ހިތުގެ ވިންދު - 16

(16 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންޖަލީ ހޮސްޕިޓަލްގެ ބަލި އެނދުގައި ހެޔަށް ގޮތްވެފައި އޮތެވެ. ރާމްއިނީ އެނދުގައި އިށީނދެލައިގެން ކަންބޮޑުވެފައެވެ. އޭނާގެ މުށުތެރެޔަށް އަންޖަލީގެ ލޯބިލޯބި އަތްތިލަ ލައި ފިރުމާލަ ފިރުމާލައެވެ. އަންޖަލީ އޭނާގެ ލޯ މަޑުމަޑުން ހުޅުވައިލިއެވެ. އޭނާއަށް އެއޮވެވުނީ ހޮސްޕިޓަލްގެ ބަލި އެނދެއްގައިކަން އިޙްސާސްވީ އިރުކޮޅެއް ފަހުންނެވެ. އަންޖަލީއަށް އެތަނަށް އާދެވުނީ ކިހިނެއްކަމެއް އޭނާގެ ހަނދާނަކު ނެތެވެ. އެންމެފަހު ހަނދާނަކަށްހުރީ ، އޭނާއަށް އިތުބާރުކުރުމަށް އެދި ރޮމުންރޮމުން ރާމްއަށް އާދޭސް ކުރި ހަނދާނެވެ.

އަންޖަލީގެ ލޮލަށް ސާފުކޮށް އެންމެ ފުރަތަމަ ފެނުނީ ، ރާމްގެ ހިނިތުންވެފައިވާ މޫނެވެ. ރާމްގެ ހިނިތުންވުން ވަނީ އުއްމީދުން އަލިވެފައެވެ. އަންޖަލީއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރި ދެލޮލުން ފާޅުވަނީ ލޯބީގެ އިންތިހާއެވެ. އަންޖަލީ އެންމެ ފުރަތަމަވެސް ބޭނުންވީ ، އަދިވެސް އެއްފަހަރު ، އޭނާއަށް އިތުބާރުކުރުމަށް އެދި ރާމްއަށް އާދޭސްކޮށްލާށެވެ. އެހެނަސް ، އަންޖަލީގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނީ ، އޭނާއާ ދިމާއަށް ބަލަހައްޓައިގެން އަތުގައި ފިރުމާލަން އިން ރާމްގެ ލޯބި ފިރުމުންތަކެވެ. ހިތަށް ތަސައްލީއެއް ލިބުނީ ، ރާމްގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމެވެ. އަންޖަލީއަށް އިތުރު އެއްޗެއް ބުނާކަށް ނުޖެހުނެވެ.

އަންޖަލީ ހޭއެރުމާއެކު ، އަންޖަލީގެ މޫނުގައި ދެއަތުން ފިރުމާލަމުން ،  އަންޖަލީއަށް ގޮވައިލާ ، ރާމް އޭނާއާ ވާހަކަ ދައްކަން ފެއްޓިއެވެ. އަންޖަލީގެ ޙާލު ރަނގަޅުކަން ކަށަވަރުކުރަން ރާމް ބޭނުންވިއެވެ.

" އަންޖަލީއެވެ ! އަންޖަލީ މަންމަޔަކަށް ވަނީއެވެ ! " ރާމް އުފަލުން ފޮޅިފައިހުރެ އަންޖަލީގާތު ބުންޏެވެ.

އަންޖަލީ  ، ރާމްއާ ހަތަރުކަޅި ހަމަކޮށް ، އޭނާގެ ލޮލުން ރާމްގެ ހިތުގައިވާ އުފާވެރިކަން ކިޔައިލިއެވެ. އެހިތުގައިވާ އިޙްސާސްތައް ދެނެގަތެވެ. ރާމްގެ ހިތުގައި ޖަހަމުންއެދާ އުފާވެރިކަމުގެ ވިންދު އިޙްސާސް ކޮށްލިއެވެ.

" މިއަދުން ފެށިގެން އަހަރެމެންގެ ދުނިޔެ ، އާފެށުމަކުން ފެށުނީއެވެ. އަންޖަލީ ބުނީ ރަނގަޅަށެވެ. ވެދިޔަކަމެއް މާޒީގެ ތެރެޔަށް ދޫކޮށްލަންވީއެވެ. އަންޖަލީ މިއޮއްހުރިހާ ދުވަހު ، ވަރަށް ކެތްކޮށްފީމެއް ނޫންހެއްޔެވެ. އެކަމަކު ، މިހާރު އަންޖަލީއަކީ އެކަނިހުރި މީހެއް ނޫނެވެ. އަހަރެން މިހުރީ އަންޖަލީއާއެކުގައެވެ. ދެމީހުން އެކައްޗަކަށްވެގެން ހުރިހާ މުޞީބާތަކާއި ތަކުލީފަކާ ކުރިމަތިލާނީއެވެ. އެހެންނޫންހެއްޔެވެ ؟ އަހަރެންގެ ފުރާނަޔާއެވެ ! " ރާމް ، ލޯބީގެ އިންތިހާގައި އަންޖަލީއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ފަހަތުން އަންހެނަކު ، ރާމްއަށް ގޮވައިލިއެވެ. ރާމްވެސް ފަހަތަށް ބަލައިލިއިރު އެއީ ދޮންމަންމައެވެ. ދަރިފުޅާއޭ ކިޔައި ، ދޮންމަންމަ ރާމްއަށް ގޮވައިލިއެވެ. އަދި އެދެމަފިރިން އެތިބީ އެކަނިނޫންކަމަށާއި އެ ދޮންމަންމަވެސް މިހާރު އެހުރީ އެމީހުންނާ އެކުގައިކަމުގައި ދޮންމަންމަ ބުންޏެވެ.

ދޮންމަންމަ އެތަނަށް އައުމާއި ، ދޮންމަންމަގެ ބަސްތަކުން އަންޖަލީއަށްވެސް އަދި ރާމްއަށްވެސް ސިހުން ލިބުނެވެ. ޙައިރާންކަންމަތީ އެދެމީހުންވެސް ދޮންމަންމައާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ދޮންމަންމަ ، އެކޮޓަރިޔަށް ވަދެގެން އައިސް ރާމް ގާތަށް ހުއްޓި އޭނާއަށް ހެދުނު ގޯސްތަކާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. މައިންބަފައިންނަކީ ، ދަރިންކުރާ ގޯސް ކަންތަކަށް މާފުކުރާ ބަޔެކެވެ. އެކަމަކު އޭގެ އިދިކޮޅަށްވެސް އެކަން އޮވެދާނެއެވެ. އޭނާއަށް މާފުކުރުމަށް ރާމްގެ ކިބައިން ދޮންމަންމަ އެދުނެވެ. ރާމްގޮސް ، ދޮންމަންމަ ގައިގާ އިޙްތިރާމާއެކު ބައްދާލިއެވެ. ދޮންމަންމަ އަންޖަލީއާ ދިމާއަށް އެނބުރި އެނދުކައިރިޔަށް ޖެހިލައި އަންޖަލީއާ މުޚާތަބު ކުރިއެވެ.

" ދަރިފުޅާއެވެ ! މިމަންމަޔަށް މާފުކުރާށެވެ ! މާދުރުން އެކަނި ގެޔަކަށް އަންނަ އަންހެންކުއްޖަކު ބިރުގަންނުވައި ތަކުލީފު ދިނުމަކީ ކޮށްގެން ނުވާނެކަމެއްކަން އަހަރެން ހަނދާން ނެތުނީއެވެ. އޭގެ ބަދަލުގައި ، އިތުބާރާއި ލޯތްބާއެކުގައި އެކުއްޖަކު ބަލައިގަތުމަކީ ރީތިގޮތްކަން ނުވިސްނުނީއެވެ. ހުރިހާކަމެއްވެސް އަހަރެން ރަނގަޅުކޮށްދޭނަމެވެ. އަންޖަލީއަށް އެއްވެސް ތަކުލީފެއް ލިބުނަކަ ނުދޭނަމަވެ. އަހަރެންނަށް މާފުކުރާށެވެ ! އެންމެ ފުރަތަމަ އަހަރެން ކުރާނެކަމަކީ ، ރާމްއަށް އެލިބޭ ދަރިފުޅުގެ ނަންމައްޗަށް އަހަރެންގެ ހުރިހާ މިލްކިއްޔާތެއް ބަދަލުކުރުމެވެ. " ދޮންމަންމަ އަންޖަލީގެ ދެއަތުގައި ހިފައި ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެކަން ހަމަޖެއްސުމަށްޓަކައި ޤާނޫނީ ވަކީލެއްގެ ގާތަށް އޭނާ ގެންގޮސްދިނުމަށް ރާމްގެ ކިބައިން އެދުނެވެ. އަންޖަލީގެ ކިބައިން ހުއްދަ ލިބިގެން ، ދޮންމަންމަ ގޮވައިގެން ރާމް އެކޮޓަރިން ނުކުތެވެ.

އަންޖަލީގެ ހިތަށް ލިބުނު ހަމަޖެހުމާ އުފާވެރިކަމާއެކު މޫނު އަނބުރައިލި ވަގުތު އެތާހުރި ފޯނު އޭނާއަށް ފެނުނެވެ. މަޑުމަޑުން ތެދުވެގެން ފޯނުކައިރިޔަށް އައިސް ، ދޭވް އާ ގުޅިއެވެ. ފޯނުނެގީ ޝީތަލް އެވެ. ދޭވް އުޅޭތޯ އަންޖަލީ ސުއާލުކުރިއެވެ. ފޯނުން ވާހަކަ ދައްކަނީ އަންޖަލީކަމުގައި ބުނުމުން ޝީތަލްއަށް ޙައިރާންކަން ލިބުނެވެ. ދޭވް އިނީ ކަމެއްގެ ތެރެޔަށް ގެއްލިފައެވެ. މަޑުކޮށްލާށޭ ބުނެ ޝީތަލް ، ދޭވްއަށް ގޮވައިލާ އެއީ އޭނާއަށް އައިފޯނެއްކަމުގައި ބުންޏެވެ. ޝީތަލް އާ ދިމާއަށް ބަލައިވެސް ނުލާ އެއީ ކާކުގެ ފޯނެއްތޯ އެހުމުން ، އަންޖަލީގެ ފޯނެކޭ ޝީތަލް ބުނުމާއެކު ، ދޭވް ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ތެދުވެގެން އައިސް ފޯނު އަތުލައި އަންޖަލީއަށް ގޮވައިލިއެވެ. ދޭވްއާ ބައްދަލުކުރަން އަންޖަލީ ބޭނުންވާ ވާހަކަ އަންޖަލީ ބުންޏެވެ.

ދޭވް އެހުރީ އަންޖަލީ ބުނާތާކަށްގޮސް އޭނާއާ ބައްދަލުކުރަން ކެތްމަދުވެފައި ކަމުގައި ދޭވް ބުންޏެވެ. އަންޖަލީ އެގޮތަކަށް އެއްބަހެއް ނުވިއެވެ. އަންޖަލީ ބޭނުންވީ ، ދޭވް ހުރިތާކަށްގޮސް ދޭވްއާ ބައްދަލުކުރާށެވެ. ގެޔަށްގޮސް ދޭވްއާ ބައްދަލުކޮށްލާށެވެ.

އެގެޔަކީ އަންޖަލީގެ ގެކަމުގައި ދޭވް ބުންޏެވެ. އަންޖަލީ ބޭނުންއިރަކު އެގެޔަށް އޭނާއަށް އާދެވޭނެކަމުގައި ދޭވް ބުންޏެވެ. އަދި އަވަހަށް އަންނާށޭ ، އޭނާ އެހުރީ އިންތިޒާރުގައިކަމުގައި ބުންޏެވެ.

އަންޖަލީ ގެޔަށް އަންނަނީއޭ ބުނެ އުފަލުންގޮސް ، ޝީތަލްގެ ގައިގާ ދޭވްއަށް ބައްދައިލެވުނެވެ. ޝީތަލްއަށް ލިބުނީ އުފާވެރިކަމެއްކަމެއް ނުވަތަ ކަންބޮޑުވުމެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ، އޭނާގެ މޫނުމަތިން ފާޅުވަމުން އެދާ އުފާވެރިކަމަކީ ، ހިންދިރުވާލައިގެން ދޭވްއަށްޓަކައި ގަދަކަމުން ކޮށްލާ އިޙްސާސެއްކަން އޭނާގެ ހަވަނަ ޙިއްޞު ޝީތަލްއަށް ވިސްނައި ދިނެވެ. ދޭވްގެ އުފާވެރިކަން ކޮޅުންލިއެވެ.

އަންޖަލީ ގެޔަށް އަންނާތީ ދޭވްހުރީ އޭނާގެ މަސައްކަތް ކާމިޔާބުވީކަމުގެ އުފާވެރިކަމުގައި މަގުއޮޅިފައެވެ. މުޅިގޭތެރެ އެއް އަޑަކަށް ހަދައި ، އޭނާ އެންމެފަހުން ، އޭނާގެ އަންޖަލީ ކާމިޔާބުކޮށްފިކަން އެގޭތެރޭގައި އުޅޭ ދިރޭ އެންމެހައި ތަކެއްޗަށް އޭނާ އިޢުލާން ކުރިއެވެ. މުޅިގެ ޒީނަތްތެރިކޮށް ، މިހާރު ފެންނަމުންދާގޮތް ބަދަލުކޮށް ، އަންޖަލީ އަންނަންވާއިރަށް ، އެހެން ގެޔަކަށް އެގެ ބަދަލުކުރުމަށް ދޭވް ބޭނުންވިއެވެ. އަލިބޮކިތަކާއި ކުލައާއި ފަރުނީޗަރާ އަދި ވަހާއި މުޅި މާޙައުލު ބަދަލުކުރަން ބޭނުންވިއެވެ. ދޭވް އާއި އަންޖަލީ އޫޓީގައި ތަޖުރިބާކޮށްފައިވާ ޤުދުރަތީ ފުރިހަމަ މަންޒަރު އެގެޔަކުންވެސް އަދި ދިއްލީއަކުންވެސް ނުގެނެވޭނެއެވެ. ދެލޯބިވެރިޔަކު އެމީހުންގެ ލޯބީގެ ބައްދަލުވުމަށް ، ޚާއްޞަކުރާ އެންމެ ފުރިހަމަ މާޙައުލެއް އެގެއިން ފެންނާނެގޮތް ހަދައިދިނުމަށް ، ޝީތަލްގެ ކިބައިން ދޭވް އެދުނެވެ. ވަސްމީރުވާން ޖެހޭނެއެވެ. ލޮލަށް ފިނިކަން ލިބޭފަދަ އަލިތައް އެތަނުން އިޙްސާސްވާން ޖެހޭނެއެވެ. ހަށިގަނޑުން އުފައްދާ ލޯބީގެ އުދާސްތައް ކިތަންމެ ގިނަކަމަށްވިޔަސް ، އުނދަގޫނުވާވަރުގެ ފިނިކަމެއް ހިތަށް ލިބެންޖެހޭނެއެވެ. އެކަން ކުރުމަށް އެންމެ ރަނގަޅުވާނީ ޝީތަލްއެވެ. ޝީތަލްއަށް ފެންނަގޮތް އެއީ އެމާޙައުމަށް އެންމެ ފުރިހަމަކަން ގެނެސްދޭނެ ގޮތެވެ. ދޭވްއަށް އެހެން އެއްވެސް އެއްޗެއް މިހާރަކު ނުވިސްނޭނެއެވެ. އޭނާ އެހުރީ އުފަލުންގޮސް މޮޔަވެފައެވެ.

އެންމެފަހުން ، އުއްބައްތީގެ އެކިކުލައިން ތަން ޒީނަތްތެރިކޮށް ހިތްގައިމު މާޙައުލެއް އުފެއްދުމުގެ ޚިޔާލު ޝީތަލް ދިނެވެ. އެ ޚިޔާލަށް ތާއީދުކޮށް ، އަންޖަލީ އަންނަންވާއިރަށް އެކަން ކޮށްލަދޭން ޝީތަލްގެ ކިބައިން ދޭވް އެދުނެވެ.

ދޭވް އެބައަންނަމޭ ބުނެ އޭނާގެ ކޮޓަރިޔަށްވަދެ ސޫޓްކޭހެއް ހުޅުވައިލިއެވެ. ބާ ނޫސްކަރުދާސްގަނޑެއް އޮޅާލާފައިވާ ޕާރުސަލެއް ނެގިއެވެ. އެއީ ބާ ފައިވާން ގަނޑެކެވެ. އެފައިވާނަކީ ، އަންޖަލީގެ ކައިވެންޏަށް އެދެން އަންޖަލީގެ ބައްޕައާ ބައްދަލުކުރަން ދޭވް ދިޔައިރު އަރައިގެންހުރި ، ލޯވަޅުއެޅިފައިވާ ބާ ފައިވާން ގަނޑެވެ.  އޭނާ ގެންދިޔައީ އެފައިވާންގަނޑު ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންނެވެ. ދާކޮންމެ ތާކަށްވެސް އެ ފައިވާންގަނޑު ގެންދެއެވެ. އޮންނަނީ ކިލާވެފައެވެ. އެޅިފައިވާ ލޯވަޅުވެސް އެހުރިގޮތަށް އެބަހުއްޓެވެ.

އޭގެތެރޭގައި ދެންއޮތީ ކަޅުކުލައިގެ ބާ ގަމީހެކެވެ. އެގަމީސް ނަގައި ދޭވްގެ މޭގައި ޖައްސައިލިއެވެ. އެއީ ހަމަ އެދުވަހު އަންޖަލީމެންގެޔަށް ދިޔައިރު ދޭވް ލައިގެންހުރި ބާ ގަމީސް ގަނޑެވެ. އެވެސް އޮތީ ހަމަ އެއޮތް ބާމިނުގައި ރައްކައު ކުރެވިފައެވެ.

އެކިކުލައިގެ އުއްބައްތި ގެނެސް އަތުރަމުން ޝީތަލް ، އެބައްތިތައް ދިއްލަމުން ގެންދެއެވެ. ބައެއްފަހަރަށް އޭނާގެ އިނގިލީގައި އަލިފާންޖެހި ތަދުވެއެވެ. އެއިން ކޮންމެ ފަހަރަކީވެސް ، ޝީތަލްގެ ހިތަށް ނޭނގޭ އެހެންތަދެއް އިޙްސާސްވާ ވަގުތެކެވެ. އަލިފާންޖެހިގެން ތަދުވާވަރަށްވުރެ ބޮޑަށެވެ. އަތަށް ތަދުވާވަރަށްވުރެ ބޮޑަށް އެތަދު އިޙްސާސްވަނީ އޭނާގެ ހިތަށެވެ. އުއްބައްތިއެއް ރޯކޮށްލުމަށްފަހު އެތަނަށް ލިބުނު އަލިކަމުގެތެރެއިން ޝީތަލްއަށް ފެނުނު ހިޔަންޏަކަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ލޯކުރިމަތިން އެފެންނަނީ ކޮންފަދަ މަންޒަރެއް ބާވައެވެ ؟ އެގޭގައި ދިރިއުޅެނީ ޝީތަލްއާއި ދޭވް އެކަންޏެވެ. އިތުރު އެހެން އެއްވެސްމީހަކު އެގެޔަކު ނޫޅެއެވެ. ނޯކަރަކުވެސް ނުގެންގުޅެއެވެ. ޝީތަލްއަށް އެފެންނަ މަންޒަރު ޔަޤީންކޮށްލުމަށް އޭނާގެ ބޮޑުވެފައިވާ ދެލޯ ސާފުކޮށްލައި ލޮލަށް ބާރުލާފައި ތަންކޮޅެއް ބޮޑަށް ބަލައިލިއެވެ. އެމީހަކު އެއަންނަނީ އޭނާއާ ދިމާލަށެވެ. މަޑުހިނގުމެއްގައެވެ. ހިޔަންޏެއްހެން ފެންނަމުން އެއައީ އިންސާނެކެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އެމީހަކު އޭނާއަށް ސާފުކޮށް ފެންނަ ހިސާބަށް އަތުވެއްޖެއެވެ. ޝީތަލް ހުރީ ، ހިތްބިރުގެންފައެވެ. އެއީ ކާކުބާވައެވެ ؟

ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލާފައި ހުއްޓާ ، އެމީހަކަށް އެގެޔަށް ވަދެވުނީ ކިހިނެއް ހެއްޔެވެ ؟ އެއީ ނުވާނެ ކަމެކެވެ.

ޝީތަލަށް އެފެންނަ މީހެއްގެ ފައިތިލައިން ފެށިގެން މައްޗަށް މަޑުމަޑުން ބަލަމުން ގެންދިޔައެވެ. ބާވެ ވީދިފައިވާ ފައިވާން ގަނޑެކެވެ. ރޫޖެހި ކިލާވެ ތަންތަން ކޮޅުން ކުލަގޮސްފައިވާ ފަޓްލޫނެކެވެ. ޝީތަލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ދޭވްއަށް ގޮވައިލާން އޭނާގެ ހިތަށް އެރިއެވެ. އޭރަށް ދޭވް އައިސް ، އެމީހެއްގެ ކިބައިން އޭނާ ސަލާމަތް ކޮށްދޭނެއެވެ. އެއީ ކޮންމެ މީހެއްކަމަށްވިޔަސް އެމީހަކަށް ދޭވް ޙަމަލާ ދޭނެއެވެ.

ލައިގެންހުރީވެސް އެހާމެ ބާ ގަމީސް ގަނޑެކެވެ. ހުރީ ދަށަށްވެސް ނުޖަހައެވެ. ޝީތަލްގެ އިސް އުފުލެމުންގޮސް ، ވަރަށް ބިރުންހުރެ ، އެމީހެއްގެ މޫނާހަމަޔަށް އޭނާގެ ލޯ ހިންގައިލިއެވެ. ދެން އެލިބުނު ޙައިރާންކަމަކީ ، ގަތްފައިހުރި ބިރަށްވުރެ ބޮޑުކަމެކެވެ. އެއީ ދޭވް އެވެ. ޝީތަލް ބޮޑު ޗޮކެއް ކެނޑިއެވެ. ދޭވް އެހުރީ ކޮންފަދަ ޙާލެއްގައިތޯ ސުއާލުކުރިއެވެ. ދޭވް އެހުރި ޙާލު ފެނިފައި ޝީތަލް ގާތަށް އައީކީ އަމަށަކު ހިންޏެއްނޫނެވެ. ހެމުން ބިނދެމުންގޮސް ، ދޭވްގެ ކުރިމައްޗަށް ހުއްޓުނެވެ. ދޭވް ލައިގެންއެހުރީ ކޮންފަދަ ހެދުމެއްތޯ ޝީތަލް ސުއާލުކުރިއެވެ. ޝީތަލްގެ މަލާމާތުގެ ހުނުމަށް ދޭވް ކަންބޮޑެއް ނުވެއެވެ. ދޭވް ، އޭނާގެ ޙަޤީޤަތް ޝީތަލްއަށް ސާފުކޮށްދޭން ފެއްޓިއެވެ. ކިޔައިދެމުން ގެންދިޔައެވެ.

ޝީތަލް އެހެނީ ކޮން ހުނުމެއް ހެއްޔެވެ ؟ ޝީތަލްގެ ކުރިމަތިން އެފެންނަނީ ދޭވް ގެ އަޞްލެވެ. ޙަޤީޤީ ދޭވް އެވެ. ދޭވް ބޭނުންވީ ، އޭނާ ދޫކޮށްލާފައި އަންޖަލީދިޔަ ދުވަހު ، އޭނާހުރިގޮތް އަންޖަލީގެ ލޮލަށް ފެނުމެވެ. އެ ފަޤީރުކަމުގައި އަންޖަލީގެ ކުރިމަތީ އޭނާ ހުރުމަށެވެ. ދޭވްގެ ދެތުންފަތުން އަންޖަލީއަށްޓަކައި ނުކުންނަމުންދިޔަ ލަވައިގެއަޑު ގުޅިފައިވަނީ ދޭވްގެ ހިތުގެ ވިންދާއެވެ. އޭނާގެ ފަޤީރުކަމާއެއް ނޫނެވެ. އަދި މުއްސަނދިކަމަކާއެއްވެސް ނުމެނޫން މެއެވެ.

އެއީ ކޮންލަވައެއްތޯ ޝީތަލް ސުއާލުކުރިއެވެ. އެތާހުރި ޕިޔާނޯއެއް ކައިރިޔަށް ޖެހިލައި ، ޝީތަލް އެކުރި ސުއާލަށް ޖަވާބުދޭން ދޭވް ނިންމިއެވެ. އަންޖަލީއަށް އޭނާ ކިޔައިދޭ ލަވަ ޝީތަލްގެ ކަންފަތަށް އިއްވައިލުމަށް ދޭވް ބޭނުންވިއެވެ.

ކަލާ ތިޔައީ ހިތުގެ ވިންދެވެ. އަބަދުވެސް އޮންނާނެއެވެ. އެހިތުގެ ވިންދުގެ ގޮތުގައި ކަލާ އަބަދުވެސް އޮންނާނެއެވެ.

އަހަރެން މިލާ ނޭވާގައި ބުނަމުން އެދަނީ އެހެންނެވެ. ހަމަ އެހެންނެވެ.

އެއް ހަށިގަނޑަކަށްވުމަށް އަންނާށެވެ ! ހުވަފެނީ ޢާލަމުގެ ތެރެޔަށް ގެއްލިދާށެވެ !

ލަސް ނުކުރާށެވެ. ދުނިޔެދެކެ ބިރުނުގަންނާށެވެ. ދުޢާކުރިވަރެއްގެ ޚަބަރު އިޙްސާސެއް ނުކުރެވޭނެއެވެ.

އަހަރެން އަވަދިވެގެންދިޔަ ނުދޭށެވެ ! އަހަރެންގެ ފުރާނައިގެ ދިރުމާއެވެ. ކަލާއާ ނުލައި މިދަތުރު ނިންމައެއް ނުލެވޭނެއެވެ.

ލޮލުގެ އަލިކަން އަބަދުވެސް ހޯދަމުންގެންދަނީ ކަލާއެވެ. އަންނާށެވެ ! ކަލާ ، އަހަރެންނާ ބައްދަލުކުރާށެވެ. ދޭވް އާއި ޝީތަލްގެ އިޙްސާސްތައް ހުރީ އެއްވަޒަނެއްގައެވެ. ދޭވް އިންތިޒާރުކުރަމުން އެ ގެންދަނީ އަންޖަލީއަށެވެ. ޝީތަލްގެ ހިތް ތެޅެމުން އެދަނީ ، އަންޖަލީ އަތުވެދާނެތީއެވެ. ދެމީހުންނަށްވެސް ގޭގެ މައިދޮރާދިމާއަށް އެބަލައިލެވެނީ އެއްވެސް ކެތްތެރިކަމެއް ނެތިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.