ފަލްސަފާ - 10

(27 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއްވެސް ކެތްތެރިކަމެއްނެތި ، ޙަފުޞާ އެދިޔަ ބާރުމިނުގައި ގޮސް އެވަނީ ، ތަހުނިޔާމެންގެ ގެޔަށެވެ. ސާޖިދާއާއި ޢާޞިފާ ބައްދަލު ކުރުމަށެވެ. ޠާހިރާވެސް ޙަފުޞާއާ އެކުގައި އެގެޔަށް ދިޔައެވެ. މަންމަ އެ ކުރަން އުޅޭކަމެއް ބަލައިލުމުގެ ބޭނުމުގައެވެ. މަންމަޔަކީ ، ހިތަށް އަރައިފިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން ޠާހިރާއަށް އެނގެއެވެ. ފަހުން ކޮންމެގޮތެއްވިޔަސް ވަރިހަމަ ވާނެއެވެ.

ޙަފުޞާ އެގެޔަށް ގޮސްވަނުމުން ، ސާޖިދާއާއި ޢާޞިފް އޭނާއަށް މަރުޙަބާ ކިޔެވެ. ސިޓިންގރޫމުގެ ގޮނޑިޔެއްގައި ހަމަޖެހިލުމަށްފަހު ، ފުރަތަމަވެސް ފެށީ ނޫރުލްޢައިނުގެ ގޯސް ވާހަކައިންނެވެ. މުރުތަޟާއާ ކައިވެނިކުރަން ނޫރު ، އިންކާރުކުރި ވާހަކައިންނެވެ. އެ ޚަބަރު ވެގެންދިޔައީ ސާޖިދާއަށް ލިބުނު ޙައިރާން ކަމަކަށެވެ. މުރުތަޟާފަދަ ރަނގަޅު ކުއްޖެއްގެ ކައިވެންޏަށް އިންކާރު ކުރުމަކީ ނޫރު ކުރި ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސާޖިދާ ސިފަކުރިއެވެ. ތަހުނިޔާގެ ބައްޕަ ، ޢާޞިފުވެސް އިނީ އެކަމާ ދެރަވެފައެވެ. އެ ދެ ޢާއިލާގެ މެދުގައި ކައިވެންޏާ ބެހޭގޮތުން ހިނގި އެއްވެސް ކަމެއްގެ މަޢުލޫމާތެއް އެދެމީހުންކުރެ މީހަކަށް ލިބިފައެއް ނުވެއެވެ. އަދި އެއްފަހަރު އެގެޔަށްގޮސް ، ނޫރުގެ ބައްޕަ ވަޞީމާ ވާހަކަ ދައްކައިލުމުގެ މުހިންމުކަން ޢާޞިފު ފާހަގަ ކުރިއެވެ. ވަޞީމަކީ ވިސްނޭ ރަނގަޅު މީހެކެވެ. ޙަފުޞާގެ ވާހަކަ ވަޞީމު ޤަބޫލުކުރާނެއެވެ.

މައްސަލަޔަކީ ވަޞީމު އެކައިވެންޏަށް ހުރަސް އެޅުމެއްނޫނެވެ. ހުރިހާވެސް މައްސަލަޔަކީ އެ ނޫރުލްޢައިމު އެވެ. ކިޔެވުނީމާ އެހުރީ އޭނާގެ ހިތް ސިދުރަތުލް މުންތަހާއަށް އަރާފައެވެ. ބޮޑާވުމުގައިވެސް ޙައްދެއް އޮންނާނެ ކަމަށް ބުނެ ، ޙަފުޞާ ގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ސާޖިދާ ދައްތާއެވެ ! ޙަޤީޤަތުގައި ނޫރުލްޢައިނު ބޭނުންވަނީ ............." ޠާހިރާގެ ވާހައިގެ އަނެއްބައި ފުރިހަމަކޮށްދިނީ ޙަފުޞާއެވެ.

" ކައިވެނި ރޫޅައިލާށެވެ. އެކައިވެނި ކުރާކަށް ނޫރުލްޢައިނު ބޭނުމެއް ނުވެއެވެ. ނޫރު މިއަދު އެގެޔަށް އައިސް އެދިޔައީ ، އެ ކައިވެނި ނުކުރާނެކަމަށް އަހަރެންގާތު ބުނެފައެވެ. އަދި ކޮބައި ހެއްޔެވެ ؟ އަހަރެން ދީފައިހުރި ހުރިހާ ހަދިޔާ އަކާއި ގަހަނާއެއް ހިފައިގެން އައިސް އަހަރެންގެ ބޮލަށް ޖަހާފައި ހިނގައްޖެއެވެ. އަހަރެމެންނަށް އެހެންކުއްޖަކާ މުރުތަޟާ ދެވަން މިހާރު މިވަނީ ފުރުޞަތު ލިބިފައެވެ. ވަރަށް އަވަހަށް އަހަރެން އެކަން ކުރާނަމެވެ. " ހަފުޞާ ބުންޏެވެ.

ހަފުޞާ ހަދަހަދައިގެން އެދެއްކި ވާހަކަ ތަކުން ޠާހިރާ އިނީ ކަންބޮޑުވެ ޙައިރާން ވެފައެވެ. މަންމަ އެދައްކަމުންގެންދާ ވާހަކަތަކަށް ނުރުހުން ވެފައެވެ. ޢާޞިފާއި ސާޖިދުގެ ޙާއިރާންކަންވެސް އިތުރަށް ބޮޑުވިއެވެ. އެ ކައިވެންޏާ ބެހޭގޮތުން އެމީހުންނަށް އެނގޭނީ ޙަފުޞާ ދައްކާ ވާޙަކައެއް އެކަންޏެވެ. އެއީ ނޫރު ކަހަލަ ކުއްޖަކު ކުރާނެ ކަހަލަ ކަމެއްނޫންކަން އެމީހުންނަށް އެނގުނެވެ. އެކަމަކު ، އެއީ އެމީހުންނާ ބެހޭކަމެއްނޫނެވެ. އެހެން ގެޔެއްގައި ހިނގާ އެކަހަލަ ކަންކަން އެއީ އެމީހުން އޭގެތެރެޔަށް ވަންނަން ޖެހޭ ކަހަލަ ކަމެއްނޫނެވެ. ޢާޞިފާއި ސާޖިދާ ، އެކަމާ ކަންބޮޑުވެ ދެރަވީ ، އެދެބައިމީހުންނަކީވެސް އެމީހުންގެ އަވަށްޓެރިންކަމުގައި ވާތީއެވެ.

ޙަފުޞާގެ ވާހަކަޔަށް ސާޖިދާވެސް އެއްބަސް ވިއެވެ. މުރުތަޟާ މީހަކާ ދެވުމަކީ ޙަފުޞާއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. މުރުތަޟާ އަކީ ނުލާހިކު ރަނގަޅު ކުއްޖެކެވެ. މުރުތޟާ އާ ކައިވެނިކުރަން ، މިހިސާބުންވެސް ޙަފުޞާއަށް އަންހެންކުއްޖަކު ހޯދިދާނެއެވެ. އެއީ އެހާ އުނދަގޫ ކަމަކަށް ނުވާނެކަމަށް ބުނެ ، ސާޖިދާ ، ޙަފުޞާއާ ބައިވެރި ވިއެވެ. ޠާހިރާ އިނީ މަންމަގެ ވާހަކަތަކުން ކަންބޮޑުވެ ހާސްވެފައެވެ. އެހެނަސް ، އެކަމާ ބެހޭގޮތުން ޠާހިރާ އެއްޗެކޭ ބުނަން ، މަންމަ ފުރުޞަތު ނުދޭނެކަން ޠާހިރާއަށް އެނގެއެވެ. އެހެންވެ ، އޭނާއިނީ ، ތައްބައްދައިގެންނެވެ. އޭނާ ބުނަންހުރި ވާހަކަތައް ހިފަހައްޓައިލައިގެންނެވެ.

" ޙަފުޞާގެ ތި ނިންމުމަކީ ، އަވަސް އަރުވައިލާފައި ޖަޒުބާތީ ގޮތެއްގައި ނިންމާ ނިންމުމެއްކަމަށް އަހަރެންނަށް ފެނެއެވެ. ތި ހިސާބަށް ތިކަން ގެންދިއުމުގެ ކުރިން ، އަދި އެއްފަހަރު ވަޞީމާ ވާހަކަ ދައްކައިލަން އަހަރެންނަށް ފެނެއެވެ. އެކަމަށް ކޮންމެވެސް ޙައްލެއް ފެނިދާނެއެވެ. ތި ހުންނަނީ އަވަސް އަރުވައިލައިގެން ނިންމާ ކަހަލަ ކަންކަމެއް ނޫނެވެ. " ޢާޞިފު ، ޙަފުޞާއަށް ނަޞޭޙަތް ދިނެވެ.

ޙަފުޞާ އޭނާގެ ގޮތް ދުލެއް ނުކުރިއެވެ. އެކައިވެންޏަށް ނޫރުލްޢައިނު އިންކާރު ކޮށްފިކަމުގައި ބުންޏެވެ. އެމީހެއްގެ ހިތް ނޭދޭކަމެއް ގަދަކަމުން ކުރުވުމަކީ ، ފަހުން އޭގެ ނަތީޖާ ރަނގަޅުވެދާނެ ކަމެއްނޫނެވެ. ނޫރުލްޢައިނު އެހުރީ އޭނާގެ ގޮތް ނިންމައިގެންނެވެ. މުރުތަޟާއާ ކައިވެނިކުރަންހުރީ ނޫރުލްޢައިނެވެ. ކައިވެނިކުރަންހުރި މީހާ އެކަމަށް ދެކޮޅު ހެދީމާ އިތުރަށް ދައްކާނެ ވާހަކައެއް އޮންނާނެ ހެއްޔެވެ ؟ އެއްވެސް މީހަކާ ގަދަކަމުން މުރުތަޟާއާ ދެވާކަށް ޙަފުޞާ ބޭނުމެއްނޫނެވެ. އޭރުން ހުރިހާ ގެއްލުމެއް ލިބޭނީ އޭނާގެ ދަރިފުޅު މުރުތަޟާއަށެވެ. ވަޞީމާ ވާހަކަ ދައްކައިގެން އެކަމަށް ޙައްލެއް އަތުވެދާނެކަމަކަށް ޙަފުޞާއަކަށް ނުފެނެއެވެ. އެއީ ވަރަށް ޙަރާންކޯރު ބަޔެކެވެ. އެއީ ރަނގަޅު ބަޔެއްނަމަ ޙަފުޞާގެ އެ ހުށަހެޅުމަށް ދެކޮޅެއް ނުހަދާނެއެވެ. އެމީހުންނައިގެން ޙަފުޞާ އުޅުނީ ކިހާ ވަރަކުން ހެއްޔެވެ. ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ ؟

ސާޖިދާވެސް ޙަފުޞާގެ ވާހަކަތަކަށް ތާއީދު ކުރިއެވެ. އެމީހުންނައިގެން ޙާފުޞާ އުޅުނުވަރު ، ސާޖިދާއަށްވެސް އޮތީ ފެނިފައެވެ. އަދި ޙަފުޞާގެ ވިސްނުމުގައި ، މުރުތަޟާއާ ދެވަން އެކަށީގެންވާ ކުއްޖަކު މި ހިސާބުގަނޑުގައި އެބަހުރިތޯ ސާޖިދާ ސުއާލު ކުރިއެވެ. ހަފުޞާ ކުޑަކޮށް ވިސްނައިލިއެވެ. އޭނާގެ ދުލަށް އައި އެއްޗެއް ވަގުތުން ބުނާނީތޯ ހިތާހިތާ ސުއާލު ކޮށްލިއެވެ. އެއޮތީ ޙަފުޞާއަށް ފުރުޞަތު ލިބިފައެވެ.

" ސާޖިދާމެންގެ ތަހުނިޔާ ، މުރުތަޟާއާ ކައިވެނިކުރަން އަހަރެންނަށް ދޭންވީ ނޫން ހެއްޔެވެ ؟ " އަޅަ އަޅައިގަންނަމުން ޙަފުޞާ އޭނާގެ ހިތުގައިވާ ގޮތް ހާމަކުރިއެވެ.

ސާޖިދާއާއި ޢާޞިފަށް ލިބުނީ ވަރަށްބޮޑު ޙައިރާން ކަމެކެވެ. ދެމީހުންގެ އަނގަ ހުޅުވި ދެލޯ ބޮޑުވިއެވެ. އެދެމީހުންނަށް އެކަކު އަނެކަކަށް ބަލައި ލެވުނެވެ. އެއީ ޙަފުޞާގެ އަނގައިން ، އެހާ އަވަހަށް ބޭރުވެދާނެ ވާހަކައެއް ކަމަކަށް އެއިން އެކަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ޙަފުޞާ އެގެޔަށް އެއައީ އޭނާގެ ގޮތް ނިންމައިގެންކަމެއް އެމީހުންނަކަށް ނުވިސްނެއެވެ. އެ ދެމީހުންނަށް އަނގައިން ބުނަން ނޭނގި ގަބުވެފައި އެތައް އިރަކު ތިއްބެވެ. ޠާހިރާވެސް ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވެ މަންމައާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ނޫނެކޭ ބުނުމަށް އޭނާގެ ބޯ ހޫރަމުން ގެންދިޔައެވެ.

އެތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަން ކަނޑުވައިލީ އަނެއްކާވެސް ޙަފުޞާއެވެ. އޭނާއަށް މުނާސަބު ނޫން ގޯސް ވާހަކައެއް ދެއްކުނީތޯ ސުއާލު ކުރިއެވެ. އެދެމަފިރިން ބޭނުން ނުވާ ވާހަކައެއް ދެއްކުނީތޯ އެހިއެވެ.

" ނޫނެކެވެ. ޙަފުޞައްތާއެވެ ! ގޯސް ވާހަކައެއް ނުދެއްކެއެވެ. އެއީ މުނާސަބު ނޫންވާހަކައެއް ނޫނެވެ. މުރުތަޟާއަކީ އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެކެވެ. " ސާޖިދާ ބުންޏެވެ.

ޙަފުޞާ އެގެޔަށް އައީ ވަރަށް ބޮޑު އުއްމީދެއްގައެވެ. އެދެމަފިރިން ، އޭނާ މާޔޫސް ވާނެ ޖަވާބެއް ނުދޭނެކަން އެނގޭކަމަށް ޙަފުޞާ ބުންޏެވެ. ޙަފުޞާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ޠާޙިރާ އިނީ ބަސްހުއްޓިފައެވެ. ޠާހިރާގެ މޫނުގެ ކުލަ ބަދަލުވެގެންދިޔައެވެ. އެހެންވިއްޔާ ، ސާޖިދާމެން އެކަމަށް ރުހެންޏާ އޭނާގެ މުރުތަޟާއަށްޓަކައި ތަހުނިޔާ އޭނާއަށް ދިނުމަށް ، އަނެއްކާވެސް ޙަފުޞާ އެދުނެވެ.

އެ ގުޅުމަށް އެމީހުން އެއްބަސްވާކަމުގައި ސާޖިދާ ބުންޏެވެ. ސާޖިދާގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ އުފާވެރިކަމެވެ. އެހެންނަމަވެސް ، ޢާޞިފަށް ފެނުނީ ، އަނެއްކާވެސް އަވަސް އަރުވައިލާފައި ޙަފުޞާ ގޮތް ނިންމި ތަނެވެ. އެމީހުން އެކަމާ ވިސްނައިލާ ، ތަހުނިޔާއާ އެވާހަކަ ދައްކައި ، ތަހުނިޔާގެ ޚިޔާލެއް އެކަމުގައި ހޯދަން ޖެހޭނެކަމަށް ޢާޞިފަށް ފެނުނެވެ. ތަހުނިޔާއާއި ނޫރުލްޢައިނަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އެފަދަކަމެއް އެދެމަފިރިން ނިންމާއިރު ، ތަހުނިޔާގެ ވިސްނުންހުރިގޮތެއް ބަލަން ޖެހޭނެކަމަށް ޢާޞިފަށް ފެނެއެވެ. އެހެންނަމަވެސް ،  ޢާޞިފު ބޭނުންވާގޮތެއް ހަދަން ،  އެކަމަށް ޖަވާބެއްނުދީ މަޑުކުރާކަށް ސާޖިދާ ބޭނުމެއް ނުވިއެވެ. ކިތަންމެ އެކީގައި އުޅުނަސް އޭނާގެ ދަރިފުޅަކީ ، ނޫރުލްޢައިނަށްވުރެ ވަކި ދެރަ ކުއްޖެއްނޫނެވެ.

އިރާދަކުރެއްވިއްޔާ އެކައިވެނީގައި ދެޢާއިލާއަށް އޮންނާނީ ހުސް އުފާވެރިކަމާއި ފާގަތިކަންކަމުގައި ޙަފުޞާ ހާމަކުރިއެވެ. ޠާހިރާގެ ކުރިމަތީގައި އެކަން އެ ހިނގައިދަނީ ، އެންމެ ރަނގަޅަށްނޫންކަމުގައި ޠާހިރާ ވިސްނިއެވެ. އެހެންނަމަވެސް ، އެކަންކަން އެދަނީ މީހަކަށް ޚިޔާލެއްދެވޭނެ ފުރުޞަތެއް ނެތިއެވެ. އަމްދުން ، ޠާހިރާގެ ވިސްނުން އޭގެތެރެޔަށް ލައިގެން ގޮތެއް ނިންމާކަށް މަންމަ ބޭނުމެއް ނުވާނެއެވެ. ޠާހިރާ ވާހަކަ ދެއްކިޔަނުދީ މަންމަ އެ ހިފަހައްޓަނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. މަންމަގެ ގޮތްދޫނުކުރުން ހުންނަވަރު ޠާހިރާއަށް ވިސްނެއެވެ.

ކުއްލިޔަކަށް ، ދޮރުހުޅުވައިލާފައި ބޭރުން އައިސް އެތަނަށް އެވަނީ ތަހުނިޔާއެވެ. ތަހުނިޔާއަށް ، ސިޓިނގްރޫމާ ހަމަޔަށް އާދެވުނު އިރު ، އެތާ ތިބި އެންމެން ތިބީ އުފާވެރި ހިނިތުން ވުމެއްގައެވެ. ބައްޕައާއި ޠާހިރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވި ނަމަވެސް ، މަންމައާއި ޙަފުޞާ  ތިބީ ހެވިދިލިފައެވެ. އެ މީހުން އެދައްކަނީ ކޮން ވާހަކައެއްކަމެއް ތަހުނިޔާއަކަށް ނޭނގޭނެއެވެ.

ތަހުނިޔާ އެއައީ ނޫރުއާ ބައްދަލުކޮށްފައެވެ. ނޫރުއާއި މުރުތަޟާގެ ކައިވެނީގެ ކަންތައް ދިޔަގޮތާމެދު ދެ ރަޙުމަތްތެރިން ޚިޔާލު ބަދަލު ކޮށްފައެވެ. އަދި ، އެކަމާބެހޭގޮތުން މުރުތަޟާއާ ބައްދަލުކޮށް އެވާހަކަ އިތުރަށް ދައްކައި ، އެކަން ހަމަޖައްސާނެކަމަށް ނޫރުގާތު ބުނެފައެވެ. މުރުތަޟާއާއި ނޫރުއަކީ ވަކިވެގެން ދުރުގައި އުޅެވޭވަރަށްވުރެ ، އެކަކު އަނެކަކުދެކެ ލޯބިވާ ދެމީހުންކަން ތަހުނިޔާއަށް އެނގެއެވެ. ނޫރު އަކަށް މުރުތަޟާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެއެވެ. އޭނާގެ އެންމެ ގާތް ، އެންމެ އެކުވެރި އަދި އެހާ ލޯބިވާ ނޫރުއަށްޓަކައި މުރުތަޟާ އާ އެވާހަކަ ދައްކަން އެބަ ޖެހެއެވެ. އެ ދެމީހުންގެ މެދުގައި އޮންނަނީ ރަޙުމަތްތެރިކަމަށްވުރެ ، އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެކެވެ. އެއީ ކުޑައިރުއްސުރެ އުފެދިފައި އޮންނަ ގުޅުމެކެވެ. ޚިޔާލު ތަފާތު ވުމެއްގައި ، މުރުތަޟާއާއި ނޫރު ވަކިވެގެން ދާކަށް ތަހުނިޔާ ބޭނުމެއް ނުވެއެވެ. ތަހުނިޔާއަށް އެކަން ހަމަޖެއްސޭނެކަމުގެ ޔަޤީންކަން އެބަ އޮތެވެ. އޭނާގެ އަމިއްލަ ނަފުސަށްވުރެ ނޫރުއަށް ހެޔޮއެދެއެވެ. ނޫރުގެ ލޮލުން ފޭބި ކަރުނައިން ކުރި އަސަރު ، އަދި ފިލައިގެންނެއް ނުދެއެވެ. ތަހުނިޔާގެ ލޮލުން ފާއްދާލި ކަރުނަ ، އަދިވެސް ލޮލުގައި ނުފިލައި އެބަހުއްޓެވެ. މުރުތަޟާ އާ އެވާހަކަ ދައްކާނެކަމަށް ބުނެ ނޫރުއަށް ވީ ވަޢުދު ، އޭނާގެ ހަނދާނުން ފުހެވިގެންނެއް ނުދެއެވެ.

ތަހުނިޔާ އައިސް ޙަފުޞާއާއި ޠާހިރާއާ ސަލާމް ކޮށްލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ޙަފުޞާ ކުއްލިޔަކަށް ތެދުވެ ، ތަހުނިޔާގެ އަތް ދައްކައިލުމަށް އެދުނެވެ.

" މިއީ ، ކިހާ ލޯބި އަތެއް ހެއްޔެވެ ؟ މި އަނގޮޓި ތަހުނިޔާ އަށެވެ. ތަހުނިޔާ އަހަރެމެންނަށެވެ. " ޙަފުޞާގެ އަތުގައި އޮތް އަނގޮޓި ތަހުނިޔާގެ އިނގިލީގައި އަޅުވައިދެމުން ޙަފުޞާ ބުންޏެވެ.

އިށީނދެ އެތާ ތިބި އެންމެންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ. ސާޖިދާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ޠާހިރާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ޢާޞިމްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ތަހުނިޔާއަށް ހުރެވުނީ އެވަނީ ކީއްކަން ނޭނގިއެވެ. އެ އަނގޮޓިޔަކީ ކިހިނެއްވެގެން އެޅުވޭ އެއްޗެއްތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

" ތަހުނިޔާގެ މަންމައާއި ބައްޕައާ ވާހަކަ ދައްކާފަ ، އަހަރެންގެ މުރުތަޟާގެ ކައިވެނި ތަހުނިޔާއާ ކޮށްދިނުމަށް އަހަރެމެން ނިންމައިފީމެވެ. " ޙަފުޞާ ބުންޏެވެ.

ތަހުނިޔާގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. މަންމައާއި ބައްޕައާ ދިމާއަށް ޙައިރާންކަމާއެކު ބަލައިލިއެވެ. އަދި ، އެއީ ކިހިނެއްވާނެ ކަމެއްތޯ ، އޭނާގެ މަންއާއި ބައްޕައާ ސުއާލު ކުރިއެވެ.

އެއީ އެހުރިހާމީހުން ވާހަކަ ދައްކައި އެކަމަށް އެއްބަސްވެގެން ނިންމި ނިންމުމެއްކަމުގައި ސާޖިދާ ބުންޏެވެ. އެކައިވެންޏަކީ ، ތަހުނިޔާގެ މުސްތަޤްބަލަށް އުފާވެރިކަން ގެނެސްދޭނެ ގުޅުމަކަށް ވާނެކަމަށްވެސް ބުންޏެވެ.

އެނިންމުމާމެދު ތަހުނިޔާއަކަށް އެއްބަހެއް ނުވެވުނެވެ. މުރުތަޟާއާއި ނޫރުލްޢައިނަކީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ދެމީހުންކަން އެތާ އެތިބަ އެންމެންނަށްވެސް އެނގޭނެއެވެ. އެ ދެމީހުންގެ މެދުގައި އެ ގުޅުން އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މުރުތަޟާއާއި ނޫރުގެ ލޯބީގެ ޙަޤީޤަތް އެންމެބޮޑަށް އެނގޭނީ ތަހުނިޔާއަށެވެ. އެ ލޯބި ފެށިގެން އައިގޮތް ، އެތާތިބި އެންމެންނަށްވުރެވެސް ބޮޑަށް ތަހުނިޔާއަށް އެނގޭނެއެވެ. އެދެމީހުންގެ މެދަށް ވަންނާކަށް ތަހުނިޔާ ބޭނުމެއް ނޫނެވެ. އެއީ ތަހުނިޔާ ޚިޔާލުވެސް ކޮށްލާފައި ނެތް ކަމެކެވެ. އެއީ ވާނެކަމެއްނޫނެވެ. ތަހުނިޔާ އޭނާގެ މަންމައާ މުޚާޠަބުކޮށް ބުނަމުން ގެންދިޔައެވެ.

ކުއްލިޔަކަށް ސާޖިދާ ، ދުވެފައި އައިސް ، ތަހުނިޔާ ހުއްޓުވިއެވެ. ތަހުނިޔާގެ އަތުގައި ބާރަށް ހިފައިގެން ހުރެ ، އަތަށް ފިތައިގަންނަމުން ، ވާހަކަ ނުދައްކައި މަޑުން ހުރުމަށް ބުނަމުން ގެންދިޔައެވެ. ތަހުނިޔާއަށް ރަނގަޅުގޮތާއި ގޯސްގޮތަކީ ކޮބައިކަން ވިސްނާނީ އެމީހުންނެވެ. އެމީހުން ވިސްނާފައި ގޮތެއް ނިންމާނީ ރަނގަޅަށެވެ. ތަހުނިޔާ އެކަމާ ވިސްނާނެކަށް ނުޖެހޭނެއެވެ.

" ނޫރުލްޢައިނު މިހާރު ، މުރުތަޟާ ދޫކޮށްލައިފިއެވެ. އެކަން އެއޮތީ ނިމިފައެވެ. މުރުތަޟާ ބުނާނެ އެއްޗަކަށް ތަހުނިޔާ ނުވިސްނާށެވެ. އެކަން ، ދައްތައަށް ދޫކޮށްލާށެވެ. ދައްތަ ނިންމާ ގޮތަކަށް މުރުތަޟާ ޢަމަލު ކުރާނެއެވެ. ކަން ބޮޑުނުވާށެވެ. މުރުތަޟާއަށް ބޭނުންވަނީ ، ތިކަހަލަ ބަސްއަހާ ، ރަނގަޅު ކުއްޖެކެވެ. " ޙަފުޞާ ބުންޏެވެ.

ޠާހިރާއަކަށް އެހިސާބުން ހިމޭނަކުން ނުހުރެވުނެވެ. ތަހުނިޔާއަށް ގޮވައިލިއެވެ. އަދި ، ކޮޓަރިޔަށްގޮސް ، އެކަމާ ފުންކޮށް ވިސްނައިލުމަށް ތަހުނިޔާއަށް ނަޞޭޙަތް ދިނެވެ. ރަނގަޅުގޮތް ހިތަށް ފެންނާނީ ، ހަމަޖެހިލައިގެން ރަނގަޅަށް ވިސްނައިލީމައެވެ. އެއީ ، އެކަމުގައި އޮތް އެންމެ ރަނގަޅުގޮތް ކަމުގައި ޢާޞިފުވެސް އޭނާގެ ދަރިފުޅުގާތު ބުންޏެވެ. އެމީހު އިތުރަށް އެވާހަކަ ދައްކައިގެން އެކަން ޙައްލު ކުރާނެއެވެ.

ތާހިރާގެ ބޭނުމަކީ ، މަންއާއި ސާޖިދާއާ ދެމީހުންވެގެން ތަހުނިޔާ ހައްލާލައި އޭނާގެ ވިސްނުން އަނބުރައި ނުލަނިސް ، އެތަނުން ތަހުނިޔާ ފޮނުވައި ލުމެވެ. ހިތްހަމަ ނުޖެހިފައި ހުރެ ، ބާރަށް ހިނގާފައި ގޮސް ތަހުނިޔާ އޭނާގެ ކޮޓަރިޔަށް ވަނެވެ.

ތަހުނިޔާ އެހެން ގޮތަކަށް އެވިސްނީ ،  އެ ޚަބަރު އެހާ ކުއްލިގޮތަކަށް ލިބިގެން ކަމަށް ސާޖިދާ ބުންޏެވެ. އަދި ، އޭނާ ، ތަހުނިޔާއާ ވާހަކަ ދައްކައިގެން ތަހުނިޔާ ހަމަޔަކަށް އަޅުވާނެއެވެ. އެކަމާ ، ޙަފުޞާ ކަންބޮޑުވާނެ ކަމެއް ނެތެވެ.

ދެން އެމީހުން ދާންވީ ނޫންހޭ ބުނެ ، ގެޔަށްދާން ބޭނުންވެފައިހުރިކަން ، ޠާހިރާ އޭނާގެ މަންމަޔަށް އަންގައިލިއެވެ. ޙަފުޞާވެސް އިތުރަށް މަޑުކުރާކަށް ނުވިސްނިއެވެ. މަޑުކުރަން ހަދައިގެން އޭނާގެ މުޅި ރޭވުން ފެއިލް ވެދާނެއެވެ. އެ ނިންމުމާމެދު ދެކޮޅު ނުހެދިޔަސް ، ޢާޞިފްހުރީ ކަންބޮޑުވެފައިކަން ޙަފުޞާއަށް އެނގުނެވެ. ސާޖިދާ ވަކި ގޮތަކަށް ނިންމައިފިއްޔާ ، ޙަފުޞާހެން އެގޮތެއް ދުލެއް ނުކުރާނެއެވެ. ޢާޞިފާ ދެކޮޅަށްނަމަވެސް އެކަމެއް ކުރާނެއެވެ. ޢާޞިފް މައިތިރި ކުރުމަކީ ސާޖިދާގެ ކަމެކެވެ.

އޭނާގެ މަޤްޞަދު ޙާޞިލްވުމުން ، ލިބުނު ކާމިޔާބީގެ އުފާވެރިކަމާއެކު ، އެކަން ، އެހެން އަތަކަށް ފުރޮޅައި ނުލަނިސް ، ގެޔަށް ދާން ޙަފުޞާވެސް ހުރީ ބޭނުން ވެފައެވެ. ސާޖިދާއާއި ޢާޞިފާ ސަލާމް ކޮށްލުމަށްފަހު ، ޙަފުޞާއާއި ޠާހިރާއާ ދެމައިން އެގެއިން ނުކުތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.