ފަލްސަފާ - 11

(30 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތަހުނިޔާ ކޮޓަރި ތެރެޔަށް ވަތްގޮތަށް ، އޭނާގެ އިނގިލީގައި ޙަފުޞާ އަޅުވައިދިން އަނގޮޓި ބޭލުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އިނގިއްޔަށް ބާރުކޮށް އެޅިފައިވާ އަނގޮޓި ނެއްޓުމުގައި އިނގިއްޔަށް ތަދުވުން ނޫންކަމެއް ނުވިއެވެ. އެ ކައިވެންޏަކީ އޭނާއަށް އެއްބަސް ވެވޭނެ ކަމެއްނޫނެވެ. ތަހުނިޔާގެ އިޙްސާސްތަކާއި އޭނާގެ ވަށައިގެންވާ ކަންކަމަށް ނުވިސްނައި ، މަންމަމެން އެކުރީ ވަރަށް ދެރަ ކަމެކެވެ. ޚުދު ތަހުނިޔާވެސް ، މީހަކާ އިންނާކަށް އަދި ބޭނުމެއްނޫނެވެ. އޭނާއަށް އެއުޅެނީ ވަޒީފާގަނޑެއްވެސް އަދިވެސް ނުލިބިގެންނެވެ. ގޭތެރެއިން ބޭރުގައި ޒުވާން އަންހެންކުދިން މިނިވަންކަމާއެކު ލަމުން އެދާ ނޭވާގެ ވަސްވެސް ތަހުނިޔާގެ ހަށިގަނޑުގައި އަދި ، ބީހިއެއް ނުލައެވެ. ތަހުނިޔާފަދަ ކިޔަވައިގެން ތިބި ޒުވާން އަންހެން ކުދިން ، ބޭރުތެރޭގައި ، ޢިއްފަތްތެރިކަމާއެކު ، އެހޯދަމުން ގެންދާ އުފާވެރިކަމާއި ހިތްހަމަ ޖެހުމަކީ ، އޭނާވެސް ކުރާ އުއްމީދެކެވެ.

ތަހުނިޔާއަށް ލިބިފައިވާ މަތީ ތަޢުލީމުގެ ބޭނުން ހިފޭނެ ދޮރު އޭނާއަށް އެ ބަންދުވީއެވެ. އެހެން މީހުންނަށް ބަރޯސާ ނުވެ އޭނާގެ އަމިއްލަ ބޭނުންތައް ފުއްދައިގެން އަމިއްލަ ނަފުސު ހިންދެމިލުމަށް އޮތް ހުރިހާ ދޮރެއް އޭނާއަށް އެ ބަންދުވަނީއެވެ. މީހުންނާވެސް އިންނަން ވާނެއެވެ. އެހެނަސް ، ނޫރު ބުނާހެން އެކަން ކުރުމަށް އަމިއްލަ ނަފްސު ތައްޔާރު ވުމުންނެވެ. އެއަށްފަހު ، ވަޒީފާވެސް އަދާކުރަންވީއެވެ. ގޭތެރޭގެ ކަންކަންވެސް އަމިއްލަޔަށް ބަލަހައްޓަން ވީއެވެ. ކުދިން ހޯދައި ، ރަނގަޅު ތަރުބިއްޔަތެއްގައި އެކުދިން ބަލައި ބޮޑުކުރެވޭނީ އޭރުންނެވެ. މައިންބަފައިންގެ ނުފޫޒުން މީހުންނާ އިނދެގެން ، އަންހެންކުދިންނަށް އެލިބެނީ ، ހިތްނޭދޭ ތަކުލީފު ތަކެކެވެ.

ނޫރު އެދައްކަނީ ރަނގަޅު ވާހަކައެއްކަން ތަހުނިޔާއަށް ޔަޤީން ކުރެވުނެވެ. ކުއްލިޔަކަށް ރޭވެ އިރުއަރާތަނުން ، މަންމަ އައިސް މިވެނި މީހަކާ އިންނާށޭ ކިޔާފައި މީހަކު ދައްކާއިރަށް އަވަސް އަރުވައިލާފައި މީހުންނާ އިނުމަކީ ، އަންހެންކުދިންނަށް މައިންބަފައިންގެ ފަރާތުން ލިބޭ އަނިޔާ އެކެވެ.

ނޫރުއާ އެވާހަކަ ދައްކައިލަން ތަހުނިޔާ ބޭނުންވިއެވެ. ފޯނުނަގައި ނޫރުއާ ގުޅައިލިއެވެ. ނޫރުއާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ބުންޏެވެ. ހެދުންތައް ފަށްޖަހަން އުޅެމުން ކަންފަތުގައި ފޯނު ޖައްސައިގެންހުރެ ނޫރުވެސް ތަހުނިޔާގެ ވާހަކަ އަޑުއަހަން ބޭނުންވާ ވާހަކަ ބުންޏެވެ. ނޫރުގެ ހިތަށް ލިބިފައިވާ ހާސްކަމުގައި ތަސައްލީއެއް ލިބެނީ ހަމައެކަނި ތަހުނިޔާއާ ވާހަކަ ދައްކައިލައިގެންނެވެ. އެވަގުތު ، ކުއްލިޔަކަށް ތަހުނިޔާގެ ފޯނު ކެނޑުނެވެ. ކުރަން ހުރި މަސައްކަތަށް އިސްކަންދީ ، ނޫރު ހެދުންތައް ފަށްޖެހުމުގެ މަސައްކަތް ފެށްޓިއެވެ. ހަމަޖެހިލައިގެން ފަހުން ތަހުނިޔާއާ ވާހަކަ ދައްކާލާނީކަމަށް ނިންމައިގެންނެވެ.

ތަހުނިޔާގެ ފޯނު ކެނޑުނީކީ ނޫނެވެ. އެ ފޯނު ކަނޑައި ލެވުނީއެވެ. ތަހުނިޔާގެ ވާހަކަ ނުފެށްޓި އުޅެނިކޮށް އެތަނަށް އައިސް އެވަނީ ސާޖިދާއެވެ. ތަހުނިޔާގެ އަތުން ފޯނު އަތުލައި ފޯނު ކަނޑައިލިއެވެ. އަދި ، މައިންބަފައިންގެ  ނިންމުމާމެދު ، ނޫރުގެ ޚިޔާލު ހޯދާކަށް ނުޖެހޭނެކަމަށް ބުނެ ، ތަހުނިޔާ ދެކެ ރުޅިއައެވެ.

" ނިކަން ރަނގަޅަށް އަޑު އަހާށެވެ ! އެ ނިންމުމަކީ ، މުރުތަޟާއާއި ތަހުނިޔާގެ މައިންބަފައިން އެއްބަސްވެ ނިންމި ނިންމުމެކެވެ. ނޫރު އެކަމަށް އިޢުތިރާޒު ކުރުމާއި ، ނޫރުގެ މީހުން އެކަމާ ދެރަވެ ހިތްހަމަ ނުޖެހުމަކީ ތަހުނިޔާއާ ބެހޭ ކަމެއްނޫނެވެ. އެއްވެސް މީހަކު ދެރަވާނެތީ އެއްވެސް މީހަކު ރުޅިއައިއްސާނެތީ ، ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ. " ސާޖިދާ އޭނާގެ ދަރިފުޅަށް އިންޒާރު ކުރިއެވެ.

އެއީ ، ބިރުގަތުމާއި ލަދުގަތުމާ ގުޅިފައިވާ ކަމެއްނޫނެވެ. އެއީ ތަހުނިޔާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ އެހާ ފަސޭހައިން ، ކުއްލިޔަކަށް ނިންމޭނެ ކަމެއްނޫނެވެ. އޭނާކުރެން އަހައިލުމެއް ކަހައިލުމެއްނެތި ، އޭނާގެ ދިރިއުޅުމާ ގުޅިފައިވާ އެފަދަ ބޮޑުކަމެއް ، އޭނާގެ އަމިއްލަ މަންމައާއި ބައްޕަ ނިންމީތީ ، ތަހުނިޔާ ހުރީ ރުޅި އައިއްސައެވެ. އެއީ ދަރިންނަށް ހެޔޮއެދޭ މައިންބަފައިން ކުރާނެކަމެއްނޫނެވެ. ނޫރުގެ ވާހަކަތަކަށް ހިތުގެއަޑިން ތަހުނިޔާއަށް ތާއީދު ކުރެވުނެވެ.

މުރުތަޟާއާއި ނޫރުގެ ޙަޤީޤަތް ތަހުނިޔާއަށް ރަނގަޅަށް އެނގެއެވެ. މުރުތަޟާއާއި ނޫރު އެއުޅެނީ ، އެކަމުގައި އަދި ގޮތެއް ނުހޯދިގެންނެވެ. އެމީހުން އަދި އެވާހަކަ ދައްކައި ޙައްލެއް ހޯދަން ޖެހެއެވެ. ޚުދު ، ތަހުނިޔާވެސް އެހުރީ މުރުތަޟާއާ އެވާހަކަ ދައްކައި އެކަން ޙައްލުކޮށްދޭނެކަމަށް ނޫރުގާތު ވަޢުދު ވެފައެވެ. އެ ހޫނުގަނޑުގެ ތެރޭގައި އެ ދެލޯބިވެރިން އުޅެނިކޮށް އޭގެ ތެރެޔަށް ތަހުނިޔާ ވަންނާނީ ކިހިނެއް ހެއްޔެވެ ؟ ނޫރުއަކީ ، ތަހުނިޔާ އެހާ ލޯބިވާ ، ކުޑައިރުއްސުރެ އެކުގައި އުޅެމުން އައި އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ ، އޭނާއަށް ނޫރުއަށް ވެވޭ ބޭވަފާތެރިކަމެކެވެ. ރަޙުމަތްތެރިކަމުގެ އަގުވެސް ތަހުނިޔާއަށް ވަޒަން ނުކުރެވޭ ފަދަ ޢަމަލެކެވެ. އެއީ އޭނާއަށް ނޫރުއަށް ދެވޭ ލޮޓި އެކެވެ. އަދި އަމްދުން ، މުރުތަޟާއާ ދޭތެރޭ އެއްވެސް މިންވަރެއްގެ ލޯތްބެއް ތަހުނިޔާގެ ހިތަކު ނެތެވެ. މުރުތަޟާއަކީ ، އެ ނަޒަރުން ބަލާއިރު ، އޭނާ ދަންނަ މީހެއްވެސް ނޫނެވެ. އެކަން ކޮށްފިނަމަ ، ތަހުނިޔާއާ މީހުން ދިމާކުރާނެއެވެ. ހިތަށް އުނދަގޫވާނެ އެތައް މަލާމާތެއް ރައްދުވާނެއެވެ.

ނޫރުއާ ރަޙުމަތްތެރިކަން ބޭއްވުމުގެ މަޤްޞަދަކީ ، ނޫރު ވިސްނާ ގޮތް ތަހުނިޔާގެ ސިކުނޑިން ވިސްނައިގެން ، ނޫރުގެ ދުލުން ބޭރުކުރަން ބޭނުންވާ ބަސްތައް ތަހުނިޔާގެ ދުލުން ބޭރުކުރުން ނޫންކަމަށް ސާޖިދާ ބުންޏެވެ. ސާޖިދާގެ ބަސްމަގުގައިހުރީ އަމުރުވެރިކަމާއި ހަރުކަށި ކަމެވެ. އެމީހުންގެ ނިންމުމަށް ތަހުނިޔާއަށް ދެކޮޅުހެދޭނެ އެއްވެސް ޢުޒުރެއް އޮވެގެން ނުވާނެއެވެ. އެނިންމުން އެއޮތީ ނިމިފައެވެ.

އެއީ ، ހަމައެކަނި ނޫރުއާ ގުޅިފައިވާ ކަމެއްނޫނެވެ. ތަހުނިޔާގެވެސް ދިރިއުޅުމެއް އެބައޮތެވެ. އޭނާ ބޭނުންވާ ގޮތްތަކަކާއި އޭނާގެވެސް އަމިއްލަ އިޙްސާސްތަކެއް ހުންނާނެއެވެ. އެހެނަސް ، އެއިން އެއްވެސް ކަމަކަށް ވިސްނާކަށް ސާޖިދާ ބޭނުމެއް ނޫނެވެ. ތަހުނިޔާ މީހަކާ ދެވަން ، އެމީހުންނަށް އެލިބުނު ރަނުގެ ފުރުޞަތު ގެއްލިގެންދާކަށް ސާޖިދާ ބޭނުމެއްނޫނެވެ. ނޫރުއާ ވާދަކޮށްލަން ، އޭނާގެ ދަރިފުޅު ، ތަހުނިޔާއަށް ލިބުނު އެ ފުރުޞަތު ގެއްލިގެން ހިނގައިދާނެ އެއްވެސްކަމެއް ސާޖިދާއެއް ނުކުރާނެއެވެ.

" ހަމަ ޖެހިލާށެވެ ! އަދި އިތުރަށް އެކަމާ އަހަރެމެންނާ ބަހުސްކޮށް ޖަދަލު ނުކުރާށެވެ. ނޫރުލްޢައިނުއަށް މުރުތަޟާ އެގެއްލުނީ ، އޭނާގެ ގޮތެއްފޮތެއް ނެތުމުގެ ސަބަބުންނެވެ. ތަހުނިޔާ ، އެކަހަލަ ޅަ އެއްޗެއް އަޅާކަށް އަހަރެމެން ބޭނުމެއްނޫނެވެ. ތަހުނިޔާގެ ނަޞީބަށް ހުރަސްއަޅަން ނޫރު ދައްކާ ވާހަކަ އަޑުއަހައި ، އެވާހަކަތަކަށް ހެއްލިގެން ނުވާނެއެވެ. ތަހުނިޔާއަށް ދިމާވެދާނެ ހުރިހާ ކަމަކާމެދު ވިސްނަން އަހަރެމެން މިތިބީ ނޫންހެއްޔެވެ ؟ " ސާޖިދާ އޭނާގެ ދަރިފުޅާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

ޙަފުޞާ އާއި ޠާހިރާއާއި ދެމައިން ގެޔަށް ވަތްއިރު ، ޠާހިރާހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އޭނާގެ ހިތް ތުރުތުރު އަޅަމުން ދެއެވެ. އެ ހިތާ އެއްވަރަށް ހަށިގަނޑުވެސް ގުޑުގުޑު އަޅަމުން ދެއެވެ. ޠާހިރާގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމަކަށް ޙަފުޞާ ވިސްނައެއް ނުލައެވެ. އަދި އިހަށް އެވާހަކަ ނުދައްކާށޭ ބުނެ ، ޠާހިރާ ކުރަމުންދިޔަ އާދޭސް އަޑުއަހާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ.

މުރުތަޟާ އޮފީހުން ގެޔަށް އައިސް ވަތްތަނުން ފުރަތަމަވެސް ދިމާވީ ޠާހިރާއާއެވެ. މަންމަ ކޮބައިތޯ މުރުތަޟާ ކުރި ސުއާލަށް ، ޠާހިރާއަށް ޖަވާބު ދެވުނީ ކަންބޮޑުވެ ހުރެއެވެ. މަންމަ ނަމާދު ކުރަނީއޭ ބުނެ ޠާހިރާ ޖަވާބު ދިނެވެ. އެއީ ނަމާދެއް ކުރަން ކޮންގަޑިއެއްތޯ މުރުތަޟާ އަށް އަހައި ލެވުނެވެ. އެ ސުއާލަށް ޖަވާބު ދިނީ ، މުރުތަޟާ އައިކަން އެނގިގެން ގޭތެރެޔަށް ނުކުތް ޙަފުޞާ އެވެ.

ޙަފުޞާ ދެނަމާދެއް ކުރިކަމަށް ބުންޏެވެ. އެއް ނަމާދަކީ ، އޭނާއަށް ރަނގަޅުގޮތް ދެއްކެވިކަމަށްޓަކައި ﷲ އަށް ކުރި ޝުކުރުގެ ނަމާދެވެ. ދެވަނަ ނަމާދަކީ ، އޭނާގެ ނިންމުންތައް ހެޔޮހިތުން ބަލައިގަތުމުގެ ހިތްވަރު ، އޭނާގެ ދަރިފުޅު ، މުރުތަޟާއަށް މިންވަރު ކޮށްދެއްވުން އެދި ކުރި ސުންނަތް ނަމާދެކެވެ.

" މުރުތަޟާއެވެ ! ނޫރުލްޢައިނުގެ އަވާގައި މުރުތަޟާ ނުޖެހޭނެކަމަށް ، އިހަކަށްދުވަހު މަންމަގާތު ބުނީމެއް ނޫންހެއްޔެވެ ؟ އަދި ، މުރުތަޟާގެ ދިރިއުޅުމުގައި ބޭނުންވާ ގޮތް އަމިއްލަޔަށް ނިންމުމުގެ އިޚްތިޔާރު އެބައޮތްކަމަށްވެސް ބުނީމު ނޫންހެއްޔެވެ ؟ އެކަންކަމަށް ރިޢާޔަތްކޮށް ، މަންމަ މިއައީ ، ރަނގަޅު ކުއްޖަކާއެކު މުރުތަޟާގެ ކައިވެނި ކުރަން ނިންމާފައެވެ. " ޙަފުޞާ ބުންޏެވެ.

ޙަފުޞާ މިއަދު އެކުރިކަމަކުން ކަންބޮޑުވެފައިހުރި ޠާހިރާއަށް އެތާ ހުރެވެނީކީ ނޫނެވެ. އޭނާގެ ނޭވާ ހާސްވާގޮތް ވިއެވެ. އަރިއަޅާލައިގެން ނުވެއްޓުނީ ، އެތާހުރި އަދަރާދަ ގޮނޑިއެއްގައި އަތްޖައްސާލައި ހިފަހައްޓައިލެބުނީތީއެވެ. މުރުތަޟާއަށްވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. އެހާ އަވަހަށް ، މަންމަ އެނިންމި ނިންމުން އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ކީކޭ ހެއްޔެވެ ؟ މަންމަ ތިބުނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ މަންމަ މޮޔަވީ ހެއްޔެވެ ؟ މުރުތަޟާގެ ހިތުގައި އުފެދުނު ސުއާލުތައް އޭނާގެ މަންމައާ ސީދާ ކުރިއެވެ.

" އާނއެކެވެ ! މިއީ ، ޙައިރާން ނުވާންވީ ވާޙަކައެއްނޫނެވެ. މަންމަ އެކަން މި ނިންމީ ވަރަށް ބޮޑަށް ވިސްނާފައެވެ. މުރުތަޟާއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަން ކަށަވަރު ކޮށްފައެވެ. އެހެންގޮތެއް އަހަރެންނަކަށް ނުފެނުނެވެ. މަންމަ މިއަދު މިއައީ ، މުރުތަޟާގެ ކައިވެނީގެ އަނގޮޓި ރަމްޒީގޮތުން ، ތަހުނިޔާގެ އިނގިލީގައި އަޅުވާފައެވެ. " ޙަފުޞާ އޭނާގެ ބަސް ނިކަން ކަށަވަރުކަމާއެކު އިއްވިއެވެ.

މުރުތަޟާއަށް އޭނާގެ އަތުގައިވާ ދަބަހުގައި ބާރަށް ހިފައި ލެވުނެވެ. ހުސްކޮށް އޮތް އަތް ބާރަށް މުށްކަވައި ލެވުނެވެ. އެވާހަކަ އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާކުރެން އެންމެ ފަހަރަކުވެސް އަހައިނުލާ އެވަރުގެކަމެއް ، މަންމަ ކުރާނެކަމަކަށް ހިތަކަށް ނާރައެވެ. އެންމެ ފަހަރަކުވެސް އޭނާކުރެން އަހައިލާފައި އެވަރުގެ ކަމެއް ނިންމިނަމައޭ މުރުތަޟާއަށް ބުނެވުނެވެ.

މުރުތަޟާ އޭނާގެ ދައްތަ ޠާހިރާއާ ދިމާއަށް އެނބުރިލިއެވެ. ދައްތަގެ ޙާޟިރުގައި އެވަރުގެކަމެއް މަންމަ ނިންމިއިރު ހިމޭނުންހުރީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ދައްތައާ ދިމާއަށް ނުރުހުމުގެ ލޮލަކުން ބަލައިލެވުނެވެ. މުރުތަޟާގެ ހިތުގެ ޙާލާއި ސިކުނޑީގެ އުދާސްތައް އެންމެ ބޮޑަށް އެނގޭނީ ޠާހިރާއަށެވެ. ނޫރުއާއި މުރުތަޟާގެ ގުޅުމުގެ ނާޒުކުކަމާއި ، މުރުތަޟާގެ ހިތުގައި ނޫރުގެ މައްޗަށް އޮންނަ ލޯބި ، ޠާހިރާއަށްވުރެ ބޮޑަށް އެނގޭނެ މީހަކު އެގެޔަކު ނޫޅޭނެއެވެ.

" އަހަރެންގެ މިނިންމުގެ އެއްވެސްކަމެއް ޠާހިރާއަކަށް ނޭނގޭނެއެވެ. އޭނާދެކެ ރުޅި ނާންނާށެވެ. އެކަންކުރަން އަހަރެންނަށް އިލްހާމް ކުރެއްވީ ﷲ އެވެ. އަހަރެންނަށް ﷲ އިލްހާމް ކުރެއްވި ގޮތް އެއޮތީ ހަދާފައެވެ. މުރުތަޟާއަށްވެސް ދެން އެންމެ ރަނގަޅުވާނީ މާބޮޑު ކަމަކަށް ނުހަދާ އެކަމަށް ރުހި ޤަބޫލު ވުމެވެ. މަންމައެއްގެ ހިތަށް ﷲ ވައްދަވާ އިލްހާމުން ނިންމާ ނިންމުން އެއީ ދުނިޔޭގައި އިންސާނުން ނިންމާ އެންމެ މަތިވެރި ނިންމުމެވެ. މުރުތަޟާވެސް އެކަން ޤަބޫލު ކުރާށެވެ. އެއީ އަހަރެމެން އެންމެންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތެވެ. " ޙަފުޞާ ، މުރުތަޟާގެ ވިސްނުމާ ކުޅެމުން ގެންދިޔައެވެ.

" މުރުތަޟާ ނިކަން ބުނެބަލާށެވެ ! މުރުތަޟާގެ އެންމެ ތުއްތު އިރުއްސުރެ ، މުރުތަޟާގެ ކިބައިން މަންމަ އެއްވެސް ކަމަކަށް އެދުނިން ހެއްޔެވެ ؟ އެކަމަކު މަންމަގެ މި ނިންމުމަކީ ، މުރުތަޟާގެ ކިބައިން މަންމަ އެދޭ އެދުމެއްކަމުގައި ބަލާށެވެ. އެ ނިންމުމަކީ މުރުތަޟާގެ ޙަޔާތުގެ ބާއްޖަވެރިކަމަށްޓަކައި މަންމަ ނިންމި ނިންމުމެކެވެ. " ޙަފުޞާ ، މުރުތަޟާއާ ގާތަށް ޖެހިލައި މޫނުގައި ފިރުމާލަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެންމެ ދެރަވެގެން ،  އެންމެ ފަހަރަކުވެސް މުރުތަޟާގާތު އަހައިނުލީތީ މުރުތަޟާ ޝަކުވާ ކުރިއެވެ. މުރުތަޟާގާތު އެވާހަކަ އަހައިފިނަމަ ، އެކަމަށް އިންކާރު ކުރާނެކަން ޙަފުޞާއަށް އެނގެއެވެ. މުރުތަޟާގެ އިޙްސާސްތަކާއި ޖަޒުބާތުތައް އެއީ ޙަފުޞާ ބަލަން ބޭނުންވާ ކަމެއްނޫނެވެ. ގޮތް ދޫނުކުރުމާއި ޖަދަލުކުރުމުގައި ނޫރުގެ ކިބައިން ބަދަލު ހިފުމަށްޓަކައި ޙަފުޞާ އެނިންމި ނިންމުމަކީ ، މުރުތަޟާގެ ހިތަށް ލިބުނު އިތުރު ކެކުޅުމެކެވެ.

މަންމަ ބޭނުންވާގޮތަކަށް މުރުތަޟާ ހަދާނެއެވެ. އެއްވެސް ކަމަކާ އިންކާރެއް ނުކުރާނެއެވެ. ބައްޕަ ދުނިޔޭގައިވެސް މަންމަގެ އެއްވެސް ބަހަކަށް ، ބައްޕަ ނޫނެކޭ ބުނެފައެއް ނެތެވެ. އެ ބައްޕަޔަކީ ، އަނބިދަށުވެފައިހުރި ފިރިހެނެއްކަން މުރުތަޟާއަށް އެނގެއެވެ. އޭނާވެސް އެހުރީ މަންމަގެ ނުފޫޒުގެ ދަށުގައިކަން މުރުތަޟާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އޭނާގެ ކިޔަމަންތެރިކަމަކީ ، އޭގެ ނާޖާއިޒް ގޮތުގައި މަންމަ ނަގާފާނެ ކަމެއްކަމަކަށް ހީކުރެވިފައެއް ނެތެވެ. އެހެނަސް ، މަންމަ ބުނާ ކޮންމެގޮތެއް އޭނާ ހަދާނެއެވެ. އޭނާ މީހަކަށް ހަދައިދިނީ އެމަންމަ ކަމަށް ވާތީއެވެ.

" މުރުތަޟާ އަމިއްލަޔަށް ، މުރުތަޟާގެ ދިރިއުޅުމުގައި އަމިއްލަ އިޚްތިޔާރު ބޭނުން ކޮށްފީމުއެވެ. ބޭނުންގޮތަކަށް އުޅެފީމުއެވެ. އެކަން ރަނގަޅަކަށް ނުދިޔައެވެ. ނޫރުގެ ފަރާތުން ކުރިމަތިވީ ބޭވަފާތެރިކަމެވެ. މަންމަޔަށް މި ފިޔަވަޅު އަޅަންޖެހުނީ ، އެކަން މަންމަ ކުރަން ޖެހިއްޖެކަމަށް ފެނިގެންނެވެ. އެ މަސްއޫލިއްޔަތަކީ މަންމަ އުފުއްލަން ޖެހިއްޖެކަ ޒިންމާއެއްކަމަށް ފެނިގެންނެވެ. މަންމަގެ މި ނިންމުމުގެ ހުރިހާ މަސްއޫލިއްޔަތެއް މަންމަ އުފުއްލާނަމެވެ. ހުރިހާ ކަމަކަށް ޒިންމާ ވާނަމެވެ. މުރުތަޟާ ، މަންމަޔަށް ކޮށްދޭންވީ ކަމަކީ ، ހަމައެކަނި އެކަމަށް އާނބަސް ބުނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. ޙަފުޞާ ބޮލުގެ ބޭނުންކޮށްގެން މުރުތަޟާގެ ސިކުނޑިއާ ކުޅެމުން ގެންދިޔައެވެ.

މުރުތަޟާ އެކަމަށް އިންކާރު ނުކުރާނެކަން ޙަފުޞާއަށް އެނގެއެވެ. އަދި ހަމަ އެއާއެކު ، އެ ގުޅުމަށް މުރުތަޟާ ހިތްނޭދޭކަންވެސް އެނގެއެވެ. ކުއްލިޔަކަށް ނިންމުނު ކަމެއްވީމަ އެހެންވެސް ވެދާނެއެވެ. މުރުތަޟާއަކީ މަންމައާ ގުޅޭ ކޮންމެ ކަމެއްގައިވެސް ގޮތްދޫކުރާ ދަރިއެކެވެ. މަންމަ ބޭނުންވާ ކޮންމެ ކަމެއްވެސް ، ހިތާ ދެކޮޅަށްވިޔަސް ، އޭނާ ކުރާނެއެވެ.

މުރުތަޟާ އަށް އެތާ ހުންނަން އުނދަގޫ ވިއެވެ. އޭނާގެ ބޮލުގައި ބަރު އެއްޗަކުން ތަޅަމުން ގެންދާ ފަދައެވެ. ދެއަތަށް ބޯ ހޫރައިލުމަށްފަހު ، ބާރަށް ހިނގައި ގޮސް އޭނާގެ ކޮޓަރިޔަށް ވަނެވެ.

މުރުތަޟާއަށް އެވީގޮތް ، ޠާހިރާއަށް އެނގުނެވެ. އަދި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ޠާހިރާ އަނގަ ހުޅުވައިލިތަނުން ، ހިމޭނުން ހުރުމަށް އަންގައި ، ހަފުޞާ އޭނާގެ އަތުން ޢިޝާރާތްކޮށް ޠާހިރާ ހުއްޓުވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.