މާމެންދޫ އާއި ފޮނަދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. މާމެންދޫ އަދި ފޮނަދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ދެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަނީ ލ. މާމެންދުއަށް ވަޑައިގެން އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ލ. ފޮނަދުއަށް ވަޑައިގެން އެރަށު ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި މާމެންދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މާމެންދޫ އައު އިންޖީނުގެއާ އަދި ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މާމެންދޫގެ ކުރީގެ އިންޖީނުގެއިން ކަރަންޓްދެވޭ ކެޕޭސިޓީއަކީ 820 ކިލޯވޮޓް އެވެ. ނަމަވެސް އައު އިންޖީނުގެއާއެކު މިހާރު މި ކެޕޭސިޓީ ވަނީ 1060 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި މާމެންދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އިތުރުކުރި އިމާރާތުގައި އޮފީސް، ޕަބްލިކް ހެލްތު، ހެލްތު އެޑިއުކޭޝަން ރޫމް އަދި ސްޓޯރ ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގައި ލެބޯޓްރީ ހެދުމަށްޓަކައި ޞިއްޙީ މަރުކަޒަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންވެސް ހިމެނިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މާމެންދޫ ފުޓްބޯޅަ ދަނޑަކީ ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ފޮނަދޫ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.