"އިންޑިއާ އައުޓް" ޝިއާރު ބޭނުންކޮށްގެން އިދިކޮޅުން ދަނީ ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން: ސަރުކާރު

ފޮޓޯ: ރައީސް އޮފީސް

"އިންޑިއާ އައުޓް" ޝިއާރު ބޭނުންކޮށްގެން އިދިކޮޅުން ދަނީ ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ މާސްކުތައް އަޅައިގެން އިދިކޮޅުންކުރިއަށް ގެންދިޔަ ހަރަކާތް ކުށްވެރިކުރައްވާ ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ އިދިކޮޅުން ބޭއްވި އެ ހަރަކާތަކީ ލަދުވެތި އަމަލެއް ކަމަށާއި އިދިކޮޅުގެ އެ ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ހީނަރުވެގެން ދާނެ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އަވަށްޓެރިޔާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން މިދިޔަ ފަސް އަހަރު ދުވަހު އެތައް ގުނައަކަށް ބަދަހިވެފައިވާ ކަމަށާއި ރާއްޖޭން އަބަދު ވެސް ހިފަހައްޓާ "ފުރަތަމަ އިންޑިއާ" ސިޔާސަތު ހިފެހެއްޓުމުގައި ދެމިހުންނާނެ ކަމަށް ބުނާ ބުނުން، ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖެ އާއި ބޭރު ގައުމުތަކުގެ ދެމެދު އޮންނަ ގުޅުންތައް ހީނަރުވެގެން ދިއުމަށް މަގުފަހިވާ ފަދަ އަމަލުތައް ނުކުރުމަށް ވެސް ގޮވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.