ސިޔާސީ ބަހުރުވަ

 

ސިޔާސީ ބަހުރުވަ މިހާރުވަނީ އަވަގުރާނަޔަށް ބަދަލު ވެފައެވެ. ހިތަށް އައިހާ ނުބައި އެއްޗެއް ކިޔުމަކީ އަދި ، ސިޔާސީ ބަހުރުވައެއް ނޫނެވެ. ސިޔާސީ ބަހުރުވަޔަކީވެސް ރީތި  އެއްޗެކެވެ.

އަވަގުރާނަޔަކީ ، ލަދުހުތުރު ބަސްތަކެކެވެ. އެއީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް އަޑުއިވޭގޮތަށް ދައްކަން ނުކެރޭ ކަހަލަ ބަސްބަހެވެ. ވެރިންނާއި މުއައްޒަފުންގެ މެދުގައި ދައްކަން ބޭނުން ނުވާފަދަ ވާހަކަ ތަކެކެވެ. ގާތް ރަޙުމަތްތެރިންވެސް އެކަކު އަނެކަކާ ދައްކަން ބައެއްފަހަރަށް ލަދުގަންނަ ފަދަ ވާހަކައެވެ. ނުދަންނަ ދެމީހަކު ނުވަތަ ބަޔަކު އެކަކު އަނެކަކާ އަދި އެއްބަޔަކު އަނެއް ބަޔަކާވެސް ދައްކަން ލަދުވެތި ވާހަކައެވެ. އެއީ ސިޔާސީ ވާހަކައެކޭ ބުނެ ބޯ ދަމއިގަނެވޭކަށް ނުއޮންނާނެއެވެ.

އަވަގުރާނަޔަކީ ، ސިޔާސީ ބަހުރުވަ ނޭނގޭ ޖާހިލުން ، ލަދުޙަޔާތަކީ ކޮން އެއްޗެއްކަން ނޭނގޭމީހުން ގޮވާ އެއްޗެކެވެ. ލަދުޙަޔާތް ކެނޑިފައިތިބޭމީހުން ބޭނުންކުރާ ބަސްތަކެކެވެ. އެބައިމީހުން އެފަދަ ލަދުވާހަކަ ދައްކަނީ ، އެކުރެވެނީ ކީއްކަން ނޭނގިގެންނެއް ނޫނެވެ. ބައެއްމީހުންގެ މަޤްޞަދަކީ މަޝްހޫރު ވުމެވެ. ސޯޝަލްމީޑިއާގައި އެމީހެއްގެ ފޮޓޯ ދައުރުވެ ގިނަބަޔަކު ބަލައި ، ނަން ވައިރަލް ކުރުމެވެ. އަނެއްބަޔެއްގެ މަޤްޞަދަކަށް ވެފައި އޮންނަނީ ، ވަކި މީހަކު ނުވަތަ ބަޔަކު ލަދުގަންނުވައިލުމެވެ. ވަކިމީހެއްގެ ނުވަތަ ބަޔެއްގެ އަބުރު ކަތިލުމެވެ.

އަވަގުރާނައާއި ލަދު ވާހަކަޔަކީ މަންޒަރުންވެސް ސިފަކޮށްދޭ އެއްޗެކެވެ. އެކިބާވަތުގެ ހުތުރު ކާޓޫނު ކުރަހައިގެން މައްލަވަކޮށް ، ފުރައްސާރަ ކުރުމަށްޓަކައެވެ. އެ ކުރެހުމަކުން ދައްކުވައިދޭ ޝަޚުޞިއްޔަތެއްގެ އަގު ، މުޖުތަމަޢުގައި ވައްޓާލައި އެމީހެއްގެ ތަޞައްވުރު ގޯސް ގޮތްގޮތަށް ދެއްކުމަށްޓަކައެވެ.

މިއީ ، ހުޅަނގުން އައިސް ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށްލި ކަމެކޭ ދެންނެވޭކަށް ނެތެވެ. ދިވެހި ސިޔާސީ މީހުން އުޅެނީ އެއަށްވުރެ ކުރީގައެވެ. ސިޔާސީ އުކުޅުތައް ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލުމާއި އަގުވަށްޓައިލުމަކީ ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅު ، ދިވެހިރާއްޖެޔަށް ތަޢާރުފް ވެ ، ޢާންމުވެގެންދިޔަ ކަމެކެވެ.

އަވަގުރާނައިގެ ގޮތުގައި އެހެންގޮތްގޮތަށް ލަދުވާހަކަ ދައްކާ މީހުންވެސް ، ސިޔާސީމީހުންގެ ތެރޭގައި އުޅެއެވެ. ދެމާނަ ނެގޭގޮތަށާއި ޅެން ބަހުރުވައިންނެވެ. އެއީ ލަދެއް ޙަޔާތެއްނެތި އަވަގުރާނަ ގޮވާ ބަޔެކެވެ. ސިޔާސީ އަދި އިޖްތިމާޢީ އެއްވުން ތަކުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ، ސުމުއްވުލްއަމީރު އަލްމަރުޙޫމް ، މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ، ވެރިކަމުން ބޭލުމަށް ރާވައި ، އެމަނިއްޕުޅު ހަވަރަށްދީ ، މާލޭ އުތުރުފަރާތު ފަޅުތެރޭއޮތް ކުޑަދޯންޏަކަށް އެއްލައިލެވިފައި އޮއްވައި ، އެމަނިއްޕުޅާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވުނެވެ. ހަޑިހުތުރުވެގެންގޮސް ނުގޮވާކަ އެއްޗެއް ނެތެވެ. ގަޔަށް އަތްލައި އެވަރަށް އަނިޔާކުރިއެވެ. ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން އެއްވެސް ބޭފުޅަކަށް އަނިޔާ ނުކުރާވަރަށް ، ރައްޔިތުން ނުކުމެ ، ލާއިންސާނީ ގޮތެއްގައި އެމަނިއްޕުޅަށް އަނިޔާ ދިނެވެ. އެމަނިއްޕުޅު އަވަހާރަވެގެންދިޔައީ ، ފަޅުރަށެއްގައި ، ( ވިހަމަނާފުށީގައި ) އޮންނަވައި ، ރައްޔިތުންކުރި އެ އަނިޔާގައެވެ. އެއީ 1954 ވަނައަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ހަތްދިހަވަރަކަށް އަހަރު ކުރިއެވެ. މިހާރާއި އެހާރުގެ ތަފާތަކީ ، އެމަނިއްޕުޅާ ދިމާއަށް ހަޑިހުތުރު އަވަގުރާނަ ގޮވީ ، ސިޔާސީ ރޭވުންތަކެއްގެ ތެރެއިންލާފައި ނަމަވެސް ، އެވަގުތު އެތަނަށް އެއްވެތިބި މީހުންނަށް އަޑުއިވޭގޮތަށް ކަމެވެ. މުޅިރާއްޖެޔަށް އެއަޑުތަކެއް ނީވެއެވެ. މިހާރު އެހެންނެއްނޫނެވެ. ސިޔާސީ މީހުންދައްކާ ހުތުރު ބަސްތަކުގެ އަޑު ،  މުޅި ޤައުމަށް މިހާރު އެބަ އިވެއެވެ.

ދުވަސްގަނޑަކަށްފަހު ، އެކަން އެއްދަރަޖަ ކުރިޔަށް ޖެހިލިއެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ، ސުމުއްވުމްއަމީރު އަލްމަރުޙޫމު ، އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ، އަމިއްލަފުޅަށް ވެރިކަމުން ވަކިވެވަޑައިގެންނެވުމާއެކު ، ދެން ވެރިކަމަށް ވަޑައިގެންނެވީ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ.

ރާއްޖޭގެ މިނިވަންކަމުގެ ބަތަލުގެ ނަންފުޅުން ނިސްބަތްވެގެންވާ ، ރައީސް  ނާޞިރު ، ވެރިކަމުން ދުރުހެލިވެ ވަޑައިގެން ރާއްޖެ ދޫކުރައްވައި ދިރިއުޅުއްވުން ބަދަލުކުރެއްވީ ސިންގަޕޫރަށެވެ. އެމަނިއްޕުޅު ، ސިންގަޕޫރުގައި ހުންނަވަނިކޮށް ، އެމަނިއްޕުޅުގެ ވެރިކަމުގައި ހިނގާފައިވާ ޚިޔާނާތާއި ފަސާދައިގެ ޢަމަލުފުޅުތައް އެކި ގޮތްގޮތަށް ހާމަކުރެވެމުން ދިޔައެވެ. އެކިއެކި އެއްވުންތަކުގައި އެމަނިއްޕުޅާ ދިމާއަށް ހުތުރުބަސްތައް ރައްދު ކުރެވުނެވެ. ވަލުޖަނަވާރުންގެ ހުތުރު ސޫރައިގާ އެމަނިއްޕުޅުގެ ސޫރަ ކުރަހައި މާލޭގައްޔާއި ރާއްޖޭގެ އާބާދީ ގިނަ ބޮޑެތި ރަށްރަށުގައި މުޒާހަރާ ކުރެވުނެވެ. މަގުތަކުގައި ހުތުރު ކުރެހުންތައް ބެހެއްޓުނެވެ. ނޫސްތަކުގައި ހުތުރު ކާޓޫނުތައް ކުރަހައި ޝާއިޢު ކުރެވުނެވެ. ހުތުރު ލަވަހަދައި މުޅިރާއްޖެޔަށް ބެހުނެވެ. ދިވެހިރާއްޖޭގެ އަޑުން އެ ހުތުރު ލަވަތައް ފޮނުވިއެވެ.

ރައީސްކަމަށް ވަޑައިގެން ރައީސް މައުމޫނު ދެއްވި ފުރަތަމަ ތަޤްރީރުގައި ރައީސް ނާޞިރަށް ވަރަށްބޮޑަށް ތަޢުރީފް ކުރެއްވިއެވެ. އެހެންނަމަވެސް ، ދާދިއަވަހަށް އެމަނިކުފާނުގެ ވިސްނުން ބަދަލުކުރައްވައި ނާޞިރަކީ ޤައުމަށް ޣައްދާރުވެ ހުންނެވި ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވަން ފެށްޓެވިއެވެ.

16 މޭ 1980 ގައި މާލޭގައި ބޭއްވުނު  ބޮޑު އެއްވުމުގައި ، ރައީސް މައުމޫނު ވާހަކަ ދެއްކެވިއެވެ. އެ އެއްވުމުގައި ވިއްސަކަށްހާސް މީހުން ބައިވެރި ވިއެވެ. އެއީ އެދުވަސްވަރަށް ބަލާއިރު މާލޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔެކެވެ. އެ އެއްވުން އިންތިޒާމްކުރެވުނީ ، އޭގެކުރިން  ރައީސް ނާޞިރާ ބެހޭ އެތައް ވާހަކައެއް ހާމަކޮށް ، ހުތުރު ކުރެހުން ކުރަހައި ، ރައްޔިތުންގެ ލޭ ކައްކުވައިލުމަށްފަހުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ، ރައީސް އަމީންދީދީގެ ވެރިކަން ބަދަލުކުރުމުގައި ،  ރައީސް ނާޞިރު ބައިވެރިވެވަޑައިގެން ކުޅުއްވި ރޯލާބެހޭގޮތުން ވާހަކަ ދައްކަވައި އެކަމުގެ ތުހުމަތު ، ރައީސް ނާޞިރުގެ އިސްތަށިފުޅުގައި އެޅުއްވިއެވެ.  އަދި ސަރުކާރުގެ ފައިސާ އަމިއްލައަށް ބޭނުންކުރައްވައި ، ޤައުމަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވާކަން ހާމަ ކުރެއްވިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ، ދައުލަތް ހިންގަވަން ތިއްބެވި ވެރިން ، ޤައުމަށް ވެވަޑައިގެންނެވި ބޮޑެތި ޚިޔާނާތް ، ފަހުން އައިސް ތިލަވެދާނެކަން ހަނދުމަފުޅެއް ނެތެވެ.

ސިޔާސީ ބޭނުމަށް ، ސިޔާސީމީހުން ބައިވެރިވެގެން މީހުންގެ އަބުރު ކަތިލުމުގެ ބާބު ، ދިވެހިރާއްޖޭގައި ފެށްޓެވީ ރައީސް މައުމޫނުގެ ސަރުކާރުންނެވެ. ދީނީ ޢިލްމުވެރިޔަކަށް ވެވަޑައިގެން ހުންނަވައި ، އެ ކުރެއްވެނީ ކިހާވަރެއްގެ ކަމެއްކަން މައުމޫނަކަށް ވިސްނިވަޑައެއް ނުގަތެވެ. އިންސާނުންގެ ސޫރަ ހުތުރު ގޮތްގޮތަށް ކުރަހައި ، ބަދުބަސްތައް ބުނެ ، ނުބައިވެގެންވާ ހުތުރު ނަންނަމުން ގޮވައި ހެދުމަކީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަން ރައީސް މައުމޫނު ހަނދުމަފުޅެއް ނެތެވެ. އެއީ 1980 ގެ ކުރީކޮޅެވެ.

ޒަމާން ބަދަލުވެ ، ރާއްޖެ ދެކެންފެށީ އަދި އެއަށްވުރެވެސް ދަށުދަރަޖައެއްގެ މަންޒަރު ތަކެކެވެ. އިވެންފެށީ އަޑުއަހަން އުނދަގޫ ބަސްތަކާއި ނަންނަމެވެ. 1990 ގެ ފަހުކޮޅުން ފެށިގެން 2000 ގެ އަހަރުތަކުގެ ކުރީ ކޮޅާއި އޭގެފަހުން ، ރާއްޖޭގެ ރައްޔިތުންނަށް އިވެންފެށީ އޭގެ ކުރިން އެބައިމީހުން ނާހާކަހަލަ ނަންނަމާއި ބަސްބަހެވެ. އެކި ގޮތްގޮތަށް ، ސިޔާސީ އެކިމީހުންގެ އަބުރު ކަތިލެވި އެކިކަހަލަ ހުތުރު އެކި ނަންތައް ބޭނުން ކުރެވެމުންދާން ފެށީ ، ދިވެހި މުޖުތަމަޢުގެ ވީދިފައި އޮތް ފޭރާން އިތުރަށް ވީދަމުންނެވެ. ފުޅާ ދާއިރާއެއްގައި ، މީހުންގެ އަބުރު ކަތިލުމާއި ހުތުރުވެގެންވާ ވަނަމުން ސިޔާސީ މީހުންނާ މުޚާތަބު ކުރުމުގެ ރޫޙު އުފެދުމުގެ މޭސްތިރިއަކީ ، ރައީސް ނަޝީދެވެ. އެ ނަންނަމަކީ ، ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭބޭފުޅުންނަށް ނިސްބަތްކޮށް މިލިޔުމުގައި ހިމަނަން ބޭނުންވާ ނަންނަމެއްނޫނެވެ. އެހެންނަމަވެސް ، ރާއްޖޭގެ އިޖްތިމާޢީ އަދި ސިޔާސީ ތާރީޚަށްޓަކައި އެވާހަކަތައް ތަކުރާރުކޮށް  ލިޔަން އެބަ ޖެހެއެވެ.

ރައީސް މައުމޫނަށް ކިޔުނު ގޮޅާބޯ އާއި ރައީސް ޔާމީނަށް ކިޔުނު ރާގޮނޑިރާޖާ ، ރައީސް ވަޙީދަށް ކިޔުނު ކާޅު އަދި ބާޣީ ވަޙީދުން ފެށިގެން ، ޤާސިމް އިބްރާހީމަށް ކިޔުނު ސޭޓު ، ޑރ. މުޢިއްޒަށް ކިޔުނު ހޮޅި މުޢިއްޒު ފަދަ ނަންނަމަކީ ، ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތުގެ އެކި އޮއިވަރުން އުފެދުނު ނަންނަމެވެ. އެންމެފަހުން ޚުދު ރައީސް ނަޝީދަށްވެސް ، ގަންޖާބޯގެ ނަމުން ނަންދެވި ، ރައީސް ޞާލިޙަށް ޗޯރު އިބުރޭގެ ނަމުން މުޚާތަބު ކުރެވިގެން ދިޔައެވެ.

ރައީސް ނަޝީދު ، ސަރުކާރާ އިދިކޮޅު ފިކުރު ހާމަކުރައްވަން ރަސްމީގޮތުން ފެށްޓެވީ ، 1990 ގައި ރަޖިސްޓަރީ ކުރެއްވި ހަފުތާ މަޖައްލާ " ސަންގު " ގެ ޒަރީޢާއިންނެވެ. 20 ސެޕްޓެމްބަރ 2003 ގައި ބޭއްވުނު ބޮޑުމުޒާހަރާއަކީ ، މީހުން އެއްކުރައްވައިގެން ރައީސް ނަޝީދު ފެށްޓެވި އިދިކޮޅު ، ސިޔާސީ ފުރަތަމަ ޙަރަކާތެވެ. ރައީސް ނަޝީދުގެ ފެށުން ގުޅުވައިލެއްވީ ޖަލުގައި އޭރުހުރި އީވާން ނަސީމު ، ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި މަރައިލެވުނު މަރާއެވެ.

10 އޯގަސްޓް 1990 ގެ ނިއުސްވީކްގައި ، ދުނިޔޭގެ އެންމެ މޮޅު 10 ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ، ރައީސް ނަޝީދު ، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު ފާހަގަވެގެންދަނީ ، އެއިރަކު އޮންނަ ވެރިކަމެއް ވަށްޓައިލައްވަން ނުކުމެހުންނެވި ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއީ ބުއްދި ފުރާފުރިހަމަ ވެފައިހުރި ސިޔާސީ މީހެއްނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ފައްކާވެފައި މިއޮތީވެސް އެ ވިސްނުމާ އެއްގޮތަށެވެ. އެންމެ ފުރަތަމަ ރައީސް މައުމޫނު ވެރިކަމުން ބޭލުމެވެ. ރައީސް ނަޝީދު އެކަން ކުރެއްވިއެވެ. ދެން ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަށް ިން އަހަރުވެސް ވެރިކަމެއް ނުހިންގެވުނެވެ. އެއީ ކީއްވެތޯއެވެ ؟ އެއީ އެކްޓިވިސްޓެއް ވީމައެވެ. ސިޔާސީ މީހަކަށް ނުވާތީއެވެ. އެންމެފަހުން ވެރިކަން ނުހިންގެވިގެން ، އިސްތިޢުފާ ދެއްވައިފިއެވެ. ދެން ވެރިކަމަށް އިސްވެވަޑައިގެންނެވި ، ރައީސް ވަޙީދާއި ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ރައީސް ނަޝީދު ކުރެއްވީ ހަމަ އެމަސައްކަތެވެ. އެ ބޭފުޅުން ވެރިކަމުން ބޭލުއްވުމުގެ މަސައްކަތެވެ.

ރައީސް ނަޝީދު ، އެޕާޓީއެއްގެ ރައީސްކަމުގެ މަޤާމުއަދާކުރައްވާ އެމްޑީޕީ ، 2018 ގައި ވެރިކަމަށް އައުމުން ، ވެރިކަމުގައި ހުންނެވީ އެމަނިކުފާނު ނޫންކަމަށްވާތީ ، އަނެއްކާވެސް ފެށްޓެވީ އަމިއްލަ ޕާޓީން ވެރިކަމަށް ވަޑައިގެން ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙު ، ވެރިކަމުން ބޭލުއްވުމުގެ މަސައްކަތެވެ. ފެށްޓެވީ ،  ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙާ އާ ދެކޮޅު ސިޔާސީ އަދި ޒާތީ ޙަރަކާތްތަކެވެ. ރައީސް ނަޝީދުނޫން އެހެން އެއްވެސް މީހަކު ، ރާއްޖޭގެ ވެރިކަން ކުރާކަށް ރައީސް ނަޝީދަކަށް ކަމަކު ނުދެއެވެ. ނުވަތަ އެހެން މީހަކު ވެރިކަން ކުރިޔަސް އެމީހަކު ހުންނަން ޖެހޭނީ ރައީސް ނަޝީދުގެ މުށު ތެރޭގައެވެ. ވެރިކަން ހިންގެން ޖެހޭނީ ރައީސް ނަޝީދު ބޭނުންވާ ގޮތަކަށެވެ. އެހެންނޫނީ ވަގުތުން ދެކޮޅުވެރި ވާނެއެވެ. އެވެރިކަމެއް ވަށްޓައިލައްވަން ނުކުރައްވާކަ ކަމެއް ނުއޮންނާނެއެވެ. އެހެނަސް ރައީސް ނަޝީދަކަށް އެކަން ކުރުމަކަށް ފުރުޞަތެއް ނެތެވެ. ރައީސް ނަޝީދަކީ ކިހާވަރެއްގެ ކާކުކަން ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ވެއްޖެއެވެ. ވެރިކަމަށް ވަޑައިގަތުމުގައި ވޯޓަކުން އެކަން ކާމިޔާބު ނުވާނެތީ ، ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅެއުޅެ ، އެކަމެއްވެސް ނުވިއެވެ.

ރައީސް ޞާލިޙަށް ޒިނޭގެ ތުހުމަތު އަޅުވައި އަބުރު ކަތިލެއްވިއެވެ. އަދި މިހާރުވެސް ، އެމްޑީޕީގެ މެންބަރުން ބައިބައިކޮށް ޑިމޮކްރެޓްސް ގެ ނަމުގައި ، ސިޔާސީ އާ ޕާޓީއެއް އުފައްދަވައި ، ރައީސް ޞާލިޙު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތަ ނުދޭން ، ކުޅެވެންހުރި ، ހުރިހާ ކުޅިއެއް ކުޅުއްވަމުން އެބަ ގެންދަވައެވެ. ޒާތީގޮތުން ދިމާކުރައްވަމުން އެބަގެންދަވައެވެ. އެއީ ސިޔާސީ މީހުންގެ ގޮތެއްނޫނެވެ. އެއީ ، ވެރިކަމާތޮޅޭ ސިޔާސީ އެކްޓިވިސްޓުންގެ ކަމެކެވެ.

މިހުރިހާ ސަބަބުތަކަކަށްޓަކައި ، ރައީސް ނަޝީދަކީ ، ސިޔާސީ ވެރިޔަކަށް ކުފޫހަމަވާ ބޭފުޅެއްނޫނެވެ. އެހެނީ ، އެއީ ސިޔާސީ އެކްޓިވިސްޓެއްކަން ، ރައީސް ނަޝީދުގެ ޢަމަލުތަކުން ދައްކުވާތީއެވެ.

ދާދިމިދާކަށްދުވަހު ، ސިޔާސީ އަނެއް އަވަގުރާނަ ގޮވައިފިއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކީނޯޓު ސްޕީކަރެކެވެ. އެފަދަ ލަދުހުތުރު އަވަގުރާނަޔަކީ ، ލިޔުންތެރިން ލިޔާ ލިޔުންތަކުގައި ހަމަޔަށް ބޭނުންކުރަން ލަދުގަންނަފަދަ ވާހަކައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގެ މަގުތަކުގައި އިންދެވި ފެންފޯއް ރުއްތަކަކުން ފެށުނު ވާހަކަ ނިންމައިލީ ކޮންމެވެސް އެއްޗަކަށް ފައިން އެރިގެންނެވެ. މިއީ ތަޞައްރުފު ފުދިގެން މައިދާނަށް ނުކުންނަ ސިޔާސީ މީހުންނެއް ނޫނެވެ. އެފަދަ ލަދުހުތުރު ވާހަކަތަކުން ވެށްޓޭނީ ޚުދު ތިމާގެ އަމިއްލަ އަގެވެ. މާމޮޅު ވާހަކައެއްކަމަށް ، ހީންގޮވަމުންގޮސް ،  އެދެއްކި ލަދުވާހަކަ ދިވެހިން ބަލައެއް ނުގަތެވެ. ނަތީޖާއަކަށްވީ ، އެމީހަކާ ދިމާއަށް ، ސޯޝަލްމީޑިއާގައި މީހުން އެއްޗެތިކިޔައި އޮރިޔާންވުމާއެކު އަގު ވެއްޓުމެވެ. ޕޯޑިއަމަކަށް އަރުވަން އެހެންމީހުން ލަދުގަނެ ބިރު ގަތުމެވެ. ކޮންމެފަދަ ވާހަކައެއްވެސް ދައްކައިފާނެތީއެވެ.

އެމެރިކާގައިވެސް ސިޔާސީ އެއްވުންތަކުގައި ،  ހުތުރުބަސް ބޭނުންނުކުރާ ވެރިޔެއް ވަރަށް މަދެވެ. އާންމުގޮތެއްގައި ބޭނުންކޮށްފައިހުރީ އިނގިރޭސިބަހުގައި ހުތުރު ކަމަކަށް ބޭނުންކުރާ " އެފް " އަކުރެވެ. އެކަމާގުޅިގެން ، އެބަސް ބޭނުންކުރި ސިޔާސީ މީހުންގެ މަޤްބޫލުކަން ދަށްވެފައި ވެއެވެ.

ރާއްޖޭގައި އަމިއްލަފުޅަށް ، ހުތުރު ބަސް ބޭނުން ނުކުރައްވާ ، މީހުންނަށް އާޑަ ވިދާޅުނުވެ ، ވެރިކަން ކުރެއްވި ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި ރައީސް އަމީންދީދީ އާއި ރައީސް ނާޞިރު އަދި ރައީސް ވަޙީދާއި ރައީސް ޞާލިޙު އާއެކު ، ރައީސް މައުމޫނު ހިމެނިވަޑައިގަންނަވައެވެ. ރައީސް ވަޙީދަކީވެސް ސިޔާސީ އަވަގުރާނައާއި ހުތުރުބަސް ބޭނުންކުރެއްވި ބޭފުޅެއްނޫނެވެ. އެހެންނަމަވެސް ، ރައީސް ޔާމީނަކީވެސް ، ސިޔާސީ މީހުންނަށް ހަޖޫ ޖައްސަވައި މަލާމާތް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ބައެއްމީހުން ވާހަކަ ދައްކާ ރާގާއި ގޮތަށް އަޑުނެރެ އެހެންމީހުންގެ ބަހުރުވައިން ވާހަކަ ދައްކަވައިފާ އެބަހުއްޓެވެ.

ރާއްޖޭގައި މިހާރު ފެތުރި އިޖްތިމާޢީ ފޭރާން ވީދިގެން މިއުޅޭ ، ސިޔާސީ އަވަގުރާނައާއި ހުތުރު ބަސްތަކާއި އާޑަކިޔުމުގެ ރޫޙު ، ފެށި ޢާންމުވެގެންދިޔައީ ، ރައީސް މައުމޫނުގެ ސަރުކާރުން ވާގިވެރިވެގެން ، އެމަނިކުފާނުގެ ވެރިކަމުގައެވެ.  ރައީސް ނާޞިރުގެ އަބުރު ކަތިލެއްވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ. ދެން އެއަށްފަހު ، އެކަމުގައި އަރާ ހުންނެވީ ރައީސް ނަޝީދެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީވެސް މީހުންގެ އަބުރު ކަތިލުމާއި އެކަކު އަނެކަކަށް ވަގަށް ގޮވުމާއި ދޮގު ތުހުމަތާއި އެކި ޖަރީމާ ހިންގާ ތަނެކެވެ. އެކަން މުޅިރާއްޖެޔަށް ފެނި އަޑުއިވެމުން ދެއެވެ. ހައްދުންމަތީ ފުނަދޫ މެންބަރުކަންކުރި ޢަބްދުއްރަހީމު ޢަބްދުﷲ އަކީ ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އޭރު އިންނެވި ޢަބްދުﷲޝާހިދުގެ މަންމަޔާ އަޅުވައި ހަޑިހުތުރު ބަސް ބޭނުންކުރި މީހެކެވެ. އެއީ މަޖިލީހުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ މަޖިލީހުގައި ދެއްކުން ހުއްދަ ވާހަކައެއްނޫނެވެ. އެއީ އިސްލާމްދީނާ ޚިލާފު ވާހަކަ އެކެވެ. އެހެނަސް ، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މައްސަލަ ފެށެނީ މިހިސާބުންނެވެ. އެފަދަ މީހުންނަށް ޙައްޤުނޫން މަޤާމުތައް ލިބޭތީއެވެ. މިހާރު އެއީ ، ސިޔާސީ ދެޕާޓީއެއްގެ ހުންގާނުގައިހުރި ސިޔާސީ މީހެކެވެ. ރަނގަޅާއި ނުބަޔާ އަދި ރަނގަޅުމީހުންނާއި ގޯސްމީހުން ، މުޖުތަމަޢަށް އޮޅެނީ މިހިސާބުންނެވެ. މިއީ ޕާޓީނިޒާމުގެ އަނދިރި ފަޅިއެވެ.

މިފަދަ އަވަގުރާނައާއި ސާބިތު ހެއްކެއްނެތި ޒިނޭގެ ތުހުމަތާއި ވަގު ތުހުމަތު އަޅުވައި ވާހަކަ ދައްކާ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން އަދަބު ލިބޭނެ ހަރުދަނާ ނިޒާމެއް އުފެދެން އެބަޖެހެއެވެ. ހަރުކަށި އަދަބު ދޭން ޖެހެއެވެ. ޙައްދު ޖަހަން ޖެހެންޏާ ހައްދުވެސް ޖަހަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެނަބްރުންނަކަށްވެސް ، މެންބަރަކަށްވީތީ އެފަދަ ވާހަކައެއް ދެއްކުމުގެ ޙައްޤު އޮވެގެން ނުވާނެއެވެ. މީސްމީހުންގެ އަބުރު ކަތިލެވޭއިރު ، މަޖިލިސްގެ ޤަވާޢިދަކުން އެކަމަށް ފިޔަވަޅު ނޭޅޭނެ ގޮތް ހަދައި ، މަޖިލީހަކީ އެމީހަކު ބޭނުންހާ ވާހަކައެއް ދައްކަން ހުއްދަ އޮންނަ މަޖިލީހަކަށް ވެގެން ނުވާނެއެވެ.

އެންމެ ގިނައިން ސިޔާސީ އަވަގުރާނަ ގޮވައި ، މީހުންގެ އަބުރަށް އަރައިގަންނަނީ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނެވެ. މިނިވަންކަމުގެ ޙައްޤަކީ މިނެއް އޮންނަ އެއްޗެކެވެ. ޤާނޫނީ މިންގަނޑެއް ނެތިއްޔާ އިޖްތިމާޢީ މިންގަނޑެއް އޮންނާނެއެވެ. އެމިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭނެއެވެ. އެއީ މިނިވަންކަން ގެއްލެނީކީނޫނެވެ. މިނިވަންކަން ދެމެހެއްޓުމަކީ އެއީއެވެ. އެފަދަ މީހުންނަށް ފިޔަވަޅެއް ނޭޅޭނަމަ ، އިޖްތިމާޢީ ފޭރާން ވީދިގޮސް ، ޤައުމުގެ ޢަދްލުގެ ނިޒާމް ބޮއްސުންލައިގެން ދާނެއެވެ.

ރާއްޖެޔަށް މިހާރު ތަޢާރުފްވެފައިވާ މިނިވަންކަމުގެ ޙައްޤަކީ ، ހުޅަނގުން އިމްޕޯޓްކޮށްފައިވާ އެއްޗެކެވެ. ހުޅަނގުން ކިޔަވައިގެން އައިސް ، މުޖުތަމަޢުގައި ބަސްވިކޭ ހިސާބުގައި އުޅޭ ސިޔާސީ އެކްޓިވިސްޓުން ވިއްކަމުންގެންދާ އެއްޗެކެވެ. އެއީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާ އަދި އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ، ދީނާ ޚިލާފު އެއްޗެކެވެ. ކޮންމެ ޤައުމެއްގައިވެސް ، ކޮންމެ ދީނެއްގައިވެސް އަދި ، ކޮންމެ މުޖުތަމަޢެއްގައިވެސް މިނިވަންކަމުގެ ޙައްޤުގެ މިންގަނޑެއް އޮވެއެވެ. ރާއްޖޭގައި މިއޮންނަނީ އެހެން އެއްވެސްތާކު އޮންނަފަދަ މިނިވަންކަމެއްނޫނެވެ.

ޖަލުގައި އޮވެގެން ސިޔާސީ ޙަރަކާތް ހިންގެއެވެ. ޖަލުގައި ހުރެގެން އިންތިޚާބުތަކަށް ކުރިމަތިލެވެން ޖެހެއެވެ. ތިމާ އެދޭގޮތްނޫން ގޮތަކަށް ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމަކީ ، ޙަރާމް ޙުކުމަށް ވެއެވެ. ސިޔާސީ ޕޯޑިއަމްތަކަށް އަރައި މީހުންނާ ދިމާއަށް ރޯ އަވަގުރާނަ ގޮވައި ހެއްދެވިހާ ނުބައި އެއްޗެހި ކިޔެއެވެ. ޓީވީއާއި ނޫސްތަކުގައި ހިތަށް އައިހާ ވާހަކައެއް ދެއްކެއެވެ. މިކަން މިހެން އޮންނަން ވެއްޖެނަމަ ، މި ދިވެހި މުޖުތަމަޢު އެއްދުވަހުން އަނެއްދުވަހަށްދާނީ ހަލާކުވަމުންނެވެ. އެއީ ، ޝައްކެއް އޮތް ކަމެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.