ތީ ފުރާނައިގެ ދިރުމޭ މަގޭ... - 24

(18 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސައުވީސްވަނަ ބައި

"އަހަރެންގެ މި ބަސް ނައަހާ ހިތެއް މިއިން އެއްވެސް ކަމެއް ގަބޫލެއް ނުކުރި! އަހަންނަށް މަޢާފު ކުރޭ! އެނގޭ ޒީ ވަރަށް ކެއްކޮށްފިކަން ވެސް!''

ތަކުރާރުކޮށްވެސް އަރުޝަދަށް ބުނެވެމުން ދިޔައީ އެއް ވާހަކައެކެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ.

އެތައްފަހަރަކު ޒީނާގެ ފޯނަށް އަރުޝަދު ގުޅިއެވެ. އެކަމަކު ފޯނު ނިންވާލާފައި އޮތުމުން ގުޅޭ ގޮތެއް ނުވިއެވެ. އެންމެ ދެރަވީ ދިޔަތަނެއް ވެސް ނޭނގުމުންނެވެ.

އަރުޝަދަށް ނިދުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. ހޭލެވުނީ ފަތިސްވެ އަލިވިލުނު ފަހުންނެވެ. ފަތިސްނަމާދު ކޮށްލައިގެން ސިކުނޑީގައި ގިނަވެފައިވާ ޚިޔާލުތަކުން މިންޖުވުމަށްޓަކައި އަދިވެސް ބޭނުންވީ ނިދީގެ މީރުކަމެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ތެދުވެގެން ގޭގެ ބެލްކަންޏަށް ނިކުތްއިރު، އިރު އަރަން އުޅޭކަމުގެ ނިޝާންތައް އިރުމަތީ ފަރާތުން ފެންނަން ފަށައިފިއެވެ. ރަތްވިލާ ކެހި އުޑުމަތިން ސާފު ނޫކުލަ ފައުޅުވަނީއެވެ. އާދުވަހަކަށް ދުނިޔެ މަރުހަބާކިޔާއިރު އަރުޝަދުގެ އިއްޔެއާ މިއަދު ހާސްބައި ތަފާތެވެ. އެއް ދަރިފުޅު އަރުޝަދާ ދުރަށް، ދިޔަ ނުދިޔަ ތަނެއް ނޭނގޭ ހިސާބަށް ދިޔައިރު އަނެއްދަރިފުޅު މިވަނީ މުޅިން އަލަށް އަރުޝަދުގެ ދިރިއުޅުން ފަޅު ފިލުވައިދޭން އައިހެވެ.

ޚިޔާލުތަކުން ސިކުނޑިއަށް ލިބުނު ބަރުކަން ފިލުވާލުމަށް އަރުޝަދު ބޭނުންވީ ހޫނު ކޮފީއެކެވެ. ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއިރު ގޭގައި ގެންގުޅޭ ނޭޕާލް ކުއްޖާ ސިޓިން ރޫމުގައި އިނެވެ. އިންގޮތުން އޭނާ އެ އިނީ އަރުޝަދުގެ އިންތިޒާރުގައިހެން ހީވިއެވެ. އެ ކުއްޖާއަށް އަރުޝަދު ފެނުމުން އިސް ޖަހާލައިގެން ފަހަތުން އައިސް ގޮވާލާފައި ދިއްކޮށްލީ ސިޓީ އުރައެކެވެ.

ޙައިރާންކަން އެކުލެވިފައިވާ މޫނަކާއެކު އެކުއްޖާ އަތުން އެ އަތުލައިގެން އަރުޝަދު ކާކޮޓަރިއަށް ވަނުމުން އެ ކުއްޖާ އަރުޝަދަށް ކޮފީ ހަދާދިނެވެ. އެ ހުރިހާ ވަގުތެއް ވީއިރުވެސް އެއްތަނަކަށް ނަޒަރު ހުއްޓާލައިގެން އަރުޝަދު އިންތަން ފެނުމުން، ދެތިން ފަހަރު ފަހަތަށް އެނބުރި ބަލާލި މެއިޑު ކުއްޖާގެ ހިތުގައި އަރުޝަދާމެދު ހަމްދަރުދީ އުފެދުނެވެ. މޫނުމަތި މުޅިން މިލާފައިވާ ބޮސް އެއިނީ މާބޮޑަށް ވެސް ދެރަވެ ހިތުގައި ޖެހިފާކަން މެއިޑު ކުއްޖާ ދެނެގަތެވެ.

މަދުމަދުން އެތިފޮދަކުން އެތިފޮދަކުން ބޮއެ ކޮފީ ތަށި ހުސްކުރުމަށްފަހު އަރުޝަދު އައިސް ކޮޓަރިއަށް ވަދެ ސިޓީ އުރަ ކަނޑާލައިގެން ބަލައިލިއެވެ. ސިޓީއުރަ އަތަށް އެރި ހިސާބުން ވެސް އެއީ ޒީނާގެ ކަމެއްކަން އަރުޝަދަށް ވިސްނާ ގަނެވުނެވެ. އެހެންނަމަވެސް އޭގައި ހުރިވާހަކަތައް އެއީ އަރުޝަދަށް ވިސްނާ ނުގަނެވި ހުރި ވާހަކަ ތަކެކެވެ.

''ހަސަންއެވެ. އަހަންނަށް މަޢާފު ކުރާށެވެ! މި ފިޔަވަޅު ނަގަން އަހަންނަށް މަޖުބޫރު ކުރުވީ ތިން ސަބަބެކެވެ. ފުރަތަމަ ސަބަބަކީ އަހަރެންގެ އަމިއްލަ އެދުމެވެ. ހަސަން އަހަރެން ދެކެ ލޯބި ނުވާކަން އެނގިހުރެ ވެސް ފަހުން ވެދާނޭ ކަމަށް ބަލައި ހަސަންއާ ކައިވެނި ކުރެވުނުކަމެވެ. އެ ގޮތަށް އަހަންނަށް ވިސްނަން ޖެހުނީ ހަސަން އަކީ ދުވަހަކުވެސް މީހެއް ދެކެ ލޯބިވި މީހެއްކަން އޭރު ނޭނގުނީތީއެވެ. އެކަން އޮތީ އެ ގޮތަށް ނަމަ ހަސަން އަހަރެން ދެކެ ލޯބި ވީސްކަންނޭގެއެވެ.

މި ފިޔަވަޅު އަޅަން މިއަދު އަހަންނަށް ޖެހުނު ދެވަނަ ސަބަބަކީ ހަސަން އަހަންނާ ކައިވެނި ކުރީއްސުރެ އަންހެން ކުއްޖަކަށްޓަކައި ތި ކުރަމުންދާ ހިތާމަ އަބަދު އަބަދު ފެނިފެނި ހުރުމެވެ. އަހަރެން ހަސަން ދެކެ ލޯބި ވާއިރު ހަސަން ލޯބިވާ ކުއްޖާ ނުލިބި ހަސަން ތާބަދު ތި ގޮތަށް ހިތާމަ ކުރާތަން ދެކެން ހުރުން އެއީ އިންސާފެއް ނޫނެވެ. އަހަރެން ހަސަން ދެކެ ވަނީ ހަގީގީ ލޯބިނަމަ އަދި ހަސަންއަށް ހެވެއް އެދޭނަމަ ހަސަން ލޯބިވާ ކުއްޖާ ހޯދައި ދިނުމުގައި ހަސަން އަށް އެހީތެރިވާނެއެވެ. އެހެންވެ އެ ފުރުސަތު ދޭން އަހަރެން މި ފިޔަވަޅު އެޅީއެވެ.

ހަސަން އެވެ. ދެން އޮތީ އަހަރެން މި ފިޔަވަޅު އެޅި އެންމެ ފަހު އަދި އެންމެ މުހިންމު ސަބަބެވެ. އަހަރެންގެ އެކުވެރިން ދެކެ އަހަރެން ވަރަށް ލޯބި ވެއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އޭނަގެ ލޯބިވެރިޔާއާ ވަކިވެ އުމުރު ދުވަހު ހުހަށް ހުންނަތަން ދެކޭކަށް އަހަންނަކަށް ކުޅަދާނައެއް ނޫނެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނާއަށް އޭނަގެ ލޯބިވެރިޔާ، އަހަންނަށް އަހަރެންގެ ފިރިމީހާއަށް ވުރެ މާ މުހިންމެވެ. ހަސަންއެވެ. އަހަރެންގެ އެކުވެރިޔާ އޭނަގެ ހަޔާތުގެ އަފުސާނާ އަހަންނަށް ކިޔައިދިން ދުވަހު އަހަރެންގެ ހިތް ފަޅިފަޅިވެގެން ދިއައެވެ. އަހަންނަށް ކުރެވުނީ ކުށްވެރިކަމުގެ އިހުސާސެކެވެ. މީހަކަށް ދެރައެއް ނުވަތަ ލަނޑެއް ދެވިއްޖެ ކަމުގެ އިހުސާސެވެ. މީހެއްގެ މިލްކެއްގެ މައްޗަށް ވެރިވެގެން ހުރެވުނުކަމުގެ އިހުސާސެވެ. މި ހުރިހާ ކަމަކަށްޓަކައި އަހަރެންގެ އެންމެ ގާތް ދެ ދުނިޔޭގެ ރަޙުމަތްތެރިޔާއަށް އޭނަގެ ލޯބިވެރިޔާ ލިބޭނެ މަގު ފަހިކޮށްދެވެން އޮތީ ވެސް އަހަރެން މި ފިޔަވަޅު އަޅައިގެންނެވެ. ހަސަން އެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒިވީއާ ކައިވެނި ކުރާށެވެ! ޒިވީއަށް ދެރަ ގޮތެއް ނަހަދާށެވެ. މިއީ ހަސަން އަހަންނަށް ކަމެއް ކޮށްދެންޏާ ހަމައެކަނި ހަސަންގެ ފަރާތުން އަހަރެން އެދޭ އެދުމެވެ. ޒިވީއާ އިންނައިރު އަހަރެން ބޭނުމީ އަދި ހަސަންގެ އަންބަކަށް އިންނާށެވެ! އެހެންނަމަވެސް ހަސަން އެދޭ ގޮތަކަށް މިކަންކުރާކަށް އަހަރެން ހުރަހެއް ނާޅާނަމެވެ. ކޮންމެ ގޮތަކަށް ހަސަން ނިންމިއަސް އަހަރެން ހުންނާނީ އުފަލުންނެވެ. ހަސަންއަށްޓަކައެވެ. ޒިވީއަށްޓަކައެވެ. އަދި އަހަރެމެން އެންމެންނަށްޓަކައެވެ.

މިސިޓީ ހަސަންއަށް ލިބޭއިރު އަހަރެން ހުންނާނީ ދޮންތަ ގާތު މެލޭޝިއާގައެވެ. ދޮންތަގެ ފޯނަށް ގުޅުމުން އައިރާއާ ހަސަންއަށް ވާހަކަ ދެއްކޭނެއެވެ.

ތި ކައިވެނީގައި އަހަންނާ ހެދި އެއްވެސް މައްސަލައެއް ޖެހޭ ދުވަހަކުން ޒިވީއަށް މިސިޓީ ދައްކާށެވެ! އަހަރެންގެ އަތުލިޔުން ޒިވީ ހިތު ދަސްވާނެއެވެ. އަހަރެންގެ ދަރިފުޅުގެ ބައްޕަ ހަސަން އަރުޝަދު ޖަލީލް އަށާ އެންމެ އެކުވެރި އަހަރެން ވަރަށް ލޯބިވާ ރަޙުމަތްތެރިޔާ ޒިވިޔާ މަޖީދަށް ހިތުގެ އަޑިން އެދެނީ އަބަދުވެސް އުފަލެވެ.

ވަރަށް ސަލާމް

ޒީނާ

ސިޓީ ކިޔާ ނިންމާލިއިރު އަރުޝަދަށް އިނދެވުނީ ރޯންވެސް ނޭނގިފައެވެ. ނޭވާލާން ވެސް ހަނދާން ނެތިފައެވެ. ޒީނާގެ ހިތްވަރުގަދަ ކަމަށްޓަކައި ހައިރާންވެފައެވެ. ހިތްވަރުގަދަ ހިތް ހެޔޮ އަންހެން ކުއްޖެކެވެ. އެވަގުތުވެސް ދަރިފުޅު އައިރާގެ މަތިން ހަނދާންވެ ހިތަށް ތަދުވިއެވެ. ހިންދިރުވާލެވުނެވެ.

ކާމިޔާބު އޮޕަރޭޝަނަކަށްފަހު ޒިވިޔާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހެވެ. ގެއަށް ދާންވެގެން ޓެކްސީއަށް އެރީ ޒިވިޔާ އާއި  އަރުޝަދެވެ. ދެން އެދެމީހުންގެ ލޮލުގެ ފިނިކަން ކަމުގައިވާ ޢަމްރުއެވެ.

ކާރު ދުއްވާލަމުން ޑްރައިވަރު ރީތި ދިވެހި ލަވައެއް ރޭޑިއޯ ސެޓުން އިއްވައިލިއެވެ.

''ކުރެހުން އެޅުނޭ.... ހިތުގެ އަޑީގައި ....... ފަނާ ނުވާނެ ގަލަމަކުން .....'' އަރުޝަދާ ޒިވިޔާ ސިއްސައިގެން ގޮސް ބަލާލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ. ހީވީ ކޮންމެވެސް ނޭނގޭ ބާރަކުން އެ ހަނދާން ދެމީހުންގެ ހިތުގައި އާކޮށްލަ ދިން ހެންނެވެ. އަރުޝަދު މަޑުމަޑުން ޒިވިޔާ ގާތަށް ދަމާލާ ބައްދާލިއެވެ. ޒިވިޔާ ވެސް އަރުޝަދުގެ އަތުގެ ތެރޭގައި އިތުރަށް ބޮނޑިވެލިއެވެ. އަދި އަރުޝަދުގެ ކޮނޑުގައި ބޯއަޅައިލުމުގެ ކުރިން އަރުޝަދުގެ މަސްތުން ފުރިގެންވާ ދެ ލޮލަށް ދެވަނަ ފަހަރަކު ވެސް ބަލައިލިއެވެ. އަދި މާނަވީ ގޮތަކަށް ހީނލިއެވެ. އެހެންނަމަވެސް ލަދުރަކި ހިނިތުން ވުމެކެވެ.

އެވަގުތު އަރުޝަދުގެ ފޯނުގެ ސްކްރީން ދިއްލިގެން ދިއުމުން ބަލައިލިއެވެ. އައީ ވައިބަރ މެސެޖެކެވެ. ފޯނު ނިންވާލުމަށްފަހު ނަޒަރު ހުއްޓާލީ ކުރިމަތިން ފެންނަން އޮތް މަގަށެވެ. އެއް އަތުން ޒިވިޔާގެ ހަށިގަނޑު ވަށާލައިގެން އިނދެއެވެ. ތިއީ ހަމަ އެކަނި އަހަރެންގެ މިލްކެކޭ ބުނާ ފަދައިންނެވެ.

ޒިވިޔާ ގެންދިޔައީ ޒިވިޔާގެ ބައްޕަ ހުންނަ ގެއަށެވެ. ޝަރުޢީ ގޮތުން ދެމަފިރިންނަށް ވީމާ ނޫނީ އެއްގެއެއްގައި އުޅޭކަށް ޒިވިޔާ ބޭނުމެއް ނުވިއެވެ. އަރުޝަދު ވެސް ބޭނުންވީ އަނތްބަކަށް ހަދައިގެން އަރުޝަދުގެ ގެއަށް ޒިވިޔާ ގެންދިއުމަށެވެ. އެކަމަށް އަދި ވަގުތު ވެސް ބޭނުންވާތީއެވެ.

އެގޭގައި އިރުކޮޅަކު މަޑުކުރުމަށްފަހު ނިކުންނަން އަރުޝަދު ހިނގައިގަތީ ގެއަށް ގޮސް އައިރާއަށް ގުޅުމަށް ހިތުލައިގެންނެވެ. ކުރިން އައީ ޒީނާގެ ދޮންތަގެ މެސެޖެއްކަން އެނގޭތީ އައިރާ އަރުޝަދުގެ އިންތިޒާރުގައި އިންނާނެކަން އެނގެއެވެ.

"ޑެޑީ އަންނާނަން ހަވީރު ދަރިފުޅު ބަލާ! ރީތިވެގެން ހުންނާތި، މަންމަޔާ ދެކުދިން ވެސް!"

ޢަމްރުގެ ބޮލުގެ އިސްތަށިގަނޑު ހާވާލަމުން ނިކުންނަން ދިޔަ އަރުޝަދުގެ ނަޒަރު ހުރީ ޒިވިޔާއަށެވެ.

އަރުޝަދަށް ދެވޭނީ ކިރިޔާ ގޭޓާ ހަމައަށެވެ. އައީ ޒިވިޔާގެ ފޯން ކޯލެކެވެ. އަވަހަށް އިހަށް އައިސް ދިނުމަށް ބުނީ ހާސްވެ ކަންބޮޑުވެފައިވާ އަޑަކުންނެވެ. ރޮނީހެން ވެސް ހީވިއެވެ.

އެނބުރި އަރުޝަދު ގޮސް ވަނީ ޒިވިޔާގެ ރޫމަށެވެ. އޭރު ޒިވިޔާ ފެންނަނީ ވަރަށް ބޮޑަށް ހާސްވެފައިވާތަނެވެ. އަރުޝަދު ފެނުމާއެކު ޒިވިޔާ ރޯން ފެށިއެވެ.

''އަރޫ އަހަރެންގެ ބެސްޓްފްރެންޑްގެ ހުރި ހަމަ އެކަނި ދަރިފުޅު ވަރަށް ވަރަށް ބަލި! އަހަރެން ބޭނުން ޒީގެ ދަރިފުޅު ދެކެން ... ބައްދަލުކުރަން! ޒީގެ ދޮންތަ ދެންމެ ގުޅައިފި! ބުނީ އައިސް ދޭށޯ ޒީ ބުންޏޭ! ޓިކެޓް ވެސް ފޮނުވާނަމޯ ޒީގެ ދޮންތަ ބުނި! އަޅެ އަހަރެން ބޭނުން ދާން! ޕްލީޒް..... އަދި އަހަންނަށް ދުވަހަކުވެސް އެ ކުއްޖާފުޅު ނުވެސް ފެނޭ!'' އަރުޝަދަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ހިތް ހީވީ ހުއްޓުނުހެންނެވެ. ލޯބިވާ ދަރިފުޅު އެހާ ބަލިއިރު ކުރިން ނޭނގުނީ ކީއްވެބާ! އަނެއްކާ އެކްސިޑެންޓެއް ......... ނޫން ނޫން އައިރާއަކަށް ކަމެއް ނުވާނެ! އަރުޝަދުގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔަކަން އިޙުސާސް ވިއެވެ. އަރުޝަދަށް ކުރި އަސަރު ވަރަށް ބޮޑެވެ. ޒިވިޔާ އެ ދެއްކީ ނޭނގި ނަމަވެސް އަރުޝަދުގެ މޭގެ އެތިކޮޅު ކަމަށްވާ އައިރާގެ ވާހަކަ ވިއްޔާއެވެ.

''ޒިވީއަށް ކިހިނެއް އެނގުނުކަމެއް ތިއީ! ކާކު ބުނީ ޒީގެ ދަރިފުޅު ބައްޔޭ!''

އެ ސުވާލު ދުލަށް ގެންނަން ކިތަންމެ އުނދަގުލަސް އަރުޝަދު ވިސްނުންތެރިކަމާ އެކު ސުވާލުކުރިއެވެ. ޒީނާ ފުރައިގެން ދިޔަފަހުން ދުވަހަކު ވެސް އަރުޝަދަކާ ފޯނުން ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ބުނަންޖެހޭ ދަރިފުޅުގެ ވާހަކައެއް ވެސް ބުނުވަނީ ޒީގެ ދޮންތަ ލައްވައެވެ. އެހެން ނަމަވެސް ދެ ދުވަހުން އެއް ދުވަހު އައިރާއާ ޒީގެ ދޮންތަ މެދުވެރި ކޮށްގެން އަރުޝަދާ ވާހަކަ ދައްކުވައެވެ. ދަރިފުޅު ބަލިކަމުގެ އެއްވެސް އަސަރެއް އަރުޝަދަކަށް ފާހަގަ އެއް ނުކުރެވެއެވެ.

''ޒީގެ ދޮންތައޭ ބުނީ!'' ޒިވިޔާ އެ ވާހަކަ ތަކުރާރުކުރަމުން ހިފީ އަރުޝަދުގެ އަތުގައެވެ.

''އަހަރެމެން ދެމީހުން ދާނީ! ޢަމްރު ބައްޕަ ގާތުގައި ބަހައްޓާފަ ދާނީ! އޭރުން އުދަގޫކަމަކަށް ވެސް ނުވާނެނު! ޕްލީޒް އަހަރެން ވަރަށް ބޭނުން ދާން!''

އާދޭސް އެކުލެވިފައިވާ އަޑަކުން ޒިވިޔާ ވާހަކަ ދެއްކިއެވެ. ޒިވިޔާގެ ވާހަކައަށް ވިސްނާ ލެވޭ ވަރަށްވުރެ މިވަގުތު އަރުޝަދުގެ ފިކުރު މާބޮޑެވެ. އައިރާއަށް ވީގޮތެއް އޮޅުން ނުފިލައިގެންނެވެ. އެ ވަގުތު ފޯނު ނެގީ ޒީނާގެ ދޮންތައަށް ގުޅުމަށެވެ. ނަމަވެސް ކުރެވެން އުޅުނީ މޮޔަކަމެއްކަން ވިސްނި ވައިބަރ ހުޅުވައިލީ ވައިބަރއިން މެސެޖުކޮށްގެން އޮޅުން ފިލުވުމަށެވެ. އޭރު ޒީނާގެ ދޮންތަ ވައިބަރއިން މެސެޖް ކޮށްފައި އޮތެވެ. އެ މެސެޖް ތަކުރާރުކޮށް އެތައް ފަހަރަކު ކިޔައިލުމަށްފަހު ތެދުވެގެން ހިނގައިގަތީ ފުރަން ދާން ތައްޔާރުވުމަށް ޒިވިޔާ ގާތު ބުނެފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގެ ވައިގެ ބަނދަރުގައި ޖެއްސި ޔޫއެލްގެ ފްލައިޓުން ޒިވިޔާ އާއި އަރުޝަދު އަދި ކުޑަކުޑަ ޢަމްރު ފައިބައިގެން ހިނގައިގަތީ އަވަސް ހިނގުމެއްގައެވެ. އަރުޝަދުގެ އިނގިލީގައި ހިފަހައްޓައިގެން ހުރި ޢަމްރުއަށް ބަލާލުމަށްފަހު އަރުޝަދުގެ އަނެއް އަތުން ޒިވިޔާގެ އުނަގަނޑު ވަށައިލިއެވެ. ޒިވިޔާ ވަރުބަލިވެފައި ހުރުމުންނާއި ހޮސްޕިޓަލުން ދޫކޮށްލިޔަސް ޒިވިޔާ އަދި މުޅިން ފިޓް ނުވާނެކަން އެނގޭތީ އެހީތެރިވެ ދިނުމަށްޓަކައެވެ.

ޒީނާގެ ދޮންތަ ފޮނުވި މެސެޖުން އެނގެން އޮތް ހޮސްޕިޓަލަށް އަރުޝަދުމެންނަށް ދެވުނީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ. ހޮސްޕިޓަލުގެ މައިގޭޓް ކައިރީ މަޑުކުރުމަށްފަހު އަރުޝަދު ގުޅީ ޒީނާގެ ދޮންތައަށެވެ. ދެން ފެނުނީ އިރުކޮޅަކުން އައިސް އެމީހުންކައިރީ މަޑުކުރި މެދު އުމުރަށްވުރެ ޒުވާން އަންހެނެކެވެ. އެއީ ހަމަ ޒީނާގެ ނަކަލެކެވެ. އެހާވެސް ވައްތަރެވެ. ޒީނާއަށް ވުރެ ތަންކޮޅެއް އިސްކޮޅުން ކުރީއެވެ.

އެވަގުތު އަރުޝަދު ޒިވިޔާ ޒީނާގެ ދޮންތައަށް ތަޢާރަފުކޮށްދިނެވެ.

''މިއީ ޒީގެ އެންމެ ގާތް އެކުވެރިޔާ''

''އެނގޭ!'' ރުއިމުގެ ސަބަބުން ދެލޯ ރަތްވެފައިވާ ޒީގެ ދޮންތަ ޖަވާބު ދެމުން ހިނަގައިގަތީ ކުރިއަށެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.