ބްލިންކެން ޗައިނާގައި

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއާއި ޗައިނާގެ ޚާރިޖީ ވަޒީރު ކިން ގާންގް އިއްޔެ ބެއިޖިންގގައި ބައްދަލުކުރައްވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓަނީ ބްލިންކެން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ކިން ގާންގްއާ ބައްދަލުކުރައްވައިފިއެވެ. ގުޅުންތައް ވަރަށް ބޮޑަށް ނުތަނަވަސްކަން އިތުރުވެފައިވާ ދެގައުމުގެ ދެމެދު ގުޅުން ރަނގަޅުކުރުމަށް މުހިއްމު ދަތުރުފުޅެއް ކަމުގައި މި ދަތުރުފުޅު ބެލެވެއެވެ.

ބެންޖިންގގެ ޑިއައޮޔޫޓީ ގެސްޓް ހައުސްގައި ދެ ގައުމުގެ އިސް ދެ ޑިޕްލޮމޭޓުންނާ އެބޭފުޅުންގެ ވަފުދުތައް ބައްދަލުކުރައްވާ މަންޒަރު ޗައިނާގެ ރަސްމީ ޓީވީން ދައްކާފައި ވެއެވެ.

ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލު އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު، ދެ ބޭފުޅުން ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައި ވެއެވެ. އަދި މިއަދުގެ ވަގުތެއްގައި ބްލިންކެން ޗައިނާއިން ފުރާވަޑައިގަތުމުގެ ކުރިން ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ.

ދެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް (ޚާރިޖީ ވުޒާރާ) އިން ނެރުނު ބަޔާންގައި ބުނެފައިވާ ގޮތުގައި ދެބޭފުން ވަނީ "ހާމަކަން ބޮޑު، ގިނަ މައްސަލަތަކެއް ހިމެނޭ، ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވާފައެވެ.

އިއްޔެގެ މަޝްވަރާތަކަކީ 5 އަހަރަށް ފަހު އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިޔަކު ޗައިނާއަށް ވަޑައިގެން ބޭއްވި ފުރަތަމަ މަޝްވަރާތަކެވެ. މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ނުތަނަވެސްވެފައިވާ ގުޅުން ރަނގަޅުކުރުމަށް ދެ ގައުމުންވެސް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ގޯސް ވިސްނުމާއި، ނުބައި ނިންމުމާ ދުރުހެލިވުމަށްޓަކައި، ހުރިހާ މައްސަލަތަކެއްގައި އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމާއި، ޑިޕްލޮމަސީގެ މަގުތައް ބަންދުނުކޮށް ބެހެއްޓުން މުހިއްމުކަން ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ މަޝްވަރާތަކުގައި ފާހަގަކުރައްވާފައި." އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވިއެވެ.

"ޚާރިޖީ ވަޒީރު ކިން ގާންގް (މަޝްވަރާތަކުގައި) ފާހަގަކުރެއްވި ގޮތުގައި ޓައިވާނުގެ މައްސަލައަކީ ޗައިނާގެ މަސްލަހަތު ހިމެނޭ އެންމެ މުހިއްމު މައްސަލަ. އަދި އޭގެ ނަތީޖާގެ އަސަރު އެހެން ކަންކަމަށް އެންމެ ބޮޑަށް ކުރާނެ މައްސަލަ. އަދި ޗައިނާއާއި އެމެރިކާގެ ގުޅުމަށް އޮތް އެންމެ ފާޅުކަން ބޮޑު ނުރައްކާ." ދެ ވަޒީރުންގެ މަޝްވަރާތަކަށް ފަހު ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓައި ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ކިން އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތުދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.