ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރުގައި ބަޔާންކުރައްވަފައިވެއެވެ.

ތިނަދޫސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 5 އަކަށް ބަދަލުވެގެންދިޔައީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.