މެކްސިކޯގައި ބަހެއް ވާދީއަކަށް ވެއްޓި 27 މީހުން މަރުވެއްޖެ

މެކްސިކޯގައި އިއްޔެ ވާދީއަކަށް ވެއްޓުނު ބަސް

މެކްސިކޯގައި ފަސިންޖަރުންނާއިގެން ދަތުރުކުރި ބަހެއް ވާދީއަކަށް ވެއްޓުމުގެ ސަބަބުން އެބަހުން ދަތުރުކުރި މީހުންގެ ތެރޭން 27 މީހުން މަރުވެއްޖެއެވެ. އަމިއްލަ ކުންފުންޏަކުން ދުއްވާ އެ ބަސް ދަތުރުކުރަމުން ދިޔައީ ވެރިރަށް މެކްސިކޯއިން ސަންޓިއާގޯ ޑި ޔޮސޮންޑާއަށެވެ. ބަސް ވެއްޓިފައި ވަނީ 80 ފޫޓު ފުން ވާދީއަކަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ދެކުނު މެކްސިކޯގެ ވަހައިކާ ސްޓޭޓުގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސްޓޭޓުގެ އިންޓީރިޔާ މިނިސްޓަރު ޖީސަސް ރޮމޭރޯ ވިދާޅުވި ގޮތުގައި މި ހާދިސާގައި 27 މީހުން މަރުވެފައި ވެއެވެ. އެއީ 13 އަންހެނުންނާއި، 13 ފިރިހެނުންނާއި، ތުއްތު ފިރިހެން ކުއްޖެކެވެ. އަދި އިތުރު 21 މީހަކަށް ވަނި ބޮޑެތި އަނިޔާތަކެއް ވެފައެވެ.

ބަސް ވެއްޓިފައި ވަނީ މަގްދަލޭނާ ޕެނަސްކޯ އަވަށުގެ ފަރުތަކުގެ ތެރޭގައި އޮތް ފުން ވާދީއަކަށެވެ. ފުން ވާދީތަކާ، ފަރުބަދަތަކުގެ ކައިރިން ހަދާފައިވާ ނުރައްކާތެރި މަގުތައް އޮންނަ މިއަވަށަކީ ވަރަށް އެކަރިކޮށް ދިރިއުޅޭ ބަޔަކު އުޅޭ އަވަށެކެވެ.

މީސްމީޑިޔާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިއީ މެކްސިކޯގެ ފަރުބަދަތަކާއި، ވާދީތައް ގިނަ ހިސާބުތަކުގައި މިފަދަ ހާދިސާތަކެއް ދޭތެރެދޭތެރޭން ހިނގާފައި ވެއެވެ. ފާއިތުވި އެޕްރީލް މަހު ހުޅަނގު މެކްސިކޯގައި ބަހެއް ވާދީއަކަށް ވެއްޓުމުގެ ސަބަބުން 18 މީހުމް މަރުވެފައި ވެއެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ގިނަ ބަޔަކާއެކު ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 54 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.