ރިޔާސީ އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުއެވެ. އަދި އެ ކެނޑިޑެސީ ބަލައިނުގަންނަން އީސީ އިން ނިންމާފައިވަނީ މިއަދު ހަވީރުއެވެ.
އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލު އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނު ނަންބަރު 2008/11 (އިންތިހާބު ތަކާބެހޭ ޢާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފައެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ވެސް އެޕާޓީން ބުނެއެވެ.
ރައީސް ޔާމީން ޖަލަށްލާފައިވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށެވެ.