އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

8 އިން 17 ޖުލައިގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ބައިނަލްއަޤްވާމީ އަދި ދިވެހި އެތުލީޓުންވެސް ބައިވެރިވާނެއެވެ. އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ޤައުމުން ރާޅާއެލުންތެރިން ހިމެނޭއިރު ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް އަޅުގަނޑުމެންގެ ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި،" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް،" މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

" އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސަރފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ޗެއަރމަން، މުޙައްމަދު ސޮބާހް ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.