އިސްރަށްވެހިންގެ މަރުކަޒުގެ ޚިދުމަތް ލަސްތަކެއްނުވެ ފަށާނެ: ނައިބު ރައީސް

ފޮޓޯ: ޕީއެސްއެމް

އިސްރަށްވެހިންގެ މަރުކަޒުގެ ޚިދުމަތް ލަސްތަކެއްނުވެ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްޢިއްޔާއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގި ބިމުގައި ޤާއިމްކުރައްވާ އިސްރަށްވެހިންގެ މަރުކަޒު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވަމުންދާ ކަމަށާއި ލަސްތަކެއްނުވެ އެ މަރުކަޒު ހުޅުވާނެ ކަމަށެވެ. އަދި އެތަނުގެ ޚިދުމަތް އިސްރަށްވެހިންނަށް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން މިފަދަ މަރުކަޒެއްގެ ސަބަބުން އިސްރަށްވެހިންގެ އިތުރުން ޒުވާން ޖީލަށް ވެސް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން މުޖުތަމަޢުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ތަފާތު އެކި ކަންކަމުގައި އިސްރަށްވެހިންގެ ޚިޔާލާއި މަޝްވަރާ އަދި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މި މަރުކަޒަކީ މުހިއްމު ދައުރެއް އަދާކުރާނެ ތަނަކަށްވާނޭކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން 1 ޖުލައި 2013 ގައެވެ. މި ޖަމުޢިއްޔާ އުފައްދާފައިވަނީ ރާއްޖޭގެ އިސްރަށްވެހިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރުމަށާއި، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.