ޔޫގެންޑާގެ މަދަރުސާއަކަށް ހަމަލާދީ 40 މީހުން މަރާލައިފި

ޔޫގެންޑާގައި ހަނގުރާމަވެރިން ހަމަލާދިން މަދަރުސާ

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް ހަނގުރާމަވެރި ޖަމާއަތަކުން ހުޅަނގު ޔޫގެންޑާގެ އިމްޕޮމްޑްވޭ  އަވަށުގެ މަދަރުސާއަކަށް ދިން ހަމަލާގައި 40 މީހުން މަރުވެއްޖެއެވެ. އިތުރު އަށް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު އެމީހުންގެ ހާލު ވަރަށް ދެރަކަމަށް ޚަބަރު ލިބެއެވެ.

މަރުވި މީހުން ތަފްސީލު ނޭނގުނަސް، ޚަބަރުތައް ބުނާގޮތުގައި މަރުވީ މީހުންގެ ތެރޭގައި ގިނައީ މަދަރުސާގެ ދަނާލެއްގައި ތިބި ދަރިވަރުންނެވެ. ދަރިވަރުންގެ އިތުރުން މަރުވެފައި ވަނީ މަދަރުސާގެ ފާރަވެރިއަކާއި، އާއްމުންގެ ދެ މީހުންކަމަށް ވެއެވެ.

ހަމަލާދިން މީހުން ވަނީ އިމްޕޮންޑްވޭ ލުބިރިހާ ސެކަންޑަރީ ސްކޫލްގެ ދަނާލުގައި ރޯކޮށްލައި، އެތަނުން ފިލަން މަސައްކަތްކުރި ދަރިވަރުންނަށް ބަޑިންނާއި، ކޯރާޑީން ހަމަލާދީފައެވެ. އަދި ބައެއް މީހުން ރަހީނުކޮށްގެން ގެންގޮސްފައެވެ. ރަހީނުކޮށްގެން ގެންދިޔައީ ކިތައް މީހުންކަން އަދި ޔަގީންކުރެވިފައި ނުވެއެވެ.

ދަނާލުގައި ގިނައިން ތިބީ އަންހެން ދަރިވަރުން ކަމަށް ވެއެވެ.

މިހަމަލާ ދިންކަމަށް ތުހުމަތުކުރެވެނީ ޔޫގެންޑާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރަޓިކް ފޯސަސް (އޭޑީއެފް) އަށެވެ. އަވަށްޓެރި ޑިމޮކްރެޓިކް ރިޕަބްލިން އޮފް ކޮންގޯ (ޑީއާރްސީ) ގައި މަރުކަޒު ހަދައިގެން އުޅޭ މި ޖަމާއަތަކީ އައިއެސްއާ ގުޅުން އޮންނަ ޓެރަރިސްޓް ޖަމާއަތެކެވެ.

"ދަނާލެއްގައި ރޯކޮށްލައި، އެތަނުގައި ކާބޯތަކެތި ރައްކާކުރާ ގުދަން ވަނީ ލޫޓުވާފައި." ޔޫގެންޑާ ފުލުހުންގެ ތަރުޖަމާނު ފްރެޑް އެނަންގާ ވިދާޅުވިއެވެ. ޑީއާރްސީގެ ސަރަހައްދީ ރޮނގާ 2 ކިލޯމީޓަރު ދުރުގައި އޮންނަ ކަސޭސޭ ޑިސްޓްރިކްޓްގައި ދިން މިހަމަލާ އަމާޒުވި މަދަރުސާއަކީ އަމިއްލަ ފަރާތަކުން ހިންގާ މަދަރުސާއެކެވެ.

ހަމަލާދިން ހަނގުރާމަވެރިން ފިލާފައިވާއިރު، އެމީހުން ވަނީ ޑީއާރްސީގެ ސަރަހައްދުގެ ތެރެއަށް ކަމަށް ވެއެވެ. ޔޫގެންޑާގެ ސިފައިންނާއި، ފުލުހުން ދަނީ ޑީއާރްސީގެ ސަރަހައްދުގެ ތެރޭގައި އެމީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ޔޫގެންޑާގެ ރައީސު ޔޮވޭރީ މޫސަވޭނީގެ ތަރުޖަމާނު ޖޯ ވަލުސިންބީ ވިދާޅުވި ގޮތުގައި ކަމާބެހޭ ފަރާތްތަކުން ދަނީ މަރުވި މީހުންނާއި ރަހީނުކުރެވުނު މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.

"މަރުވި މީހުންގެ ތެރޭން މިހާތަނަށް ދެނެގަނެވިފައިވާ އެންމެންނަކީ ވެސް ދަރިވަރުން. ބައެއް ހަށިތައް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައި." އޭނާ ވިދާޅުވިއެވެ.

މަދަރުސާއަށް ދިން ހަމަލާއަކީ ޔޫގެންޑާގެ މަދަރުސާއަކަށް ފާއިތުވި 25 އަހަރުގެ ތެރޭގައި ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

އާރްޑީއެފްގެ ހަނގުރާމަވެރިން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ޑީއާރްސީގެ އަވަކަށް ހަމަލާދީ ގިނަ ބަޔަކު މަރައިލާފައެވެ. މި ހަމަލާއަށްފަހު އެ އަވަށުގެ ސަތޭކައެއްހާ މީހުން ފިލައިގެން ޔޫގެންޑާގެ ތެރެއަށް ވަނެވެ. އެހެންނަމަވެސް، އެމީހުން މިހާރު ވަނީ އަވަށަށް އެނބުރިގޮސްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.