ގުއާންޓަނަމޯ ބޭގައި ގައިދީންނާ މުއާމަލާތްކުރަނީ ރަހުމުކުޑަކޮށް: އދ.ގެ އިންވެސްޓިގޭޓަރ

ގުއާންޓަނަމޯ ބޭގައި ގައިދީންގެ ފައިގައި ހިލިހިލާ ޖަހައި، ބިޑި އަޅުވާފައި

އެމެރިކާއިން ގުއާންޓަނަމޯ ބޭގައި ބަންދުކޮށްގެން ގެންގުޅޭތާ ގިނަދުވަސްތަކެއް ވެފައިވާ 30 ގައިދީންނާމެދު އަމަލުކުރަނީ ރަހުމުކުޑަކޮށް ކަމުގައި އެތަނުގެ ކަންކަން ބަލަން ޒިޔާރަތްކުރެއްވި އދ. (އެކުވެރި ދައުލަތަކުގެ ޖަމްއިއްޔާ) ގެ ފުރަތަމަ އިންވެސްޓިގޭޓަރ ވިދާޅުވެއްޖެއެވެ.

"އެމީހުން ވަނީ މެދުކެނޑުމެންނެތް ރަހުމުކުޑަ، ލާއިންސާނީ، އިންސާނީ ކަރާމާތް ގެއްލޭ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު މުއާމަލާތަށް ހުށަހަޅާފައި." އދ. ގެ އިންވެސްޓިގޭޓަރ ޕްރޮފެސަރ ފިއޮނުއާލާ ނީ އައޯލައިން ވިދާޅުވިއެވެ. އޭނާއަކީ އަޔަރލޭންޑުގެ ގާނޫނީ ވަކީލެކެވެ.

ގުއާންޓަނަމޯ ބޭގެ ހާލަތު ބައްލަވަން ކުރެއްވި ޒިޔާރަތަށް ފަހު އޭނާ ތައްޔާރުކުރެއްވި 23 ސަފުހާގެ ރިޕޯޓު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޭނާ ވިދާޅުވިގޮތުގައި 2001 ވަނަ އަހަރު ނިއުޔޯކާއި ފެންސިލްވޭނިޔާއަށް ދިން 3000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުވައިލި ޓެރަރިސްޓް ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާއެކެވެ. އެހެންނަމަވެސް، އެ ހަމަލާދިންކަމަށް ބުނާ މީހުންނާ، އެމީހުންނާ ބައިވެރިވި މީހުންކަމަށް ބުނާ މީހުން ހައްޔަރުކޮށްގެން ފާއިތުވި އެތައް އަހަރަކު އެމެރިކާއިން އެމީހުންނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބޭހޭ ގާނޫނުތަކާ ޚިލާފު އަމަލުތަކެކެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި 2002 ވަނަ އަހަރު އެމެރިކާއިން ހުޅުވި ގުއާންޓަނަމޯ ބޭގެ ހާލަތު ބަލަން އދ.ގެ އިންވެސްޓިގޭޓަރަކު އެތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު މީގެ ކުރިން އެމެރިކާއިން ދީފައި ނުވެއެވެ.

ގުއާންޓަމޯ ބޭ ބޭރުގެ އިންވެސްޓިގޭޓަރުންނަށް ހުޅުވާލައި "އިންސާނީ ހައްގުތަކާ ގުޅުންހުރި އެންމެ އުނދަގޫ މައްސަލައާ ކުރިމަތިލުމަށް ބައިޑަންގެ ސަރުކާރުން ނިންމާފައި ވާތީ ނީ އައޯލައިން ވަނީ އެކަމަށް މަރުހަބާވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސަރުކާރުން ވަނީ އެތަނުން އޭނާ ބޭނުންވި ކޮންމެ ކަމެއް ކޮށްދީ "އެންމެ ބޮޑެތި" ގައިދީންނާއި، އެހެން ގައިދީންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

އދ.ގެ އިންވެސްޓިގޭޓަރުގެ ރިޕޯޓާ ގުޅޭގޮތުން އެމެރިކާއިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރިޕޯޓުގައި ވަނީ އިންވެސްޓިގޭޓަރުގެ އަމިއްލަ ރައުޔެވެ. އޭގައިވާ ގިނަ ވާހަކަތައް އެމެރިކާ ސަރުކާރުން ގަބޫލުނުކުރެއެވެ.

"އަހުރެންނަށް ފާހަގަކުރެވުނު ގޮތުގައި ވިހި އަހަރަށްވުރެ ގިނަ ދުވަހަށް ގައިދުކޮށްފައި ތިބެންޖެހުމުން ގައިދީން ތަހައްމަލްކުރަމުން ދަނީ އިހްތިހާދަރަޖައިގެ ވޭން. އަދި އެކަން ދަނީ މެދުނުކެނޑި ކުރިއަށް." އިންވެސްޓިގޭޓަރ ބުނެފައި ވެއެވެ.

ގުއާންޓަނަމޯ ބޭގައި މިހާރު ބަންދުކޮށްފައި ތިބި މީހުންގެ %29 އަކީ އަފްޣާނިސްތާނު މީހުންނެވެ. %17 ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާއިރު، %15 އަކީ ޔަމަނު މީހުންނެވެ. %9 ޕާކިސްތާނު މީހުންނަށް ވާއިރު، %3 އަކީ އަލްޖީރިޔާ (އަލްޖަޒާއިރު) މީހުންނެވެ. ބާކީ ތިބި %27 އަކީ ތަފާތު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.