މި އަހަރުގެ 30 މޭ ވީ އަންގާރަ ދުވަހު ސަރުކާރުން އިފުތިތާޙު ކުރެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކްސްޕޭސް" ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
"ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.
“ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން، އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މިވަގުތު ވެސް ޖަވާބު ދިނުމަށް ފެށުމަށް ކަމުގައި ދެންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި "ޖެމްސް ވަރކްސްޕޭސް" ޕްލެޓްފޯމްގެ ސަބަބުން، ލިބޭނެ ލުއި ފަސޭހަތަކުގެ އިތުރުން “ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 3 މަރުޙަލާއަށް ބަހައިލައިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ދެންނެވުމުގައި، ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
"ޖެމްސް ވަރކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ. އަދި މި ސަރުކާރުގެ ސިޔާސަތެއްކަމަށްވާ އަދުގެ ދުނިޔޭގައި މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބުޖަހަން ފެއްޓުމަށްވެސް "ޖެމްސް ވަރކްސްޕޭސް" އެހީތެރިވެދޭނެއެވެ.