ފާއިތުވި އަހަރު އިސްރާއީލުން ވިއްކި ހަތިޔާރުގެ ¼ ގަނެފައި ވަނީ އަރަބި ގައުމުތަކުން

އިސްރާއީލުން އުފައްދާފައިވާ ޔޫއޭވީއެއް

ފާއިތުވި އަހަރަކީ އިސްރާއީލުން ބޭރު ގައުމުތަކަށް ހަތިޔާރު ވިއްކައިގެން އެންމެ ބޮޑު އަދަދަކަށް އާމްދަނީ ހޯދި އަހަރެވެ. ޔަހޫދީ ދައުލަތުން ފާއިތުވި އަހަރު 12.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާފައި ވާއިރު، އޭގެ ހަތަރުބައިކުޅަ އެއްބައި ގަނެފައި ވަނީ ދާދި ފަހުން އިސްރާއީލާ ގުޅުން ގާއިމުކުރި އަރަބި ގައުމުތަކުންނެވެ.

އިސްރާއީލުން ވިއްކާ ހަތިޔާރުގެ ކަންކަން ބަލަހައްޓާ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ބުދަދުވަހު ހާމަކުރި ގޮތުގައި ވިއްކި ހަތިޔާރުގެ %25 އަކީ ޑްރޯނެވެ. %19 އަކީ ރޮކެޓާއި، މިސައިލާގެ، ވައިގެ ދިފާއީ ނިޒާމު ފަދަ ތަކެއްޗެވެ.

ޑިފެންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިސްރާއީލުން ހަތިޔާރު ބޭރުކުރި މިންވަރު ވަނީ ފާއިތުވި 9 އަހަރު ދެގުނަ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކަށް ބަލާލާއިރު، އިސްރާއީލާކުއެ 'އެބްރަހަމް އެކޯޑް' ގައި ސޮއިކުރި ގައުމުތަކަށް އިސްރާއީލުން ވިއްކި ހަތިޔާރުގެ އަގު ވަނީ 2021 ވަނަ އަހަރު 853 މިލިއަން ޑޮލަރު (%9) އިން 2022 ވަނަ އަހަރު 2.96 ބިލިއަން ޑޮލަރު (%24) އަށް އިތުރުވެފައެވެ.

2020 ވަނަ އަހަރު އެމެރިކާގެ ރައީސު ޓްރަމްޕް އިސްވެ ހުންނަވައިގެން އަރަބި ތިން ގައުމަކާއެކު އިސްރާއީލުން ވަނީ 'އެބްރަހަމް އެކޯޑް' ގައި ސޮއިކޮށްފައެވެ. އެއީ، ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް)، ބަހްރޭން އަދި މޮރޮކޯ (މަޣްރިބު) އެވެ.

"ދުނިޔޭގައި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ އަހަރުމެންގެ ވައިގެ ދިފާއީ ނިޒާމުތަކާއި، މިސައިލާއި ޔޫއޭވީ (އަންމޭންޑް އޭރިއަލް ވެހިކަލް) އަށް ގައުމުތަކުން އެދޭ މިންވަރު ވަނީ އިތުރުވެފައި." އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އެޔާލް ޒަމީރު ބުންޏެވެ.

ފާއިތުވި ބުދަދުވަހު ޖަރުމަނުގެ ގާނޫނުހަދާ މަޖިލީހުންވެސް ވަނީ އެގައުމަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމު އެރޯ-3 ގަތުމަށް 4.3 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ފާސްކޮށްފައެވެ. އެރޯ-3 ވައިގެ ދިފާއީ ނިޒާމަކީ ދުނިޔޭގެ ޖައްވީ ފަށަލައިގެ ބޭރުން ދަތުރުކުރާ ތަކެއްޗަށް އަމާޒުކޮށް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެކެވެ.

އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނި އައިއޭއައި (އިސްރާއީލް އެއަރޯސްޕޭސް އިންޑަސްޓްރީޒް) އިން ބުނިގޮތުގައި އެރޯ-3 އަކީ 2400 ކިލޯމީޓަރު ދުރުން އުދުއްސާލެވޭ ބެލިސްޓިކް މިސައިލު ވައްޓާލުމުގެ ގާބިލުކަން ހުރި ނިޒާމެކެވެ.

ޖަރުމަނުން އެދޭގޮތަށް ކަންތައް ކުރިޔަށް ދާނަމަ މިއަހަރު ފަހުކޮޅު އެއްބަސްވުމުގައި ސޮއިކުރެވި، 2025 ގައި ޖަރުމަނަށް ހަތިޔާރު ލިބޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.