އީޔޫއިން ތުރުކީއަށް މެންބަރަކަށް ވުމުގެ ދޮރު ހުޅުވާލައިފިނަމަ، ސްވިޑަން ނޭޓޯގައި ބައިވެރިކުރުމަށް އެއްބަސްވެވިދާނެ: އެރްދޮޣާން

އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓުގައި ރައީސު އެރްދޮޣާން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ސުވިޑަން ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރަކަށްވުމަށް  ތުރުކީން އެއްބަސްވާން ބޭނުންނަމަ، ތުރުކީ އީޔޫ (ޔޫރަޕިއަން ޔުނިއަން) ގެ މެންބަރަކަށް ވުމަށް ދޮރުހުޅުވާލުމަށް ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ގޮވާލައްވައިފިއެވެ. އޭނާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ ނޭޓޯގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުށް ލިތުއޭނިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

"އެންމެ ފުރަތަމަ ތުރުކީ އީޔޫއަށް ވަނުމަށް މަގުފަހިކުރަމާ ހިނގާ. އެއަށް ފަހު ފިންލޭންޑެކޭ އެއްފަދައިން ސުވިޑަންއަށް (ނޭޓޯގެ މެންބަރަކަށްވުމަށް) އަހަރުމެން މަގުފަހިކޮށްދޭނަން." އެރްދޮޣާން ވިދާޅުވިއެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެރްދޮޣާންގެ ވިސްނުންފުޅަށް މަރްޙަބާވިދާޅުވެފައެވެ. އޭނާ ވަނީ ނޭޓޯގެ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ލިތުއޭނިޔާގެ ވެރިރަށް ވިލްނިއުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އެރްދޮޣާންގެ ވާހަކަފުޅަށް ތާއީދުރައްވާފައެވެ.

ތުރުކީ އީޔޫގެ މެންބަރަކަށް ވުމަށް މަސައްކަތްކުރާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އީޔޫގެ ކުރިން އޮތް ޔޫރަޕިއަން އެކޮނޮމިކް ކޮމިއުނިޓީ (އީއީސީ) އާއެކު، 1964 ވަނަ އަހަރު ތުރުކީން ވަނީ އެސޯސިއޭޝަން އެގްރީމަންޓްގައި ސޮއިކޮށްފައެވެ. މިއީ މެންބަރަކަށް ވުމުގެ ކުރިން ކަޑައްތުކުރަން ޖެހޭ ފުރަތަމަ މަރުހަލާއެވެ. އީޔޫގެ މެންބަރަކަށް ވުމަށް 1987 ވަނަ އަހަރަކު ތުރުކީން ރަސްމީކޮށް ހުށަހަޅާފައި ވާއިރު، ކެންޑިޑޭޓަކަށް ވުމުގެ ދަރަޖަ އެ ޖަމާއަތުން ތުރުކީއަށް ދީފައި ވަނީ 1999 ވަނަ އަހަރުއެވެ. އަދި މެންބަރަކަށްވުމުގެ މަޝްވަރާތަކަށް އީޔޫއިން ތުރުކީއަށް ފުރުސަތުދިނީ 2005 ވަނަ އަހަރުއެވެ.

"ނޭޓޯގެ ހުރިހާ މެންބަރުންހެން އީޔޫގެ މެންބަރުންނަށް ވެފައިވާއިރު، ތުރުކީ މިވަނީ އީޔޫގެ ދޮރުމަތީގައި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންތިޒާރުކޮށްފައި." ރައީސު އެރްދޮޣާން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސު ޖޯ ބައިޑަންއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސު އެރްދޮޣާން ވަނީ ތުރުކީ އީޔޫގައި ބައިވެރިވުމުގެ މައްސަލަ ނަންގަވާފައެވެ.

"އަހަރެން ވިލްނިއުސްގައިވެސް އެ މޭރުމުން ވާހަކަދައްކާނަށް. އަހަރުމެންގެ ގައުމުގެ އަހަރެންގެ ފަރާތުން ކުރާ އުއްމީދަކީ އެއީ. މިހާރު 50 އަހަރަށްވުރެ ގިނަ ދުވަސްވީ. އަހަރުމެންނަކީ އާދައިގެ ގައުމެއް ނޫން. އެމީހުން މިކަން ދަންނަންޖެހޭ." އެރްދޮޣާން ވިދާޅުވިއެވެ.

އެރްދޮޣާންގެ ވާހަކަފުޅަށް ރައްދުކުދެމެން އީޔޫއިން ވަނީ ތުރުކީ އީޔޫގެ މެންބަރަކަށްވުމާ، ސްވިޑަން ނޭޓޯގެ މެންބަރަކަށް ވުމަކީ މުޅިން ތަފާތު ދެކަމެއް ކަމުގައްޔާއި، އެދެކަން ނުގުޅެވޭނެކަމުގައި ބުނެފައެވެ.

"އެއީ މުޅން ވަކި ދެކަމެއް. ފުޅާކުރުމަށް (މެންބަރުން އިތުރުކުރުމަށް) އީޔޫއިން ކުރިއަށް ގެންދަނީ އުސޫލުތަކެއްގެ މައްޗަށް ބިނާފައިވެފައިވާ އިޖުރާއާތެއް." އީޔޫގެ ޑެޕިއުޓީ ޗީފް ސްޕޯކްސްޕާސަން ޑާނާ ސްޕިނާންޓް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.