ޕީއެންސީގެ ވެރިކަމެއްގައި ފައިނުގައި އެއާޕޯޓު އަޅައި ރ. އަތޮޅުގައި 10 ރިސޯޓު ހުޅުވާނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ފައިނުގައި އެއާޕޯޓު އަޅައި ރ. އަތޮޅުގައި 10 ރިސޯޓު ހުޅުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓޫގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިނަށް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ފައިނަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރ. އަތޮޅަކީ ފަތުރުވެރިކަމުގައި ވަރަށް ރަނގަޅު އަތޮޅެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. އަތޮޅުގައި 17 ރިސޯޓެއް ތަރައްގީކޮށް ނިންމި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް 10 ވަރަކަށް ރިސޯޓަށް އަމާޒު ހިފާފައިވާ އިރު، ދެކުނުގައި އެންމެ އެއާޕޯޓަކުން ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރަހައްދުގައި އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންވެ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ވިސްނުމާ އެއްގޮތަށް ފައިނުގައި އެއާޕޯޓެއް އަޅަން ނިންމެވި ކަން މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ.

ރ. އަތޮޅުގެ އުތުރުގައި އޮންނަނީ ރ. އިފުރު އެއާޕޯޓެވެ. ދެކުނުގައި ރ. އަލިފުށި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާ އިރު، އެއީ އިނގުރައިދޫ ދާއިރާއާ ބަލާއިރު، ފުދޭ ވަރަކަށް ދުރު ސަރަހައްދެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.