ހަމަނުޖެހުން ހިންގުން ހުއްޓާލުމަށް މަރުވި ޒުވާނާގެ މާމަ ގޮވާލައިފި

ފާއިތުވި ހަފުތާ ތެރޭގައި ފަރަންސޭސި ފުލުހުން އުމުރުން 17 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން، އެކަމާ ދެކޮޅަށް ފެށި އިހުޖާޖުތައް ފުޅާވެ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައިވާއިރު، އެކަން ހުއްޓާލުމަށް އެ ޒުވާނާގެ މާމަ ގޮވާލައިފިއެވެ.

އުތުރު އެފްރިކާގެ އާއިލާއަކަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ނާހިލްގެ ގަޔަށް ބަޑިޖަހައި، ފުލުހުން އޭނާ މަރާލީ ވެރިރަށް ޕެރިހުގެ އުތުރު އަވަށް ކަމަށްވާ ނާންޓެއާރ ގެ ޓްރެފިކް ޗެކްޕޮއިންޓަކަށް އޭނާ ދުއްވަން އިރު ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ކުރިއަށް ދިއުމުންނެވެ.

ފުލުން އެ ޒުވާނާ މަރާލުމާއެކު އެ އަވަށުގެ ޒުވާނުން ފެށި އިހުތިޖާޖު މިހާރު ވަނީ މުޅި ފްރާންސަށް ފެތުރިފައެވެ. އަދި އެކި ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، ގިނަ އަދަދެއްގެ އިމާރާތްތަކާއި، އުޅަނދުތަކުގައި ރޯކޮށްލާފައި ވެއެވެ. މި ހަމަނުޖެހުން މައިތިރިކުރުމަށް ސަރުކާރުން ވަނީ ސަލާމަތީ ބާރުތަކުގެ 45 ހާސް މީހުން މަގުތަކަށް ނެރެފައެވެ.

"ހުއްޓާލާ. ހަމަނުޖެހުން ނުހިންގާ." ނާހިލްގެ މާމަ ނާދިޔާ ފްރާންސްގެ ޓީވީއަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ. އޭނާ ފާހަގަކުރި ގޮތުގައި ހަމަނުޖެހުން ހިންގާ މީހުން ބަހަނާއަކަށް ބޭނުންކުރަނީ އޭނާގެ މާމަދަރިފުޅުގެ މަރެވެ.

"ހަމަނުޖެހުން ހިންގާ މީހުންނަށް އަހަރެން ބުނެލަން އޮތީ މިހެން: ކުޑަދޮރުގެ ބިއްލޫރިތައް ނުތަޅާ. މަދަރުސާތަކާއި ބަސްތަކަށް ހަމަލާނުދީ. ހުއްޓާލާ. ބަސްތަކުން ދަތުރުކުރަނީ މައިން. މަގުމަތީގައި ހިނގައި އުޅޭނީވެސް މައިން." ނާދިޔާ ބުންޏެވެ.

"ނާހިލް އެވަނީ މަރުވެފައި. އެއީ އަހަރެންގެ އަންހެން ދަރިފުޅުގެ ހުރި ހަމައެކަނި ދަރިފުޅު. އޭނާ އެ ދިޔައީ. އެއާއެކު އަހަރެންގެ އަންހެން ދަރިފުޅުގެ ދިރުންވެސް ވަނީ ގެއްލިފައި. އަހަންނަށް މިވަނީ ދަރިފުޅާއި މާމަ ދަރިފުޅު ގެއްލިފައި." އޭނާ އިތުރަށް ބުނެފައި ވެއެވެ.

ހަމަނުޖެހުންތައް ވެފައިވަނީ ރައީސު އިމާނުއެލް މެކްރޯން ވެރިކަމުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ ކަމުގައެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ޖަރުމަނަށް ކުރައްވަން އޮތް ދަރުތުފުޅު ފަސްކުރައްވައި ކުއްލި ބައްދަލުވުންތަކެއް ބާއްވަވާފައެވެ. ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންވެސް މިބައްދަލުވުންތަކުގައި މަޝްވަރާކުރިއެވެ. އެހެންނަމަވެސް، އެކަން ކުރައްވަން ރައީސު މެކްރޯންއަށް ކެރިވަޑައިނުގަތެވެ.

6 ވަނަ ރެއަކަށް ހަމަނުޖެހުން ދެމިގެން ގޮސްފާއިރު، ފުލުހުން ވަނީ ހަމަނުޖެހުން ހިންގަން އުޅުނު 3 ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރަށްވުރެ ހަނގު ޒުވާނުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.