"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިުބު ރައީސް ޑރ. އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތަށް ނިންމައި، ފާސްކުރީ މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ކަމަށް ވެސް ހަބީބު ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިސްދައުރެއް އަދާކުރައްވާ މި ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 3،560 ފޯމާއިއެކުއެވެ.

އެހެންނަމަވެސް އެޕާޓީ ރަސްޖިސްޓްރީ ކުރުން ލަސްވަމުންދާތީ، އެ ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އިލެކްޝަންސް އިން ޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދުކޮށްފައިވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާ ޖުލައި 5 ވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ އެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.