަކައިން ނޫރު އިސްދަށަށް ޖަހައިލިއެވެ. ޙަފުޞައްތައާ ނޫރުއަށް ވާހަކަ ދެއްކުނީ އެހާ ރަނގަޅަށް ނޫންކަމުގައި ނޫރު ބުންޏެވެ. ޙަފުޞައްތައާ ވާހަކަ ދައްކާއިރު އަދި ޙަފުޞައްތައާ މުޚާތަބުކޮށް އެއްޗެއް ބުނާއިރު ވިސްނާލަން ޖެހޭނެކަން ، ނޫރު ހަނދާން ނެތުނީއެވެ. ނޫރުގެ ވިސްނުމާއި ފިކުރާގުޅިފައިވާ އެ ވާހަކަތަކުން ، ޙަފުޞައްތަމެންނަށް ތަކުލީފެއް ލިބުނުކަމަށް ވަންޏާ އެކަމަށް ނޫރު ، މަޢާފަށް އެދުނެވެ. އޭނާއާއި މުރުތަޟާއާ ދެމެދުގައިވާ ގުޅުމަށް ހުރަސްއެޅޭގޮތަށް އެއްވެސްކަމެއް ނުކުރުމަށް ނޫރު އެދުނެވެ. އެ ދެމީހުން ވަކިވުމުގެ ސަބަބަކަށް ، އެއްވެސް މީހެއްގެ އަދި އެއްވެސް ކަމެއްގެ ނުފޫޒު އޮންނާކަށް ނޫރު ބޭނުމެއްނޫނެވެ.

" އަހަރެންނަކީ ނިޔަތް ރަނގަޅު އަދި ސާދާ މީހަކީމެވެ. މީހަކަށް ދެރައެއް ދޭކަށް ނޫޅޭނަމެވެ. އަހަރެންނަށް ނޭނގޭކަމަކީ ދެ އަނގައިން ވާހަކަ ދެއްކުމެވެ. މުރުތަޟާގެ ކައިވެނި ، މިއަހަރުތެރޭ ކުރަން ބޭނުންވާ ވާހަކަ އަހަރެން ނޫރުގާތު ބުނީމެއްނޫން ހެއްޔެވެ ؟ ނޫރު އެކަމަށް އިންކާރުކޮށް ، އަހަރެންގާތު ބުނީ ، ކައިވެނިކުރަން ބޭނުންނޫންވާހަކަ ނޫންހެއްޔެވެ ؟ އެހެންވީމާ ، އެގުޅުމަށް ހުރަސްއެޅީ ނޫރުއެވެ. ކުރާ ކަމަކާ ބުނާ ބަހަކާ ދިމާނުވަނީ ނޫރުގެ އެވެ. އަމިއްލަޔަށް ގޮތް ނިންމާފައި އެހެންމީހުންގެ ބޮލުގައި އެކަމުގެ އިލްޒާމު ނާޅުވާށެވެ. " ޙަފުޞާ ބުންޏެވެ.

ނޫރު ، އިތުރަށް ވާހަކަ ދައްކަން ފެށުމުން ޙަފުޞާ ، ނޫރު ހުއްޓުވިއެވެ. އަދި ދެން ހެވޭ ، އިތުރަށް ވާހަކަ ނުދައްކާށޭ ބުނެ ހަޅޭއްލަވައިގަތެވެ.

" ނޫރު ހުއްޓިތިހުރި މިގެޔަކީ ، ދުވަސްވީ މީހުންނަށް އިޙްތިރާމްކުރާ އަދި އެމީހުންގެ ބަސް ޤަބޫލުކުރާ މީހުން ދިރިއުޅޭ ގެޔެކެވެ. މުރުތަޟާއަކީވެސް މިގޭގެ ޙިއްޞާ އެކެވެ. މިގެޔަށް އުފަން މިގޭ މީހެކެވެ. އެކަން ނޫރުއަށް ރަނގަޅަށް ވިސްނޭނެކަމަށް ހީކުރަމެވެ. " ޙަފުޞާގެ ވާހަކަ ނުނިންމާ ، މޫނު ކުނިކޮށްފައި ފަހަތަށް އެނބުރި ގޭތެރެޔަށްދާން ހިނގައިގަތެވެ. ނޫރުވެސް ، މަޑުމަޑުން އާނއެކޭ ބުނެ ބޭރުދޮރާދިމާއަށް ހިނގައިގަތެވެ.

އެގެއިން ނުކުމެގެން އޮފީހަށް ދިއުމުގެކުރިން ނޫރު ދިޔައީ މުރުތަޟާގެ އޮފީހަށެވެ. ސަލާމް ގޮވައިލުމަށްފަހު މުރުތަޟާގެ ހުއްދަ ލިބިގެން ، މުރުތަޟާގެ ކެބިންއަށް ވަނެވެ. މުރުތަޟާގެ ބަސްމަގުހުރީ އެހާބޮޑަށް ނޫރުއަށް މަރުޙަބާ ކިޔާގޮތަކަށް ނޫނެވެ. ކުރިމަތީ ހުރި ގޮނޑި ދައްކާލައި ، އެ ގޮނޑީގައި އިށީނުމަށް ނޫރުއަށް ، މުރުތަޟާ ޢިޝާރާތް ކުރިއެވެ.  އަދި ، އައި ބޭނުމަކީ ކޮބައިތޯ ސުއާލު ކުރިއެވެ. މުރުތަޟާގެ ބަސް ކުރުވެފައި ހިތިކަމެއް ހުއްޓެވެ.

މުރުތަޟާ ދެއްކި ގޮނޑިއެއްގައި އިށީންނަމަވެސް ، ނޫރުއެއައީ އެހާ ގިނައިރު އެތާ އިންނާކަށް ނޫނެވެ. އެތާ ތިބެގެން ނުދެއްކޭ ކަހަލަ ވާހަކައެއް ދައްކަން އޮތީމަ ، ނޫރުއާއެކު ބޭރަށް ގޮސްލަދިނުމަށް މުރުތަޟާގެ ކިބައިން ނޫރު އެދުނެވެ. އެއީ ، ވަރަށް މުހިންމު ވާހަކަ ތަކެކެވެ. ނުދައްކައި ލަސްކޮށްގެން ވާންނެތް ވާހަކަ ތަކެކެވެ. އެހެންނަމަވެސް މުރުތަޟާ އަށް މިއަދަކު ނޫރުއާއެކު ބޭރަށް ދެވޭކަށްނެތެވެ. އޭނާ އެއުޅެނީ ވަރަށް ބުރަ މަސައްކަތެއް ފަށްޓައިގެންނެވެ. އެމަސައްކަތް ބަހައްޓާފަ ބޭރަށް ދެވޭކަށް ނެތެވެ. މުރުތަޟާއަށް ނޫރުއާއެކު ނުދެވެންވީ ސަބަބެއް ނޫރުއަކަށް ނުވިސްނުނެވެ. މަސައްކަތަކީ ، ހުސްވާނެ އެއްޗެއްނޫނެވެ. އެއީ ހޯދިހޯދިހެން ފެނި އިތުރުވާ އެއްޗެކެވެ.

މުރުތަޟާ އޭނާއާއެކު ބޭރަށްދާން ދެކޮޅު ހެދުމުން ، ނޫރު ކަންބޮޑުވިއެވެ. ހިތްއަވަސްވެފައި ފެންކަޅިވާގޮތް ވިއެވެ. އެދެމީހުންގެ ދެމެދަށް ބޮޑު ހުރަހެއް ކުރިމަތިވާ ކަމުގެ އިޙްސާސް ކުރެވުނެވެ. ކަންކަން މާ މައްޗަށް ނުދަނިސް ، މެންދުރުގެ ކެއުމަށް ގޮސް ވާހަކަ ދައްކާލަން ބޭރަށް ގޮސްލަ ދިނުމަށް ، އަނެއްކާވެސް ނޫރު އެދުނެވެ. ނޫރުއަށް ނީނދެވިގެން ތެދުވެ މުރުތަޟާ ގާތަށް ގޮސް އަތުގައިހުރި ފައިލްތައް އަތުލައި މޭޒުމަތީ ބެހެއްޓިއެވެ. އަދި މުރުތަޟާގެ އަތުގައި ހިފައި ތެދުވެގެން އޭނާއާއެކު ދިއުމަށް އެދުނެވެ. މުރުތަޟާއަށް ނޫރުގެ ޙާލަތު ފެނިފައި ނުގޮސް އިންނާކަށްވެސް ނުކެރުނެވެ. އަނެއްކޮޅުން މަންމަގެ ރޭވުމުގެ މަތިން ހަނދާންވެ ، ނޫރުއާއެކު ، މިހާރު ބޭރަށް ދިއުމަކީ އެދެވިގެންވާ ކަމެއްކަމަކަށްވެސް ނުފެނުނެވެ. އެހެނަސް ، ނޫރު ، އޭނާގެ އަތުގައި ހިފައި ދަމަން ފެށީމަ ، ނުގޮސް ނުކެރިގެން ނޫރުއާއެކު ބޭރަށްދާން ނުކުތެވެ.

ހެނދުނުގެ ނާސްތާގެ ގަޑިލަސްވެގެން ދިޔައިރުވެސް ، ތަހުނިޔާ ކޮޓަރިއަކުން ނުނުކުމެއެވެ. އެކަމާބެހޭގޮތުން ، ޢާޞިފް ސުއާލުކުރުމުން ، ވަރުބަލިކަމުން އަދި ނިދައި ނުހޭލެވެނީއޭ ، ފަހަރެއްގައި އެވާނީ މާލަހުން ނިދުނީ ކަމަށޭ ބުނެ ސާޖިދާ ޖަވާބު ދިނެވެ. އެކަމާ ޢާޞިފް ކަންބޮޑުވިއެވެ. ޢާޞިފަށް ޤަބޫލު ކުރެވޭގޮތުގައި ، އެމީހުންނަށް ތަހުނިޔާއާ މެދު އެ ވެވެނީ ވަރަށްބޮޑު ބޭއިންސާފެކެވެ. ކައިވެނީގެ ކަންތަކުގައި މާ އަވަސް އަރުވާލާފައި ، އެކުއްޖާފުޅު ކުރެން ނުވެސް އަހައި އެމީހުން އެ ނިންމި ނިންމުމަކީ އިންސާފެއް ނޫނެވެ.

" އެއްވެސް މީހަކާމެދު ބޭއިންސާފެއް ނުވެވެއެވެ. ޢާޞިފަށްވެސް ވިސްނެން ވެއްޖެއެވެ. ތަހުނިޔާ އެހުރީ ފިރިފުރާވަރަށް އަރާފައެވެ. މުރުތަޟާ ކަހަލަ ރަނގަޅު މީހަކު ހޯދުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. ތަހުނިޔާ އަމިއްލަޔަށް އެކަމެއް ނުކުރާނެއެވެ. ތަހުނިޔާއާ ބެހޭގޮތުން އަހަރެމެން އެނިންމި ނިންމުމަކީ ، އޭނާގެ މުސްތަޤްބަލަށްޓަކައި ނިންމި ރަނގަޅު ނިންމުމެކެވެ. މުރުތަޟާގެ ކައިވެނި ލިބުމަކީ ނަޞީބަކުން ދިމާވި ކަމެކެވެ. އެފަދަ ނަޞީބުވެރި ނިޢުމަތްތައް ދަރިންނަށް ދެއްވާތޯ މައިން އެތިބެނީ ﷲ އަށް ދުޢާ ކޮށްކޮށެވެ. އުޑުން ބާވާ ލައްވާ އެފަދަ ރަޙުމަތަށް ވިސްނަން ، ވަގުތު ބޭކާރު ކުރުމަކީ ތަޤްދީރާ ދެކޮޅު ހެދުމެވެ. " ސާޖިދާ ބުންޏެވެ.

ސާޖިދާގެ ނިޔަތް ޢާޞިފަށްވެސް އެނގެއެވެ. ތަހުނިޔާއަށް ދެރަވާނެ އެއްވެސްކަމެއް ސާޖިދާއެއް ނުކުރާނެއެވެ. އެހެންނަމަވެސް ، އެކުރެވުނީ ރަނގަޅު ކަމެއްކަމަކަށް ޢާޞިފަކަށް ނުފެނުނެވެ. އެވަގުތު ތަހުނިޔާވެސް ކޮޓަރިން ނުކުމެ ބޭރުގޭތެރެޔަށް ވަނެވެ. ޢާޞިފް އޭނާގެ ދަރިފުޅަށް ގޮވާލައި ، އެތަނަށް އައިސް ބައްޕަގާތު އިށީނދެލުމަށް އެދުނެވެ. މަންމައާ ދިމާއަށް ނުރުހުމުގެ ލޮލަކުން ބަލައިލުމަށްފަހު ، ތަހުނިޔާގޮސް ބައްޕަ ގާތުގައި އިށީނދެލިއެވެ. ތަހުނިޔާ އެހުރީ ކަންބޮޑުވެފައިތޯ ، ޢާޞިފް އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ. ކައިވެންޏާ ބެހޭގޮތުން ، ޢާޞިފް ދައްކަފާނެ ވާހަކަޔަކުން އެމީހުންގެ ނިންމުން ބަދަލު ވެދާނެކަމަށް ސާޖިދާއަށް ވިސްނުނެވެ. ކުރަމުންގެންދިޔަ މަސައްކަތް ހުއްޓާލާފައި ، ސާޖިދާވެސް ޢާޞިފްގާތަށް ގޮސް އިށީނދެލިއެވެ. ތަހުނިޔާގެ ފަރާތުން އެކައިވެންޏަށް ހުރަސްއެޅޭނެ އެއްވެސް ވާހަކައެއް ޢާޞިފްގާތު ދައްކާކަށް ސާޖިދާއެއް ނޭދެއެވެ. އެދެބަފައިން ވާހަކަ ދައްކަން މިނިވަންކަން ދީފިނަމަ ، ހުރިހާ ކަމެއް އެކޮޅުކޮޅުން ހިނގައިދާނެއެވެ.

އިއްޔެ އެ ކުރިމަތިވީ ކުޑަކަމެއްނޫނެވެ. އެކަމާގުޅިގެން ، ތަހުނިޔާގެ ހިތުގައި ކަންބޮޑުވުމާއި ހާސްކަން ހުންނާނެކަމުގައި ޢާޞިފް ޤަބޫލުކުރިއެވެ. ތަހުނިޔާއަށް އެކުރިމަތިވި ކަންތައް އެއީ ކަންބޮޑުވެ ހާސްވާނެ ކަމެއްކަން އެނގޭކަމުގައި ޢާޞިފް ބުންޏެވެ. އެހެންނަމަވެސް ، ދަރިންނާމެދު މައިންބަފައިންގެ ހިތުގައި އުފެދޭ ކަންބޮޑުވުން ، ދަރިންނަކަށް ނުފެންނާނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.