ތުރުކީގެ ޔުނިވަރސިޓީއަކުން ރާއްޖޭގެ ދަރިވަރަކު އެއްވަނަ ހޯދައިފި

ތުރުކީގެ ޔުނިވަރސިޓީއަކުން ރާއްޖޭގެ ދަރިވަރަކު އެއްވަނަ ހޯދައިފިއެވެ.

މި ފަޚުރުވެރި ވަނަ ހޯދާފައިވަނީ ތ. ހިރިލަންދޫ / މީނާޒު، މަރިޔަމް ނަޝްވާއެވެ. އޭނާ އެއްވަނަ ހޯދީ އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވަރސިޓީ އިން ބެޗްލަރސް އިން އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސް އިން ނެވެ.

'އާފަތިސް" އަށް މައުލޫމާތު ހިއްސާ ކުރަމުން ނަޝްވާ ބުނީ މިއީ 5 އަހަރުގެ ކޯހެއް ކަމަށާއި ފުރަތަމަ އަހަރަކީ ތުރުކީ ބަސް ދަސްކުރުމަށް ހޭދަކުރަން ޖެހޭ އަހަރު ކަމަށެވެ. އަދި އެގައުމުގައި ކިޔަވާނަމަ، އެގައުމުގެ ބަސް ދަސްކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮންނަ ކަމަށެވެ.

އެހެންނަމަވެސް، ތުރުކީ ބަސް ކިޔެވިނަމަވެސް ބެޗްލަރސް ހަދަން ޖެހެނީ އިނގިރޭސިން ކަމަށާއި އެހެންވެ ބާކީ 4 އަހަރަކީ ސީދާ ކޯހުގެ ކިޔެވުން އޮންނަ އަހަރުތައް ކަމަށް އޭނާ ބުންޏެވެ.

އެ ކޮލެޖުގެ އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސް ޑިޕާޓްމެންޓާއި މުޅި ބިޒްނެސް ފެކަލްޓީ އިން އެއްވަނަ ހޯދާފައިވާ ނަޝްވާ ބުނީ އެ ކޯހަކީ ތުރުކީ ސަރުކާރުން ދިން ސްކޮލަރޝިޕެއް ކަމަށާއި ކޮލެޖުގެ ފީ އާއި އެކޮމޮޑޭޝަނަށް ޕޭ ކުރަނީ ތުރުކީ ސަރުކާރުން ކަމަށެވެ. އަދި ކެއުމަށް ޕޭ ކުރަން ނުޖެހޭ ކަމަށް ވެސް ނަޝްވާ ބުންޏެވެ.

އޭނާ ބުނީ އެ ގައުމުގައި ދަތުރުފަތުރުގެ އަގު ވަރަށް ހެޔޮ ކަމަށާއި ޚާއްސަކޮށް ކިޔަވާ ދަރިވަރުންގެ ސްޓޭޑެންޓް ކާޑުން މާބޮޑުތަން ވެސް ހެޔޮކޮށް ދަތުރުކުރެވޭ ކަމަށެވެ. އަދި އެހެނިހެން ކުދިކުދި ޚަރަދުތައް ކުރުމަށް ޕޮކެޓް މަނީ، ޔުނިވަރސިޓީ އިން ދޭ ކަމަށް ވެސް ބުންޏެވެ.

ކުރިމަގުގައި މާސްޓަރސް ހެދުމަށް އަދި ފުރުސަތު ލިބިއްޖެނަމަ، ޕީއެޗްޑީ ހެދުމުގެ ޢަޒުމުގައި ހުރި ނަޝްވާ ބުނީ ވަޒީފާ އަދާކުރަން ބޭނުންވަނީ ރަށުގައި ޢާއިލާ އާއި ރައްޓެހިންގެ ގާތުގައި ކަމަށެވެ.

ނަޝްވާ ބުނީ މި ކާމިޔާބީ ލިބުމުގެ ފަހަތުގައިވާ ޢާއިލާގެ މެމްބަރުންނާއި ފިރިމީހާ އާއި މިހާތަނަށް އޭނާ އަށް ކިޔަވައިދިން ޓީޗަރުން ހިމެނޭ ކަމަށެވެ. އަދި ޚާއްސަކޮށް އަންކާރާގައި ދިވެހިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، އެ ހުރިހާ ފަރާތްތަކަށް ނަޝްވާ ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފައެވެ.

3 ޚިޔާލު

  1. މަރުޙަބާ
    ރާއްޖެއަށް ޙަޤީޤީ ރީތިނަމާ ޝަރަފު ހޯދާދިނުމަކީ ތިއީ
    ޤައުމަށް ހޯދައިދިން ތި ޝަރަފަށްޓަކައި ޝުކުރު އަދާކުރަން
    ފާގަތި އުފާވެރި ބާއްޖަވެރި މުސްތަޤްބަލަކަށް އެދެން
    މާތް ﷲ ތި ކާމިޔާބީގައި ބަރަކާތް ލައްވާށި! އާމީން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.