ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް، މުޅި ރާއްޖެއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރައްވައިފިއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ފެށުން ރަސްމީގޮތުން ފާހަގަކުރެއްވުމަށް "ހުވަދު އަތޮޅު ގުޅާލުން" މިނަމުގައި، ގދ. ތިނަދޫ ބަނދަރު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުސްވި ޖުލައި މަހު އާރް.ޓީ.އެލްގެ ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފަށާފައިވާއިރު، 20 ޖުލައި 2023 އިން 26 ޖުލައި 2023 އަށް އާރް.ޓީ.އެލްގެ ޚިދުމަތަށް މީހުން އަހުލުވެރިކުރުމަށްޓަކައި އެމުއްދަތުގައި ޚިދުމަތް ދީފައި ވަނީ ހިލެއެވެ. މީގެ އިތުރުން، ޢުމުރުން 03 އަހަރު ނުވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާރް.ޓީ.އެލް ފެރީ މެދުވެރިކޮށް ހިލޭ ދަތުރުފަތުރު ކުރެވޭނެ އެވެ.

ހުވަދު އަތޮޅަކީ، ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށް ވުމާއިއެކު، މީގެ ކުރިން އެއަތޮޅުގެ މަރުކަޒީ ރަށް ގދ. ތިނަދޫއަށް ޚިދުމަތްތައް ހޯދުމަށް ބައެއް ރަށްރަށުން 5 ގަޑިއިރަށްވުރެ ދިގު ދަތުރެއްކުރަން ޖެހިފައި އޮތުމަކީ، ވިޔަފާރިއާއި އިޖުތިމާއީ ގުޅުންތަކަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ނަމަވެސް އާރް.ޓީ.އެލްގެ ޚިދުމަތާއި އެކު ދަތުރަށް ހޭދަކުރަންޖެހޭ ވަގުތު އެތައްގުނައެއް ކުޑަވެގެން ދިޔުމާއި އެކު، ވިޔަފާރިއާ އިޖުތިމާއީ ގުޅުންތައް ބަދަހިވެ އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެއެވެ. މިބޮޑު ބަދަލާއި ފަސޭހައާ، ހުވަދު އަތޮޅުގެ ރަށްތައް އަމުނައި ގަތައި ގުޅާލެވިގެންދާ އާރް.ޓީއެލް. ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރުމުގެ ގޮތުން ހުވަދުގެ އަރޮޅުގެ ކޮންމެ ރަށަކުން ފަރިވަޅެއްވެސް ވަނީ އަރުވާފައެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ޚިދުމަތުން މުޅިރާއްޖެ ގުޅާލުމަކީ، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައި، ފިޔަވަހިތަކަކަށް ބަހާލައިގެން އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން މިހާތަނަށް، ޒޯން 1 ގައި ހިމެނޭ، ހއ.، ހދ.، އަދި ށ. އަތޮޅުގަޔާއި، ޒޯން 2ގައި ހިމެނޭ، ޅ. އަތޮޅުގަޔާއި، ޒޯން 6 ގައި ހިމެނޭ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި، އާރް.ޓީ.އެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. އާރް.ޓީ.އެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ޙަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.