ޑރ ޖަމީލުވެސް ސަރުކާރު ވައްޓާލަން އުޅުނު، އެއީވެސް ގައްދާރެއް- އަދުރޭ

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދަކީވެސް ގައްދާރެއް ކަމަށާއި ޑރ ޖަމީލަކީވެސް ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުއްވި ބޭފުޅެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ޑރ ޖަމީލް އުޅުއްވީ ނައިބު ރައީސް ކަމުގައި ހުންނަވައިގެން ކަމަށެވެ.

އަދުރޭ ވިދާޅުވީ ޑރ ޖަމީލަކީ ގައުމަށް ގައްދާރުވުން ''ކަށީގައި ހިފާފައިވާ'' ބޭފުޅެއް ކަމަށާއި އިންތިޚާބުގެ ކުރިން ޖަމީލް އެންމެ ފުރަތަމަ ޕީޕީއެމަށް ސޮއި ކުރެއްވި ދުވަހުވެސް ޖަމީލަކީ ގައްދާރުވާނެ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.  އަދުރޭ ވިދާޅުވީ 2015 ގައި އޮތް މޭޑޭ މުޒާހަރާ ކުރިޔަށް ދިޔައިރުވެސް ޑރ ޖަމީލު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައިއަތު ހިއްޕަވައިގެންނެވެ.

އަދުރޭ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރު ކަމުގައި ހުންނަވައިގެންވެސް ޑރ ޖަމީލު ގައްދާރުވި ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ވަޒީރު ކަމުގައި ހުންނަވައިގެންވެސް ހަމަ ގައްދާރުވި ކަމަށެވެ.  އަދި މިހާރު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވާ ޑރ ޖަމީލް އަދި ގާސިމަށްވެސް ގައްދާރުވާނެ ދުވަހެއް ފެންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ނައިބު ރައީސް ކަމުން ވަކިކުރުމުގެ ކުރިން އިނގިރޭސިވިލާތަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައިވާ ޑރ ޖަމީލް މިހާރު ވަނީ ޖޭޕީއަށް ސޮއި ކުރައްވައި، ޖޭޕީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގެންފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.